އެއް މިލިއަން ރުފިޔާގެ ޖޫރިމަނާއާ އެކު ކޮމިޝަން ސިޔާސީ ވެފައި

ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ގޮތަށް ރާއްޖެ ޓީވީން ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ، އެ ޓީވީ ސްޓޭޝަން އެއް މިލިއަން ރުފިޔާ އިން ކުރި ޖޫރިމަނާ ދިވެހި ތާރީޚުގައި ވެސް މީޑިއާއަކަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އަދަބެވެ. އެހެން މައްސަލައަކާ ގުޅިގެން އައި 250،000ރ. ގެ ޖޫރިމަނާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މިދިޔަ ބުރާސްފަތިދުވަހު ދައްކައި ރަނގަޅަށް ހިންދަމާ ނުލެވުނީސް ހަމަ އެ ދުވަހު އެއް މިލިއަން ރުފޔާގެ އަދަބު ރާއްޖެ ޓީވީގެ ބޮލުގައި އަޅުވާލީ އެވެ.


ބަލައިލަން ޖެހެނީ އެންމެ ކަމަކަށެވެ. ރައީސް ޔާމީންގެ އިއްޒަތަށް އެހާ ބޮޑު ގެއްލުމެއް ލިބުނު ކަމަށް އެ ކޮމިޝަނުން އެ ނިންމީ ކޮން ކަހަލަ އެއްޗެއް އެ ޓީވީން ފޮނުވައިގެން ކަމެވެ. ކުރުކޮށް ބުނާ ނަމަ ކޮމިޝަނުގެ ނިންމުން ބިނާވަނީ ރައީސް ޔާމީންނަށް ތަރައްގީގެ އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށް މީހަކު ބުނި ވާހަކައެއް ގެެނސްދީގެންނެވެ. އެއީ ރައީސްގެ އިއްޒަތަށް އަރައިގަތުން ހެއްޔެވެ؟

ރައީސް ޔާމީންގެ ސަރުކާރުގެ ތަރައްގީގެ ސްޕީޑާއި ވައްޓަފާޅި އަށް ފާޑުކިޔާ މީހުން އާންމުކޮށް ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ ލައިވްކުރެ އެވެ. ރާއްޖެ ޓީވީ އަށް ބޮޑު ޖޫރިމަނާއެއް އައީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްއޯޔޫ) އިން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި މީހަކު ދެއްކި ވާހަކައެއް ލައިވް ކުރުމުންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ފާހަގަކުރި ޕޮއިންޓްތަކުގައި މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ "ކޮތަރު ޕާކް" ފަދަ ކުދިކުދި ޕާކްތައް ނޫނިއްޔާ ރައީސް ޔާމީން ފައްޓަވައި ދެއްވި މަޝްރޫއުތަކުގެ ތެރެއިން ނިމިފައި ނެތް ވާހަކަ (1) އާއި އެމަނިކުފާނު މުޑި ޖަހައިގެން ކޮޅަށް ޖަހާފައި ހުރި އެއްވެސް ތަނެއް، އެއްވެސް ފްލެޓެއް، އެއްވެސް ބަނދަރެއް އަދި އެއްވެސް އެއާޕޯޓެއް ނެތް ވާހަކަ (2) އަދި ވެރިކަމަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު ދައުލަތުގެ ބަޖެޓުން އެތައް ފައިސާއެއް ސަރުކާރަށް ލިބި، އެއިން ވީ ކަމެއް ނެތް ވާހަކަ (3) އާއި ހުރިހާ ކަމެއްގެ ތެރޭގައި "ވައްކަން ކުރުމާ، ފަސާދައާ އަނިޔާ" ނޫން އިތުރު އެއްޗެއް ރައްޔިތުންނަށް ނުދޭ ވާހަކަ (4) އެވެ.

އަބުރުގެ ގާނޫނާ ގުޅޭ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަންގެ ވިސްނުން، އެ ބިލް ދިރާސާކުރި ކޮމިޓީއާ ހިއްސާ ކުރަނީ.---މިހާރު ފައިލް ފޮޓޯ" ނިޝާން އަލީ

މި ހަތަރު ނުކުތާގެ ތެރޭގައި މިއަދުގެ ސިޔާސީ މަސްރަހުގައި އިދިކޮޅު މީހުންގެ ޖަލްސާތަކުގައި ނުދައްކާ އާ ވާހަކައެއް ނެތެވެ. އެކި ޓީވީތަކުން އެ ވާހަކަތައް ކިތަންމެ ފަހަރަކު ލައިވްކޮށް އަދި ތަފާތު ޗެނަލްތަކުގެ ޕްރޮގްރާމްތަކުގައި ވެސް ދައްކާފައި އެބަ ހުއްޓެވެ. ވެރިކަންކުރާ ޕާޓީގެ މެމްބަރުން ވެސް ހަމަ މި ބީދައިން އެތައް ވާހަކައެއް އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ވެސް ދަައްކާ ތަން ފެނެ އެވެ. އެކަމަކު އެއިން އެއްވެސް ފަހަރަކު އެވާހަކަތައް މިހާ ބޮޑު ކަމަކަށް ވެ މިލިއަން ރުފިޔާގެ ބޮޑު ޖޫރިމަނާއަކާ ހަމައަކަށް ނުދެ އެވެ. މި ފިޔަވަޅު އެޅުމުގެ ނިޔަތާ މެދު ސުވާލު އުފެދެނީ އެހެންވީމަ އެވެ.

ހާއްސަކޮށް މިވަރުގެ އާދައިގެ ވާހަަތަކެއް ލައިވް ކުރި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން އަމިއްލަ އަށް އިސްނަގައިގެން ބަލަން ޖެހުނު ސަބަބާ މެދު ވެސް ސުވާލު އުފެދެ އެވެ. މި ނޫނީ މިވަރުގެ ކޮންޓެންޓެއް ޓީވީ ސްޓޭޝަނަކުން ލައިވް ނުކުރަނީ ހެއްޔެވެ؟

އިހަށް ދުވަހު ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވެސް އަރައިގަތް ކަމަށް ވިދާޅުވެ، އެ ވާހަކަތައް ބްރޯޑްކާސްޓް ކުރި ޓީވީއެމާއި ޗެނަލް 13 ގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް އުމަރު ވަނީ ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ކޮމިޝަނުން އަމިއްލަ އަށް ނުބެލީ ކީއްވެ ހެއްޔެވެ؟ ގައިމު އެ ޖަލްސާ ނުނިމެނީސް އުމަރު ވަނީ ފަލާހްގެ މައްޗަށް އަބުރުގެ ދައުވާ ކޮށްދިނުމަށް އެދި އެ ރޭ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. އަނެއް ދުވަހު ބްރޯޑްކާސްޓިން ކޮމިޝަނަށް އުމަރު އެ މައްސަލަ ހުށަހެޅުމާ ހިސާބަށް ފަލާހްގެ ވާހަކަތައް މީޑިއާތަކުން ލައިވް ކުރިކަން ކޮމިޝަނަށް ނޭނގެނީ ބާވަ އެވެ؟

އަބުރުގެ ގާނޫނަށް އޮގަސްޓް 11، 2016 ގައި އަމަލުކުރަން ފެށި ފަހުން ފުރަތަމަ "ކަތިލީ" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަބުރެވެ. ދައުލަތުގެ މީޑިއާ ޓީވީއެމުން އޮގަސްޓް 12، 2016 ވަނަ ދުވަހުގެ ރޭ ގެނެސްދިން އެ ޕްރޮގްރާމާ ގުޅޭ މައްސަލަ ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބެލި ކަމަކަށް ނުވި އެވެ. އެ ރިޕޯޓް ޓީވީއެމުން ނެގީ އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ އަމަލާ މެދު ހައިރާންވެ އަންތަރީސްވޭ: މޮންދު

ރާއްޖެ ޓީވީއާ މެދު ކޮމިޝަނުން އަމަލުކުރަމުންދާ ގޮތާ މެދު އެންމެ ކަންބޮޑުވެވަޑައިގަންނަވާ އެއް ބޭފުޅަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް އަދި މީޑިއާގެ ދާއިރާގައި 25 އަހަރު ހޭދަކުރައްވާފައިވާ މުހައްމަދު އާސިފް (މޮންދު) އެވެ.

އަމިއްލަ ޓީވީ ސްޓޭޝަނެއް ކަމަށްވާ ވީޓީވީގެ ސީއީއޯ މޮންދު ހުންނެވީ އެއް މިލިއަން ރުފިޔާގެ "ވަރުގަދަ" ޖޫރިމަނާއެއް ކުރަން ޖެހުނު ސަބަބަކާ މެދު ހައިރާންވެ، އަންތަރީސް ވެފަ އެވެ. ބަޔަކު ދެއްކި ސިޔާސީ ވާހަކަތަކެއް ލައިވް ކުރުމުން އެކަން މިލިއަން ރުފިޔާގެ ބޮޑު ކުށަކަށްވެ، މީޑިއާއެއް ހިންދަމާ ނުލެވޭ ވަރު ކޮށްލުމުން ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިސްނަވާ އެ ޖޫރިމަނާ އެ އައީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންގެ އަމިއްލަ އިސް ނެންގެވުމަކަށް މައްސަލަ ބެއްލެވުމަށް ފަހު. ކޮމިޝަންގައި އެ ތިއްބެވީ މީޑިއާ އެނގިވަޑައިނުގަނަންވާނެ ބޭފުޅުންނެއް ނޫން. ކޮމިޝަންގައި އެންމެ އިސްކޮށް އެ ހުންނެވީ މީޑިއާގައި އަމަލީ ގޮތުން އެތައް ދުވަހެއް ވަންދެން އުޅުއްވި އިސް ބޭފުޅެއް. މިފަދަ ބޭފުޅުން ތިއްބަވައިގެން މިވަރުގެ ބޮޑު ޖޫރިމަނާއެއް ކުރީތީ، މީޑިއާގައި 25 އަހަރު ހޭދަކުރި މީހެއްގެ ހައިސިއްޔަތުން މިއަދު އަޅުގަނޑު ލަދުގަނޭ. ދެރަވޭ،" މޮންދު ވިދާޅުވި އެވެ.

އަބުރުގެ ގާނޫނާ ގުޅޭ ގޮތުން، އޭރުގެ މީޑިއާ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން މޮންދު ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީ އަށް ޖަވާބުދާރީވަނީ: ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާ ޖޫރިމަނާ ކުރުމުން ބްރޯޑްކާސްޓިން ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި.---މިހާރު ފައިލް ފޮޓޯ

އޭނާ ވިދާޅުވި ގޮތުގައި މީޑީއާއަކުން ލައިވްކޮށް ގެނެސްދޭ ކޮންޓެންޓެއްގައި ވެސް މީހެއްގެ އަބުރަށް އަރައިގެންފި ނަމަ، ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅަން ދެކޮޅެއް ނުހައްދަވަ އެވެ. ނަމަވެސް ރާއްޖެ ޓީވީ އާއި އެހެން މީޑިއާތަކުން ގެނެސްދޭ ކޮންޓެންޓްތައް އިސްލާހުކުރަން މަސައްކަތް ކުރާ މިފަދަ ދަނޑިވަޅެއްގައި މިވަރުގެ ބޮޑު އަދަބެއް ރާއްޖެ ޓީވީ އަށް ދިނުމަކީ ގަބޫލުކުރައްވަން ދަތި ކަމެއް ކަމަށް މޮންދު ވިދާޅުވި އެވެ. ޚާއްސަކޮށް ރާއްޖެ ޓީވީން މި ހުރިހާ ދުވަހު މީޑިއާގައި ކުރަމުން އައި މަސައްކަތުގެ އަގު ވަޒަންކުރާ ބަޔަކު ބްރޯޑްކާސްޓިން ކޮމިޝަންގައި ތިބި ނަމަ މިވަރުގެ ކަމެއް ނުކުރާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑު ހިތަށްއަރާ ކޮން ފަދަ މަޖުބޫރީ ހާލަތެއް އޮވެގެން ބާވައޭ މިބޭފުޅުން [ބްރޯޑްކާސްޓިން ކޮމިޝަން] މި އުޅުއްވަނީ؟ ކޮން ފަދަ ނުފޫޒެއް އައިސްގެން ބާވައޭ މިއުޅެނީ؟ މީޑިއާތަކުގެ ހާލަތާއި އުޅޭ ދަތި އުނދަގޫ ގޮތަށް ބަލާ ނަމަ، މިގޮތަށް އެއް މިލިއަން ރުފިޔާގެ ތައްގަނޑެއް ނުޖަހާނެ. ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއާ މެދު މި އެޅި އަޅުގަނޑަށް ތަސައްވުރު ވެސް ނުކުރެވޭ ވަރުގެ ފިޔަވަޅެއް،" މޮންދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަދަ ބޮޑު ޖޫރިމަނާއަކާ ދިމާލަށް ރާއްޖެ ޓީވީ ދާނެކަން ކުރިން އެނގޭއިރު، މީޑިއާތަކުގައި ލޮބީކޮށްގެން އެކަން "މައިތިރި" ކުރުމުގެ ފުރުސަތު ވެސް ކޮމިޝަންގެ "ބައެއް ބޭފުޅުންނަށް" އޮންނާނެ އެވެ.

"މީޑިއާތަކުގައި މިއުޅެނީ ކޮމިޝަންގެ މެމްބަރުންނާ ދުރު ބައެއް ވެސް ނޫން. މިހާރު މި ފެންނަނީ ކޮންމެހެން ވެސް އަދަބެއް ދޭން ޖެހިގެން އެކަން ކުރަން އުޅޭ މަންޒަރެއް،" މޮންދު ވިދާޅުވި އެވެ.

މިދަނީ ރާއްޖެ ޓީވީ ނައްތާލުމާ ދިމާއަށް: ފިޔާޒް

މިލިއަން ރުފިޔާ އިން ޖޫރިމަނާ އަކީ އާދައިގެ ކަމެއްގެ ގޮތުގައި އެ ސްޓޭޝަންގެ އިސް ވެރިން ނުދެކެ އެވެ. މިއީ އެއަށް ވުރެ ސީރިއަސް ދިމާލަކަށް ރާއްޖެ ޓީވީ ގެންދިއުމުގެ ދޮރު ހުޅުވުން ކަމަށް ގަބޫލުކުރެ އެވެ.

"އެހެން ނޫން ނަމަ، ކޮމިޝަނުން އަމިއްލަ އަށް އިސްނަގައިގެން މި މައްސަލަ ބަލާކަށް ނުޖެހޭނެ. ރައީސް ޔާމީން މައްސަލަ ހުށަހެޅުއްވީއެއް ނޫން. ސަރުކާރުން ހުށަހެޅީކީއެއް ނޫން. ކޮންޓެންޓް ބެލި މީހަކު އޭގެ މައްސަލަ ހުށަހެޅީކީއެއް ނޫން. ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް މި މައްސަލަ ބެލިއިރު، މި ގައުމުގައި މިފަދަ ކިތައް ލައިވްތޯ އެކިއެކި ޗެނަލްތަކުން ބްރޯޑްކާސްޓް ކޮށްފައި ވަނީ؟" ބްރޯޑްކާސްޓިން ކޮމިޝަންގެ ނިޔަތާ މެދު ސުވާލު އުފައްދަވަމުން ރާއްޖެ ޓީވީގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮކްޓޯބަރު 26، 2016 ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ދެއްކި ވާހަކައެއްގެ ކޮންޓެންޓަކުން ރައީސް ޔާމީންގެ އަބުރު ގެއްލުނު ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނުން ފިޔަވައި އިތުރު ހެއްކެއް ވެސް ނެތް ކަމަށެވެ. އަދި ރާއްޖެ ޓީވީއާ މެދު ފިޔަވަޅު އެޅިއިރު، ހަރުގޭގައި އެ ވާހަކަ ދެއްކި މީހާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނެތްކަން ފިޔާޒް ފާހަގަކުރެއްވި އެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިން ކްރިމިނަލް ކޯޓު ކައިރީގައި: ބްރޯޑްކާސްޓިން ކޮމިޝަނުން މިހާތަނަށް އެންމެ ބޮޑު ޖޫރިމަނާއެއް ކުރީ އެ ސްޓޭޝަނަށް.---މިހާރު ފައިލް ފޮޓޯ

"މިވަރުގެ ކޮންޓެންޓަކާ ހެދި ރާއްޖެ ޓީވީ ޖޫރިމަނާ ކުރިއިރު ދެން ވިސްނަވާ ދެން ކޮން ވާހަކަތަކެއްތޯ މި ރާއްޖޭގައި ދެއްކޭނީ؟ ބެޔަސް ނުބެޔަސްގެ ތެރެއިން ކޮންމެ މަސްވެރިއަކަށް 10،000ރ. ނުލިބެއޭ ބޭފުޅަކު ވިދާޅުވާ ވާހަކައެއް ލައިވް ކުރިޔަސް މިވަރުން ފިޔަވަޅު އަޅާނެ. ރައީސް ޔާމީންގެ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ވައުދެއް 94،000 ވަޒީފާ އުފެއްދުން. އެ ވަރަށް ވަޒީފާ ނުއުފެއްދޭ ވާހަކަ ބުނެފިއްޔާ ސަރުކާރުގެ އިސް ވެރިއެއްގެ އަބުރަށް އަރައިގަތް ކަމަށް ބެލުމުގެ ފުރުސަތު މިހާރު އެބަ އޮތް. ރައީސް ޔާމީންގެ ވައުދު ނުފުއްދެއޭ ބުނެފިއްޔާ އެމަނިކުފާނުގެ އަބުރަށް އަރައިގަތް ކަމަށް ބުނެފާނެ،" އޭނާ ވިދާޅުވި އެވެ.

ފިޔާޒް ފާހަގަކުރެއްވި ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމުގެ މަގުސަދުގައި، ރައްޔިތުންގެ މަޖިލިހުން ފާސްކުރި އަބުރުގެ ގާނޫނާ ރާއްޖެ ޓީވީން ޚިލާފު ނުވާކަން ބްރޯޑްކާސްޓިން ކޮމިޝަނަށް ވާނީ އަންގައިފަ އެވެ. މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ރާއްޖެ ޓީވީން އެ ސްޓޭޝަންގެ ދިފާއުގައި ގާނޫނީ ހުއްޖަތްތައް ދައްކާފައިވީ ނަމަވެސް އެ ކަންކަމަށް ކޮމިޝަނުން ރިއާޔަތް ނުކުރާކަން، މައްސަލައެއްގެ ގޮތުގައި އޭނާ ނެންގެވި އެވެ.

"މިއީ އަޅުގަނޑުމެންގެ މައްސަލަ އަކީ. މީޑިއާތަކުން ގާނޫނާ ޚިލާފުވުމުގެ ސަބަބުން ފިޔަވަޅު އެޅިޔަސް އަޅުގަނޑުމެންގެ މައްސަލައެއް ނެތް. އެކަމަކު އިންސާފުވެރިވާން ޖެހޭނެ. އެކަމަކު ވަކަރުގޭ ކުދިންގެ އުސޫލުން ކޮމިޝަނުން ކަން ކޮށްފައި މިއޮތީ. ނުބަޔަކުން ރަނގަޅެއް ނުނިކުންނާނެ،" ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންނަށް އަމާޒު ކުރައްވައި ފިޔާޒް ވިދާޅުވި އެވެ.

ރާއްޖެ ޓީވީގައި ކުރިން ރޯކޮށްލައިފައި: އެ ސްޓޭޝަނަށް ބޮޑެތި ފިއްތުންތަކެއް ދަނީ ކުރިމަތިކުރަމުން.

"އަޅުގަނޑު ދެކޭ ގޮތުގައި ބްރޯޑްކާސްޓިން ކޮމިޝަންގައި އެ ތިއްބެވި ހަތް މެމްބަރުންނަކީ މީޑިއާ އަށް ނުރައްކަލެއް. ރާއްޖެ ޓީވީ 2018 ގެ ކުރިން ބަންދު ކުރާނެ. މި ސަރުކާރުގެ ބައެއް އިސް ބޭފުޅުން އެ އިޝާރާތް އަޅުގަނޑަށް ދީފައި ވެސް އެބަހުރި ކުރިން. ރާއްޖެ ޓީވީ އެކަންޏެއް ނޫން. މި ރާއްޖޭގައި މިނިވަންކަމާއި ޒިންމާދާރުކަމާ އެކު މަސައްކަތް ކުރާ މީޑިއާއެއް ވިއްޔާ ހުއްޓުވާނެ. މިއީ އަޅުގަނޑުމެން ހައިރާން ވާން ޖެހޭ ކަމެއް ވެސް ނޫން މި ފެންނަ މަންޒަރުތަކުން."

ފިޔާޒްގެ ނަޒަރުގައި ބްރޯޑްކާސްޓިން ކޮމިޝަނަކީ ފަސާދަވެފައި އޮތް ތަނެކެވެ.

މީޑިއާ އަށް ހުރި ހުރަސްތައް ނައްތާލަން ގޮވާލައި ނޫސްވެރިންތަކެއް އިހުތިޖާޖު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

"ކޮމިޝަންގައި އެ ތިއްބެވި ބޭފުޅުންގެ ނަން ތާރީޚުގައި ކަޅު އަކުރުން ލިޔެވޭނެ. އެހެން ނޫނީ އަމިއްލަ އަށް އިސްނަގައިގެން، ސިޔާސީ ޕްލެޓްފޯމްތަކުގައި ސިޔާސީ މީހުން އާންމުކޮށް ދައްކާ ވާހަކައެއްގައި ހިފައިގެން އެ ކޮމިޝަނުން ނުދަމާނެ. މިއަށް ވުރެ ބޮޑެތި ވާހަކަތައް ސިޔާސީ މީހުން މީޑިއާތަކުގައި ދައްކާފައި އެބަހުރި. އެހެންވީމާ މި އެނގެނީ ކޮންމެހެން ވެސް ކަމެއް ހޯދައިގެން ރާއްޖެ ޓީވީ ނައްތާލެވޭނެ ޓައިމްލައިނެއް ހަދައިގެން ކުރިއަށް ދާކަން،" ފިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ ޓީވީ އަށް އަމާޒުކޮށްގެން ކިތަންމެ ގިނަ ފިޔަވަޅެއް އެޅިޔަސް ފަސްޖެހުމެއް ނެތެވެ. މީޑިއާގެ ދާއިރާގައި އެ ސްޓޭޝަން ދާނީ ކުރިއަށެވެ.

އެއް މިލިއަން ރުފިޔާގެ ޖޫރިމަނާއާ އެކު ކޮމިޝަންގެ ތެރޭގައި ސިޔާސީ އެޖެންޑާ އޮތްކަމުގުގެ ކުލަތައް މިދަނީ ފެންނަމުން ކަމަށް އެއް ބަޔަކު ދެކެ އެވެ. ޚާއްސަކޮށް ކުރިން މީޑިއާތަކުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ މުހައްމަދު ޝަހީބު ރައީސް ކަމުގައި ހުންނަވައިގެން ކޮމިޝަނުން ފިޔަވަޅު އެޅީ، ފާޑުކިއުންތައް ބޮޑު ސިޔާސީ ދާއިރާގައި އިވުނު ވަރަށް ކުޑަކުޑަ ވާހަކައަކާ ގުޅިގެން ކަމަށް މީޑިއާގެ ބައެއް ފަރާތްތަކުން ގަބޫލުކުރެ އެވެ. މިއީ ސަރުކާރު ކޮޅަށް ގޮސް ހުސްވެފައި ނެތް މީޑިއާތަކުގެ ކަންބޮޑުވުމެކެވެ. އަބުރުގެ ގާނޫނު ވުޖޫދަށް ގެނައީ ތާކުންތާކު ނުޖެހޭ ކަންކަމުގައި ފިޔަވަޅު އެޅުމުގެ ބޭނުމުގައި ކަމަށް އޭރު ބުނި ވާހަކަތައް މިދަނީ ހަގީގަތަކަށް ވަމުންނެވެ.

ކޮމިޝަނުން މިހާރު އެ ބަލަނީ ދައްކާ ވާހަކަތަކުގެ ކުޑަބޮޑު މިނަކަށް ނޫނެވެ. މިހާރު އެދިނީ ހިތަށްއެރި ކޮންމެ ކަމެއްގައި ވެސް އެންމެ މަތިން ފިޔަވަޅު އަޅައި، މީޑިއާތައް ދުއްވާލަން ކޮމިޝަން ތައްޔާރަށް އޮތް ކަމުގެ އިންޒާރެވެ.