ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ނިލަންދޫގެ ކޯޗަކީ ފެސްކޯ، މިއަދު ޕްރެކްޓިސް ފަށަނީ

ނިލަންދޫގެ ކޯޗަކަށް ހަމަޖެއްސި ފެސްކޯ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ފ. ނިލަންދޫ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ވެލެންސިއާގެ ކުރީގެ އަހުމަދު މުޖުތަބާ (ފެސްކޯ) ހަމަޖައްސައި މިއަދު ޕްރެކްޓިސްތައް ފަށަން ނިންމާފައިވާ ކަމަށް އެ ޓީމުން ބުނެފި އެވެ.

މި ފަހަރުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ފަހުން ޕްރެކްޓިސް ފަށާ ޓީމަކީ ނިލަންދޫ އެވެ. ކްލަބް ލައިސަންސިން ކަންތައްތައް ފުރިހަމަނުވާނެތީ މި ފަހަރު ލީގުގައި ނިލަންދޫ އަށް ކުޅެވޭނެ ކަމާމެދު ވެސް މީގެ ކުރިން ސުވާލު އުފެދުނެވެ. ނިލަންދޫ އިން މިދިޔަ އަހަރު ލީގުގައި ވާދަކުރީ ޖަމިއްޔަތުން ޝަބާބު ނިލަންދޫގެ ނަމުގައި ކޮމިޝަނާ އޮފް ސްޕޯޓްސް އިން ދީފައިވާ ވަގުތީ ހުއްދައަކާ އެކު އެވެ.

އެފްއޭއެމުން މި ފަހަރުގެ ލީގުގައި ވާދަކުރާ ޓީމުތައް އޭއެފްސީ ކްލަބް ލައިސަންސް މިންގަނޑަށް ފެތެން ލާޒިމުކޮށްފައިވާއިރު، ނިލަންދޫ އަށް އެކަމުގައި ހުރަސްތަކެއް ހުއްޓެވެ. ނިލަންދޫ ޕްރިމިއާ ލީގުގައި ވާދަކުރަން ފުރިހަމަކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު، އެ ޓީމުގެ އޮފިޝަލަކު "މިހާރަ"ށް ބުނީ ނިލަންދޫ ފުޓްބޯލް ކްލަބްގެ ނަމުގައި އާ ޓީމެއް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށް ދެން ހުރި ކަންތައްތައް ފުރިހަމަ ކުރަމުން އަންނަ ކަމަށެވެ.

ނިލަންދޫގެ ކޯޗަކަށް މިދިޔަ އަހަރު މަސައްކަތްކުރީ ނިއު ރޭޑިއަންޓުގެ ކުރީގެ ފޯވާޑް އާދަމް އަބްދުއްލަތީފް (ލައްޗޭ) އެވެ. ކޯޗިންގައި ށ. ފޯކައިދޫ އާއި ވެލެންސިއާ އަދި ނިއުގައި ވެސް މަސައްކަތްކުރި ލައްޗޭ ވަނީ މިދިޔަ ފަހަރު ލީގުގެ ގަދަ ހަޔަކުން ނިލަންދޫ އަށް ޖާގަ ހޯދައިދީފަ އެވެ.

މި ސީޒަނުގައި ނިލަންދޫގެ ކޯޗަކަށް ހަމަޖެއްސި ފެސްކޯ "މިހާރަ"ށް ބުނީ މިދިޔަ އަހަރު ވެސް ނިލަންދޫއާ ހަވާލުވުމަށް ވާހަކަތަކެއް ދެކެވުނު ކަމަށާއި އެކަމަކު އޭރު ކަންތައްތައް ހުރި ގޮތުން އެ ޓީމުގެ ބެންޗުން ނުފެނުވީ ކަމަށެވެ.

"މިދިޔަ އަހަރު ވެސް ނިލަންދޫ އިން މަޝްވަރާކުރި. އެކަމަކު އޭރު ކަންތައްތައް ހުރި ގޮތުން ނެތް ހަވާލުވެވެން. އެއީ ރަށުގައި ޕްރެކްޓިސް ކުރުމާއި އެ ކަހަލަ ކަންތައްތަކެއް ހުރީމަ. ދެން މި ފަހަރު އެ ކަހަލަ ކަންތައްތައް ވެސް ހައްލުވެ ނިލަންދޫއާ އެކު އެއްބަސްވުމަކަށް އާދެވިފައި އޮތީ،" ފެސްކޯ ބުންޏެވެ.

ވެލެންސިއާ އިން ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު ފުޓްބޯޅަ ކެރިއަރު ފެށި ފެސްކޯ އެ ކްލަބަށް އަހަރުތަކެއް ކުޅުމަށް ފަހު 1996 ވަނަ އަހަރު ކްލަބް ލެގޫންސާ ގުޅުނެވެ. އޭގެ ފަހުން 1997 ގައި އެނބުރި ވެލެންސިއާ އަށް ދިއުމަށް ފަހު 1998 ވަަނަ އަހަރު ނިއު ރޭޑިއަންޓާ ގުޅުނެވެ. އެކަމަކު ނިއުގެ ޕްރެކްޓިހުގައި ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުން ހުއްޓާލީ އެވެ.

ނިލަންދޫ ޓީމުގެ ކެޕްޓަން ބޯޅަ ހިފައިގެން. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއަށް ފަހު ކޯޗިން ފަށައި 1999 އަދި 2000 ވަނަ އަހަރު ލާސްލޯ ކިސްގެ އެސިސްޓަންޓެއްގެ ގޮތުގައި ވެލެންސިއާގައި މަސައްކަތްކުރި އެވެ. އޭނާ ވެލެންސިއާގެ ހެޑްކޯޗުކަމާ ހަވާލުވީ 2001 ވަނަ އަހަރުގެ ފަހުކޮޅެވެ. އަދި އެ އަހަރުގެ ޕޮމިސް ކަޕް އެ ޓީމަށް ކާމިޔާބުކޮށްދީ އުމުރުން އެންމެ 28 އަހަރުގައި ބައިނަލްއަގްވާމީ މުބާރާތެއް ކާމިޔާބުކުރި ދިވެހި އެންމެ ޒުވާން ކޯޗުގެ ޝަރަފް ހޯދި އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އުމުރުން 16 އަހަރުގައި ފުރަތަމަ ފަހަރަށް ގަލޮޅު ދަނޑަށް ނެރުނީ އެ މުބާރާތުގައި ފެސްކޯ އެވެ.

ވެލެންސިއާ އަށް ދެ އަހަރު ކޯޗުކޮށްދިނުމަށް ފަހު އޭނާ ވަކިވީ 2003 ވަނަ އަހަރުގެ ޕޮމިސް ކަޕުގެ ފައިނަލުން އިންޑިއާގެ މަހިންދުރަ ޔުނައިޓެޑް އަތުން ބަލިވި ހިސާބުންނެވެ. އެކަމަކު ސީޒަނުގައި ވެލެންސިއާ އިން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ލީގު ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި އެވެ. އެއަށް ފަހު ޖެހިގެން އައި އަހަރު ފެނުނީ މޫސާމަނިކު (ކުޑަމޫސަ) ގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުއްރިއްޔާ ސްޕޯޓްސް ކްލަބުންނެވެ. އަދި އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ދެ ވަނަ މަގާމް ގައުމީ ޓީމު ހޯދިއިރު އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކުރި އެވެ.

އޭގެ ފަހުން 2009 ވަނަ އަހަރު ވެސް ގައުމީ ޓީމުގައި މަސައްކަތްކުރިއިރު އޭނާ ވަނީ އޭވައިއެލް އާއި ވިޔަންސާ އަށް ވެސް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދީ އަދި އެފްއޭއެމްގައި ވެސް މަސައްކަތްކޮށްފަ އެވެ. ދެ ވަނަ ޑިވިޝަނުގައި މަހިބަދޫ ސްޕޯޓްސް ކްލަބަށް ވެސް ކޯޗުކޮށްދިން ފެސްކޯ އޭގެ ފަހުން ވިކްޓަރީގައި ވެސް މަސައްކަތްކުރި އެވެ. އެންމެ ފަހުން ފެސްކޯ ފެނުނީ 2017 ވަނަ އަހަރު ވެލެންސިއާ އިންނެވެ. މީގެ ކުރިން ދެ ހާހުގެ ކުރީކޮޅުގައި ފެސްކޯ ވަނީ ތ. ވޭމަންޑޫ ޓީމަށް ވެސް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދީފަ އެެވެ.

ނިލަންދޫ އިން މިއަދު ހަވީރު ޕްރެކްޓިސް ފަށާއިރު އެ ޓީމާ ގުޅެން ބޭނުންވާ ކުޅުންތެރިންނަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

މި ފަހަރުގެ ލީގުގައި ވާދަކުރަން އަދި އޮތީ ޓީސީ، މާޒިޔާ، އީގަލްސް، ޔުނައިޓެޑް ވިކްޓަރީ، ގްރީން ސްޓްރީޓްސް، ވިކްޓަރީ، ށ. ފޯކައިދޫ، ފ. ނިލަންދޫ އަދި މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޑަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. ކުޅުންތެރިންނަށް މުސާރަނުދޭ މައްސަަލައިގައި ނިއު ސަސްޕެންޑްކޮށްފައިވާއިރު، އެ ޓީމަށް ކުޅެވޭ ގޮތް ހެދުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އަންނަ ހަފްތާގެ ހުކުރު ދުވަހު ކުޅޭ ޗެރިޓީ ޝީލްޑް މެޗުގެ ފުރަތަމަ ލެގުން ފުޓްބޯޅަ ސީޒަން ފަށަން ތާވަލުކޮށްފައިވާއިރު، އެ މެޗުގައި ކުޅޭނީ ލީގު ޗެމްޕިއަން ޓީސީ އާއި މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދޫ އެވެ. ފުރަތަމަ ލެގު ފޯކައިދޫގައި ކުޅެފައި އޭގެ ތިން ދުވަސް ފަހުން ދެ ވަނަ ލެގު ކުޅޭނީ މާލޭގަ އެވެ.

އެފްއޭއެމުން ކްލަބްތަކަށް ހިއްސާކޮށްފައިވާ ޝެޑިއުލުގައިވާ ގޮތުން ލީގު ފަށާނީ އަންނަ މަހު 13 ވަނަ ދުވަހު އެވެ. އެ މެޗުގައި ކުޅޭނީ ނިލަންދޫ އާއި ދަ ގްރާންޑޭ އެވެ.

1 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަގިއްޔާ

30 May 2019

ފެސްކޯއަށް ވަރަށް ޝުކުރުވެރިވަން. އުމުރުން އެންމެ 16 އަހަރުގެ ކުޅުންތެރިއަކަށް އެފުރުސަތު ދިންއިރު ދިނީތީވެ، އެއީ އާންމުކޮށް ގިނަ ކޯޗުންނަގާނެ ރިސްކެއްނޫން. އެދުވަހުވެސް ދަނޑުގަ ކުޅިބަލަން ތިބީ މީހުނަށް ގަބޫލު ކުރެވޭނޭ ކަންނޭގޭ މިފެންނަނީ އާދަޔާޚިލާފު މޮޅު ކުޅުންތެރިއެއްކަން. އޭގެ 15 އަހަރު ފަހުން މިދިޔައަހަރުވެސް އެންމެ ގިނަ ލަނޑުޖެހީ ހަމަ ކުޅުންތެރިއާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454