ފުޓްބޯޅަ އެރީނާއެއް އެޅުމަށް މާފަންނު ސްޓޭޑިއަމްގެ ހުޅަނގު އުތުރު ސަރަހައްދުން އެފްއޭއެމަށް ދޫކޮށްފައިވާ ބިމުގައި ހުރި މުދަލާއި ވެހިކަލް އަދި އެހެނިހެން ވެސް މުދާތައް 14 ދުވަހުގެ ތެރޭގައި ނަގައި ބިން ހުސްކުރަން އެފްއޭއެމުން ނޯޓިހެއް ނެރެފި އެވެ.
ގެޒެޓްގައި އިއްޔެ ކުރި އާންމު އެންގުމުގައި ބުނީ، މާފަންނު ސްޓޭޑިއަމް ސަރަހައްދު 387 ނަންބަރު ކޮށިގައި ހަދަމުން އައި ސްޕޯޓްސް އެރީނާ އާއި އޮފީސް އިމާރާތާ އިންވެންގެން އިރުމައްޗަށް އޮތް ބިމުގައި ފުޓްބޯޅަ ބޮޑު ދެ ދަނޑު އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންވެ، އެ ސަރަހައްދުގައި އަމިއްލަ ފަރާތެއްގެ ނުވަތަ ކުންފުންޏެއްގެ މުދަލެއް، އުޅަނދެއް ފަދަ އެއްވެސް އެއްޗެއްވާ ނަމަ 14 ދުވަސްތެރޭގައި އެއެއްޗެއް ނެގުމަށް އެފްއޭއެމުން އެންގި އެވެ.
މުދާތަކާއި ވެހިކަލްތައް ނަގައި ހުސްކުރަން ޖެހޭ ބިމުގެ ސަރަހައްދު އެނގޭނެ ކުރެހުމެއް އެ އިއުލާނާ އެކު ހިމަނާފައި ވެއެވެ. އެ ކުރެހުމުގައި ވާގޮތުން ހުސްކުރަން ޖެހޭނީ ފެހިކުލައިން ފާހަގަކޮށްފައިވާ ސަރަހައްދެވެ.
ފީފާގެ ހަރަދުގައި ސޕޯޓްސް އެރީނާއެއް ތަރައްގީ ކުރުމަށް، ސަރުކާރުން ވަނީ އެ ބިން 50 އަހަރަށް އެފްއޭއެމަށް ދީފަ އެވެ.
ނަމަވެސް އެ ބިމުގެ ބޭނުންކުރަމުންދަނީ، އެފްއޭއެމަށް އެ ބިން ދިން މަގްސަދާ މުޅިން ހިލާފަށެވެ. އޮފީސް އިމާރާތަކާ އެކު، ފުޓްބޯޅައިގެ ހިދުމަތަށް ބޭނުން ކުރަން ހަދާފައިވާ އިމާރާތުގައި ހުރީ އަމިއްލަ ވިޔާފާރިތަކުގެ ގުދަންބަރިތަކެވެ.
ގުދަންބަރި ހަދަން، އަމިއްލަ ވިޔާފާރިތަކަށް އެ އިމާރާތުގެ އެކި ބައިތައް ކުއްޔަށް ދީފައިވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގަ އެވެ. އެ ނިންމުން އެފްއޭއެމުން ނިންމީ އެކްސްކޯއިން ވެސް ފާސްނުކޮށެވެ. އަދި ސްޕޯޓްސް މިނިސްޓްރީ އާއި ފީފާގެ މަޝްވަރާއެއް ވެސް ހުއްދައެއް ވެސް ހޯދާފައި ނުވާ ކަމަށް އެފްއޭއެމުން ބުންޏެވެ.
އެ ބިމުގައި ހަދާފައިވާ އިމާރާތުގެ އެކި ބައިތަކާއި ބިމުގެ އެކި ޖާގަތައް އެކި ފަރާތްތަކަށް ކުއްޔަށް ދިނުމަށް ހަދާފައިވާ އެއްބަސްވުންތަކަށް އަމުލުކުރަން ހުއްޓާލުމަށް މިދިޔަ ހޯމަ ދުވަހު އެފްއޭއެމްގެ އެކްސްކޯއިން ނިންމި އެވެ.
އެކަމަކު އަދި ގުދަން ބަރިތައް ހުސްކުރަން ނޯޓިސް ނެރެފައެއް ނުވެ އެވެ.
މާފަންނު ސްޓޭޑިއަމްގައި އޮތް އެފްއޭއެމްގެ އެ ބިމާއި ހުޅުމާލޭގައި ފުޓްބޯޅަ ސްކޫލެއް ހަދަން ދީފައިވާ އޮތް ބިމުގައި އިމާރާތް ކުރުމުގެ އިތުރު އެއްވެސް މަސައްކަތެއް ނުކުރަން މިދިޔަ އަހަރުގެ އޯގަސްޓް މަހު އެފްއޭއެމުން އިއުލާނެއް ކުރި އެވެ. އެ ދެ ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށާއި ސަބްލީސްކޮށް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން ވެސް އެ އެއްބަސްވުންތަކުގެ ކޮޕީ ފޮނުވުމަށް ވެސް އެ މަހު އެފްއޭއެމުން ކުރި އިއުލާނުގައި ވެ އެވެ.
އެފްއޭއެމުން އިއްޔެ ނެރުނު އާންމު އެންގުމުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު ކުރި އެ އިއުލާނާ ގުޅިގެން ސްޕޯޓްސް އެރީނާގެ ބިމުގައި، ހަދާފައިވާ އިމާރާތް ހުރި ބިން ފިޔަވައި އެ ކޮށީގެ އިތުރު ތަންތަން އެކި ކަންކަމަށް ދޫކޮށްފައިވާ ކަމުގެ ލިޔުން އެކި ފަރާތްތަކުން އެ އެސޯސިއޭޝަނަށް ފޮނުވާފައިވާ ކަމަށެވެ.