ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ (ކ) އާއި އެ ޓީމުގެ މުހިއްމު ގޯލު ޖެހި ލޮރެންޓޭ.-- ފޮޓޯ: އޭއެފްޕީ
18 އެޕްރީލް 2019 - 04:12
މެންޗެސްޓާ (އޭޕްރީލް 18) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ މެންޗެސްޓާ ސިޓީން 4-3 އިން މޮޅުވި ނަމަވެސް ރަށުންބޭރުގައި ޖެހި ގޯލުން ކުރިހޯދައިގެން ޓޮޓެންހަމް ހޮޓްސްޕާސް ފުރަތަމަ ފަހަރަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މި ސީޒަނުގައި ހަތަރު ތަށި ހޯދުމަށް ޓާގެޓްކޮށްގެން ތިބި ސިޓީ އަށް މި ހިސާބުން އެ ދޮރު ބަންދުވީ އެވެ. ލީގު ކަޕް ޗެމްޕިއަންކަން ހޯދާފައިވާ ސިޓީ އަށް މި ސީޒަނުގައި ދެން ކާމިޔާބުކުރެވެން އޮތީ އެފްއޭ ކަޕާއި އިނގިރޭސި ޕްރިމިއާ ލީގެވެ. އެފްއޭ ކަޕް ފައިނަލުގައި އެ ޓީމު ކުޅޭނީ ވަޓްފޯޑްއާ އެވެ. ޕްރިމިއާ ލީގުގެ ރޭހުގައި ސިޓީގެ ވާދަވެރިންނަކީ ލިވަޕޫލް އެވެ.
ޓޮޓެންހަމާއި ސިޓީ އެގްރިގޭޓަށް ބަލާއިރު 4-4 އިން އެއްވަރުވިއިރު، ޓޮޓެންހަމަށް ކުރި ލިބުނީ ރަށުންބޭރުގައި ޖެހި ގޯލު ގިނަވުމުންނެވެ. ޓޮޓެންހަމް ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 1-0 އިންނެވެ.
މިދިޔަ އަހަރުގެ ކުއާޓާ ފައިނަލުން ސިޓީ ކެޓީ ލިވަޕޫލް އަތުންނެވެ. މި ފަހަރު ވެސް އެ ޓީމު އިނގިރޭސި ޓީމެއްގެ އަތްދަށުވުމަކީ އިނގިރޭސި މީޑިއާގައި ގިނަ ފާޑުކިއުންތަކެއް އެ ޓީމަށް އަމާޒުވާނެ ސަބަބެކެވެ. މި މަހުގެ 30 ވަނަ ދުވަހު ކުޅޭ ސެމީ ފައިނަލްގައި ޓޮޓެންހަމް ބައްދަލުކުރާނީ ޔުވެންޓަސް ކަޓުވާލުމަށް ފަހު ހައިރާންކުރަނަވި ގޮތަކަށް ސެމީގެ ޖާގަ ހޯދި ނެދަލެންޑްސްގެ އަޔަކްސްއާ އެވެ. އަޔަކްސް ވަނީ މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ރެއާލް ވެސް ކަޓުވާލައިފަ އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ 21 މިނިޓް ތެރޭގައި ވަނީ ފަސް ލަނޑު ފެނިގެންގޮސްފަ އެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި ރަހީމް ސްޓާލިން ސިޓީ އަށް ލީޑުނަގައިދީފައިވަނިކޮށް ޓޮޓެންހަމަށް ހަތް ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ ސޮން ހެއުން މިން އެވެ. އޭގެ ތިން މިނިޓް ފަހުން ސޮން ވަނީ އިތުރު ލަނޑެއް ޖަހައި ޓޮޓެންހަމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު މިނިޓެއް ނުވަނިސް ސިޓީގެ ބެނާޑޯ ސިލްވާ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
މެޗުގެ 21 ވަނަ މިނިޓްގައި ކެވިން ޑިބްރޭނާ ދިން ބޯޅަ އަކުން ސިޓީ އަށް ލީޑުނަަގައިދިނީ ސްޓާލިންނެވެ. ދެ ވަނަ ހާފްގައި ގިނަ އެޓޭކުތަކެއްކޮށް ސިޓީން ވަނީ މެޗުގެ 59 ވަނަ މިނިޓްގައި ސާޖިއޯ އަގުއޭރޯގެ ގޯލުން ދެ ލަނޑުގެ ލީޑެއްނަގައި ސެމީ އަށް ދިއުމުގެ އުއްމީދު ބޮޑުކޮށްފަ އެވެ.
އެކަމަކު ހިތްވަރު އެލުވައިނުލައި ކުޅުނު ޓޮޓެންހަމުން ވަނީ މެޗުގެ 73 ވަނަ މިނިޓްގައި ފެނާންޑޯ ލޮރެންޓޭގެ ގޯލުން އެއްވަރުކޮށްފަ އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދައިގެން މި ގޯލު ބަލައިގަންނަން ރެފްރީ ނިންމިއިރު، އެ ލަނޑު ޖެހީ ލޮރެންޓޭގެ އަތުން ކަމަށް ސިޓީގެ ކުޅުންތެރިން ވަނީ އެޕީލްކޮށްފަ އެވެ.
ރޭގެ މެޗުގެ ތެރެއިން ސިޓީގެ ކޯޗު ގާޑިއޯލާ. -- ފޮޓޯ: އޭއެފްޕީ
އަލުން ލަނޑެއް ޖަހައި މެޗުން މޮޅުވާން ސިޓީން ކުރި މަސައްކަތް ކާމިޔާބުވުމާ ގާތަށް ދިޔަ އެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރޭގައި ސްޓާލިން ވަނީ ލަނޑެއް ޖަހައިފަ އެވެ. އެ ލަނޑު ޖެހުމަށް ފަހު ސްޓާލިން އާއި ސިޓީގެ ބެންޗުން ވެސް ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އެކަމަކު މަންޒަރު އެއްކޮށް ބަދަލުވީ ވީއޭއާރްގެ އެހީގައި ބެލިބެލުމުގައި ސިޓީގެ އެ އެޓޭކް ފެށިއިރު އަގުއޭރޯ އޮފްސައިޑްގައި ހުރުމުން ރެފްރީ އެ ލަނޑު ގަބޫލުނުކުރަން ނިންމި ހިސާބުންނެވެ. އެއާ އެކު ސިޓީގެ ކުޅުންތެރިން މޫނުމަތިން މާޔޫސްކަން ފެނިގެންދިޔައިރު، ޓޮޓެންހަމުން ދިޔައީ އުފާފާޅުކުރަމުންނެވެ.
މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މެޗުގެ މުހިއްމު ނިންމުންތަކެއް ދިޔައީ އޭނާގެ ޓީމާ ދެކޮޅަށް ކަމަށާއި އޭނާ އަކީ އެއްވެސް އިރެއްގައި ވީއޭއާރްއާ ދެކޮޅަށް ވާހަަކަ ދެއްކި މީހެއް ނޫން ކަމަށާއި އެހެންވުމުން އެއްވެސް ވަރަކަށް އެކަމުގެ ޝަކުވާ ނުކުރާނެ ކަމަށެވެ. އަދި ސިޓީ އަށް މުޅި ދެ ލެގަށް ބަލާއިރު ވެސް ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށާއި ނަތީޖާ ނުނެރެވުނީ ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށް ބުންޏެވެ.
ޓޮޓެންހަމުން އެންމެ ފަހުން މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅުނީ 2011 ވަނަ އަހަރު އެވެ. އެ ފަހަރުގެ ކުއާޓާ ފައިނަލުން އެ ޓީމު ކެޓީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑް އަތުންނެވެ. މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ޓޮޓެންހަމަށް ޖާގަ ލިބުމުން އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ މެޗަށް ފަހު ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.
ޕޮޗެޓީނޯ ބުނީ ގްރޫޕް ސްޓޭޖުން ޓޮޓެންހަމަށް އަރައިގަނެވުނީ ވަރަށް މަސައްކަތުން ކަމަށާއި އޭނާގެ ޓީމުން ދައްކާ ހިތްވަރުގެ ސަބަބުން ބޭނުންވާ ނަތީޖާނެރެން ފަސޭހަވެފައިވާ ކަމަށެވެ. އަދި ކުއާޓާ ފައިނަލުގައި ސިޓީއާ ޖެހުމުން ފުރަތަމަ ވެސް ކުޅުންތެރިން ނިންމީ ޗެލެންޖް ގަބޫލުކޮށް ސެމީގެ ޖާގަ ހޯދުމަށް ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ނުވަވަނަ
18 April 2019
ހުވާ މިބުނީ ހާދަ ކަޑައެއް ވެއްޖެއޭ ތި ޓޮޓުންހަމް މޮޅުވީމަ. ގޫނަރ
ޖެރާޑް8
18 April 2019
ހަތަރު ތަށިި ހޯދިފަ ތިހުރީ... ޕުރެމިއަރލީގް ވެސް ސިޓީއަކަށް ނުލިބޭނެ... ލިވަރޕޫލް ގެންދާނީ ޗެމްޕިއަންލީގުވެސް.. ޕުރެމިއަރލީގްވެސް..
ރާވެރިބެ
18 April 2019
ކަލޯ ... ކަލެއަށް ވަހީ ނާންނާނެކަން މަ ދެނަހުރީމެވެ.
މުލޭ
18 April 2019
ގާޑިއޯލާއަށް އޮންނާނީ ރާކަނިމަސް ކެވިފަ. ގޭގައިން ފާޚާނާ ތައްޓާއެކު 4 ތަށި ހަމަކޮށްލާ. ސިޓީގެ ކުޅުން ވަރަށް ރަނގަޅު. ނަތީޖާ ނުނެރެވުނީ.