އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ. --ފޮޓޯ:އޭއެފްޕީ
19 މެއި 2019 - 22:30
ނިއު ދިއްލީ (މެއި 19) - އިންޑިއާގައި މިއަދު ނިމުނު، ދިގު ދެމިގެން ދިޔަ އިންތިޚާބު ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ކޯލިޝަނުން ކުޑަ ތަފާތަކުން ނަމަވެސް ކާމިޔާބު ކުރާނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކައިފި އެވެ.
އިންޑިއާގެ މީޑިއާތަކުން މިއަަދު އާއްމުކުރި އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި ބީޖޭޕީ އަށް ބައެއް ގޮނޑި ގެއްލުނު ނަމަވެސް، ކޯލިޝަންގެ ބައިވެރިންގެ ތާއީދާ އެކު އެެ ޕާޓީ އަށް ޕާލަމެންޓުގެ ދަށު ގޭގެ 543 ގޮނޑީގެ އަޣުލަބިއްޔަތު ލިބޭނެ އެވެ. ބީޖޭޕީ އިސްކޮށް ހަރަކާތްތެރިވާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އިން ޕާލަމެންޓުގެ ދަށުގޭ ނުވަތަ ލޮކް ސަބާގެ 287 އާއި 306 އާ ދެމެދުގެ އަދަދެއްގެ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް މަދުވެގެން ހަތަރު އެގްޒިޓް ޕޯލުން ދައްކާފައިވެ އެވެ. ބީޖޭޕީން 2014 ވަނަ އަހަރުގެ އިންތިޚާބުގައި ހޯދާފައި ވަނީ 282 ގޮނޑި އެވެ.
އިދިކޮޅު އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީ އިސްކޮށް އޮވެ އުފައްދާފައިވާ ޔުނައިޓެޑް ޕްރޮގްރެސިވް އެލަޔަންސް (ޔޫޕީއޭ) އަށް ލިބޭނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކަނީ 128-132 އާ ދެމެދުގެ އަދަދެއްގެ ގޮނޑި އެވެ. އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ކޮންގްރެސް އަށް ލިބިފައި ވަނީ 44 ގޮނޑި އެވެ.
ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދަން ބޭނުން ވަނީ 272 ގޮނޑި އެވެ.
އެގްޒިޓް ޕޯލްތައް ހާމަކޮށްފައި ވަނީ އެޕްރީލް 11 ވަނަ ދުވަހު ފެށި އިންތިޚާބުގެ ފަހު ބުރުގެ ވޯޓުލުން މިއަދު ނިމުމާ އެކު އެވެ.
އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 900 މިލިއން މީހުންނަށް ލިބިގެންނެ އެވެ. ހަތް ބުރުގެ ހުރިހާ ވޯޓެއް ގުނާނީ ބުރާސްފަތި ދުވަހު އެވެ. ހަމަ އެ ދުވަހު ނަތީޖާ ވެސް އިއުލާން ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ނުވަވަނަ
20 May 2019
ޖަހާ ނުލަފާ ވައްތަރު
ސަމަންދަރު
20 May 2019
މޯދީ ދެވަނަ ދައުރަކަށް ހޮވުމަކީ އިންޑިއާގެ އެތައް މިލިއަން މުސްލިމުންނަށް ކުރިމަތިވާނެ ބޮޑު މުސީބާތަކަށް ވާނެ.
މުހައްމާ
19 May 2019
ތިޔަ އިންތިހާބެއްގެ ކުރިން ޕާކިސްތާނުގެ ޖަމާއަތަކުން އިންޑިއާގެ ޕެރަމިލިޓަރީ ސިފައިންތަކެއް މަރައިފިޔޭ ކިޔައިގެން ޖެހި ސަކަރާތުގެ ނަތީޖާ ތިޔަ ފެނުނީ. އިންތިޚާބު ބޯމަތިވެފައި އޮއްވާ މޯދީގެ ތާއީދު ކުޑަކަން ހާމަވުމުން އެންމެ ފަސޭހައިން ރައްޔިތުންގެ ތާއީދު ލިބޭނީ ޕާކިސްތާނާ ކޮންމެވެސް ޖެއްސުމެއް ކޮށްލައިގެންކަން ހިންދޫ ވަތަނީ ޕާޓީގެ ލީޑަރަށް އިނގޭ. އެހެންވެ އަޑިއަޑިން ރާވައިގެން އިންތިޚާބު ކާމިޔާބުކުރަން ޖެއްސި ގޭމެއް ޕާކިސްތާނު ކުޅިގަނޑަކީ .
ހިގޮ
19 May 2019
ތިހެން ތިކަންވެއްޖިއްޔާ ކިތައްމެހާވެސް ރަގަޅު އަހަރެމެންގެ ގައުމުގެ އެމްޑީ ޕީ ސަރުކާރު ގެ ގުޅުން ވަރުގަދަވާނެ އިންޑިޢާ އެކު
ކަރީމުއްދީން ބާޝާ
19 May 2019
ތިވަރަށް ކަޑަވީ.