މަރިޔަމް ވަހީދާ މެރެތަން ފުރިހަމަ ކުރެއްވުމުން ފަސްޓް ލޭޑީ ފަޒުނާ މާބޮނޑިއެއް ދެއްވަނީ -- ފޭސްބުކް ފޮޓޯ: ރެނާ ރަމީޒް
20 އެޕްރީލް 2019 - 08:48
އިއްޔެ އޮތް ޓީއެފްޖީ ލޯންގް ރަންގައި މަރިޔަމް ވަހީދާ، އުމުރުން 67 އަހަރުގައި، މެރެތަން ފުރިހަމަކުރައްވައި، ރާއްޖޭގެ ތާރީޚުން ޖާގައެއް ހޯއްދަވައިފި އެވެ.
އެ އުމުރުގެ ދިވެއްސަކު މީގެ ކުރިން 42 ކިލޯ މީޓަރުގެ ދުވުން ފުރިހަމަކުރިކަމެއް ނުވަތަ މެރެތަންއެއްގައި ބައިވެރިވި ކަމެއް ވެސް އެނގޭކަށް ނެތެވެ. އެހެންކަމުން މަރީގެ ހިތްވަރަށް ވަރަށް ގިނަ ބަޔަކު މިހާރު ގެންދަނީ ތައުރީފްކޮށް، މަރުހަބާ ކިޔަމުންނެވެ.
ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަންގެ މެރެތަން ހުޅުމާލޭގައި އޮތީ އިއްޔެ އެވެ. އެ ރޭސް ފެށީ އިއްޔެ ރޭ ދަންވަރު 0220 ގަ އެވެ. މަރިޔަމް ވަހީދާ ރޭސް ނިންމެވީ 7 ގަޑި 30:29 މިނިޓުންނެވެ. އޭރު ހެނދުނު ނުވަ ގަޑި ބައި ވެއްޖެ އެވެ.
ސަރުކާރުގެ މަތީ އެތައް މަގާމެއް ފުރުއްވާފައިވާ މަރިޔަމް ގެންދަވަނީ ގަވާއިދު ދުވެ، އެކި ރޭސްތަކުގައި ބައިވެރިވަޑައިގަންނަވަމުންނެވެ. އެގޮތުން މީގެ ކުރިން އޭނާ ވަނީ 10 ކިލޯމީޓަރާއި ހާފް މެރެތަން ވެސް ފުރިހަމަކުރައްވައިފަ އެވެ.
ހަޔާތުގައި ވެސް ފުރަތަމަ ފަހަރަށް މެރެތަންއެއްގައި ބައިވެރިވެވަޑައިގެން މަރިޔަމް އުއްމީދުކުރެއްވީ ފަސް ގަޑިއިރުގެ ތެރޭގައި ރޭސް ފުރިހަމަ ކުރެއްވޭނެ ކަމަށެވެ. ނަމަވެސް މެރެތަންއަކީ އާދައިގެ ދުވުމަކަށް ނުވާތީ އޭގެ ގޮންޖެހުންތަކާ އޭނާއަށް ވެސް ކުރިމަތިވެވަޑައިގަތެވެ. އެގޮތުން 21 ކިލޯމީޓަރު ނިމުނު ހިސާބުން އަކުނިވަޔަށް ދަމަން ފެށި އެވެ. އެކަމަކު ރޭހުން ވަކިނުވެ، އޭނާ ދުވުން ކުރިއަށް ގެންދެވި އެވެ.
މަރިޔަމް ވަހީދާ އިއްޔެ މެރެތަން ނިންމަނީ: މިއީ ރާއްޖޭގެ ދުވުމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކަމެއް
"މިކަންތަކާ [އަކުނިވަޔަށް ދެމުން] ހެދި ބޭނުންވި ވަގުތު ރޭހެއް ފުރިހަމަނުކުރެވުނު. އެހެން ނޫން ނަމަ އުއްމީދުކުރި ވަގުތު ފުރިހަމަކުރެވުނީސް. ވަރަށް ދެރަވި އެހެން ވީމަ،" މަރިޔަމް ވިދާޅުވި އެވެ.
މަރިޔަމް ވަހީދާ ދުވުމުގެ ތެރެއަށް ވެންނެވީ މީގެ އެންމެ ތިން އަހަރު ކުރިންނެވެ. އެހެންކަމުން އެހާ ކުރު މުއްދަތެއްގައި އެ އުމުރުގެ ބޭފުޅަކު ދައްކަވަމުން އެ ގެންދަވަނީ ރަނގަޅު ސިއްހަތެއްގައި ދެމިހުންނަން ދުވުމުގެ މުހިންމު ކަމެވެ. އަދި ރަނގަޅަށް މަސައްކަތްކޮށްފި ނަމަ މިއިން އެއްވެސް ރޭހަކީ ފުރިހަމަނުކުރެވޭނެ ކަމެއް ނޫން ކަން ވެސް އޭނާގެ ހިތްވަރުން ސާބިތުކޮށްދެ އެވެ.
އިއްޔެގެ ތާރީޚީ މެރެތަން މަރިޔަމް ހަދިޔާކުރެއްވީ ކުޑައިރު އަވަހާރަވެފައިވާ އޭނާގެ ބައްޕައަށެވެ. އޭނާ ވިދާޅުވި ގޮތުގައި ތަފާތު ރޮނގުތަކުން ކާމިޔާބު ހޯއްދަވާނެކަމުގެ ހިތްވަރު ބައްޕަ އޭނާއަށް ދެއްވި އެވެ. މީގެ ކުރިން އޭނާ ވަނީ އާންމުން ހޭލުންތެރިކުރުވުމުގެ ރޮނގުން ގައުމީ އިނާމާއި ލިޔުންތެރިކަމުގެ ގޮތުން، ނޫސްވެރިކަމުގެ ރިހި ގަލަން ހޯއްދަވައިފަ އެވެ.
ގެވެށި އަނިޔާގެ ވާހަކަތައް އެންމެ ފުރަތަމަ އާންމުންނާ ހަމައަށް ގެނެސްދެއްވި ލިއުންތެރިންގެ ތެރޭގައި މަރިޔަމް ހިމެނިވަޑައިގަނެ އެވެ. އެގޮތުން 1980ގެ އަހަރުތަކާއި 1990ގެ އަހަރުތަކުގެ ކުރީކޮޅު، މަރިޔަމް ގެންދެވީ އިޖުތިމާއީ ދާއިރާ އިން ތަފާތު ލިއުންތައް ލިއުއްވަމުން އަދި ޓީވީ ޕްރޮގްރާމްތައް ވެސް ހުށައަޅުއްވަމުންނެވެ.
ޓީއެފްޖީން ލާމު އަތޮޅުގައި ބޭއްވި ދުވުމުގައި މަރިޔަމް ވަހީދާ ދުވާއިރު، މަގުމަތީގައި ތިބި މީހުން ހިތްވަރުދެނީ.-- ފޮޓޯ: އިބްރާހިމް އުޝާފަތު
ހަޔާތުގައި ލިބިވަޑައިގެންނެވި ތަފާތު ތަޖުރިބާތަކާއި ފިލާވަޅުތަކުން މަރިޔަމްއަށް ދަސްވީ ކޮންމެ ކަމެއްގައި ވެސް ހިތްވަރުކުރެއްވުމެވެ. އިއްޔެ އޭނާ އަނެއްކާވެސް ސާބިތުކޮށްދެއްވީ އެ ހަގީގަތެވެ.
ރޭސް ނިންމެވި ވަގުތު މަރިޔަމް ވަހީދާއަށް ފުރަތަމަ މަރުހަބާ ވިދާޅުވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ. އެއީ، މަރިޔަމް ސިފަކުރެއްވި ގޮތުގައި، "ވަރަށް އަސަރުކުރި އަދި ވަރަށް އުފާވި ވަގުތުކޮޅެކެ"ވެ.
އަމީނިއްޔާ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި މަރިޔަމް އުޅުއްވި އިރު ފަޒުނާ އަކީ ގްރޭޑު އެކެއްގެ ދަރިވަރެކެވެ.
މަރިޔަމް ވިދާޅުވި ގޮތުގައި މެރެތަން ފުރިހަމަކުރެއްވުނީ އޭނާއާ އެކު ދުވުމުގައި ބައިވެރިވި މީހުންގެ އެހީތެރިކަމާ އެކު އެވެ. އަދި އާއިލާއިން ދެމުން އަންނަ ހިތްވަރު ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޓީއެފްޖީގައި ކަސްރަތު ކުރެއްވުމުގެ ތެރެއިން ދުވަން ޝައުގުވެރިވި މަރިޔަމް މިހާތަނަށް އެންމެ ގިނައިން ދުވީ ހާފް މެރެތަންގަ އެވެ. އޭނާ ވަނީ މެލޭޝިއާ އާއި ތައިލެންޑްގައި އޮތް ބައެއް ރޭސްތަކުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
22 April 2019
މަރީގެ އުމުރުން މިހާރު ވާނީ 73 އަހަރު! އެ އުމުރުގެ ބޭޅެއް ދުވެވަޑައިގެން މެރަތަން ރޭހެއް ފުރިހަމަ ކުރުމަކީ އާދައިގެ ކަމެއް ނޫން! މަރްހަބާ!
ރެސްޕެކްޓް
21 April 2019
ބުރާވޯ!
އަޙުމަދު
21 April 2019
ފަތިސް ނަމާދު ކުރީ ކިހިނެއް ؟
މަރިއްޔާ
21 April 2019
ފުރަތަމަ މެރަތަން އޭ ލިޔެފަ އޭގެ ފަހުން އެބޮތް ލާމުގަ ވެސް ކުރިން މެރަތަން އެއް ދުވި ވާހަކަ. މިކިހިނެއްވާ ކަމެއްބާ؟
ޢ. ޝަރީފު
21 April 2019
ތަހްނިޔާ އާއި މުބާރަކްބާދީ ދަންނަވަން
ކަނބަލުން
20 April 2019
މަރިޔަމް ވަޙީދާ އަށް 67 އަށްވުރެ ގިނަދުވަސްވެދާނެ ސާބަހޭ މަރީ ތިކުރާހިތްވަރަަށް
މަށޭމީ
21 April 2019
މަރިޔަން ވަހީދާއަށް 70 އަހަރު.
އާމިނަތު ޒިދުނާ/މާލެ ހެންވޭރު
21 April 2019
މަރިޔަމް ވަހީދާގެ އުމުރުން މިހާރު ގުނަމުންދާނީ 70 ގެ މަތީގެ އުމުރު، އަހަރެން އަމީނިއްޔާގެ ގުރޭޑު 1 ގައި އުޅުނު އިރު މަރިޔަމް ވަހިދާއަކި އަހަރުމެންގެ ޓީޗަރެއް އަދި މީހަކާއިވެސް އިނދެގެން ދަރީންވެސް ތިބޭ.. މިއަދު އަހަރެންގެ އުމުރު 59 ކަމަުން މަރިޔަމް ވަހިދާގެ އުމުރު އަދި ރަނަގަޅު ކޮށްލޔުމަކީ މުހިއްމުކަމެއް.
ނެޝަނަލިސްޓް
20 April 2019
އައްސަރިބަހާ ސާބަސް!
މާޓިން ބަޝީރު
20 April 2019
ކޮކާ ކޯލާއިން މީތި ސްޕޮންސާ ކުރުމަކީ ޒިލޭބި ހަދާ ސްްޓޯރުން ހަކުރުބަލީގެ ހަފުތާ ފާހަގަ ކުރުން ކަހަލަ ކަމެއް.
ތަކުރުފާނުން
21 April 2019
ތިޔައީ ވަރައް ބޮޑު ތެދެއް،
ކަނބިލި
20 April 2019
ތާރީޚީ ކާމިޔާބެއް ރަނގަޅު ގޮތަކީ ތާރީޚީ ކާމިޔާބީއެއް
ނަގިއްޔާ
20 April 2019
ކަންކަމުގެ ހަމައެއް ލަމައެއް ނެތް ރާއްޖޭ މީ ކަން ހިނގާ ގޮތަކީ. ދުވުމުގެ ނަމުގެ ތެރެއަށް ކޮކާ ކޯލާ! ކޮން ހަމައަކުންތޯ ދުޅަހެޔު ސިއްހަތަކާ ގުޅޭ ކަމަކަށް ކޮކާ ކޯލާ ރަގަޅުވަނީ!