ކަޅު ކޮފީން ކެލަރީ އަންދާ ކަމަށް ދިރާސާއަކުން ވަނީ ދައްކާފައި
03 ޖުލައި 2019 - 07:21
ކޮފީއާ ބެހޭ ގޮތުން އިނގިރޭސި ވިލާތުގައި ކުރި ދިރާސާއަކަށް ފަހު، ކޮފީ އަކީ ބަރުދަން ލުއިކުރުމަށް އެހީ އަކަށް ވެދާނެ ކަމަށް ބައެއް ސައިންސްވެރިން ވަނީ ގަބޫލުކޮށްފަ އެވެ.
މި ދިރާސާ އިން ހާމަވި ގޮތުގައި ކޮފީން، ހަށިގަނޑުގެ "ބްރައުން ފެޓް" ހަރަކާތްކުރުވަ އެވެ. ބްރައުން ފެޓުން ހޫނު އުފައްދަ އެވެ. މި މަރުހަލާ އަށް ކިޔަނީ ތާމޯޖެނެސިސް އެވެ. ސައިންސްވެރިން ބުނަނީ މި މަރުހަލާ ހިނގާއިރު ކެލަރީ އަނދާނެ ކަމަށެވެ.
"މިއީ ބްރައުން ފެޓްގެ މަސައްކަތަށް، ކޮފީ ތައްޓަކުން އަސަރުކުރާކަން ހާމަވި ފުރަތަމަ ދިރާސާ،" މި ދިރާސާގައި އިސްކޮށް ހުންނެވި، ޔުނިވަސިޓީ އޮފް ނޮޓިންހަމްގެ ތަޖުރިބާކާރު މައިކަލް ސިމޮންޑްސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަލަ ބައްޔާއި ހަކުރު ބަލި އާންމުވަމުން ދާއިރު މިއީ މުހިންމު ހޯދުމެއް ކަމަށެވެ. އެއީ، މި މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ބްރައުން ފެޓްގެ މުހިންމުކަން އޮތުމުންކަން އޭނާ ފާހަގަކުރެއްވި އެވެ.
ނަމަވެސް އެމެރިކާގެ ނިއުޓްރިޝަނާ ބެހޭ ތަޖުރިބާކާރުން ބުނީ ކޮފީ އަކީ ޑައެޓްކުރާ މީހުންނަށް އެކުވެރިއެއްގެ ގޮތުގައި ބަލައިގަންނަން އަދި މާ އަވަސް ކަމަށެވެ.
"އާންމު ގޮތެއްގައި، ތާމޮޖެނިކް ޕްރޮޕަޓީސްގެ އަސަރަކީ ވަރަށް ކުޑަކުޑަ އަދި ނަތީޖާއެއް ނުފެންނަ ވަރުގެ ކަމެއް،" ޑައެޓީޝަނެއް ކަމަށްވާ ޝެރޯން ޒަރާބީ ވިދާޅުވި އެވެ.
ނަމަވެސް މި ދިރާސާ ކުރި ޓީމުން ބުނަނީ ކޮފީން ބްރައުން ފެޓް މަސައްކަތްކުރާ ކަމަށާއި ކެލަރީ އަންދާ ކަމަށެވެ. އަދި ބުނެފައި ވަނީ ކޮފީން ކެލަރީ އަންދަން ބޭނުން ނަމަ ބޯންވާނީ ކަޅު ކޮފީ ކަމަށެވެ.
މި ދިރާސާ ސައިންޓިފިކް ރިޕޯޓްސް ޖާނަލްގެ، މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy