ކުޅިވަރު / މާޒިޔާ ސ.ރ.ކ

ޓީމު ވަރުގަދަ، އަސަދުﷲ ބޮޑު އިތުބާރެއްގައި

މިދިޔަ ސީޒަން ތަށްޓެއް ނުލިބި ހުސްއަތާ ނިންމާލަން ޖެހުމުން މި ސީޒަނާ މާޒިޔާ އިން ކުރިމަތިލީ ހާއްސަ އަމާޒެއްގަ އެވެ. ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކުރިއަށް ވުރެ ވަރުގަދަކުރި އެވެ. މި ސީޒަނަށް އެންމެ ދުރާލާ ތައްޔާރުވެ، އެންމެ ފުރަތަމަ ޕްރެކްޓިސް ވެސް ފެށީ މާޒިޔާ އިންނެވެ. ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲގެ ނަޒަރުގައި މިއީ މާޒިޔާ އަށް ކާމިޔާބު އަހަރަކަށް ހެދޭނެ ކަމުގެ އުއްމީދު ބޮޑެވެ.

"ގައުމީ ޓީމު ކުޅުންތެރިންތަކަކާ އެކު ވަރަށް ރަނގަޅަށް މީގެ ކުރިން އަހަރުތަކުގައި ވެސް ޓީމު ހަދައިފި. އެކަމަކު މި އަހަރު ތަފާތަކީ (ޓީމު) ޒުވާންވުން. އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ހޯދި ޅަ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މި ޓީމުގައި ތިބުން އެއީ ފުރިހަމަކަމެއް،" އަސަދުﷲ "މިހާރަ"ށް ބުންޏެވެ.

މީގެ ކުރިން މާޒިޔާ އިން އެންމެ ވަރުގަދަ ސްކޮޑަކާ އެކު ކުރިމަތިލީ 2016 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމުން ސީޒަނުގެ ހުރިހާ ތަށްޓަކަށް އަމާޒުހިފިނަމަ ވެސް ލިބުނީ ލީގެވެ. އަސަދުﷲ ބުނީ މިހާރު ތިބި ޒުވާން ކުޅުންތެރިންނަކީ ވަރަށް ހިތްވަރުގަދަ ކުޅުންތެރިން ކަމަށާއި ޓީމު އެކުވެ، އެއް އަމާޒެއްގައި މަސައްކަތްކޮށްފިނަމަ ބޭނުންވާ މިސްރާބަށް ދެވޭނެ ކަމަށެވެ.

"ޅަ ކުޅުންތެރިން އެ ލާ ހިތްވަރާއި ބޭރުގެ ކޯޗެއް ހުރުމުން އެ އަންނަ ތަފާތާ އެކު އެއީ ޓޮޕަށް އަންނަން ފަސޭހަވާނެ ކަމެއް. މި ކުޅުންތެރިން މަސައްކަތްކޮށްފިނަމަ މާޒިޔާ ކުރިން އޮތް ހިސާބަށް ދިއުމަކީ މާ އުނދަގޫކަމަކަށް ނުވާނެ،" އިތުބާރާ އެކު އަސަދުﷲ ބުންޏެވެ.

މި ސީޒަނަށް ޓީމު ވަރުގަދަކުރިއިރު މާޒިޔާ އިން ސޮއި ހޯދި ކުޅުންތެރިންނަށް ބަލާއިރު ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ނިއު ރޭޑިއަންޓުގެ އަހުމަދު އަބްދުﷲ (ލިލީ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ހިމެނެ އެވެ. މާޒިޔާއިން ދެ ބިދޭސީ ކުޅުންތެރިން ގެންނަން ނިންމާފައިވާއިރު، މިހާތަނަށް ޓީމާ ގުޅުނީ އަފްގާނިސްތާނުގެ އެއް ވަނަ ގޯލްކީޕަރު އޮވޭސް އަޒީޒީ އެވެ.

މާޒިޔާ އަށް މި އަހަރު ކޯޗުކޮށްދޭނީ އެ ޓީމަށް 2017 ވަނަ އަހަރު އިރުޝާދުދިން މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ އެވެ. މާޒިޔާގެ ތާރީހުގައި އެ ޓީމާ ހަވާލުވި ފުރަތަމަ ބިދޭސީ ކޯޗު ކަމަށްވާ ސެކުލޮސްކީގެ ކޯޗުކަމުގައި 2017 ވަނަ އަހަރު އެ ޓީމުން ވަނީ މާލޭ ލީގު ކާމިޔާބު ކޮށްފަ އެވެ. އެކަމަކު ސީޒަނުގެ ވަކި ހިސާބަކުން ސެކުލޮސްކީގެ އެއްބަސްވުން ހަމަވެ އޭނާ ވަނީ ޓީމު ދޫކޮށްލައިފަ އެވެ.

މާޒިޔާ އިން މިހާރު އަންނަނީ އެފްއޭއެމުންނާއި ސައުދީ އަރަބިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ދިން ފުރުސަތެއްގައި ސައުދީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރަމުންނެވެ. މީގެ ކުރިން މާޒިޔާ އިން ވަނީ އދ. މަހިބަދޫގައި ވެސް 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ.

މާޒިޔާ އިން ލީގުގެ ފުރަތަަމަ މެޗުގައި ކުޅެއިރު އެ ޓީމު އޮންނާނީ ދެ ޓްރެއިނިން ކޭމްޕް ފުރިހަމަކޮށްފަ އެވެ. އަސަދުﷲ ބުނީ އޭނާގެ އުފަން ރަށް މަހިބަދޫގައި ފުރިހަމަކުރި ޓްރެއިނިން ކޭމްޕްގެ ފައިދާ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެންނަކަމާާއި ޓީމެއް އެކުލަވާލަން ބަލާއިރު މީގެ މުހިއްމުކަން ވަރަށް ބޮޑު ކަމަށެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އަސަދުﷲ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ކޭމްޕެއް ޖަހާލީމާ އަލަށް ޓީމަށް އައި ކުޅުންތެރިންނާ ޓީމުގައި ތިބި ކުޅުންތެރިންނާ އެކު ހުރިހާ ކުޅުންތެރިން ގުޅިގެން އުޅެލަން ފަސޭހަވާނެ. އެއްކޮށް 10 ދުވަސް ވަންދެން އެއް ތަނެއްގައި މި އުޅެނީ. އިތުރު ކަމެއް ނެތި ހަމައެކަނި ޓްރެއިނިން އަށް ސަމާލުވެގެން މި ތިބެނީ. އެންމެ ބޮޑު ފައިދާ އަކީ ޓީމުގެ ގުޅުން އެކަތިގަނޑަކަށްވުން،" އަސަދުﷲ ބުންޏެވެ. "މުޅި ޕިޗް ބޭނުންކޮށްލަން ލިބުމުން ކޯޗު ބޭނުންވާ ގޮތަށް ޓްރެއިނިންތައް ގެންދެވޭނެ. ކޯޗުގެ ޓެކްޓިކްސްއާ އެއްގޮތަށް ޓްރެއިނިންތައް ބައްޓަން ކޮށްލެވޭނެ."

ކުރީގެ ފޯމަށް އަންނަން ބޮޑު އަހަރެއް

ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދުމުގެ އިތުރުން ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް ލިބޭ ރަން ބޫޓު ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފައިވާ އަސަދުﷲ ވަނީ 2017 ވަނަ އަހަރު ސެކުލޮސްކީގެ ކޯޗުކަމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު އެ އަހަރު އޮގަސްޓް 19 ވަނަ ދުވަހު ކަކުލަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން އަސަދުﷲ އަށް ސީޒަން ނިމުނުއިރު، އޭނާ ކުޅުމަށް އެނބުރި އައީ ނުވަ މަސް ދުވަހަށް ފަހު މިދިޔަ އަހަރު މެއި މަހު ހަ ވަނަ ދުވަހު އެވެ.

އަނިޔާ އަށް ފަހު ކުޅުމަށް އެނބުރި އައި ނަމަވެސް އަސަދުﷲ އަށް ކުރީގެ ފޯމަށް އެޅެން ވަގުތު ބޭނުންވި އެވެ. ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުން ފުރުސަތު ލިބުނު ނަމަވެސް އަސަދުﷲގެ އަސްލު ކުޅުން މިދިޔަ އަހަރު ދައްކަން އުނދަގޫވި އެވެ. ކުރީގެ ފޯމަށް އެޅެން އަސަދުﷲ ބުރަކޮށް މަސައްކަތްކުރަމުން އަންނައިރު، ސެކުލޮސްކީ އެ އިތުބާރުގައި ހުރީ އޭނާ އަށް އެހީތެރިވެދޭށެވެ.

"އޭނާ (އަސަދުﷲ) އަކީ އަބަދުވެސް ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިޔެއް. ޓްރެއިނިންގައި އޭނާ މަސައްކަތް ކުރާގޮތުން ވެސް ޔަގީންވޭ ކުރިން ހުރި ލެވެލަށް އޭނާ އަށް ދެވޭނެކަން. އަހަރެންނަށް ފުރިހަމަ އުއްމީދު އެބައޮތް އޭނާ އަނިޔާވުމުގެ ކުރިން ހުރި ލެވެލަށް އަލުން އަންނާނެކަމަށް،" އަސަދުﷲއާ ބެހޭގޮތުން ސެކުލޮސްކީ "މިހާރަ"ށް ބުންޏެވެ.

އޭއެފްސީ ކަޕްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ސެކުލޮސްކީ (ވ) އާއި އަސަދުﷲ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކަކުލަށް ލިބޭ ސީރިއަސް އަނިޔާ އަކުން ރިކަވާވެގެން އަލުން އެންމެ މޮޅު ކުޅުން ދައްކަން އެކި ގޮތްގޮތުން ޗެލެންޖްތަކެއް ހުންނާނެކަން ސެކުލޮސްކީ ވަނީ ފާހަގަކޮށްފަ އެވެެ. އެކަމަކު އެންމެ މުހިއްމު ކަމަކީ އެ ކުޅުންތެރިޔާ އެ އިތުބާރު ދަމަހައްޓައި މަސައްކަތްކުރުން ކަމަށާއި އަސަދުﷲގެ ފަރާތުން ފެންނަނީ އެ ހިތްވަރުކަމަށް ސެކުލޮސްކީ ބުންޏެވެ.

"އެ ކަހަލަ އަނިޔާ އަކަށް ފަހު އަލުން ކުރިން ހުރި ފޯމަށް އަންނަން އުނދަގޫވާނެ. އެކަމަކު އަސަދުﷲ ކަހަލަ އަމިއްލަ އަށް މަސައްކަތްކުރާ ކުޅުންތެރިއަކަށް މުޅި ޓީމާއި މެނޭޖްމަންޓާއި އެންމެންގެ ސަޕޯޓް ލިބޭއިރު އޭނާ ތަފާތު ދައްކާނެ،" ސެކުލޮސްކީ ބުންޏެވެ.

ކުރިން މިޔަންމާގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ސެކުލޮސްކީ ބުނީ މާޒިޔާގައި މިހާރު އޮތް ސްކޮޑުގައި ތިބި ކޮންމެ ކުޅުންތެރިޔަކު ވެސް މިހާރު ތިބި ހިސާބުން އަނެއް ލެވެލަށް ގެންދިއުމަކީ އޭނާގެ އެންމެ ބޮޑު އަމާޒުކަމަށާއި އެ އިތުބާރުގައި އޭނާ މަސައްކަތްކުރާއިރު ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ފަރާތުން ލިބޭ އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށެވެ.

ސައުދީ ޓްރެއިނިން ކޭމްޕް ފުރިހަމަކުރުމަށް ފަހު މާޒިޔާ އެނބުރި އައިސް ލީގުގައި އެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި މި މަހު 19 ވަނަ ދުވަހު ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާ އެވެ.

3 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 8%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަހާދަރު

10 June 2019

އަސަދުއްލާގެ ކެރިއަރު ނިމިއްޖެ، ދަގަނޑޭ ރާއްޖެގައި ނެތް ސީޒަންތަކުގެ ބޫޓް ލިބުމަކީ މޮޅުވުމެއްނޫން، ވަރަށް ގޮށް ހުނަރު ދައް ކުޅުންތެރިއް

The name is already taken The name is available. Register?

ރެފްރީ

07 June 2019

އެފްއޭއެމް ގެ ޚަރަދުގަ ސަޕޯޓަރުން މަދު ބައެއް ކުދި ޓީމްތަކުގެ ވިއްސަކަށް ތިރީހަކަށް ކުޅުންތެރިން ބޭރު ގައުމުތަކަށް ފޮނުވާއިރު ނިއު ގެ ދަރަނި އަދާކޮށްލަން އެހީތެރިކަމެއް ދިއްކޮށެއްނުލާ! އެކަމަކު އެއީ ރާއްޖޭގަ އޮތް ސަޕޯޓަރުން ގިނަ ކްލަބަކީ! މިހާރުގެ އެފްއޭއެމް އާހެދި ފުޓުބޯޅަ ހަލާކުވުންނޫން އެއްކަމެއްވެސް ނުވާނެ.

The name is already taken The name is available. Register?

ސަންޕަ އަހަންމަދު

06 June 2019

ނިއު ނެތިއްޔާ ތިކަންކުރަން ވަރަށް ފަސޭހަވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454