ފްރާންސްގެ ވަރާން (ވ) ކައިރިން ތުރުކީގެ ކެޕްޓަން ޔިލްމާޒް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
09 ޖޫން 2019 - 10:19
ކޮންޔާ، ތުރުކީ (ޖޫން 9) - އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރޭ ކުޅުނު މެޗުން ތުރުކީ އިން ދުނިޔޭގެ ޗެމްޕިއަން ފްރާންސް 2-0 އިން ބަލިކޮށްފި އެވެ.
މިއީ ވާދަވެރި މެޗަކުން ފްރާންސްގެ މައްޗަށް ތުރުކީން ކުރިހޯދި ފުރަތަމަ ފަހަރެވެ. ތުރުކީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗާ އެކު އެ ޓީމު ވަނީ ކޮލިފައިން ގްރޫޕް އެޗްގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ އެއް ވަނަ އަށް ޖެހިލައިފަ އެވެ.
ކޮންޔާގެ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 30 ވަނަ މިނިޓްގައި ތުރުކީ އަށް ލީޑުނަގައިިދިނީ ހާން އައިހަން އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ފްރާންސްގެ މެދުތެރެއިން ޕައުލް ޕޮގްބާ އަތުން ގެއްލުނު ބޯޅައެއް ހޯދައި ތުރުކީ އަށް ދެ ވަނަ ލަނޑެއް ޖަހައިދިނީ ރޯމާގެ ހުނަރުވެރި މިޑްފީލްޑަރު ސެންޗިޒް އުންޑެއާ އެވެ. އޭނާ ވަނީ ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރީސް އަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފްގައި ތުރުކީ އަށް އިތުރު ލަނޑެއް ޖަހައިދޭން އެ ޓީމުގެ ކެޕްޓަން ބުރަކް ޔިލްމާޒަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ފްރާންސްގެ ތަރި އެންގޯލޯ ކާންޓޭ ނުކުޅޭއިރު، އެ ޓީމުގެ ކުރިއަށް ކުޅުނު އެންޓޮއިން ގްރީޒްމަން އާއި އޮލިވިއޭ ޖިރޫޑަށް އެންމެ އެކަށީގެންވާ ވަރުގެ ފުރުސަތުތަކެއް ތަަނަވަސްކުރެވިފައިނުވެ އެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ އޭނާގެ ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަަމަށާއި ތުުރުކީ އަށް ލިބުނީ ހައްގު މޮޅެއް ކަމަށެވެ.
"މިއީ އަހަރެމެން ހަގީގަތާ ކުރިމަތިލާންޖެހޭ ވަގުތު. މަސައްކަތް ނުކޮށެއް މެޗުތަކުން މޮޅެއް ނުވެވޭނެ. މި ހިސާބުން އަހަރެމެން ސީރިއަސްވާންޖެހޭނެ. އެހެން ނޫންނަމަ އިތުރު މައްސަލަތަކެއް ކުރިމަތިވާނެ،" މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބު ކޮށްދިން ޑެޝޯމްޕްސް ބުންޏެވެ.
ބެލަރޫސް ކޮޅަށް ގޯލު ޖެހުމަށް ފަހު ޖަރުމަނުގެ ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ކޮލިފައިންގައި ރޭ ކުޅުނު އެހެން ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު ރަށުން ބޭރުގައި ގްރީސް އަތުން އިޓަލީ ވަނީ 3-0 އިން މޮޅުވެފަ އެވެ. އިޓަލީގެ ގޯލުތައް ކާމިޔާބުކުރީ ނިކޯލޯ ބަރެއްލާ، ލޮރެންޒޯ އިންސީނިއާ އަދި ލިއޮނާޑޯ ބޮނޫޗީ އެވެ. އަމިއްލަ ދަނޑުގައި ކްރޮއޭޝިއާ ވަނީ 2-1 އިން ވޭލްސް ބަލިކޮށްފަ އެވެ. ވޭލްސްގެ ޖޭމްސް ލޯރެންސް އަތުން ބައިކޮޅަށް ވަން ގޯލުންނާއި އިވާން ޕެރިސިޗް ޖެހި ލަނޑުން ކްރިއޭޝިއާ ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ރަޔާން ގިގްސްގެ ކޯޗުކަމުގައި ކުޅޭ ވޭލްސްގެ ހަމައެކަނި ގޯލު ޖަހައިދިނީ ބޯންމައުތުގެ ވިންގް ޑޭވިޑް ބްރޫކްސް އެވެ.
އަނިޔާގެ ސަބަބުން މި ވަގުތު ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ޓީމާ ދުރުގައި ހުރިއިރު ރޭ ބެލަރޫސް އަތުން ރަށުން ބޭރުގައި ޖަރުމަނު 2-0 އިން މޮޅުވި މެޗުގައި އެ ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު މާކަސް ސޯގް އެވެ. ޖަރުމަނުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ބަޔާން މިއުނިކުން ފާރަލަމުން އަންނަ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ލެރޯއި ސާނޭގެ އިތުރުން ބޮރުޝީއާ ޑޯޓްމަންޑްގެ ކެޕްޓަން މާކޯ ރެއުސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާލައާދަނު
11 June 2019
މެސީ ރޮނާގެ ފަންކާތަކާ ހެދި ކޮމެންޓް ސެކްޝަނަށް ބާރުބޮޑުވަނީ
ހަގީގަތް
09 June 2019
ކޮބާ މިފަހަރު ކޮމެންޓްކޮށްލާނެ ކުއްޖަކުނެތްތަ؟ ނިއުމާ، ސުޒޭން، އަންނި، ޝަމް ހޮރުގަތަ ތިއޮތީ. އާރޖެންޓީނާ ބަލިވިނަމަ ދެފަޔަށް ހިނި އަރައިގެން އުޅޭހެން ހީވާނީ. ފުޓްބޯޅައަކީ މިކަހަލަ އެއްޗެއްކަން މިމީހުންނަށް ނޭނގޭތީ މައްސަލަޖެހެނީ. ބައެއް ފަހަރު އަންނާނެ ބަލިވާ ދުވަސްތައްވެސް. ކާމިޔާބީގައި ހިތްތިރިކޮށްފައި ނާކާމިޔާބީގައި ހިތްވަރުކުރުން އޮތީ.
ރަދީފް
09 June 2019
@ހަގީގަތް ތިބުނީ ވަރަށް ބޮޑު ތެދެއް.އާޖެންޓީނާ , އާސެނަލް ނުވަތަ ބާސާ މެޗަކުން ބަލިވެއްޖެނަމަ އެމީހުން ތިބޭނީ ބޮޓުންގެ ގޮތުގަ.އެމީހުން އެއީ އަސްލު ފުޓްބޯޅަ ޕިޗްގަ ކަން ހިނގާގޮތް ދަންނަ ބައެއް ނޫން.
ހިމާރުލް ޤައުމު
09 June 2019
އަސްލު މެސީއަކަށް ޤައުމީ ޓީމަށް އެކަށީގެންވާ ކުޅުމެއް ނުކުޅެވޭ. ވާގޮތެއް ނޭނގެ
ނިއުމާާ
09 June 2019
ބޮޓުން ކިތަންމެ ވަރަކަށް ކޮމެންޓް ކުރިޔަސް އާރޖެންޓީނާ އަދި ބާރސާ ޗޮކުން ނުދާ ކަމަކަށް ނުވާނެދޯ؟ މައުލޫއިން ބޭރުނުވެ ކޮމެންޓްކުރެވޭތޯ ބަލާބަލަ.
ޝަމްްް
09 June 2019
ފްރާންސާ އާރޖެންޓީނާ އަޅާކިޔާއިރު ލަދެއް ނުގަނޭ؟ ޒުވާން ކުދިން އަރާ އާރޖެންޓީނާ 4-3 އިން ބަލިކުރި ހަނދާން ނެތުނީތޯ؟ އެމެޗުގައި 19އަހަރުގެ ކުޅުންތެރިޔަކު ނުހުއްޓުވިގެން މުޅި އާރޖެންޓީނާއިން ފައުލްކޮށް، ކުޅުނު ގެރި ކުޅުން ހަނދާން ނެތުނީތޯ؟ އާއްމު ގޮތެއްގައި ހެން އެކަހަލަ މުހިއްމު މެޗުން މެސީގެ ހިލަމެއް ނުވިކަން ހަނދާން ނެތުނީތޯ؟ ތުރުކީއަށް ވީވަރު އާރޖެންޓީނާއަށް ނުވުމުން މެސީގެ ބާރސާ ހޭޓަރސް އެކަން ހަނދާންކޮށްދޭން އުޅުމަކީ ލަދުވެތިކަމެއް ނޫންތޯ؟
ހަގީގަތް
10 June 2019
ޝަމްއަށް. އާރޖެންޓީނާ ފްރާންސްއަތުން ބަލިވުމަކީ މައްސަލަޔެއްނޫން. އަދި ފްރާންސަކީ ވާރލްޑް ޗެމްޕިޔަން. ދެން ކަލޭމެންގެ ހީރޯޔަށް ވާރލްޑް ކަޕް ނޮކް އައުޓްގައި ކިތައް ގޯލް ޖެހުނުތަ؟ މެސީވިއްޔާ ފައިނަލަށްވެސް ދިޔަތާ. ދެން އަނެއްކާ ހީރޯޔަށް ޖާރމަނީ، ފްރާންސް، އިޓަލީ، ބްރެޒިލް ކޮޅަށް ކިތައް ގޯލް ޖެހުނުތަ؟ ގައުމީ ޓީމަށް ޖަހާފައިހުރި ގޯލްތަކުގެ 75 އިންސައްތަޔަކީ ދަށް ޓީމްތައް ކޮޅަށް ޖަހާފައިހުރި ގޯލްތައް.
ޝަމްްް
11 June 2019
މިދިޔަ އަހަރު ވޯރލްޑް ކަޕްގައި ސްޕެއިން އާ ދެކޮޅަށް ހެޓްރިކް ހެދީ ދަށްވީމަތަ؟ މީގެ ދެތިން ދުވަސް ކުރިން ސްވިޒަރލޭންޑް ކޮޅަށް ހެޓްރިކް ހެދީ ދަށްވީމަތަ؟ މޮޔަ ނުގޮވާ. ދަށް ޓީމު ކޮޅަށް ލަނޑު ޖަހާފަ ހުރީ މެސީ. އެންމެ ފަހު 2 ވޯރލްޑް ކަޕް ނަތީޖާތައް ބެލީމަ އެކަން އެނގޭނެ
ރަދީފްް
11 June 2019
އާނ. މެސީ އެންމެ ފަހުން 4 ވޯރލްޑް ކަޕްގަ ކުޅެގެން ޖެހުނު 6 ލަނޑު ޖެހާފަހުރި ނައިޖީރިއާ، އިރާން، ސާބިއާ، އަދި ބޮސްނިއާ އެއީ ދުނިޔޭގެ އެންމެ މޮޅު ގައުމުތައް ވިއްޔާ ތިޔަހެން ބުނަން.
ރަދީފް
09 June 2019
ސާބަހޭ ތުރުކީ.