ފަރަށް އެރި "މާތޮޅި" ތެޔޮ ބޯޓު--ފޮޓޯ:އެމްއެންޑީއެފް
02 ޖޫން 2019 - 13:07
އެސްޓީއޯގެ ތެޔޮ ބޯޓު "މާތޮޅި" ކ. ކާށިދޫ ފަރަށް އަރައިގެން ލިބިފައިވާ ގެއްލުންތައް ބަލާނެ ކަމަށް އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު ވިދާޅުވީ، ލިބުނު ގެއްލުން އެނގޭނީ ދިރާސާ ކުރުމަށް ފަހު ކަމަށެވެ. އެގޮތުން ކުރިއަށް އޮތް އީދު ބަންދަށް ފަހު އެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިފަދަ މައްސަލަތައް ބަލަނީ ކޯސްޓްގާޑާއި މެރިން ޕޮލިހާ ގުޅިގެންނެވެ.
މިކަމާ ގުޅޭ އަޕްޑޭޓުތައް އީޕީއޭއިން މިހާރު ވެސް އަންނަނީ ހޯދަމުންނެވެ. އީޕީއޭ އިން އާންމުކޮށް އަމަލުކުރާ އުސޫލަކީ ދިވެހި ބޯޓެއް ފުރަތަމަ ފަހަރަށް ފަރަށް އަރައިފި ނަމަ، ދޭނީ އިންޒާރެކެވެ. އެހެން ނަމަވެސް ދެވަނަ ފަހަރުން ފެށިގެން ޖޫރިމަނާ ކުރެ އެވެ. ހިމާޔަތްކޮށްފައިވާ ފަރަކަށް ފުރަތަމަ ފަހަރަށް ބޯޓެއް އެރި ނަމަވެސް ޖޫރިމަނާ ކުރާނެ އެވެ. އެކަމަކު މި މައްސަލަ ފެތެނީ މީގެ ތެރެއިން ކޮން އުސޫލެއްގެ ތެރެއަށް ކަމެއް އަދި ނޭނގެ އެވެ.
"މާތޮޅި" ކާށިދޫ ފަރަށް އެރީ 180،000 ލީޓަރުގެ ޑީސަލާއި 27،000 ޕެޓްރޯލް ބަރުކޮށްގެން ދަނިކޮށެވެ. މި ބޯޓު ފުން ކުރީ އިއްޔެ އެވެ. އެމްއެންޑީއެފުން ބުނީ ފުންކުރި އިރު ބޯޓަށް ބޮޑު ގެއްލުމެއް ނުވާ ކަމަށާއި ތެޔޮ ލީކް ވެސް ނުވާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަބޭ
03 June 2019
ބަލަ ރަށެއްގެ ބީޗް ގަ މޫދު ވިނަ ނުނެގިގެން އުޅޭއިރު މުޅިފަރު ކޮނެ ނަގާއިރު ކޮބާ ޕޮރެޓެކްޝަން އެޖެންސީ.؟
ކަންއޮތްގޮތް
02 June 2019
ތެދެކެވެ. ވީގެއްލުން ބަލާނެއެވެ. އެކަމަކު ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟ ކަނާއަތުން ވައަތް ކެނޑޭނެހެއްޔެވެ؟ އެއްކަމެއްވެސް ނުވާނެއެވެ. ތިގެއްލުމުން އިންޝުވަރެންސުން ލާރިގަނޑެއް ނެގޭނެއެވެ. އެކަންކުރާނެކަން ކަށަވަރެވެ. އެކަމުން ފަރަށްކުރާނެ އެއްވެސް އަސަރެއް ނޯންނާނެއެވެ. އެވީއެއްޗެއްވީއެވެ. ވީގެއްލުމެއް ޤުދުރަތީގޮތުން ރަނގަޅުވިއްޔާ ވީއެވެ. ގެއްލުންދިންފަރާތުން ކުރާނެ އެއްކަމެއްވެސް ނުފެންނާނެއެވެ. ކައްޕިގެ ލައިސަންސު އަތުލާބާ؟ ފަރުވާކުޑަވީ ކާކުބާ؟