ޕީޕީއެމްގެ އެއްވުން ހުއްޓުވަން އިލެކްޝަންސް ކޮމިޝަނުން ޕޮލިހަށް

ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް އަޑުއުފުލަން، ޕީޕީއެމުން އެއްވުންތައް ބާއްވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެކަން ހުއްޓުވައި ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުސް އޮފީހުގައި އެދިއްޖެ އެވެ.


ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން ބޮޑު ތަފާތަކުން ބަލިވި އިންތިޚާބުގެ ނަތީޖާ އެ ޕާޓީން ފުރަތަމަ ގަބޫލުކުރި އެވެ. އެކަމަކު ފަހުން، އިންތިޚާބު އޮޅުވައިލީ އީސީގެ މެމްބަރުން ރިޝްވަތު ނަގައިގެން ކަމަށް ތުހުމަތުކޮށް، މަދު ބަޔަކާ އެކު އެ ޕާޓީގެ އޮފީސް ކުރިމަތީގައި ސިލްސިލާ އެއްވުންތަކެއް އަންނަނީ ބާއްވަމުންނެވެ.

އީސީގެ މެމްބަރު އަހްމަދު އަކްރަމް "ސަންގު ޓީވީ" އަށް ރޭ ވިދާޅުވީ ޕީޕީއެމުން އެއްވުންތައް ބާއްވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުގެ އެއް ވަނަ އިސްލާހާ ޚިލާފަށް ކަމަށް އެ ޕާޓީ އަށް އަންގާފައިވާ ކަމަށެވެ. އަދި ގާނޫނާ ޚިލާފު އެ އަމަލު ހުއްޓުވައި ދޭން ފުލުސް އޮފީހަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިޚާބު ކާމިޔާބުކުރި އިދިކޮޅު ޕާޓީތަކުން، މި ސަރުކާރާ ދެކޮޅަށް ބޭއްވި އެއްވުންތައް ހުއްޓުވަން، އެއްވެ އުޅުމުގެ ގާނޫނަށް ޕީޕީއެމުން ގެނައި އިސްލާހުގައި ބުނެފައި ވަނީ، ފުލުހުންގެ ލިޔުމަކުން ހުއްދަ ލިބިގެން ނޫން ގޮތަކަށް، މާލޭގެ އެއްވެސް ތަނެއްގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ބޭއްވުމަކީ މަނާ ކަމެއް ކަމަށެވެ.

"އެ މާއްދާގައި ފިލާވަޅު ދަސްކުރަން އެއްވާ ވާހަކައެއް ވެސް ނެތް. ބޯޑު ހިފައިގެން އެއްވާ ވާހަކައެއް ވެސް ނެތް. ބުނެފައި އޮތީ އެއްވެސް ބާވަތެއްގެ އެއްވުމެއް [ހުއްދަ ނުހޯދައި ނުބޭއްވޭނެ] ވާހަކަ. މައުލޫމާތު ދޭ ސެޝަނެއްގެ ނަމުގައި ބާއްވާ ގޭތެރޭގައި، އަޅުގަނޑުމެންނަށް މައްސަލައެއް ނެތް،" އަކްރަމް ވިދާޅުވި އެވެ.

އެއްވުންތައް ގާނޫނީ އިމުގެ ތެރެއަށް ފައްތަން އީސީން އެންގުމުން، ޕީޕީއެމުން ބުނެފައި ވަނީ، އެ ޕާޓީން ބާއްވަނީ މައުލޫމާތުދޭ ސެޝަންތަކެއް ކަމަށެވެ. އެ ސެޝަންތަކުގައި، ޕާޓީ އޮފީސް ކުރިމަތީގައި ބޯޑުތަކެއް ހިފައިގެން ސަޕޯޓަރުން ސަފަކަށް އެތުރި ތިބޭއިރު، ޕާޓީގެ އިސް ބޭފުޅުންނާއި އެއްވުމުގައި ވާހަކަ ދައްކާ މީހުން ތިބެނީ ޕާޓީ އޮފީސް ތެރޭގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން: އެ ކޮމިޝަނުން ބުނީ ޕީޕީއެމުން ބާއްވަނީ ގާނޫނާ ޚިލާފު އެއްވުމެއް ކަމަށް. -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަކްރަމް ވިދާޅުވި ގޮތުގައި އެކަކަށް ވުރެ ގިނަ މީހުން އެއްކޮށް ބާއްވާ ނަމަ މިހާރު އޮތް ގާނޫނުގެ ތެރެއަށް ފެތެ އެވެ.

ސިޔާސީ ޕާޓީތައް ޒިންމާ ކުރުވަން ޖެހޭނީ އީސީން ކަމަށް ވާއިރު، ބަސް ނާހައިފި ނަމަ އެއްވެސް ޕާޓީއެއް ތަފާތު ކުރުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ކުރަމުންދާ ތުހުމަތާ އެކު އިންތިޚާބު ބާތިލްކޮށްދޭން އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި ހުކުމް އިއްވުން މިއަދު މެންދުރު ބާއްވާ ގޮތަށް އޮތީ ޝެޑިއުލްކޮށްފަ އެވެ.

މި ތުހުމަތުތައް ކުރިއަސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ހާމަކަން ބޮޑު އިންތިޚާބެވެ. އެ އިންތިޚާބުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.