ކުޅުދުއްފުށީ ކުޅީގެ ތަހުލީލުތައް ކުރަނީ: މަސްތައް މަރުވީ ލޮނުގެ މިންވަރު މަތިވެގެން ކަމަށް ބެލެވޭ -- ފޮޓޯ: ސޭވް މޯލްޑިވްސް
17 އެޕްރީލް 2019 - 07:43
އެތައް ބަޔަކު ނުރުހުމާއި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެއާޕޯޓް އަޅަން ހދ. ކުޅުދުއްފުށީ ކުޅީގެ 30 ޕަސެންޓް ވަނީ ހިއްކައިފަ އެވެ. ނުހިއްކާ އޮތް 70 ޕަސެންޓަށް ނޭދެވޭ އަސަރުތަކެއް ކޮށް، ނެތި ހިނގައިދާނެ ކަމުގެ ބިރު އުފެދުނެވެ. ކުޅުދުއްފުށީ ކުޅިއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު މަށި ކުޅީގެ އިތުރުން ރާއްޖެ އިން ނެތުމުގެ ބިރު އޮތް ގިނަ ގަސްތަކެއް ވެސް ހިމެނޭ ސަރަހައްދެކެވެ.
ކުޅީގެ މިހާރު އޮތް ބައި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން މިވަނީ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީ ހޯދައިފަ އެވެ. ބޭރުގެ އެ ޓީމު މިދިޔަ ހަފްތާގައި ކުޅުދުއްފުއްޓަށް ގޮސް ތަފާތު ތަހުލީލުތައް ކުރި އެވެ.
ކުޅުދުއްފުށީ ކުޅީގެ ބައެއް ހިއްކައިގެން އެއާޕޯޓް އަޅާފައި
މެންގްރޫވް އެކްޝަން ޕްރޮޖެކްޓާއި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒިވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ސައިންސްވެރިންގެ ޓީމުގައި ނެޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯގެ ޕްރޮފެސާ، ޑޭން ފްރައީސް އާއި ޗައިނީސް ޔުނިވާސިޓީ އޮފް ހޮންކޮންގްގެ ޕްރޮފެސާ ޖޮއި ލީ ހިމެނެ އެވެ. އަދި ދުނިޔޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް ކުޅިތަކުގެ ހާލަތު ބަލާފައިވާ ދެ ތަޖުރިބާކާރުން ކަމަށްވާ އަލްފްރެޑޯ ކުއާޓޯ އާއި ޖިމް އެންރައިޓް ވެސް ވަޑައިގަތެވެ. ރާއްޖޭގެ ފަރާތުން އެކަމުގައި އިސްކޮށް އުޅުނީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ "ސޭވް މޯލްޑިވްސް"ގެ ވޮލަންޓިޔަރުންނާއި އެންވަޔަރްމަންޓް މިނިސްޓްރީގެ ޓީމެކެވެ.
ކުޅުދުއްފުށީ ކުޅީގެ ތަހުލީލުތައް ކުރި ޓީމުން ތަން ބަލަނީ -- ފޮޓޯ: ސޭވް މޯލްޑިވްސް
އެ ޓީމުން ވަނީ ކުޅުދުއްފުށީ ކުޅީގެ އަޑިން ވެލީގެ ސާމްޕަލްތައް ނަގައިފަ އެވެ. އަދި ކުޅީގެ އެކި ސަރަހައްދުތަކުން ފެން ނަގައިގެން އެ ފެން ވެސް ޓެސްޓް ކުރި އެވެ. ކުޅީގެ އެކި ހިސާބުތަކަށް އެރި ތަނުގެ ހާލަތު ވެސް ބަލާފައިވެ އެވެ.
ސައިންޓިސްޓުންގެ ޓީމުގެ ނިންމުންތަކާ ހަވާލާދީ ސޭވް މޯލްޑިވްސްގެ ވޮލަންޓިއަރު ހުމޭޒާ އަބްދުލް ގަފޫރު (ހުމޭ) ވިދާޅުވި ގޮތުގައި ކުޅީގެ ގަސްތަކުގެ ހާލަތު މިހާރު ވެސް ވަރަށް ރަނގަޅެވެ. އެ ގަސްތަކުގެ ދިރުން ހުރިވަރާއި އޭގެ ސިއްހަތު ރަނގަޅު ކަމަށް ދިރާސާއިން ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގަސްތަކުގެ ހާލަތު ރަނގަޅު ނަމަވެސް ކުޅީގެ ފެންގަނޑުގައި ގިނަ މައްސަލަތަކެއް ހުރިކަން ޓީމަށް ވަނީ ފާހަގަކުރެވިފަ އެވެ. ހުމޭ ވިދާޅުވި ގޮތުގައި މޫދުގެ ލޮނުގަނޑަށް ވުރެ އެ ކުޅީގެ ފެނުގެ ލޮނުކަން ދެ ގުނަ މައްޗެވެ. އޭގެ ސަބަބުން އެ ފެންގަނޑުގައި އުޅޭ ދިރޭ ތަކެތީގެ ދިރުންތަކަށް އަސަރު ކުރެ އެވެ.
"އެހެން އެވަނީ ފެންގަނޑު ބެދިފައި އޮންނާތީ. އެ ފެންގަނޑު ދައުރު ކުރާނެ ގޮތެއް ނެތް،" ތަފާތު ދިރާސާތަކުގައި މީގެ ކުރިން ވެސް ބައިވެރިވެފައިވާ ހުމޭ ވިދާޅުވި އެވެ.
ކުޅުދުއްފުށީ މަށި ކުޅި: ގުދުރަތީ ވަރަށް ބޮޑު ހިމާޔަތެއް -- ފޮޓޯ: ސޭވް މޯލްޑިވްސް
ވަރަށް ފަހުން ވަނީ ކުޅުދުއްފުށީ ކުޅިން ގިނަ އަދަދެއްގެ މަސް މަރުވެފަ އެވެ. އެކަން ދިމާވި ސަބަބެއް ކަމަށް ދިރާސާތަކުގެ އަލީގައި ހުމޭ ވިދާޅުވީ ލޮނުގެ މިންވަރު މައްޗަށް ދިއުމާއި ތަން ތިލަވުމެވެ.
"އެއާޕޯޓް އެޅުމަށް ހިއްކިއިރު ނުހިއްކަން އޮތް ސަރަހައްދަށް ވެސް ވެލި އެޅި އެ ސަރަހައްދު ތިލަވެފައިވަނީ. އަނެއްކާ ކުޅި އެބަ ހިކޭ. ފެންގަނޑު އެހާ ހޫނު. އެހެންވެ ކަމަށް ޓީމުން އެބަ ބުނޭ މަސްތައް މަރުވަނީ،" ހުމޭ ވިދާޅުވި އެވެ.
އެ ދިރާސާއާ ގުޅޭ ހާއްސަ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ތަޖުރިބާކާރުން އަންނަނީ ކުރަމުންނެވެ. ތަފުސީލީ މައުލޫމާތު ލިބޭނީ އޭގެ ފަހުންނެވެ.
އެ ޓީމުން ވަނީ ތިމާވެއްޓާ ބެހޭ ވަޒީރު، ޑރ. ހުސައިން ރަޝީދާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާ އާދިއްތަ ދުވަހު ބައްދަލުކޮށް އެ ޓީމަށް ފާހަގަކުރެވުނު ބައެއް ކަންކަން ހިއްސާކޮށްފަ އެވެ.
ކުޅުދުއްފުށީ ކުޅި ދިރާސާކުރަން އައި ޓީމުން މިނިސްޓަރު ޑރ. ހުސައިން ރަޝީދާ ބައްދަލުކުރަނީ -- ފޮޓޯ: ސޭވް މޯލްޑިވްސް
އޭގެ ތެރޭގައި ކުޅީގެ ގަސްގަހާގެހީގެ ހާލަތު ރަނގަޅު ކަމުން އެ ތަން ހިމާޔަތް ކުރުން މުހިންމު ކަން ފާހަގަކުރި އެވެ. އެއާޕޯޓް ޕްރޮޖެކްޓާ އެކު ވެސް އެކަން ކުރެވޭނެ ކަމަށާއި މިހާރު ދެން ކުރަންވީ ކަމަކީ ކުޅީގެ ނުހިއްކާ އޮތް ސަރަހައްދު ހިމާޔަތް ކުރުން ކަމަށް ޓީމުން ހުށައެޅި އެވެ. އެއީ ކުޅުދުއްފުށީގެ ތިމާވެއްޓަށް އެ ކުޅީގެ މުހިންމުކަމުންނެވެ.
މީގެ ކުރިން ހަދާފައިވާ އެކި ދިރާސާތަކުން ވެސް އެނގޭ ގޮތުގައި އެއީ ކުޅުދުއްފުށީގެ ރައްކާތެރިކަމަށް ވަރަށް ހާއްސަ ތަނެކެވެ. ރަށުގައި ފެންބޮޑުވުމުގެ މައްސަލައަށް އެ ކުޅީގެ ސަބަބުން ބޮޑު ހައްލެއް ލިބެ އެވެ. ހަމައެއާ އެކު އެއީ ރާއްޖޭގެ އިތުރުން އެންމެ ބޮޑު އާބާދީއެއް އޮތް ރަށުގެ ފެން ފަށަލަ އާލާކުރުމަށް ވެސް މުހިންމު ނިޒާމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ކުޅީގެ ފެންގަނޑަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މޫދާ ގުޅާލަން ސައިންސްވެރިންގެ ޓީމުން ލަފާ ދެ އެވެ. އަދި ކުޅީގެ ބައެއް ފުން ކުރުމަށް ވެސް ވަނީ އެދެ އެވެ. ނަމަވެސް އެކަންކަން ކުރަން ވީ ގޮތުގެ ތަފްސީލު އެނގޭނީ އެ ޓީމުން ތައްޔާރު ކުރާ ރިޕޯޓުންނެވެ.
ކުޅުދުއްފުށީ ކުޅީގެ ފެންގަނޑު: ސައިންސްވެރިންގެ ޓީމުން ވަނީ ހާލަތު ބަލާފައި -- ފޮޓޯ: ސޭވް މޯލްޑިވްސް
ޓީމުގެ ހޯދުންތަކާ ގުޅޭ ގޮތުން އެންވަޔަރްމެންޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވިސްނުމަކީ އެރަށުގެ ރައްޔިތުންނާއި ތަޖުރިބާކާރުންނާ ގުޅިގެން އެ މަސައްކަތް ކުރުން ކަމަށެވެ. އެކަމައިގެން ކުރިއަށް ދާނެ ގޮތް ނިންމާނީ އެ ޓީމުން ހުށަހަޅާ ރިޕޯޓާ މެދު މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މަށި ކުޅި ހިމާޔަތް ކުރުމަކީ އެތައް ބައެއްގެ އެދުމެކެވެ. ކުޅުދުއްފުއްޓަށް ދުވަހަކު ނުދާ މީހުންނަށް ވެސް ތިމާވެށީގެ އެ ހިމާޔަތް ހަލާކުވުމަކީ ކަންބޮޑުވުމެކެވެ. އެހެންކަމުން ރާއްޖޭގެ ތިމާވެއްޓަކައި ކުޅުދުއްފުށީ މަށި ކުޅި ރީތިކޮށް އަދި ދިރުންތަކާ އެކު ބޭއްވުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު އުއްމީދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދު
17 April 2019
ދެމެހެއްޓެނިވި ތަރައްގީ އަކީ ދިވެހިން ބަލާ ގަންނަ ކަމެއް ނޫން.
ކުއްޅަފިލާ
17 April 2019
ކުޅިޔެ އެބަހުއްޓެންނުން ތިކުޅި ދެންހުއްޓާލަބަލަ އެއާރޕޯޓު ނުހަދާއިރުވެސް ކުޅިޔަށް ކުނިއަޅާ ކުޅި ކުޅެފައޮތީ. ސިޔާސީ ކުޅިޔަކަށް ތިތަންހެދީ އޭރުގެ ސަރުކާރާ ދެކޮޅުމީހުންނާ މިހާރު ނޫސްކަހަލަ ބައެއް ނޫސްތަކުން. ތީ ރަސްފައްނުން ނަޖިސްއަރާ ފަދަ ކުޅިއެއް. ރަސްފަންނަކީވެސް ސިޔާސީ ކުޅިއެއް ތިކުޅިޔަކީވެސް ސިޔާސީ ކުޅިއެއް.
dhanbi
17 April 2019
ޅެންވެރިކަމުގެ ވަށްޓަފާޅި އެބަހުރި.
ބޫޓްކޭމްޕް ، ކުޅުދުއްފުށި
17 April 2019
މި ކުޅި ފުންކޮއްލާފައި މޫދާ ގުޅާލުމަކީ ވަރަށް ސަޅި ކަމެއް ، މީގެ ކުރިން ވެސް މޫދާ ކުޅިޔާ ދޭދެރޭ ކޯރު ކަނޑާ އެހެން ހެދީމައި ފެންގަޑު ސާފުވެފައި ކުޅީގައި ބޭންގާ ފަނިހަންޖާ އާލާ ވޭ، އެއީ މި ތަޖުރިބާކާރުން އައުމުގެ ފަންސާސް އަހަރު ކުރިން ވެސް ކުޅުދުއްފުށީ މީހުން ކޮންއުޅުން ކަމެއް ، މި ސަރުކާރުން ކުރަން ވީ ކަމަކީ ކުޅި މޫދާ ގުޅާލާފައި ކުޅި ހުރަސް ކުރެވޭ ގޮތަށް ލަކުޑި ފާލަމެއް އެޅުން.
ހޭބަލިމިތުރު
17 April 2019
އަތޮޅުހޮސްޕިޓަލް، ސްކޫލް،އެއަރޕޯޓް އަދި ކުޅިވެސް ބޭނުން. ހުރިހާމޮޅެއް ނުލިބޭނެ ދެން ތިޔަކުޅި ރަށުތެރޭގަ އާލާކުރޭ.
ިހިގޮ
17 April 2019
ދިވެހިން ނަށް ވާގޮތަކީ ރަށުން،ގޯތިއިންފާރު ކައިރިން'ހުރިހާ ކަމެއްލިބެންޖެހޭނެ އެހެންވީމަ ވާގޮއި ހަމަ އެހެންރަށެއްގަ އެޅިނަމަ އެވީނު.....ބަލަ ކުޜީގަ ވެސްތިހެންނޭ ވީ އަތޮޅު ވެރިކަން ކުރާ ރަށޭ ކިޔާފަ ސިއްހީމަރުކަޒު' އަތޮޅުުއޮފީސް'އަތޮޅު ސްކޫލް ހަމަ އާބާދީ ބޮޑުރަށުގަ އެކަމް ޚިދުމަތުގެ ރިކޯރޑް އެހެން ރަށްރަށުން'ކިހާ ހާލެއްގަ އަތޮޅުގެ އެހެން ރަށްރަށުގެ މީހުން އުޅުނީ މިހާރުވެސް އެގޮއި ދެން ކޮން ކުޅިޔެއް ހުރިހާ މޮޅެއް ހޯދަން އުޅެގެން ލިބޭނީ ހަމަ ކެހި..
ޕިންކީ
17 April 2019
ކޮބާ. ޜައިސް ޔާމީން އަކީ ފިސާރި ވެރިއެއް. މިކަމުންވެސް ދޭހަ ވަނީ ދިވެހިންނަށް ތަރައްގީ ކުރަން ނޭގޭކަން.
އެދުރުކަލޭގެ
17 April 2019
ޔާމީން ހަލާކުކޮށްލާފަ އޮތްތަނެއް ތީ ކިހިނެތް ދެން ހިމާޔަތްކުރާނީ. އޭރު ސަރުކާރުން ތިތަން ހިމާޔަތްކުރެވޭނެކަމާއި، މުޅި ކުޅި ހަލާކުކޮށްލަނީ ނޫންކަމަށް އެތައް ފަހަރަކު ބުނިނަމަވެސް މިހާރުނޫހުންވެސް އަދި އެހެން ފަރާތްތަކުންވެސް އެކަން ގަބޫލުނުކޮށް ޚަބަރު ފެތުރީ ހަމަ އިދިކޮޅަށް.
ޝައުކަތު
17 April 2019
އެއީ ކުޅުދުއްފުށިން މެޖޯރިޓީއެއް ލިބިދާނެތީ ރައްޔިތުން ރުޅިއަރުވާލަން ވެގެން ކީ އެއްޗިސް،
ފުންއަސަރު
17 April 2019
އިންސާނުން ބިމުގާ ލެއްވިޔަސް، ބޭނުންވަނީ އުދުހެން. ހިތް އޮންނަނީ ސިދުރަތުލް މުންތަހާގަ. އެތަނުގެ އެހިތްގައިމުކަމާ އެރީތިކަން ދެނެއް ނުގެނެވޭނެ. ހުރިހާކަމެއްވެސް ހަލާކުގެ ތެރެއަށް އެއްލާލަނީ އަހަރެމެން އިންސާނުން.