ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންސް ލީގު ފައިނަލުގައި ބަނޑޮހާއި ވަން އެންޑް އޮންލީ ރީތި ރަށް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު އަހުސަން
02 ސެޕްޓެމްބަރ 2016 - 01:50
ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ޗެމްޕިއަންސް ލީގު ތަށި ވަން އެންޑް އޮންލީ ރީތި ރަށް ބަލިކޮށް ބަނޑޮސް މޯލްޑިވްސް އިން ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރު ކުޅުނު ފައިނަލު މެޗު ބަނޑޮހުން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. ފުރަތަމަ ސެޓު ބަނޑޮހުން ގެންދިޔައީ 25-22 އިންނެވެ. ނަމަވެސް ދެ ވަނަ ސެޓު 18-25 އިން ކާމިޔާބުކޮށް ވަން އެންޑް އޮންލީ އިން މެޗުގެ ތެރެއަށް ވަނެވެ. މި ސެޓުގައި ވަން އެންޑް އޮންލީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ.
ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންސް ލީގު ފައިނަލުގައި ބަނޑޮހާއި ވަން އެންޑް އޮންލީ ރީތި ރަށް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު އަހުސަން
އެކަމަކު ބަނޑޮހުން ވަނީ އެ ޓީމަށް ކުޅޭ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް ސާޖިދު (ކާއްޓޭ) އާއި އިޝާން މުހައްމަދު (ބަޓިސް)ގެ މޮޅު ކުޅުމާ އެކު ދެން ކުޅުނު ދެ ސެޓު ގެންގޮސް މެެޗު ކާމިޔާބު ކޮށްފަ އެވެ. ބަނޑޮހުން ސެޓުތައް ގެންދިޔައީ 25-23 އަދި 25-17 އިންނެވެ.
ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ބަނޑޮހުގެ ކާއްޓޭ އެވެ.
މި ދެ ޓީމު ވަނީ ޒޯން އެކެއްގެ ފައިނަލުގައި ވެސް ބައްދަލުކޮށްފަ އެވެ. އެ މެޗުން ވާދަވެރި ކުޅުމަކަށް ފަހު ބަނޑޮސް މޮޅުވީ ފަސް ސެޓަށް ގޮސްގެން، ތިން ސެޓު ދެ ސެޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭނުމީ މިނިވަންނަން / އައްޑޫ ސިޓީ
02 September 2016
ޤައުމީ ޓީމް ގެ ކުޅުންތެރިންގެ މެދުގައި ބާއްވާ މުބާރާތަކަށް ''އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ޗެމްޕިއަންސް ލީގު'' ނަން ދޭން ޖެހޭނެ އެއްވެސް ސަބަބެއް ނެތް. މި މުބާރާތުގައި ރިސޯޓް މުވައްޒިފުންގެ ބަދަލުގައި ''ޤައުމީ ސްކޮޑް'' ގެ ކުޅުންތެރިން ކުޅޭ ނަމަ މި މުބާރާތުގައި ބައިވެރިވުމާ މެދު ރިސޯޓް މުވައްޒިފުން ''ކަޑައެޅިގެން ދެކޮޅުހަދާން ޖެހޭ'' އެހެން ނޫން ނަމަ މިކަން ނުހުއްޓޭނެ. ރިސޯޓް މުވައްޒިފުން ބޭނުން ނުވާ ކަމެއް ކުރުމަށް ރިސޯޓުން އިސްކަމެއް ނުދޭނެ. އަދި އެފަދަ ކަމަކަށް ހޭދައެއް ވެސް ނުކުރާނެ. ހީއެއްނުވޭ މިނޫން ގޮތަކަށް ''މިހާރު ވޮލީބޯލް އެސޯސިއޭޝަންގައި ތި ތިއްބެވި ވެރިން ތިބެގެން'' މިކަން ބަދަލު ކުރާނެހެނެއް. / މިނިވަންކަން ، އައްޑޫ ސިޓީ
ޥޮލީބޯލް ލަވަރ
02 September 2016
ތިޔައީ އިންޓަރ ރިސޯޓް މުބާރާތެއްބާ ނޫނީ ޤައުމީ ޓީމުގެ ކުޅުންތެރިން ކުޅެން ރިސޯޓު މުބާރާތުގެ ނަމުގައި ބައެއްގެ އަމިއްލަ ފައިދާއަކަށް ކުޅޭ މުބާރާތެއްބާ؟ އެހެންޏާ ފަހެ މީފުކެއް ބޮޑުވަރު. މުބާރާތުގެ ނަމަކީ އިންޓަ ރިސޯޓު ޒޯން ޗެންޕިއަންޝިޕް. ކުޅުނު ދެ ޓީމުގަ ރިސޯޓުގެ މުވައްޒިފުންނަށް ވުރެ ގިނައީ ރާއްޖޭގެ ޤައުމީ ވޮލީ ޓީމުގެ ކުޅުންތެރިން. މި މުބާރާތުގެ މަގުސަދަކީ ކޮބައިބާ؟ ނޫނީ މި މުބާރާތުގެ ސަބަބުން ރިސޯޓުގެ ވަޒީފާގަ ތިބި ވޮލީ ކުޅޭ ކުދިންނަށް ލިބޭނެ ފުރުސަތަކީ ކޮބައިބާ. އެސޯސިއޭޝަންގެ މިކަހަލަ ކަންތަކުގެ ސަބަބުން ރިސޯޓު ވޮލީގެ ޒޯން 1ގެ ފޯރި ވަރަށް ބޮޑަށް މިވަނީ ކެޑިފަ، ކުރިމަގުގައި މިކަންތަކާ މެދު ވިސްނުމަކީ ދިވެހި ވޮލީ ކޯޓުތަކުން ހުނަރުވެރި އެތައް ކުޅުންތެރިންނެއް ފެނުމަކީ ދުރުގައި އޮތް ކަމެއް ނޫން. ރިސޯޓް ވޮލީ މީގެ އަހަރުތަކެއް ކުރިން ފެނުނީ ވަރަށް ފޯރިގަދަ ހުރިހާ ރިސޯޓެއްގެ މީހުން ވެސް އެއް ރޫހެއްގައި ނުކުމެ އެބަޔަކު ނިސްބަތްވާ ރިސޯޓެއްގެ ޓީމަށް ސަޕޯޓުކުރާ މަންޒަރު. މިކަންތައް އަލުން އަނބުރާ ގެނެވޭނީ ހަރުދަނާ ރަނގަޅު ވިސްނުމެއް ކުރިމަގަށް ގެންގުޅެގެން. މިހާރު މިވާ ގޮތަކީ ބަނޑޮހާއި ރީތިރަށް ކުޅެންޏާ އެކަނި ސަޕޯޓަރުންގެ ފޯރިއެއް ޒޯން 1ގެ މެޗެއްގައި މިފެންނަނީ.