މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގެ މެޗަކަށް ފަހު އަމީރީ (ކ) ނިއުގެ ސަޕޯޓަރުންނާ އެކު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
24 މެއި 2019 - 22:39
ނިއު ރޭޑިއަންޓަށް މިދިޔަ ސީޒަނުގައި ކުޅުނު އަފްގާނިސްތާނުގެ ހާރޫން އަމީރީ އަށް ދޭން ޖެހޭ މުސާރަ ދިނުމަށް ފީފާ އިން ދިން މުހުތަލުގައި ފައިސާ ދައްކާފައިނުވާތީ، އެ ފައިސާ ދެއްކުމާ ހަމަޔަށް ކުރިއަށް އޮތް ތިން ޓްރާންސްފާ މުއްދަތުގައި ނިއު އަށް ކުޅުންތެރިން ނުގެނެވޭނެ ކަމަށް ފީފާ އިން އަންގައިފި އެވެ.
ފީފާ އިން މިދިޔަ ފެބްރުއަރީ މަހު ނިއު އަށް އަންގާފައިވަނީ އަމީރީގެ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 13،250 ޑޮލަރާއި އުސޫލުން ބޭރުން ކޮންޓްރެކްޓް ބާތިލުކޮށްފައިވާތީ 30،130 ޑޮލަރު (ޖުމްލަ 703،707ރ.) 45 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އަދި އެ މުއްދަތުގައި އެ ފައިސާ ނުދައްކައިފި ނަމަ ކުރިއަށް އޮތް ތިން ޓްރާންސްފާ މުއްދަތުގައި ކުޅުންތެރިން ނުގެނެވޭ ގޮތަށް އަދަބު ދޭނެ ކަމަށް އޭރު އޮތީ އިންޒާރު ދީފަ އެވެ.
އޭގެ ފަހުން މޭ 15 ވަނަ ދުވަހު ފީފާ އިން ވަނީ ނިއު އިން އެއަށް އަމަލުކުރިތޯ ބެލުމަށް އެކަމުގެ ލިޔެކިޔުންތައް ފޮނުވަން އެދިފަ އެވެ. އެކަމަކު އެއަށް އަމަލުކޮށްފައިނުވާތީ މިއަދު ފޮނުވި ސިޓީގައި ބުނީ ޖެހިޖެހިގެން ތިން ޓްރާންސްފާ މުއްދަތުގައި ދިވެހި އަދި ބިދޭސީ ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ދޭން ބުނި އަދަބަށް ދެން އޮތް ޓްރާންސްފާ ޕީރިއަޑުން ފެށިގެން އަމަލުކުރަން ފެށޭނެ ކަމަށެވެ. އެކަމަކު އޭގެ ކުރިން ވެސް އެ ފައިސާ ދައްކައިފި ނަމަ އަދަބުން ސަލާމަތްވާނެ ކަމަށް ބުނެފައިވެ އެވެ.
ފީފާ އިން ވަނީ މިދިޔަ ސީޒަނުގައި ނިއު އަށް ކޯޗުކޮށްދިން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒްގެ މުސާރަ ދޭން ވެސް މާޗު މަހު ނިއު އަށް އަންގައިފަ އެވެ. އެއީ މުސާރައިގެ ގޮތުގައި ޓަވަރޭޒަށް ދޭން ޖެހޭ 4000 އެމެރިކާ ޑޮލަރު (61،680ރ) އާއި ނިއު އިން ހަދާފައިވާ ކޮންޓްރެކްޓާއި ހިލާފުވެފައިވާތީވެ ބަދަލެއްގެ ގޮތުން ދޭން ޖެހޭ 20،000 އެމެރިކާ ޑޮލަރު (308،400ރ) އަދި ފީފާ އަށް ދޭން ޖެހޭ 7961 އެމެރިކާ ޑޮލަރު (122،758ރ) އެވެ. އިންޓްރެސްޓާ އެކު ނިއު އިން ދައްކަން ޖެހޭ ޖުމްލަ އަދަދު މުޅި ޖުމްލަ 33،161 އެމެރިކާ ޑޮލަރު (511،342.62ރ) އަށް އަރާނެ އެވެ.
ރާއްޖޭގެ ކްލަބްތަކަށް ގެންނަ ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދޭ ގިނަ މައްސަލަތަކެއް މިހާރު ވެސް ފީފާ އަށް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަށް މުސާރަ ލިބެނީ އެ މައްސަލަ ހުށަހަޅާތާ އެތަކެއް ދުވަސް ފަހުންނެވެ.ކް ލަބް ވެލެންސިއާ އަށް 2016 ވަނަ އަހަރު ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު އެންހެލް މުނޯޒަށް ނުދީ އޮތް މުސާރަ ދެ އަހަރަށް ފަހު އޭނާ އަށް ދިނީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެކި މުހުލަތުތަކެއް ދީގެން މުނޯޒަށް ޖުމްލަ އެކު ވެލެންސިއާ އިން މުނޯޒަށް 9595 ޑޮލަރު (147،954 ރުފިޔާ) ދައްކަން ޖެހުނެވެ. އަދި ދާދި ފަހުން ވިކްޓަރީ އަށް 2016 ވަނަ އަހަރު ކުޅުނު ޖަޕާނުގެ މިޑްފީލްޑަރު އަޓްސުޝީ ޝިމޯނޯ އަށް މުސާރަނުދީ އޮތް މައްސަލައެއްގައި އެ ކްލަބުން ޖަވާބުދާރީ ނުވާތީ އެ ޓީމު އަތުން ތިން ޕޮއިންޓު އުނިކުރަން ފީފާ އިން އެފްއޭއެމް އަށް އެންގި އެވެ.
އަމީރީ މައްސަލައިގައި ފީފާ އިން އަދަބު ދިން އިރު، އެފްއޭއެމުން އޮތީ ދިވެހި ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނިއު ސަސްޕެންޑްކޮށްފަ އެވެ. އެއީ އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އުޅުމުން ދިން އަދަބެއް ކަމަށާއި ސްޕޮންސަރުންނާއި އެހެނިގެން ގޮތްގޮތުން ފައިސާ ހޯދެން އޮތީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު އޮވެގެން ކަމަށްވާތީ ސަސްޕެންޝަން އުވާލައިދޭން ނިއު އިން އެދުނެވެ.
އެއާ އެކު މުސާރަ ދޭން އެފްއޭއެމްގެ ޕްލޭޔާސް ކޮމިޓީން އެ ކްލަބަށް މުހުލަތެއްދީ އަދި އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ހަލާސްކުރަން މަސައްކަތްކުރަމުން އަންނަނިކޮށް، އެފްއޭއެމްގެ ކޮންގްރެސް އިން އަންނަ އަހަރުގެ ކޮންގްރެސްގެ ނިޔަލަށް ސަސްޕެންޝަން ދެމެހެއްޓީ އެވެ.
އެކަމަކު ޗެއާމަން މުހައްމަދު ޒިޔާދު އިސްތިއުފާ ދިނުމުން، ނިއު އިން މިހާރު އަންނަނީ އެކްޓިން ޗެއާމަނަކަށް ސައްޔިދު އަލީ ހަމަޖައްސައި އަދި ބޯޑުގެ މެމްބަރުންނާއި ސަޕޯޓަރުން ހިމެނޭ ކޮމިޓީއެއް ނަގައި އަންނަ ސީޒަނުގައި ކުޅުމުގެ ފުރުސަތު ލިބޭތޯ މަސައްކަތްކުރަމުންނެވެ. އަދި ފުރުސަތު ލިބިއްޖެ ނަމަ އެކުލަވާލާ ޓީމަށް ކޯޗުކޮށްދިނުމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާ އަންނަނީ ވާހަކަދައްކަމުންނެވެ.
އެ ފުރުސަތު ލިބެން އޮތީ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ސަސްޕެންޝަން އުވާލަން މެމްބަރު ކްލަބްތަކުން ވޯޓްދީފި ނަމަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރިޔާ
27 May 2019
ސާބަސް
މުރޭ
26 May 2019
ޓެޑު ނޫޅޭތަ އިސްތިއުފާ ދޭކަށް؟ ނޫނީ އޭނަ ބޭރު ކުރާކަަށް ނުވޭތަ؟ މުޅި ޓީމު އިނދަޖައްސާލައިފި. މުޅި ޓީމް ހަމަ ފުނޑާލައިފި. ހެޔޮ ނުވާނެ ޓެޑު ބޭރުކުރޭ
ނިއު
25 May 2019
ކޮބާ އެފް އޭ އެމް އިން ނިއުއަށް ދޭންޖެހޭ 14 މިލިއަން ރުފިޔާ.......
މުރޭ
25 May 2019
ހަމަ ފިސާރި ތެދެއް މި ބުނީ ނިއު ސަލާމަތް ކުރަންޏާ މިހާރުން މިހާރަށް ޓެޑު ބޭރުކުރޭ. އެ ނޫން ހައްލެއް ނެތް. ޒިޔާދު ބޭރުކުރިއަކަސް ލާރިއެއް ނުލިބޭނެ. ޓެޑު ހުއްޓާ ކުޅޭނެ މީހަކު ނުވާނެ
މުރޭ
25 May 2019
ދެން މަ ހީހީ. ކޮބާތަ އެއްކަލަ ޓެޑު؟
އިޙްސާސް
25 May 2019
ނުފޯރާފޮތިން ފޫގަޅަން އުޅެންޏާ ވާނީ މިހެން. އަވަށު ލޯބީގައި ކުޅުނު ޒަމާނެއްނޫން މިއީ. މުސާރައަށް ކުޅުންތެރިން ގެންނަންވާނީ ތިމާމެނަށް އެއަދާ ކުރެވޭނެ ކަމަށްވަންޏާ.
މުރޭ
25 May 2019
ނިއުއަށް މިއަދު މި ދިމާވި ހިތްދަތި ކަމުގެ ޒިންމާ އުފުލަން ޖެހޭނީ ފުރަތަމަ ކަމަކަށް ޓެޑު. ޓެޑަކީ ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ހުރި މީހެއް ނޫން. މިހާރުން މިހާރަށް ޓެޑު ބޭރުކުރަން ގޮވާލަން. ޓެޑު ގޮވައިގެނެއް ނުވާނެ! ނުވާނެ، ހަމަ ނުވާނޭ މި ބުނަނީ ވަރަށް ކެރި ހުރެ އެކަން އެނގޭތީ. ބޮޑު ފެއިލިއަރެއް. ތިމަރަފުށިންވެސް ބޭރުކުރީ އެހެންވެ
އިއްސޭ
25 May 2019
ކީތްކުރާނީ، ރާއްޖޭގެ އެންމެ ސަޕޯޓަރުންގިނަ ކްލަބްވެސް މިހިންގަނީ ސައިކަލު މަޑިދަށުން. ނިއު، ވިކްޓްރީ އަދި ވެލެންސިޔާއާއި ދެކޮޅަށް މިހާރު ފީފާއިންވަނީ އެކިމިންވަރުގެ އަދަބުތައް ކަނޑައަޅާފަ. މިތިންކްލަބުގެ ވެރިން ހީކޮށްގެންތިބީ އެއްޒަމާނެއްގަ ރަސްކަންކުރެވުނީމަ ތާއަބަދަށް މިހެން ބޭނުންގޮތަކަށް އުޅެވޭނެކަމަށް. ކުރީގަ ބައިބަލާކުޅެއުޅުން ކްލަބްތައް މިހާރު އެތިބީ ފުޓުބޯޅައިން މާބޮޑަށްވެސް ކުރިއަރައިގެން ގޮއްސަ. ނިކަން ފިލާވަޅެއް ހާސިލުކޮށްބަ ދެންވެސް.
ޒީކާ
25 May 2019
ނިއު ސަޕޯޓަރުންނަށް ފަސޭހައިން ފައިސާ ކޮންޓްރިބިއުޓް ކުރެވޭ ގޮތަށް ރާވަބަލަ. ކޮންމެ ސަޕޯޓަރަކު 100 ދިނަސް މިލިއަން ރުފިޔާ ހަމަކުރެވޭނެ ފަސޭހައިން. ސަޕޯޓަރުން އެހީވާން ތައްޔާރަށް މިތިބީ.
ޕަޕެޓްމާސްޓަރ
25 May 2019
ކޮބާ އެއްކަލަ އެފްއޭ އެމް ގޯސްކޮށްގެން އުޅުނު މިނިސްޓަރާ، ކްލަބް ތަކާ، ސަޕޯޓަރުން؟ މިހާރު އެނގިއްޖެ މި ހަމަ ބަޔަކާ ޖައްސާލއިގެން ކަން މިނިސްޓަރާ، ވިކްޓަރީ އާ އުޅުނީ...