28 މެއި 2019 - 12:22
މެޑްރިޑް (މެއި 28) – ޗައިނީސް ސުޕަ ލީގުގެ ކްލަބަކަށް ބަދަލުވުމަށް ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް އެދުނު އެދުމަށް އެއްބަސްވެވޭނީ ޓްރާންސްފާ ފީ އެއް ދެއްކުމުން ކަމަށް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.
މެޑްރިޑާ އެކު ރާމޯސް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2021 ގަ އެވެ. އެހެންވެ ކްލަބް ބަދަލުކުރެވޭނީ މެޑްރިޑުގެ ރުހުމާ އެކު އެވެ. ޕެރޭޒް ވިދާޅުވީ ރާމޯސް އާއި އޭނާގެ މަންދޫބުން ބައްދަލުކުރި ކަމަށާއި ޗައިނާ ލީގުގައި ޓްރާންސްފާ ފީ ގެ ކަންތައްތައް އޮތްގޮތުން ރާމޯސް ބޭނުންވީ ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރަން ކަމަށެވެ.
"އަހަރެން ބުނިން އޭނާ އަށް އެގޮތަށް ކްލަބް ދޫކޮށްނުދެވޭނެޔޭ. އަހަރެމެން ބުނިން އޭނާ ބޭނުންވެގެން އުޅޭ ޗައިނީސް ކްލަބާ އަހަރެމެން ވާހަކަދައްކާނަމޭ. ކްލަބުގެ ކެޕްޓަން އެއްވެސް އަގެއް ނުދީ ދޫކޮށްނުލެވޭނެ. އޭރުން ވަރަށް ގޯސް ކަމެއް އެފެށެނީ،" ޕެރޭޒް ވިދާޅުވި އެވެ.
ސެވިއްޔާ އިން 2005 ވަނަ އަހަރު މެޑްރިޑަށް ބަދަލުވި ރާމޯސް ވަނީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ސްޕެނިޝް ލީގު ވެސް ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ. އޭނާ ކްލަބް ބަދަލުކުރުމުގެ ވިސްނުމެއް ގެންއުޅެނީ ފެށީ އަންނަ ސީޒަނަށް މެޑްރިޑުގެ ސްކޮޑް އޯވަހޯލްކުރަން ކޯޗު ޒައިނުއްދީން ޒިދާން މަސައްކަތް ފެށުމުންނެވެ. އުމުރުން 33 އަހަރުގެ ރާމޯސް ހޯދަން ޔޫރަޕުގެ ބައެއް ބޮޑެތި ކްލަބްތަކުން ވެސް ބޭނުންވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy