ރަމީ މާލިކަކީ ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމުގެ ވިލަން.
26 އެޕްރީލް 2019 - 22:08
މިހާރު ޝޫޓިން ކުރިއަށްދާ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމުގެ ވިލަން އަކީ މި އަހަރުގެ އޮސްކާ އެވޯޑާއި ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު އެކްޓަރުގެ މަގާމު ހޯދި ރަމީ މާލިކްކަން ކަށަވަރުވެއްޖެ އެވެ.
އެ ފިލްމުގެ ޓީމުން ކުރި ޓްވީޓެއްގައި ވަނީ ރަމީއާ އެކު ފިލްމުގެ ކާސްޓާ ގުޅުނު އެހެން ތަރިންގެ ނަންތައް ވެސް ހިއްސާކޮށްފަ އެވެ. ޑެނިއަލް ކްރެއިގްގެ ބޮންޑްގެ ރޯލް ކުޅޭ ފަހު ފިލްމުގެ ކާސްޓާ ގުޅުނު އިތުރު ތަރިިންގެ ތެރޭގައި މި ސީރީޒްގެ ފިލްމުތަކުގައި ކުރިން މަސައްކަތްކޮށްފައިވާ ބައެއް ތަރިން ވެސް ހިމެނެ އެވެ.
ކާސްޓާ ގުޅުނު ތަރިންގެ ތެރޭގައި ރާލްފް ފިއެނެސް، ނައޯމީ ހެރިސް، ރޯރީ ކިނިއޭ، ލިއާ ސެޑޫ، ބެން ވިޝޯ، ޖެފްރީ ރައިޓް، ބިލީ މެގްނެސަން، އަނާ ޑި އާމަސް، ޑޭވިޑް ޑެންސިކް، ލަޝާނާ ލީންޗް އަދި ޑަލީ ބެންސެލާ ހިމެނެ އެވެ.
A word about #BOND25 from Rami Malek pic.twitter.com/CLJ5mpO9mu
— James Bond (@007) April 25, 2019
ކުރިން ވެސް އަޑު އެރި ގޮތަށް ބޮންޑްގެ އާ ފިލްމުގެ ވިލަންއަކީ ރަމީކަން ކަށަވަރުވި އިރު، ބޮންޑް ގާލްގެ ގޮތުގައި މި ފަހަރު ފެންނާނީ ކަޅު ބަތަލާ ލުޕިޓާ ނިއޮންގޯ ކަމަށް މީޑިއާތަކުން ލަފާ ކުރި ނަމަވެސް، އޭނާ ފިލްމުގެ ކާސްޓްގައި ނުހިމެނެ އެވެ.
އަދި ރަސްމީކޮށް ނަން އިއުލާންކޮށްފައި ނުވާ ފިލްމު މި ފަހަރު ޑައިރެކްޓް ކުރަނީ ކެރީ ޖޯޖީ ފުކުންގާ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ވަގުތީ ނަމަކަށް މި ވަގުތު ބޭނުން ކުރަނީ "ޝެޓަލޭންޑް" އެވެ.
އިޓަލީ އާއި އިނގިރޭސިވިލާތާއި ނޯވޭ ފަދަ ގައުމުތަކުގައި ޝޫޓް ކުރަން ހަމަޖެހިފައިވާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އެޕްރީލް، 8، 2020 ގަ އެވެ.
"ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމަކީ ކްރެއިގް ބޮންޑްގެ ރޯލް ކުޅޭ ފަސް ވަނަ ފިލްމެވެ. މި ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ސްޕެކްޓާ" ރިލީޒް ކުރީ 2015 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy