މަޔަކާ އެކު ދަރިންތަކެއް ޖަންކް ފުޑް ކަނީ.
19 ޖޫން 2019 - 07:29
މައިންބަފާއިންނާއި ދަރިން އެކީގައި އުފާވެރިކޮށް އުޅޭ އާއިލާތަކުގެ ކުދިންނަށް ވުރެ ބޮޑަށް، ކައިވެނި ރޫޅިފައިވާ އާއިލާތަކުގެ ދަރިން ފަލަވުމުގެ މައްސަލަ ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ޑިމޮގްރަފީ ޖާނަލްގައި ޝާއިއުކޮށްފައިވާ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސްގެ ޓީމަކުން ހަދާފައިވާ ދިރާސާގައި ބުނި ގޮތުގައި ދަރިންގެ އުމުރުން ހަ އަހަރުވުމުގެ ކުރިން އާއިލާ ރޫޅިއްޖެ ނަމަ، އެ ކުދިންނަކީ ފަލަވުމުގެ ފުރުސަތު ބޮޑެވެ.
އޭގައި ވަނީ މިގޮތަށް މެދުވެރިވާން ދިމާވާ ބައެއް ސަބަބުތައް ވެސް ހިމަނައިފަ އެވެ.
ރޫޅިފައިވާ އާއިލާތަކުގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ދަރިންނަށް އެކަށީގެންވާ ވަރަށް ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހޯދައި ނުދެވުމާއި އެކަނިވެރި މައެއް/ބަފައެއްގެ ގޮތުން މަސައްކަތް ކުރަން ޖެހުމުން، ބުރަކޮށް ގިނަ ވަގުތު ވަޒީފާގައި އުޅެން ޖެހުމުން ދަރިންނަށް ރަނގަޅު ކާނާ ދޭން ވަގުތު ނުވުން ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި މި ލިސްޓުގައި، ދަރިންގެ އިތުރު ހަރަކާތްތަކުގައި ބައިވެރި ކުރުވަން މާލީ ގޮތުން ފުދުންތެރި ނުވުމާއި ދަރިންނާ އެކު "ކޮލިޓީ" ވަގުތު ހޭދަކޮށް، ކެއުމުގެ ރަނގަޅު އާދަތައް ދަސްކޮށް ދޭން ވަގުތު ނުވުމާއި ޖަޒުބާތީ ގޮތުން ކުރިމަތިވެފައިވާ ހިތްދަތިކަމުގެ ސަބަބުން ދަރިންނަށް އެކަށީގެންވާ ވަރަށް އަޅާ ނުލެވި މާ ގިނައިން ކާން ދެވުމާއި ހަކުރާއި ތެޔޮ ފަދަ އެއްޗެހި އެކުލެވޭ ކާނާތައް ދެވުން ހިމެނެ އެވެ.
އާއިލާއެއް އެކީގައި ކެއުމަކަށް އިންސާފު ކުރަނީ.
މިފަދަ ސަބަބުތަކާ ހެދި، ރޫޅޭ އާއިލާތަކުގެ ދަރިން ކުރު މުއްދަތެއްގެ ތެެރޭގައި ފަލަވާން މަގުފަހިވާ ކަމަށް ދިރާސާގައި ބުންޏެވެ. އެގޮތުން އުމުރާއި އިސްކޮޅާ އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ދަރިން ފަލަވުމުގެ އިތުރަށް އާއިލީ މައްސަލަތަކުގެ ސަބަބުން އާދަޔާހިލާފަށް ދަރިން ފަލަވުމުގެ މައްސަލަ ވެސް ކުރިމަތިވާ ކަމަށް ދިރާސާގައި ބުންޏެވެ.
އެހެންވެ މިކަމަށް ސަމާލުކަން ވަރަށް ބޮޑަށް ދޭން ޖެހޭ ކަމަށް ބުންޏެވެ. ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ދުޅަހެޔޮ ކުދިންތަކެއް ބިނާކޮށްގެން ނޫނީ ދުޅަހެޔޮ ޖީލެއް ވެސް ބިނައެއް ނުކުރެވޭނެ އެވެ. އެހެންވެ އާއިލީ ގުޅުން، ވަކިން ހާއްސަކޮށް ދަރިން ތިބި ދެމަފިރިއެއްގެ ކައިވެނީގެ ބަދަހި ކަމަކީ ވަރަށް ވެސް މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާއިލ
19 June 2019
ދިވެހި މުޖުތަމަޢު އަނދިރި ވަޅުގަނޑަކާ ދިމާލަށް ދަތުރުކުރަމުން ދާއރު، ޢާއިލާތައް ހަރުދަނާކުރުމަށް އެއްވެސް ސަރުކާރަކުން މާބޮޑު ސަމާލުކަމެއް ދެއްވާތަން ނުފެނެއެވެ. އިސްވެރިން ވެސް އެއިން ބޭފުޅަކަށް ނޫނީ ގާތް މީހެއްގެ އާއިލާއެއް ރޫޅެން ފެށުމުން ނޫނީ މިކަމާ ކަންބޮޑެއް ނުވެއެވެ. މިއީ އަޅުގަނޑުމެން ސަމާލުކަން ނުދެވި އޮތް ސީރިއަސް މައްސަލައެކެވެ.
އަހުމަދު 3
19 June 2019
އާއިލާ ރޫޅުމުން ދިވެހި ކުދިންގެ ސިއްޙަތަށް ލިބޭ ގެއއްލުމަކީ އެކުދިން ހިކި އަނަރޫފަ ވުން. ލިޔުމުގައި ބުނެފައިވާ ގޮތަށް ފަލަވުމުގެ މައްސަލަ ބޮޑުވަނީ މަންމައާއި ބައްޕައާއެކު އުޅޭ ކުދިންނަށް. އެއީ މައިންބަފައިން ލޯބިން ކުއްޖާ ބުނާހާއެއްޗެއް ކާންދީ ހަދާތީ.