ކުޅިވަރު / ރައްޔިތުންގެ މަޖިލިސް

އެފްއޭއެމް-މިނިސްޓްރީ މައްސަލަ އިޖްތިމާއީ ކޮމިޓީއަށް

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް (ވ) އާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް.

ސްޕޯޓްސް މިނިސްޓްރީން، އެފްއޭއެމްއާ ދެތެރޭ ފިޔަވަޅު އަޅާފައިނުވާތީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މަޖިލީހަށް މިއަދު ހުށަހެޅުއްވި ގަރާރު ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އަށް ފޮނުވައިފި އެވެ.

އެ ގަރާރު ކޮމިޓީ އަށް ފޮނުވަން ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމް ހުށަހަޅުއްވައި ހެންވޭރު ދެކުނު ދާއިރާގެ އަނދުން ހުސެއިން ޝަހީމް ތާއީދުކުރެއްވި ހުށަހެޅުމަށް ހާޒިރުވި 66 މެމްބަރުންގެ ތެރެއިން 58 މެމްބަރުން ވޯޓް ދެއްވި އެވެ.

ބަހުސް މަރުހަލާގައި ވާހަކަދެއްކެވި ގިނަ މެމްބަރުން ވަނީ މި ގަރާރަށް ތާއީދުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު އަދި ނިއު ރޭޑިއަންޓުގެ ޗެއާމަން މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަދި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ދޮންބިލެތް އަހުމަދު ހަލީމާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަދި އައި.އެފް.ސީ ގެ ކުރީގެ ހިންގުންތެރިޔާ ޗެކްމާކް އަހުމަދު ރަޝީދު ފާހަގަކުރެވެ އެވެ. ދެކޮޅަށް ވާހަކަދެއްކެވި މެމްބަރުންނަކީ ނިލަންދޫ ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ނައިބް ރައީސް އަބްދުލްމުހުސިން ހަމީދު (ޖޭފޯ) އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އެވެ.

އާޒިމްގެ ގަރާރުގައި އޮތީ ރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން، އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅާފައިނުވާތީވެ، އެ އެސޯސިއޭޝަނާ ދޭތެރޭ ގާނޫނުގައިވާ ގޮތުން ފިޔަވަޅު އަޅައިދިނުމަށް އެދިފަ އެވެ.

އާޒިމް މިއަދު ވިދާޅުވީ އެފްއޭއެމަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަދެއްޖެ ނަމަ ފީފާ އިން ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ގަބޫލުކުރާ ކަމަށާއި، އޭނާގެ ބޭނުމަކީ ނުފޫޒު ފޯރުވުން ނޫން ކަމަށާއި މައްސަލައަކީ ގާނޫނުގައިވާ ގޮތަށް އެފްއޭއެމްއާ މެދު ސްޕޯޓްސް މިނިސްޓްރީ އާއި ސްޕޯޓްސް ކޮމިޝަނަރު ފިޔަވަޅު އަޅާފައި ނެތުން ކަމަށެވެ.

"ތެދެއް، ތިން ވަނަ ފަރާތެއްގެ ނުފޫޒެއް ވަންނަ ކަމަށް ވަނީނަމަ އެ ފުރުސަތު އެބައޮތް. އެހެން ނަމަވެސް އަޅުގަނޑުމެން ނުފޫޒު އެތަނަށް ފޯރުވުމުގެ ގޮތުން ކުރާ ކަމެއް ނޫންކަން އެބަ ސާފުކޮށް ކަނޑައެޅިގެން އަޅުގަނޑު ހުށަހެޅި މައްސަލައިން އެނގޭނެ. އަޅުގަނޑުގެ މައްސަލައަކީ ގާނޫނުގައިވާ ގޮތުގެ މަތިން މިނިސްޓަރާއި އަދި ކޮމިޝަނާ އޮފް ސްޕޯޓްސް އެ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު ނާޅާ މިހާ ގިނަ ދުވަސް ވަންދެން އޮތްއޮތުން (އަދި އެކަން) ކުށްވެރިކޮށް މައްސަލަ ހުށަހެޅީ،" އާޒިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މި ފަދަ މައްސަލައެއް ހުށަހެޅުއްވިއިރު، އެ ޕާޓީ އަށް ނިސްބަތްވާ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ، މީގެ ކުރިން އެފްއޭއެމްގެ މައްސަލަތަކެއް ބަލަން މަސައްކަތްކުރައްވައިފަ އެވެ. އެގޮތުން މި ސަރުކާރު، ވެރިކަމާ ހަވާލުވިތާ ކައިރީގައި ސްޕޯޓްސް މިނިސްޓްރީން، އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލި އެވެ.

އެކަމަކު އެފްއޭއެމްގެ ތެރެއަށް ތިން ވަނަ ފަރާތަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށް އޭއެފްސީން އެންގުމުން، މިނިސްޓްރީން އެ މަސައްކަތް ހުއްޓާލީ އެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެ އެސޯސިއޭޝަނުގެ ހިންގުމަށް ފާޑުވިދާޅުވެ އަދި ތުހުމަތުތަކެއް ވެސް ކުރެއްވުމަށް ފަހު ދެން ފެނިގެން ދިޔައީ މިނިސްޓަރު މަހުލޫފު އެ ހިތްހަމަނުޖެހުންތައް އެ ފަރާތް ކުރެއްވުމަށް ފަހު ބައްސާމްއާ ސުލްހަވެވަޑައިގެންނެވި މަންޒަރެވެ.

އަދި ކަންކަން ހަމަޔަކަށް އެޅުމާ އެކު އެފްއޭއެމުން އިންތިހާބު ބާއްވަން ޖެހޭ ތާރީހުގެ ނުވަ މަސް ކުރިއަށް، މިދިޔަ މާޗު މަހަށް އިންތިހާބު ތާވަލުކުރި އެވެ. ކުރިމަތިލެއްވީ ބައްސާމް އެކަންޏެވެ. ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، އިންތިހާބު ފަސްކޮށް މި މަހުގެ ތެރޭގައި ބާއްވަން ރޭވި އެވެ.

ޖުމްލަ ހަ ނުކުތާއެއް ފާހަގަކުރައްވައި، ނިއު ރޭޑިއަންޓުގެ ކުރީގެ ޗެއާމަން އާޒިމް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނާ އަދި ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ސްޕޯޓްސް މިނިސްޓްރީ އަށް އެންގުމަށާއި އަދި އެ އެންމެހާ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ވ) އާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ނޫސްވެރިންގެ ބައްދަލުވުމެއްގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ ކުރީގެ މެމްބަރު ހުށަހެޅުއްވި ގަރާރުގައިވާ ގޮތުގައި މިއީ ރާއްޖޭގައި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާތަކާއި އެސޯސިއޭޝަންތައް އަދި ފެޑެރޭޝަންތައް ރެގިއުލޭޓްކޮށް ފާރަވެރިވުމަށާއި، ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން ގާއިމްކުރެވިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ސިޔާސުތައް ތަންފީޒްކުރުމުގެ މަސްއޫލިއްޔަތު ގާނޫނީ ގޮތުން މަތިކޮށްފައިވާ ފަރާތްތަކުން އެ ފަރާތްތަކުގެ ގާނޫނީ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި، އަދާކުރަމުން ނުގެންދާތީ، މިހާތަށް ވުރެ ބޮޑަށް ދައުލަތުން އެ ފަރާތްތަކަށް ސަމާލުކަން ދިނުމަށް އެދި ހުށަހަޅާ މައްސަލައެއް ކަމަށެވެ.

ހަމަ އެހެންމެ، މިއީ ދައުލަތުގެ ފެންވަރުގައި ރާއްޖެ ވާދަވެރިކޮށް ކުޅޭ، އެންމެހާ ކުޅިވަރުތައް ބައިނަލްއަގްވާމީ، ގައުމީ އަދި ރަށު ފެންވަރުގައި ކުރިއެރުވުމަށް ހިންގޭ ހަރަކާތްތައް އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ މީހުންނަށްމެ، ބައިވެރިވެވޭ ކުޅިވަރު ހަރަކާތްތަކެއްކަން ކަށަވަރުކޮށްދިނުމަށް މިހާރަށް ވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް އެދި ހުށަހަޅާ މައްސަލައެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ނޮވެމްބަރު، 16، 2016 ގައި އިންތިހާބުވި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން އެފްއޭއެމް ހިންގަމުން ގެންދަނީ އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދާ ކުޅިވަރު ގާނޫނު އަދި އެ ގާނޫނުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ކްލަބް ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާ ހިލާފަށް ކަމަށް ދެކޭ ކަމަށް، 2008-2012 އަށް އެފްއޭއެމްގެ ރައީސްކަން ކުރެއްވި، އެ އެސޯސިއޭޝަނުގެ ފުރަތަމަ އިންތިހާބީ ރައީސްގެ ގަރާރުގައި ވެ އެވެ.

އެ ކަމަށް ބާރުދޭން ހަ ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ. ގަރާރުގައި ބުނާ ގޮތުގައި އެފްއޭއެމްގެ ހިންގާ ކޮމިޓީ އިންތިހާބުވީ ފަހުން ތަފާތު އެކި ދުވަސްވަރު ހިންގާ ކޮމިޓީ އަށް ރަސްމީކޮށް އިންތިހާބުވި ބައެއް ފަރާތްތައް އެކިއެކި ސަބަބުތަކާ ހުރެ ހިންގާ ކޮމިޓީން އިސްތިއުފާ ދީފައިވެ އެވެ. އޭގެ ތެރެއިން ހުސްވި މަގާމްތަކަށް އެފްއޭއެމްގެ ހިންގާ ގަވާއިދު ބުނާ ގޮތަށް އެކިއެކި ފަރާތްތައް "އައްޔަން" ކޮށްފައިވާ ކަމަށް ވެސް ގަރާރުގައިވެ އެވެ.

ގަރާރުގައިވާ ގޮތުގައި، އެފްއޭއެމްގެ ހިންގާ ގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން، ހިންގާ ކޮމިޓީ އިންތިހާބުވުމަށް ފަހު، ހިންގާ ކޮމިޓީގެ މަގާމުތައް ނުވަތަ %50 މަގާމާ ހަމަޔަށް މަގާމެއް ހުސްވެއްޖެ ނަމަ ޖެހިގެން އޮންނަ ކޮންގްރެސްއާ ހަމަޔަށް އެ ހުސްވި މަގާމުތަކަށް މީހުން "އައްޔަން" ކުރުމުގެ ބާރު އެފްއޭއެމްގެ ހިންގާ ކޮމިޓީ އަށް ލިބިގެންވާ ކަމަށެވެ. އަދި ޖެހިގެން އަންނަ ކޮންގްރެސްގައި ހިންގާ ކޮމިޓީގެ ދައުރުގެ ބާކީ އޮތް ބަޔަށް އެ "އައްޔަނު" ކުރެވުނު މަގާމުތަކަށް އަލުން މީހުން "އިންތިހާބު" ކުރަން ޖެހޭކަން ސާފުކޮށް އެނގެން އެބައޮތް ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި ކްލަބް ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ "ށ" ގައި ޖަމިއްޔާއެއްގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން ހިންގާ ކޮމިޓީ އަލުން އިންތިހާބު ކުރަން ވާނެ ކަމަށާއި އަދި ހިންގާ ކޮމިޓީގެ ދައުރު ހަމަވުމުގެ ކުރިން ހިންގާ ކޮމިޓީގެ މަގާމެއް ހުސްވެއްޖެ ނަމަ އެ މަގާމަށް 30 ދުވަހުގެ ތެރޭގައި އިންތިހާބުކުރަން ވާނެ ކަމަށް އޮތް ކަމަށް ވެސް ގަރާރުގައި ބުނެ އެވެ.

ކުޅިވަރު ގާނޫނުގެ 8 ވަނަ މާއްދާގެ "ށ" ގައި ރާއްޖޭގައި ވާދަވެރި ގޮތުގައި ކުޅެވޭ އެންމެހާ ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ އަދި އެސޯސިއޭޝަންތައް ރަޖިސްޓްރީކުރުމާއި އެ ފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ފަރާތްތައް އަމަލުކުރޭތޯ ފާރަވެރިވެ، ކަނޑައެޅިފައިވާ އުސޫލުން އަމަލު ނުކުރާ ފަރާތްތަކާ މެދު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އޮތްކަން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގެ 34 ވަނަ މާއްދާގައި ބުނާ އަދަދަށް ކޮންމެ މަހަކު އެއް ފަހަރު، ހިންގާ ކޮމިޓީގެ ބައްދަލުވުން ބާއްވާފައި ނުވުމާއި އަދި 83 ވަނަ މާއްދާގައި ބުނާ އެސޯސިއޭޝަންތައް އުފަންކޮށްފައި ނެތް ކަމަށް ވެސް ގަރާރުގައި ބުނެފައި އެވެ.

މީގެ އިތުރުން ކްލަބް ޖަމިއްޔާ ރަޖިސްޓްރީކޮށްގެން ހިންގުމުގެ ގަވާއިދުގެ 39 ވަނަ މާއްދާގެ "ހ" ގައި ޖަމިއްޔާ ރަޖިސްޓްރީކުރާ ތާރީހުން ފެށިގެން ދެ އަހަރުވާއިރު، އެ ޖަމިއްޔާއަކުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ނުކުރާ ނަމަ، ނުވަތަ އެއިން އެއްވެސް ކަމެއް ނުކޮށް ވިދިވިދިގެން ދެ އަހަރު، ވެފައިވާނަމަ އެ އެސޯސިއޭޝަނެއްގެ ރަޖިސްޓްރޭޝަން ބާތިލްކުރުމުގެ ބާރު ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ލިބިގެންވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އެހެންވެ އެކަންކަމަށް ބެލުމަށް ފަހު، މި ގަރާރުގައި ބުނެފައިވަނީ ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

1 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންޑޭލާ

01 July 2020

ބަދަލު ހިފަނީކަންނެގެ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454