މުޒާހަރާ ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީސީން ދީފި

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލި ކަމަށް ބުނެ، ޕީޕީއެމުން ކޮންމެ ރެއަކު ކުރަމުން ދަނީ ގާނޫނާ ހިލާފު މުޒާހަރާތަކެއް ކަމަށާއި އެކަން ތަކުރާރުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.


އީސީގެ ހަތަރު މެމްބަރަކު ލަންކާގައި ތިއްބަވައި، ކޮމިޝަންގެ ރައީސާ އެކު މިއަދު ބޭއްވެވި ޓެލެ ކޮންފަރެންސެއްގައި ވަނީ، ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނެ، ޕީޕީއެމް އޮފީހުގެ ދޮރުމަތީގައި ކޮންމެ ރެއަކު ކުރަމުންދާ މުޒާހަރާއަކީ ޕީޕީއެމުން ކުރާ ކަމެއްތޯ ޔަގީންކުރުމަށް އެ ޕާޓީ އަށް ސިޓީއެއް ފޮނުވުމަށް ނިންމައިފަ އެވެ. އަދި އެއީ އެ ޕާޓީން ކުރާ ކަމަކަށް ވާނަމަ، އެކަން ވަގުތުން ހުއްޓާލުމަށާއި މުޒާހަރާ ތަކުރާރުކުރާ ނަމަ، ފިޔަވަޅު އަޅަން ވެސް، ކޮމިޝަންގެ މެމްބަރުން ވަނީ ފާސްކޮށްފަ އެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ޕީޕީއެމް އޮފީހުގެ ދޮރުމަތީގައި ކުރަމުންދާ މުޒާހަރާތަކަކީ އެއްވެ އުޅުމުގެ ގާނޫނާއި ސިޔާސީ ޕާޓީތަކުގެ ގަވައިދާ ހިލާފަށް ކުރަމުންދާ މުޒާހަރާތަކެއް ކަމަށެވެ. އެހެންވެ، އެކަން ހުއްޓުވައި ދިނުމަށް އެދި ފުލުހުންނަށް ހުށަހެޅުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން ކުރި މުޒާހަރާއެއްގައި ބަޔަކު ބައިވެރިވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

އިންތިޚާބުގައި ބޮޑެތި މަކަރުތައް ހަދާފައިވާ ކަމަށާއި ރިޝްވަތު ނަގައިގެން ވޯޓުން ވައްކަންކޮށްފައިވާ ކަމަށް، މަދު ބަޔަކާއެކު ޕީޕީއެމުން ކޮންމެ ރެއަކު ކުރަމުންދާ މުޒާހަރާތަކުގައި ދަނީ ގޮވާލަމުންނެވެ. އަދި އީސީގެ ރައީސް އަހުމަދު ޝަރީފު ހައްޔަރުކޮށް، އިންތިޚާބު އަލުން ބޭއްވުމަށް ވެސް އެ މީހުން ގޮވަ އެވެ.

އަކްރަމް ވިދާޅުވީ ރައްޔިތުންގެ ހިތުގައި ޝައްކާއި ބިރުވެރިކަން އުފެދޭ ގޮތަށް، މިފަދަ ސާބިތު ނުހިފޭ ވާހަކަ ދައްކާ ނަމަ އެ މީހުންގެ މައްޗަށް އަބުރުގެ ދައުވާ ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އަދި އެ ވާހަކަތައް ޓީވީން ބްރޯޑްކާސްޓް ކުރާ ޗެނަލްތަކުގެ މައްސަލަ ބަލައި، ފިޔަވަޅު އެޅުމަށް، ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމުން ވަނީ އެ ޕާޓީން ކުރާ ތުހުމަތުތަކާ ގުޅޭގޮތުން އީސީން ޖަވާބުދާރީވުމުން ނޫނީ މުޒާހަރާތައް ހުއްޓާނުލާނެ ކަމަށް ބުނެފަ އެވެ. އަދި އެ ކޮމިޝަނަށް ނުފޫޒު ފޯރާފައިވާ ކަމަށާއި އެއަށް ވުރެ ގިނަ ވޯޓު، އިންތިޚާބުން ބަލިވި ރައީސް އަބްދުﷲ ޔާމީނަށް ލިބެން ޖެހޭނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެކަމަކު، އެ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި އީސީގެ ރައީސް ޝަރީފް ވިދާޅުވީ ނަތީޖާއާ މެދު ރައްޔިތުންގެ ހިތްތަކުގައި މާބޮޑު ސުވާލެއް އުފެދިގެން އުޅޭ ތަން ފެނިވަޑައިނުގަންނަވާ ކަމަށާއި އިންތިޚާބާ ގުޅޭ މައްސަލަތައް ކޮމިޝަނަށް ހުށަހަޅައިފި ނަމަ އެކަން ބަލާނެ ކަމަށެވެ. އެކަމަކު ނަތީޖާ ބަދަލުވެދާނެ ފަދަ ހެއްކެއް އޭނާއާ ހަމައަށް އަދި އައިސްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އީސީން އާއްމުކޮށްފައިވާ ދާއިމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އިބޫ އަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ.