އެޗްޑީސީގެ މައި އޮފީސް: ކުރީގެ މެނޭޖްމަންޓުން ހިންގި މުއާމަލާތްތައް މިހާރު ދަނީ ބަލަމުން
08 ޖުލައި 2019 - 15:12
ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ހަވާލުކުރި ސައިޓްގައި ހުރި ވެލި ފުންޏެއް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން 17 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި އެކަން ވެސް ބަލަން ޖެހޭ ކަމަށް، އެ ކުންފުނިން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި މިއަދު ބުނެފި އެވެ.
ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ، އެ ވެލިފުނި އެތަނުން ނަގާ، އެ ބިން ހުސްކުރުމުގެ މަސައްކަތް އެހާ ބޮޑު އަގެއްގައި ބަޔަކާ ހަވާލުކުރީ ވެމްކޯ އިން އެ އަށް ވުރެ ކުޑަ އަގެއް ވެސް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ. ވެލި ފުނި ނެގުމުގެ މަސއްކަތް ހަވާލުކުރީ ކޮން ކުންފުންޏަކާ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އާތިފް ވިދާޅުވި ގޮތުގައި އެހާ ބޮޑު އަގެއްގައި މަސައްކަތްކުރަން ދިން އިރު، އެކަމުގައި އެޗްޑީސީގެ ވެހިކަލްތައް ބޭނުންކުރި އެވެ.
ވޯޓާ ތީމް ޕާކް ހަދަނީ ހުޅުމާލޭ ފަޅިން ލިންކް ރޯޑު ފެށޭ ހިސާބުގައި، އެންމެ އިރަށް އޮންނަ ބޮޑު ބިމުގަ އެވެ. އެ ހިސާބުގެ މޫދު ސަރަހައްދާ އެކު ދީފައިވާ އެ ބިމަކީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މަޝްރޫއުއަކަށް އެއް ކުންފުންޏަކަށް ދިން އެންމެ ބޮޑު ބިމެވެ.
ވޯޓާ ތީމް ޕާކް ހަދަނީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އޮސްޓްރޭލިޔާ އާއި ސިންގަޕޫރުގެ ދެ ކުންފުންޏެއް ގުޅިގެންނެވެ.
އެ ސައިޓްގައި މިހާރު ވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި އެ މަޝްރޫއަށް 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ހޭދަވާނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޗްޑީސީ އަކީ އަމަލީ ގޮތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި އެއް ކުންފުންޏެވެ. ކޮމިޓީގައި ވާހަކަ ދައްކަވަމުން އާތިފް ވަނީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގައި އެ ކުންފުނިން ކުޅުނު ރޯލާ ބެހޭ ބައެއް މައުލޫމާތު ވެސް ހިއްސާކުރައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެޗްޑީސީގެ އެ ހުރިހާ ކަމެއް ސާފުވާނީ އިންޓާނަލް އޮޑިޓް ނިމުމުންނެވެ. އެ މަސައްކަތް ކުރިއަށް ދާ ވަރަކަށް ކަމާ ބެހޭ އެހެން މުއައްސަސާތަކާ ހިއްސާކުރައްވާނެ ކަމަށް އާތިފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެންސަރު
09 July 2019
އެ ކުންފުނީގެ ނަން މިއޮތީ އޮޓޮމެޓިކުން ސެންސަރުވެފައި ކަމެއްވެގެންތާ! ކުރީގެ ސަރުކާރަށް އެމްޑީޕީން އަދީބު ލީ ކޮރަޕްޝަން ހިންގުވަން. އެހެން ތަންތަނަށްވެސް އެގޮތަށް މީހުން ލައިގެން ނޫނީ އެހާ ފާޅުކަން ބޮޑުކޮށް ކޮރަޕްޝަނޭ ގޮވަން ނޭނގޭނެ އޭރުގަ. އެސަރުކާރުގައި ފަނިއަޅުވައިގެން ކޮރަޕްޝަންގެ ހާއްޔަކަށް ގައުމު ހެދުވުމުގައި އެމްޑީޕީގެ ބޮޑު ރޯލެއްވޭ. މިއަދު ރަގަޅު ހެދިފައި ތިއްބަސް އަދި އެކަމުގެ ބަދަލު ގިނަ ގޮތްގޮތުން ފެންނާނެ.
ޝާއިރާ
09 July 2019
ޑޮކިއުމެންޓްސް ހާމަކުރޭ. މިނިސްޓަރުންނާއި (ޝެއިހުންވެސް) ދޮގު ހަދާ ޒަމާނެއްގައި ތިހެން ދައްކާހާ ވާހަކައެއް ނެތް ގަބޫލު ކުރެވޭކަށް. ވެލިފުނި ނަގަން ހަވާލު ކުރި މަޝްރޫޢުގައި އެހެން މަސައްކަތްތަކެއް ނުހިމެނޭތޯ؟
އަފްރާހު
09 July 2019
ކޮބާ ކުރީގެ އެމްޑީ އަހުމަދު ނާސިފު އަދި ސައިމަން.. މި ގޮލާއިންތަކުގެ ޝަރީއަތް ކުރާނީ ކޮންއިރަކުން.. ؟
ގޮހޮޑާ
09 July 2019
ތީހަމަ އެކަނި ހެޑިން ދެން ނެއްތަ އެިތުރު މަސައްކަތުގެ ވާހަކަ...?
އަލީ!
09 July 2019
ހާދަވަރަކަށް ކައިފައޭ ފައިބައިގެންއެދިޔައީ.
ފިއްޓެ
09 July 2019
އެޗުޑީސީ ގެ މިހުރިހާ ކަމެއް ހިނގާއިރު ކޮބާތަ އެތާނގެ ލީގަލް ؟ އެތަށްހާސް ރުފިޔާ އެއްދީފަ ހުންނަ ލީގަލް ހެޑެއް މިތަނުގައި ހުރޭ! އަނިޔާ ކުރާ ފުލުހުންނަށް ޖިނާޢީ ތަހުޤީ ހިންގާއިރު މިފަދަ މީސްމީހުން ވެސް މިކަހަލަ ވައްކަމަކަށް ފުރުސަތު ދޭނީ ކޮންމެވެސް ނޭއްގާނީ ކަމެއް އޮވެގެން! އަޑު އިވޭގޮތުން މި ލީގަލް ގެ ބޭބޭ އަކީ މެންބަރެއް! އެހެންވީމާ މިސަރުކާރުގައިވެސް ވަނީ ޙީމާޔަތް ކުރެވިފަ! ނޫސްވެރިން މިކަން ބައްލަވާލެއްވުމަކީ ރަނގަޅުކަމެއް ކަމުގައި ދެކެން!
ބޮޑުމީހާ
08 July 2019
ޖަލު ހުސްކޮށްވަ ތިއެންމެން ޖަލަށްލާބަލަ. ކޮންމެ ދުވަހަކު ނޫހުގަ ތިނޫންވާހަކައެއްނޯވޭ
ިއިބްރާ
08 July 2019
ހުސް ދޮގު ވިއްކައިގެން ސަރުކާރު ނުދެމެހެއްޓޭނެ. ވެރިކަމަށް އަންނަންވެސް ހެދީދޮގެވެ. ވެރިކަމުގައި ތިބެންވެސް ހަދަނީ ދޮގު
ވިސްނާ!
08 July 2019
ހެޔޮނުވާނެ! މިއަދުގެ ސަރުކާރުން ވަޒީފާ ދީ މުސާރަދެމުންދާ ސިޔާސީ މީހަކު ކޮމިޓީއެއްގައި ދައްކާ ވާހަކައެއްގެ މައްޗަށް، ސާބިތު ނުހިފޭ ކަންކަމަށް ހަމަ މިތާ ކޮމެންޓްކުރާ މީހުންކަހަލަ ދިވެހި އިސްލާމުންނާ ދިމާލަށް ވަގަށް ގޮވުމަކީ ކުރެވޭ ފާފައަކަށް ނޫނީ ހަމަ ޔަގީނުންވެސް ނުވާނެ!
ނަވާޒު
08 July 2019
ޢެޗްޑީސީ ހިންގަން އޭރު ތިބި ވެރިން މިހާރު ތިބީ ކުލަ ބަދަލުކޮށްގެން. ފިޔަވަޅުއަޅަންޖެހޭ.
ތަސީބު
08 July 2019
އެ ވެލިފުނިތަ ބާރޖަކަށް އަޅައިގެން އުޅެނިކޮށް ފެބުނީ?