ރޮޖާ ފެޑެރާ (ކ) އާއި ރަފާ ނަޑާލް މެޗަށް ފަހު ވާހަކަދައްކާލަނީ. --ފޮޓޯ: އޭއެފްޕީ
13 ޖުލައި 2019 - 11:43
ލަންޑަން (ޖުލައި 13) – ސްޕެއިނުގެ ވާދަވެރިޔާ ރަފާ ނަޑާލް އަތުން މޮޅުވެ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައި، ރެކޯޑް އަދަދަކަށް ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ އިއްޔެ ޖެހިލައިފި އެވެ.
ނަޑާލް އަތުން 7-6 (7/3)، 1-6، 6-3، 6-4 އިން މޮޅުވުމަށް ފަހު ފެޑެރާ ބުނީ އޭނާ ވަރުބަލިވެއްޖެ ކަމަށާއި ނިމިގެން ދިޔައީ އެހާމެ އުނދަގޫ މެޗެއް ކަމަށެވެ.
މާދަމާގެ ފައިނަލުގައި ވެސް އޭނާ އަށް އޮތީ ފަސޭހަ ކުރިމަތިލުމެއް ނޫނެނެވެ. ބައްދަލުކުރާނީ ރޭންކިންގެ 23 ވަނައިގައި އޮތް ސްޕެއިނުގެ ރޮބާޓޯ ބައުޓިސްޓާ އަތުން އިއްޔެ މޮޅުވި އެންމެ ފަހު ޗެމްޕިއަން ސާބިއާގެ ނޮވަކް ޖޮކޮވިޗާ އެވެ. މުބާރާތުގެ އެއް ވަނަ ސީޑް އަދި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވަ ޖޮކޮވިޗް އޭނާގެ ވިމްބަލްޑަން ހަ ވަނަ ފައިނަލަށް ދަތުރުކުރީ 6-2، 4-6، 6-3 އަދި 6-2 އިން މޮޅުވެގެންނެވެ.
ފައިނަލުން ފެޑެރާ މޮޅުވެއްޖެ ނަމަ ނުވަ ފަހަރަށް ވިމްބަލްޑަން ސިންގަލްސް ތަށި ކާމިޔާބުކުރެވި، ވިމްބަލްޑަން ސިންގަލްސް އެންމެ ގިނައިން ކާމިޔާބުކޮށް އެމެރިކާގެ މާޓިނާ ނަވްރަޓިލޮވާ ހަދާފައިވާ ރެކޯޑާ އެއްވަރުކުރެވޭނެ އެވެ. ފެޑެރާ އަކީ މިހާރު ވެސް ވިމްބަލްޑަން އެންމެ ގިނައިން ކާމިޔާބުކުރި ފިރިހެން ކުޅުންތެރިޔާ އެވެ.
ކެރިއަރުގެ 21 ވަނަ ބޮޑު މުބާރާތް ކާމިޔާބުކުރަން ނުކުންނަ އުމުރުން 37 އަހަރުގެ ފެޑެރާ ވެގެންދާނީ ގްރޭންޑް ސްލޭމެއްގެ ފައިނަލުގައި ކުޅޭ ތިން ވަނަ އަށް އެންމެ މުސްކުޅި ކުޅުންތެރިޔާ އަށެވެ. އޭނާ ބުނީ ޖޮކޮވިޗަކީ އެންމެ ފަހުގެ ޗެމްޕިއަންކަން ކަމަށާއި އެކަން އޭނާ މި ހަފުތާގައި ވެސް ސާބިތުކޮށްދީފައިވާ ކަމަށެވެ.
"އޭނާ ފެންނަނީ ވަރަށް ވަރުގަދަކޮށް. އަހަރެން މަސައްކަތްކުރާނަން އެކަމަކު ވަރަށް އުނދަގޫވާނެ. ސަބަބަކީ އޭނާ ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާގެ ގޮތުގައި ހުރީ ހަމައެކަނި ނަމަކަށް ކަމަށް ނުވާތީ،" ފެޑެރާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްބެއް
14 July 2019
ނަޑާލް މޮޅީ ހަމައެކަނި ކްލޭ ކޯޓަށް. ކިންގ އޮފް ކްލޭ.