އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް. އެއާޕޯޓު ތަރައްގީ ކުރުމަށް އޮތް އެންމެ ބޮޑު ދަތި ކަމަކީ ފައިސާ ނެތުން ކަމަށް އެކުންފުނިން ބުނޭ--ފޮޓޯ:މިހާރު
18 ޖުލައި 2019 - 13:06
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހާލަތު ކައިރިން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މެންބަރުން އައްޑު އަށް ދާން ނިންމައިފި އެވެ.
އިއްޔެ ބޭއްވި އެސްއޯއީ ކޮމިޓީގައި މެންބަރުން ވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހާލަތާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް އެ ކުންފުނީގެ އިސްވެރިންނާ އަމާޒުކުރައްވައިފަ އެވެ.
އިއްޔެ ބޭއްވި އެސްއޯއީ ކޮމެޓީ އަށް ވަޑައިގެން، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޯޑު މެމްބަރު އިބްރާހިމް ނޫރައްދީން ވިދާޅުވީ އެއާޕޯޓުގެ ހާލަތު އެންމެ ފުރިހަމަ އަށް ފެންނާނީ މެމްބަރުން އެތަނަށް ވަޑައިގަންނަވައިގެން ކަމަށެވެ. އެތަނުގެ އިމާރާތަކީ ވަރަށް ދުވަސްވެފައިވާ އިމާރާތެއް ކަމަށާއި ކުރާ ގިނަ އޮޑިޓްތަކުން އެއާޕޯޓް ފެއިލްވާ ކަމަށް ވެސް އިބްރާހިމް ނޫރައްދީން ވިދާޅުވި އެވެ.
"އެތަން ވީރާނާވެފައިވާ ވަރު އެނގޭނީ އެތަނަށް ގޮސް ބަލައިލުމުން،" އޭނާ ވިދާޅުވި އެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމު ވިދާޅުވީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނި އުފެއްދި މަގްސަދަކީ އައްޑު އަށް ތަރައްގީ ގެންދިއުން ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި އެންމެ ކާމިޔާބު ވިޔަފާރިވެރިން ނިސްބަތްވާ ކާސާ ހޯލްޑިންސްގެ 30 ޕަސެންޓާއި ސަރުކާރުގެ 70 ޕަސެންޓް ހިއްސާވާ ކުންފުންޏެއް ފެއިލްވެގެން ދިޔުމަކީ ސަރުކާރުގެ ފަރާތުން ބޯޑުގައި އިންނަވާ މެންބަރު ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"ސަރުކާރުގެ ފަރާތުން ބޯޑު ރެޕްރެޒެންޓް ކުރާ ބޭފުޅަކު، މިނިސްޓްރީތަކާއި ސަރުކާރު އޮފީސްތަކާ ހިންގަންޖެހޭ މުއާމަލާތްތައް ހިންގަން ވާނެ. ސަރުކާރުގެ ޒިންމާ އޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެ ކުންފުނި ހިންގަނީ ޗެއާމަނެއް، އެމްޑީއެއް ވެސް ނެތި،" އޭނާ ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި އެ ކުންފުނި އޮތީ ދާނެ ގޮތަކަށް ދާން ދޫކޮށްލާފައި ކަމަށެވެ. އޭނާ ވިދާޅުވީ، އެ ކުންފުންޏަށް ލިބިގެން އުޅޭ ބަދުނާމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި މިކަމުން ކާސާގެ ނަމަށް ވެސް ގެއްލުން ލިބޭ ކަމަށެވެ.
"މިކަން މިގޮތަށް މިވީ، ކާސާ މިކަމާ ހަވާލުވި އިރު ތަރައްގީ ކުރަން 130 ރޫމެއްގެ ހޮޓަލެއްގެ ވާހަކަ މި ޕްރޮޕޯސަލްގައި ހިމެނުމުން އެއިން ލިބޭ އެއްޗަކުން އެއާޕޯޓް ތަރައްގީ ކުރުމަށް އޮތީ. އެ ވިސްނުމުގައި ތިބި ބަޔަކު އެ އިމޭޖް ގޯސް ކުރަނީ،" އޭނާ ވިދާޅުވި އެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާމް ވިދާޅުވީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހާލަތުން އެނގިގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އައްޑޫގެ ރައްޔިތުންނަށް އިހުމާލުވެފައިވާ މިންވަރު ކަމަށެވެ.
"އަޅުގަނޑަށް ފެންނަނީ 70 ޕަސެންޓް އޮތް ޝެއާހޯލްޑަރު ނިދާފަ އޮވެ، ކާސާގެ ބޮލުގައި ހުރިހާ އެއްޗެއް އަޅުވައިގެން ތިބި މަންޒަރު،" އޭނާ ވިދާޅުވި އެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ، އައްޑޫ އެއާޕޯޓު ނުހިނގާ އޮތުމަކީ އައްޑޫގެ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އައްޑޫ އެއާޕޯޓު ހިންގަން ހުރަސް އެޅީ ސަރުކާރުން. ސަރުކާރުން އެއޮތީ އެކަން ނިންމައިފަ. މިކަން ސީރިއަސްކޮށް ބަލާ އަޅުގަނޑުމެންނަށް އެޅޭ އެ ފިޔަވަޅެއް ބަލަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވަނީ އެސްއޯއީތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) ގެ މެންބަރުގެ އިސްތިއުފާއަށް ގޮވާލަށްވާފަ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކޮށް، އެ ކުންފުނީގެ 30 ޕަސެންޓް ހިއްސާ ކާސާ ހޯލްޑިންސް އަށް ދީފައިވަނީ 2012 ވަނަ އަހަރު އެވެ. މި ބަދަލު ގެނެސްފައިވަނީ ބޮޑު ބިޒްނަސް ޕްލޭނަކާ އެކު އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް ޕްލޭންގައި ހުރި ކަންކަން ކުރެވިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންޓަނޭޝަނަލް
18 July 2019
އިންޓަނޭޝަނަލް އެއަރޕޯޓެއް އޮންނަންވީ ހުވަދު އަތޮޅުގައި. އެއަރޕޯޓް އޮންނަންވީ ތަން ނޫން ތަނެއްގައި ހަދައިގެން އިކޮނޮމިކް ސްކޭލެއް ނެތް ތަނެއްގައި ހަދައިގެން ކުރެވޭނެ ފައިދާއެއް ނެތް. އެކަން ގަބޫލުކޮށް ހުވަދުއަތޮޅުގައި މިހާރު މިހާރަށް އިންޓަނޭޝަނަލް އެއަރޕޯޓެއް އަޅަންވީ. ރިޒޯޓް ހެދޭނެ ރަށް ނެތް ތަނެއްގައި އެއަރޕޯޓެއް އޮތުމުގެ ބޭނުމެއް ނެތް. ޓޫރިސްޓުންވެސް ގިނައިން އަންނާނީ ފަސޭހަ ތަނަކަށް.
ގާބިލު
18 July 2019
ހުވަދޫ އަތޮޅު ކޮންދިމާލެއްގައިއޮތް އިކޮނަމީއެއްބާ! އަހަރުމެންނަށް ނުފެއްނަގޮތަށް ހުވަދޫއަކާއި އިކޮނަމީއެއް އޮތުމަކީ ހައިރާންވާކަމެއް!
ދަންނަ ނުދަންނަ
18 July 2019
އިކޮނޮމީއަކީ ނުފެންނަ މީހުންނަށް ފެންނަ އެއްޗެއް ނޫން. ދުނިޔޭގައި އޮތް އެންމެ ބޮޑު އަތޮޅުގައި އެއޮތް ބައިވަރު ފަޅުރަށްތަކުގައި ރިޒޯޓު ހަދައިގެން ފައިދާ ވާނީ. މިހާރުވެސް އެތައް ރަށެއްގައި ރިޒޯޓުތައް ހަދާފައި އެބަހުރި. މިރާއްޖޭގައި އޮތް އިޤްތިޞާދަކީ މިއީ. މިއަށް އިކޮނޮމީ ކިޔަނީ. އެއީ ބޮލިހިލުމުާއި ރޯނު ވެށުމާއި ނާރުކުފަލުދަ ހެދުމެއް ނޫން.
ބީޑި އަހަންމާއިދި
19 July 2019
އައްޑޫ މީހުނަށް ފެނޭތަ އެނޫން ތަނެއް. ތަފިރިންގެ ސިޓީން ނިކުމެ ރާއްޖޭގެ ތަންތަން ބަލާލީމަ ފެންނާނީ އިކޮނޮމީއާ އާބާދީއާ އަންހެން ކުދިންނާ.
ދަރުބާރު
19 July 2019
އަރިއަތޮޅަށް ޓޫރިސްޓުން ދަނީ އަރިއަތޮޅުގެ އެއަރޕޯރޓަށް އޮވަގެންތަށް..މުޅިރާއްޖޭއަށް ޓޫރިސްޓުން ފެތުރިގެން މިދނީ.....ތިކަހަލަ ވިސްނުން ގެންގުޅޭތީ ތަރައްޤީ ނުވެގެން މިއުޅނީ.....އިންޓެނޭޝަލް ބޯރޑެއްއެޅުވިދާނެ!!! އިންޓަނޭޝަލް އެއަރޕޯޓެއް އަޅަންޔާ ވ.ބައިވަރު ކަންތައްތައް ފުރިހަމަ ކުރަންޖެހޭ....
މުހައްމަދު 2
18 July 2019
އަހަރުމެންނަށް އިނގޭ ތިވާ ގޮތް. ދެން އަވަހަށް ޖީއެމްއާރަށް ދީ 99 އަހަރު
ހާދާލު
18 July 2019
ހުވަދު އަތޮޅުގަ އަޅަންޖެހޭ އިންޓަނޭޝަނަލް އެއަރޕޯޓް އައްޑޫގަ އެޅީމަ ވާނެހާ ގޮތެއް ވާތަން މި ފެންނަނީ.....އައްޑޫ އަކީ ފަޅެއް ރަށެއް ގިރިއެއް އޮތް ތަނެއް ނޫން.
ކޮމެޓީސަރުކާރު
18 July 2019
ޖީއެމްއާރަށް ހަވާލުކުރަން އެސެސްމަންޓް ހަދަނީ...
ރަދީފުއްދީނުލް އަކްބަރު
18 July 2019
އަހަރެއްވެގެން މިއޮށްދަނީ. އަދިފެންނަނީ ހުސްއަނގަޔާ ހުސް ކޮމެޓީ.