ކުޅިވަރު / ޓީސީ ސްޕޯޓްސް

ޗެމްޕިއަން ޓީމާ އެކު އާތީ އަށް ފުރިހަމަ ފެށުމެއް

ޓީސީގެ ކުޅުންތެރިން އެ ޓީމުގެ ކޯޗު އާތީ އުފުލާލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީ ސްޕޯޓްސް ކްލަބާ ހަވާލުވެ ޗެރިޓީ ޝީލްޑްގެ ކާމިޔާބީއާ އެކު ސީޒަން ފެށުމަކީ އޭނާ އުއްމީދުކުރި ފަދަ ފުރިހަމަ ފެށުމެއް ކަަމަށާއި ކުރިއަށް އޮތްތަނުގައި އެ ޓީމު މި އަށް ވުރެ ވަރުގަދަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ފޯކައިދޫ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން މިދިޔަ ހުކުރު ދުވަހު ފޯކައިދޫ ވަނީ 1-1 އިން ޓީސީއާ އެއްވަރުވެފަ އެވެ. ރޭ ގަލޮޅު ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން ޓީސީ 3-1 އިން މޮޅުވިއިރު، އެގްރިގޭޓަށް ބަލާއިރު އެ ޓީމަށް ކުރި ލިބުނީ 4-2 އިންނެވެ.

ފުރަތަމަ ޑިވިޝަނަށް ޓީސީ ޕްރޮމޯޓްކޮށްދީ މި އަހަރާ ހަމައަށް ޓީސީ އަށް ކޯޗުކޮށްދިނީ މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ނިޒާމްބެ މަގާމުން ވަކިވުމުން މި ސީޒަނުގައި ޓީސީއާ ހަވާލުވެ އާތީގެ އަމާޒަކަށް ވެފައިވަނީ އެ ޓީމުގެ މަގާމު ދެމެހެއްޓުމެވެ. ކުރިމަތީގައި އޮތް ޗެލެންޖަށް އާތީ ތައްޔާރުވީ ޕްރެޝަރު އޮންނާނެކަން އެނގިހުރެ އެވެ.

"ހަވާލުވީ އާދައިގެ ޓީމަކާއެއް ނޫން. ޗެމްޕިއަން ޓީމާ ހަވާލުވީ. ކޮންމެ ގޮތެއްވިޔަސް މިއީ ވަރަށް ޕްރެޝަރު މެޗެއް. ޗެމްޕިއަން ޓީމާ ހަވާލުވެގެން ފުރަތަމަ މެޗުން މޮޅުވުން އެއީ އުއްމީދުގައި ހުރިކަމެއް. ﷲ އަށް ހަމްދުކުރަން މި ކާމިޔާބީ އަށް،" ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗުކަމާއި ގައުމީ ފިރިހެން ޓީމުގެ އެސިސްޓަންޓް ކޯޗުކަން މީގެ ކުރިން ކޮށްފައިވާ އާތީ ބުންޏެވެ.

ކުރިން އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ކޯޗުކޮށްދިން އާތީ ވަނީ ޔުނައިޓެޑް ވިކްޓަރީ އަށް 2016 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ހޯދައިދީފަ އެވެ. އަދި އެ ޓީމު ވަނީ އެ ފަހަރުގެ އެފްއޭ ކަޕް ސެމީ ފައިނަލުގައި ވެސް ކުޅެފަ އެވެ. އެކަމަކު އާތީގެ ފުރަތަމަ ކާމިޔާބީއަކީ ޓީސީއާ އެކު ޝީލްޑް ކާމިޔާބު ކުރުމެވެ. އާތީ ބުނީ މިއީ މުޅި ޓީމުގެ މަސައްކަތް ކަމަށެވެ.

"ޓީމު އެންމެން ކުޅުންތެރިންނާއި މެނޭޖްމަންޓުން އަދި ސަޕޯޓަރުން ވެސް ކުރި މަސައްކަތުން މި ކާމިޔާބު މި ލިބުނީ. އެ މީހުން ނެތްނަމަ މިކަމެއް ނުވާނެ،" އާތީ ބުންޏެވެ.

ޓީސީގެ ޕްރީ ސީޒަން ދިޔަ ގޮތާ މެދު އެންމެ ހިތްހަމަނުޖެހޭ ކަމަށާއި ޓީމު އެންމެ ބޭނުންވާ ފެންވަރަށް އަދި ތައްޔާރުނުކުރެވޭކަމަށާއި އެއީ ކުޅުންތެރިން ލިބުން ލަސްވުމާއި ކުޅުންތެރިންނަށް އެކުގައި ގިނަ ޕްރެކްޓިސްތަކެއް ނުކުރެވުންކަމަށް އާތީ ބުންޏެވެ.

އެފްއޭއެމުން ދީފައިވާ ރާއްޖޭން ބޭރުގެ ޓްރެއިނިން ކޭމްޕެއްގައި އަންނަ މަހު ޓީސީން ފުރާގޮތަށް އޮތްއިތު އާތީ ހުރީ އޭގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފުމުގެ އަޒުމުގަ އެވެ.

"ޝެޑިއުލްވެފައި މި އޮތްގޮތަށް ޕްރީ ސީޒަނުގައި 20 ދުވަސް ވަރު މުޅި ޓީމު އެއްކޮށް ނުލިބުނީމަ އަދިވެސް ބޭނުންވާ ވަރަކަށް އެއްގޮތަކަށް ވެސް ޓީމު ތައްޔާރެއް ނުކުރެވޭ. ވަގުތެއް ނުލިބޭ. މެޗުތައް ވެސް މި ހުރީ ގާތްގާތުގައި. އެހެން ނަމަވެސް ވަރަށް ޔަގީންކަމާ އެކު ބުނަން ކެރޭ މި ލިބޭ ބްރޭކްތެރޭ މި ޓީމު ކޭމްޕެއް ޖެހުމަށް ފަހު ވަރަށް ވަރުގަދަވެގެންދާނެ،" އާތީ ބުންޏެވެ.

ޓީސީގެ ކެޕްޓަން ފައްރަ (މ) ޝީލްޑް ހިފައިގެން އުފާފާޅުކުރަނީ. -- ފޮޓޯ؛ ނިޝާން އަލީ/ މިހާރު

މިދިޔަ ސީޒަނުގައި ޓީސީން ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ)، އިބްރާހިމް ވަހީދު (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އަބްދުﷲ ހަނީފް (ބެންޖޯ) މި ސީޒަނުގައި ވަނީ އެހެން ޓީމުތަކާ ގުޅިފަ އެވެ. ޓީސީން ގެނައި ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު އަދި އިސްމާއިލް އީސާ އެވެ.

ޓީސީގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) ބުނީ އެ ޓީމު ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށި ފަހުން ހާސިލްކުރި ހުރިހާ ކަމެއްގެ ފަހަތުގައި އޮތީ ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް ކަމަށެވެ.

"އަބަދުވެސް ޓީމެއް ގޮތަށް މޮޅުވަނީ. ވަކި ކުޅުންތެރިއަކަށް ޑިޕެންޑްވެގެނެއް ނޫން ނަތީޖާ ނެރެނީ. އެހެންވީމަ ކުޅުންތެރިން ބަދަލުވިޔަސް ޓީމެއްގެ ގޮތުގައި ކުޅެގެން ހަމަ މޮޅު މިވަނީ. ކުރިން ތަށި ނެގިއިރު ޓީމުގައި ތިބި ކުޅުންތެރިންގެ ހިއްސާ ވެސް ބޮޑު. ޓީމު ބަދަލުވިޔަސް މި ފަހަރު ވެސް ރަނގަޅު ކުޅުންތެރިން އެބަތިބި. އެކްސްޕީރިއަސް ކުޅުންތެރިން ވެސް. ޓީމެއް ގޮތުގައި ކުޅެފިއްޔާ މި ސީޒަނުގައި ވެސް ރަނގަޅު ފައިޓެއްދޭނެ،" ކުރިން ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ވެސް ކުޅުނު ފައްރަ ބުންޏެވެ.

އަންނަ ހުކުރު ދުވަހުގެރޭ ދިވެހި ޕްރިމިއާ ލީގު ފަށާނީ ފ. ނިލަންދޫ އާއި މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަން ޗެމްޕިއަނުންގެ ގޮތުގައި މި ފަހަރު އަލަށް ފުރަަތަމަ ޑިވިޝަންގައި ކުޅޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުންނެވެ. ޓީސީ ކުޅޭ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ހަވީރު ބައްދަލުކުރާނީ ވިކްޓަރީއާ އެވެ.

2 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 40%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޑޭ

12 June 2019

ވަރަށް ފުރިހަމަ ފެށުމެއްތީ! ފޯކައިދޫ ދަނޑްގަ ކީއްވެތަ ތިބުނާ ފެށުން ރަގަޅު ނުވީ. ދަށްކާވާހަކަ ހިތަކުން ދެރައެއް ނުވާނެ. ކިތައްމީހުން ތި މެޗް ބަލަށް ވަތްބާ?

The name is already taken The name is available. Register?

ބަކުރު

12 June 2019

ކޮންތާކު ކުޅުނި މެޗެއްތީ. ކޮންއިރަކު ކުޅުނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454