21 ޖޫން 2019 - 08:13
ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމުގެ ރެކޯޑް އޮތް "އެވެޓާ" ރެކޯޑް "އެވެންޖާޒް: އެންޑްގޭމް" އަށް ވައްޓައިނުލެވުމުން، ކުރީގެ ފިލްމުގައި ނުހިމެނޭ އިތުރު މަންޒަރުތަކަކާ އެކު އަލުން ފިލްމު ސްކްރީނަށް ގެންނަން ޑިޒްނީން ނިންމައިފި އެވެ.
މިގޮތަށް ނިންމި އިރު އެޕްރީލް 26 ގައި ރިލީޒްކުރި "އެވެންޖާޒް" ގެ ހަތަރު ވަނަ ފިލްމު އަދި ފަހު ފިލްމު "އެންޑްގޭމް" ވަނީ 2009 ގައި ޖޭމްސް ކެމެރެން ގެނެސް ދިން "އެވެޓާ" ގެ އާމްދަނީއާ ވަރަށް ކައިރިކުރާ ވަރުގެ އާމްދަނީއެއް ބޮކްސް އޮފީހުގައި މިހާތަނަށް ހޯދައިފަ އެވެ.
"އެވެޓާ" ގެ އާމްދަނީއަކީ 2.788 ބިލިއަން ޑޮލަރެވެ. ޖުމްލަ 356 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "އެންޑްގޭމް" އަށް މިހާތަނަށް 2.744 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.
Disney re-releasing #AvengersEndgame in effort to beat #Avatar's box office record https://t.co/wyAewb5Lmd
— Variety (@Variety) June 19, 2019
ފިލްމު އަލުން ރިލީޒްކުރުމާ ބެހޭ ގޮތުން މާވެލް ސްޓޫޑިއޯގެ ރައީސް ކެވިން ފެއިގް ބުނީ އަލުން "އެންޑްގޭމް" ސިނަމާތަކަށް ގެންނަ އިރު، ކުރިން ގެނެސް ދިން ފިލްމަށް ވުރެ ތަންކޮޅެއް ފިލްމުގެ ޑިއުރޭޝަން ވެސް ދިގުވާނެ ކަމަށެވެ. އެންތަނީ އާއި ޖޯ ރުޒޯ ޑައިރެކްޓް ކުރި ފިލްމުގެ ދިގު މިނަކީ 3 ގަޑިއިރާއި 1 މިނިޓެވެ.
"އަހަރެން މީތި ސިފައެއް ނުކުރާނަން އެންޑްގޭމްގެ އެކްސްޓެންޑެޑް ކަޓެއްގެ ގޮތުގައެއް. އެކަމަކު ކުރީގެ ފިލްމުން ނުފެންނަ ޝައުގުވެރި އިތުރު ކަންތައްތަކެއް އަލުން ރިލީޒް ކުރާ އިރު ހުންނާނެ،" ކެވިން ބުންޏެވެ.
"އެންޑްގޭމް" އަލުން ރިލީޒް ކުރާ އިރު، ދިގުމިން ކިހާ ވަރެއް ވާނެ ކަމެއް ޑިޒްނީ އާއި މާވެލް އިން ހިއްސައެއް ނުކުރެ އެވެ. އަދި މި ފަހަރު އައިމެކްސް ފޯމެޓްގައި ވެސް ފިލްމު ރިލީޒެއް ނުކުރާނެ އެވެ.
"އެވެންޖާޒް: އެންޑްގޭމް" އަށް ބަދަލުތަކެއް ގެނެސް އަލުން ރިލީޒް ކުރާނީ ކުރިއަށް އޮތް ހަފުތާ ބަންދުގަ އެވެ. ފާހަގަކޮށްލަން ޖެޖޭ ކަމަކީ ފިލްމު މިހާރު ވެސް ބައެއް ތިއޭޓަރުތަކުގައި ދައްކަމުން އަންނަކަމެވެ.
ޑިޒްނީ އާއި މާވެލްގެ އުންމީދަކީ ފިލްމު އަލުން ރިލީޒްކޮށްގެން އެއްވާނެއްގައި ގޮސް "އެވެޓާ" ގެ ރެކޯޑް މުގުރައިލުމެވެ. އެކަމަކު އެއީ ވެދާނެ ކަމެއްތޯ ހޮލީވުޑްގެ ހަބަރުތައް ދިރާސާ ކުރާ ފަރާތްތަކުން ސުވާލު އުފައްދަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy