18 އެޕްރީލް 2019 - 20:18
މި މަހުގެ 25 ވަނަ ދުވަހު އޮންނަ ދިރާގުގެ އެނުއަލް ޖެނެރަލް މީޓިން (އޭޖީއެމް) ނުވަތަ އަހަރީ އާންމު ޖަލްސާ އަށް ރަޖިސްޓަރީވުމުގެ ފުުރުސަތު ހުޅުވާލައިފި އެވެ.
އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ކުރުނބާ މޯލްޑިވްސްގައި ބާއްވާ މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން ރަޖިސްޓަރީވާން ޖެހެނީ ޚާއްސަ ފޯމަކުންނެވެ. އެ ފޯމު [email protected] އިން ޑައުންލޯޑު ކުރެވޭނެ އެވެ.
ފޯމު، އީމެއިލް މެދުވެރިކޮށް ނުވަތަ ދިރާގުގެ މައި އޮފީހަށް ވެސް ބަލައިގަންނާނެ އެވެ. އަހަރީ އާންމު ޖަލްސާ އަށް ހިއްސާދާރުން ރަޖިސްޓަރީވުމުގެ ސުންގަޑި އަކީ އަންނަ ހަފުތާގެ ބުދަ ދުވަހުގެ ރޭ 8:15 އެވެ. ހިއްސާދާރުންގެ ބަދަލުގައި ޖަލްސާ އަށް ދާ މީހުން ރަޖިސްޓަރީ ވުމުގެ ސުންގަޑި އަކީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ 8:15 ކަމަށް ދިރާގުން ބުނެ އެވެ.
މިދިޔަ އަހަރު ފައިދާގެ ގޮތުގައި ދިރާގަށް ލިބުނު 905 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. އަދި ހިއްސާ އަކަށް 11.91ރ. ގެ މަގުން ބެހުމަށް މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ފާސްކުރަން ހުށަހަޅާނެ އެވެ.
ދިރާގުގެ ފައިދާ ބަހަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން، އިންޓެރިމް ޑިވިޑެންޓުގެ ގޮތުގައި 452 މިލިއަން ރުފިޔާ ކަޑައަޅާފައިވާ އިރު އެ ފައިސާ އިން ހިއްސާ އަކަށް 5.96 ރުފިޔާ ބަހަން ނިންމަން ހުށަހަޅާނެ އެވެ. ފައިނަލް ޑިވިޑެންޓުގެ ގޮތުގައި ލިބިފައިވާ 452 މިލިއަން ރުފިޔާ އިން ހިއްސާއަކަށް 5.95 ރ. ބެހުމަށް އަހަރީ އާންމު ޖަލްސާގައި ހުށަހަޅަން ވެސް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy