ގްރީން ސްޓްރީޓްސްގެ މެޗެއްގެ ތެރެއިން ސުޒޭން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
24 ޖޫން 2019 - 10:48
ކަންތައްތައް ރަނގަޅުކުރަން އޭނާ ފާޑުކިޔަނީ ވަކި ބަޔަކަށް އަމާޒުކޮށް އުނދަގުލެއް ޖެއްސުމުގެ ބޭނުމުގައި ނޫން ކަމަށާއި އެއީ ފުޓްބޯޅަ އަށް ރަނގަޅަކަށް ކުރާކަމެއް ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހު ހަވީރު މާޒިޔާ އަތުން 3-1 އިން ބަލިވި މެޗަށް ފަހު ސުޒޭން ވަނީ މި ފަހަރުގެ ޕްރިމިއާ ލީގުގެ ތައްޔާރީތަކަށް ފާޑުކިޔައިފަ އެވެ. ސުޒޭން ބުނީ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ކިތަންމެ ގިނަ ދުވަހެއް ލިބުނު ކަމުގައި ވިޔަސް ކުރަންޖެހޭ މަސައްކަތްތަކުގައި އިހުލާސްތެރިކަމެއްނެތި ހަމައެކަނި ނަމަކަށް ކޮށްގެން އޭގެ މަންފާއެއް ފުޓްބޯޅަ އަށް ނެތް ކަމަށެވެ.
ސުޒޭންގެ ވާހަކަތަކަށް ސޯޝަލް މީޑިއާގައި ތަފާތު ގޮތްގޮތަށް މީހުން ޝުއޫރުފާޅުކޮށްފައިވެ އެވެ. ލީގުގައި މިރޭ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ އޭނާ ވާހަކަ ދެއްކީ މީޑިއާ އާއި އެ ނޫން ވެސް ފަރާތްތައް އެ ފަދަ ވާހަކައެއް ދައްކާފައި ނެތުމުން ކަންތައްތައް ރަނގަޅުކުރަން ބޭނުންވާތީ ކަމަށެވެ.
"އަޅުގަނޑު އެކަން ފާހަގަކުރީ އެކަމުން އުނދަގުލެއް ކުރާކަށް ނޫން. އެކަންކަން ރަނގަޅުކުރަން. މިހާރު ވެސް އެފްއޭއެމުން އޭގެ ބައިވަރެއް ކަންތައްތައް ރަނގަޅުކޮށްފި. ޖެހިގެން އައި ދުވަހު ހުރީ ވަރަށް ރަނގަޅު އާ ބޯޅަތަކެއް ނެރެފައި. އޭގެ މާނަ އަކީ ކަންތައްތައް ރަނގަޅު އެބަވެއޭ. ރަނގަޅު ކުރުމުގެ އެއް ބޭނުމަކީ އަޅުގަނޑުމެން ސްޕޮންސަރުންނާ ދިމާލަށް ދިޔައީމަ އެ މީހުންގެ ވެސް ޝަކުވާތަކެއް ނުހުންނާނީ އޭރުން،" ސުޒޭން ބުންޏެވެ.
ކްލަބްތަކާއި އެފްއޭއެމުން އެންމެ ފުރަތަމަ ހިއްސާކުރި ޝެޑިއުލްގައި ގްރީން ސްޓްރީޓްސް ލީގުގެ ފުރަތަމަ މެޗުގައި ކުޅެން ޖެހިފައި އޮތީ ލީގުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭއާ އެވެ. އެކަމަކު ފަހުން ޝެޑިއުލަށް ބަދަލުގެނައިއިރު ގްރީން ސްޓްރީޓްސް ކުޅެން ޖެހުނީ މާޒިޔާއާ އެވެ. ސުޒޭން ބުނީ ކުއްލިއަކަށް ޝެޑިއުލް ބަދަލުވިއިރު އެންމެ ރަނގަޅަށް ތައްޔާރުވެފައި އޮތް ޓީމާ ކުޅެން ޖެހުމަކީ ޑިސެޑްވާންޓޭޖެއް ކަމަށެވެ.
"ފުރަތަމަ ޝެޑިއުލް ނެރުނުއިރު ފުރަތަމަ އޮތީ ދަ ގްރާންޑޭއާ. އޮވެފައި ދެން ޝެޑިއުލް ބަދަލުވެފައި އަޅުގަނޑުމެންނާ މާޒިޔާއާ ކުޅެން އޮތީ. އަދިވެސް ވިސްނާލީމަ ނާދޭ މާޒިޔާއާ ކުޅެން ޖެހުނު ސަބަބެއް. ދެން އޭގެ ޑީޓެއިލެއް އަހަފިއްޔާ އެފްއޭއެމުން ދީފާނެ. މާޒިޔާ ތައްޔާރުވާން ރަނގަޅު ފުރުސަތުތަކެއް ލިބި ކުއްލިއަކަށް އެ މީހުންނާ ކުޅެން ޖެހުން މިއީ ވަރަށް ބޮޑު އުނދަގުލަކަށް ދިމާވި ކަމެއް. މައްސަލައެއް ނޫން މިއީ ލީގުގެ ކޮންމެވެސް ހިސާބަކުން އެހެން ނޫނަސް މާޒިޔާއާ ކުޅެން ޖެހޭނެތާ،" ސުޒޭން ބުންޏެވެ.
ފުރަތަމަ މެޗުގައި މާޒިޔާ އަތުން ބަލިވި ނަމަވެސް ގްރީން ސްޓްރީޓްސް އިން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނު ކަމަށާއި ނަތީޖާ ނޫން އެހެން ކަންތައްތައް ދިޔައީ ރަނގަޅަށް ކަމަށް ސުޒޭން ވަނީ ފާހަގަކޮށްފަ އެވެ. ގްރީން ސްޓްރީޓްސް އިން މި ފަހަރުގެ ސީޒަނަށް ތައްޔާރުވިއިރު، ލަނޑު ޖެހުމުގެ ބަޔަށް ފަރިތަކުރުމުގައި އެހާ ބޮޑަށް ތައްޔާރުނުވެވި ހުރުމަކީ އޭނާ އަތުން ދޫވެގެންދިޔަ ކަމެއް ކަމަށް ސުޒޭން ބުންޏެވެ.
އީގަލްސްއާ ދެކޮޅަށް މިރޭ ނުކުންނައިރު ވެސް ޓީމުގައި ހިމެނޭ ބިދޭސީ ކުޅުންތެރިންނަށް އިންޓަނޭޝަނަލް ޓްރާންސްފާ ސެޓިފިކެޓް (އައިޓީސީ) ހަަމަނުޖެހޭތީ ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އަނެއްކޮޅުން މަހެއްހާ ދުވަހަށް ގްރީން ސްޓްރީޓްސްގެ ކެޕްޓަން އަސްހަދު އަލީ (އަޑޭ) އަނިޔާގައި ހުރުމުން ޓީމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ސުޒޭން ފާހަގަކުރި އެވެ. އެ ގޮތުން ފުލްބެކެއްގެ މަގާމުގައި ކުޅެމުން އައި އާދިލް އަބްދުލް ރަހުމާން ވަނީ ފުރަތަމަ މެޗުގައި ސެންޓްރަލް ޑިފެންސަށް ވަނީ ބޭނުންކޮށްފަ އެވެ.
ސީޒަނަށް ގްރީން ސްޓްރީޓްސް އިން ތައްޔާރުވަމުން އަންނަނިކޮށް ކީޕަރު ލަބާން ޝަރީފަށް އަނިޔާވުމުން އެ ޓީމުން ވަނީ އެހެން ކީޕަރެއް ހޯދުމަށް ވެސް މަސައްކަތްކޮށްފަ އެވެ. ސުޒޭން ބުނީ ދެ ވަނަ ދިވެހި ކީޕަރެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާނުވީ ކީޕަރުން އެކި ޓީމުތަކަށް ބެހިގެންދިއުމުގެ އިތުރުން އަގާއި އެހެނިހެން ކަންތައްތަކަށް ބެލުމަށް ފަހު އެވެ. ގްރީން ސްޓްރީޓްސް އިން ބިދޭސީ ކީޕަރެއް ލިސްޓުގައި ޖެހި ނަމަވެސް އިސްކަންދޭނީ ލަބާނަށް ކަމަށް ސުޒޭން ބުންޏެވެ.
"އެ ކީޕަރު (ބިދޭސީ ކީޕަރު) ޖެހުމަކުން ލަބާނު ވެސް އެހެން ދިވެހި ކުޅުންތެރިން ވެސް މާޔޫސްވާކަށް ނުޖެހޭ. އެއީ ބިދޭސީ ކީޕަރު ބޭނުންކުރާނީ ލަބާން އަށް ނުކުޅެވޭ އޭނަ ފޯމުގައި ނެތް ދުވަސް ދުވަހު. އެހެން ނޫނީ ލަބާން ކުޅޭނީ،" ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ގްރީން ސްޓްރީޓްސްއާ އެކު ހުރި ލަބާނާ ބެހޭގޮތުން ސުޒޭން ބުންޏެވެ.
މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ގްރީން ސްޓްރީޓްސްގެ ޔާން (ކ) ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް ދެ ވަނަ ހާފުގައި ކުޅެން އަރައި ޒުވާން ކުޅުންތެރިޔާ އަބްދުﷲ ޔާމީން (ޔާން) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސުޒޭން ބުނީ ޔާމީން އަށް އިތުރު ބޯޅަތަކެއް ކުޅެވިގެންދިޔަ ނަމަ އަދި އެ އަށް ވުރެން ރަނގަޅުވާނެ ކަމަށާއި މި ސީޒަނުގައި އޭނާ ފޯމުގައި ބަހައްޓައިގެން ވަރަށް ބޮޑަށް ބޭނުން ހިފާނެ ކަމަށެވެ.
ޔާމީންގެ ފަރާތުން ފެނުނު މެޗަށް ވަރަށް ބޮޑަށް އޭނާގެ ނުފޫޒު ވަދެގެން ދިޔަތަން. އަދިވެސް ޔާމީނަށް އެ މެޗުގައި ބޯޅަ ކުޅެންވާވަރަށް ނުކުޅެވޭ ކަންނޭނގެ. އޭނަ އަށް ގައުމީ ޓީމުގައި ކޯޗު ވަރަށް ކޮންފިޑެންސް ދީފައި ހުރީ. ޕޮޒިޓިވްކޮށް ބަހައްޓާލައިގެން ނެރެފިއްޔާ އޭނަގެ އެޑްވާންޓޭޖް ނެގޭނެ ވަރަށް މެޗުއާ ވެފައި ހުރީ. އެކަން އޭނާ އެ މެޗުގައި (މާޒިޔާ މެޗުގައި) ވެސް ސާބިތުކޮށްދީފި،" ސުޒޭން ބުންޏެވެ.
ލީގުގައި ގްރީން ސްޓްރީޓްސް އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. މިއަދު ހަވީރު ކުޅޭނީ ދަ ގްރާންޑޭ އާއި ވިކްޓްރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
24 June 2019
ސުޒޭނު ތިދަށްކާ ވާހަކަ ހަމަ ބަރާބަރު. ލައްކަ އަސަރުކޮށްފިތާ ބަންސާމަށް. ހަމަ ބޭރުކޮށްލަށްވީ ބަވާ ބަވާ ވެސް.
ފުންއަސަރު
24 June 2019
ހެޔޮހިތުން ކަމެއް ރަނގަޅުކުރުމުގެ ނިޔަތުގާ އެކަން ކުރުމުގެ ބޭނުމެއް މިހާރަކު ނެތް. ޚާއްސަކޮށް ފުޓުބޯޅައިގެ މައި އިދާރާގަ. އެފްއޭއެމްގަ. ސުޒޭން ކިތަންމެ ހެޔޮއެދިގެން އެވާހަކަ ދެއްކިޔަސް އެމީހުނެއް އެކަން ގަބޫލެއް ނުކުރޭ. ދެން ރަނގަޅުވާނީ މަޑުން ހުރިއްޔާ. އޭރުންވެސް ފަހަރެއްގަ ނިއުއަށް ޖެހުނުހާލު ނުޖެހި ހިނގައިދާނެ. އެވެސް ފަހަރެއްގަ. ބައެއްމީހުނަށް ބޮޑު ބާރެއް ލިބުނީމާ ވާނެ ހައެތި ވެ މިނިމެނީ.
ނަން
24 June 2019
ސާބަހޭ ސުޒީ. ހަމަ އެއްވަނަ. ބައްސާމު ނަގާ ބޭރު ކޮށް ދީބަލަ.
ރަދީފް
24 June 2019
ސާބަހޭ ސުޒޭން.ރޭގަ ވީޓީވީގެ ކުޅިވަރު ޕްރޮގްރާމެއްގަ ވާހަކަ ދައްކަމުން ސުޒޭން ބުނީ އިނގިރޭސި ލީގް ހިންގަނީ އިންގްލިޝް ޕްރިމިއަރ ލީގް ޕވޓ ލޓޑ ކިޔާ ކުންފުންޏަކުން ކަމަށް. ޢިޒް ދިސް ޓްރޫ؟؟؟ ޥ.ވެދުން
ތޯ ބްރޯ
24 June 2019
https://www.premierleague.com/about
ހަގީގަތް
24 June 2019
ސުޒޭން އެބުނީ ރަނގަޅަށް. މަހީކުރީ ރަދީފަށް މިމަޢުލޫމާތު އިނގޭނެކަމަށް.
ދޮންބެެ
24 June 2019
ކީއްކުރަން މިހާރު ދެންދައް ކާވާހަކަޔެއް މިއަހަރުވެސް ހަދާނީ ބައްސާމް ފެންނަގޮތަކައް ދެންތިބެންޖެހޭނީ ބޭރުކުރާކައްވެސް ނުކެރުނެއްނު ދެންތިބޭ
ކަރީމުއްދީން ބާޝާ
24 June 2019
ފާޑުކިޔައިގެން ރަގަޅުވިކަމެއް ބުނެބަލަ؟ ބަލިވީމާ ކަނޑުމަތި އެޅުވީމާ ކަމަކުނުދާނެ.