ގަމުގައި ހަދާ މަގު. އެ މަގު ހެދުން ޕްރޮޖެކްޓުން އުނިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަނީ -- ފޮޓޯ: މިހާރު
10 އެޕްރީލް 2025 - 07:14
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ވަންނާތީ، އެ މައްސަލާގައި އިންސާފުވެރި ހައްލުތަކެއް ހޯދުމަށް ސަރުކާރާ އެކު މަސައްކަތް ކުރާ ކަމަށާއި ވަރަށް އަވަހަށް އެކަން ހައްކު ކުރެވޭނެ ކަމަށް އެ ހޮޓާ ހިންގާ ކުންފުނިން ރޭ ބުނެފި އެވެ.
ގަމުގައި އީކުއޭޓާ ވިލެޖު ހިންގާ ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލްސް ސާވިސަސް އިން ނެރުނު ބަޔާނެއްގައި ބުނީ، އެއާޕޯޓު މަގު ހަދަން ނިންމި ސަރަހައްދުގައި ހިމެނެނީ އެ ހޮޓަލުގެ އާންމު އޮޕަރޭޝަނަށް ކޮންމެހެން މުހިއްމު އިމާރާތްތަކެއް ކަމަށެވެ. އީކުއޭޓާ ވިލެޖުގެ ބަދިގެ އާއި މުވައްޒަފުން ތިބޭ ތަނާއި މުވައްޒަފުން ކާ ސަރަހައްދުގެ އިތުރުން ލޯންޑްރީ އާއި ގަރާޖާއި ސްޓާފް ރެކްރިއޭޝަން އޭރިއާ އާއި ގެސްޓުންނަށް ހާއްސަ ސްކްވޮޝް ކޯޓު ވެސް އެ ސަރަަހައްދުގައި ހިމެނޭ ކަމަށް ކައިމޫގެ ބަޔާނުގައި ވެ އެވެ.
ނަމަވެސް އައްޑޫ އެއާޕޯޓް ކުންފުނިން އިއްޔެ ބުނެފައި ވަނީ މަގު ހަދާ ސަރަހައްދަށް މުޅި އެ އިމާރާތް ނާރާ ކަމަށާއި ނަގަން ޖެހެނީ މަދު ކޮޓަރިތަކެއް ކަމަށެވެ.
"އެ ބުނާ ސްޓާފް ކުއާޓާޒް އެއްކޮށް އާ މަގަށް އަރަނީކީއެއް ވެސް ނޫން. އެ އިމާރާތުގެ ބައެއް ކޮޓަރިތައް މި ޖެހެނީ ނަގަން. އަޅުގަނޑުމެން [އީކުއޭޓާ ވިލެޖުގައި] ބުނެފިން އެ ކޮޓަރިތަކުގެ ބަދަލުގައި ބްލޫ ލެގޫންގެ ކުރިމަތީގައި ހުރި ތަނެއް ވެސް ހަމަޖައްސަދީފާނަމޭ. އެކަމަކު، އެ ކަމަށް ވެސް އެއްބަހެއް ނުވި،" އައްޑޫ އެއާޕޯޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދު "މިހާރު" އަށް އިއްޔެ ވިދާޅުވި އެވެ.
ކައިމޫ އިން ބުނީ، މި މައްސަލައިގައި ހައްލެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީއާ އެކު މުހިއްމު މަސައްކަތްތަކެއް ކުރި ކަމަށާއި ބޭނުންވާ ހައްލުތައް ވެސް އެ ކުންފުނިން އިސްނަގައިގެން އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ.
އިކުއޭޓާ ވިލެޖު" އެ ހޮޓަލުގައި 78 ކޮޓަރި ހިމެނޭ -- ފޮޓޯ: އިކުއޭޓާ ވިލޭޖު
އައްޑޫގެ ތަރައްގީއަށް ބޭނުންވާ މުހިއްމު ކަންކަމުގައި ކައިމޫ އިން އަބަދުވެސް އެއްބާރުލުންދޭ ކަން ފާހަގަކޮށް ބުނީ، މި މައްސަލައިގައި ވެސް އިންސާފުވެރި އަދި އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އީކުއޭޓާ ވިލެޖު ހިންގުމާ ކައިމޫ އިން އެންމެ ފުރަތަމަ ހަވާލުވީ 1999 ވަނަ އަހަރު އެވެ. އެ ހޮޓަލުގައި 78 ކޮޓަރި ހިމެނޭ އިރު އެ ކުންފުނިން 2017 ވަނަ އަހަރު ވަނީ ޓޫރިޒަމް މިނިސްޓްރީއާ އެކު އެއްބަސްވުން އާ ކޮށްފަ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އިކުއޭޓާ ވިލޭޖަށް ދޫކޮށްފައިވާ ބިމެއް ވަންނާތީ، އެ ބިމުގެ ބަދަލުގައި އިތުރު ބިމެއް ދޭން ހުށަހެޅުމުން ވެސް އެ ހޮޓަލުގެ ފަރާތުން އެކަމަށް އެއްބަސްނުވި ކަމަށް އައްޑޫ އެއާޕޯޓްސް ކޮމްޕެނީން އިއްޔެ ބުންޏެވެ
އެ މައްސަލައިގައި އައްޑޫ އެއާޕޯޓްސް ކޮންޕެނީ އިން ކައިމޫއާ ސީދާ މަޝްވަރާއެއް ނުކުރެ އެވެ. އެކަމުގައި ހައްލެއް ހޯދުމަށް އެ ކުންފުނިން މަސައްކަތް ކުރަނީ ޓޫރިޒަމް މިނިސްޓްރީއާ އެކު އެވެ. މިދިޔަ ދެ އަހަރު ވެސް އެކަމުގައި ކުރި މަޝްވަރާތަކުން ހައްލެއް ނުލިބުނެވެ. އެނގިފައިވާ ގޮތުގައި ހައްލެއް ނުލިބިފައިވަނީ، ކައިމޫ އިން ބަދަލުގެ ގޮތުގައި ހުށަހަޅާ ކަންކަމަށް ޓޫރިޒަމް މިނިސްޓްރީ އަށް އެއްބަސްވުމަކާ ހަމައަށް ނާދެވޭތީ އެވެ.
މި މައްސަލައިގައި އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވެފައިވަނީ އެ ކަމާ ގުޅޭ ގޮތުން މި މަހުގެ 17 ގެ ނިޔަލަށް ގޮތެއް ނުނިންމެއްޖެ ނަމަ އެ ޕްރޮޖެކްޓުން މަގު ހެދުން އުނިކުރާނެ ކަމަށެވެ. ސަބަބަކީ، ގަން އެއާޕޯޓުގެ ކޮންޓްރެކްޓަރު އިންޑިއާގެ ރެނާޓާސް ކުންފުންޏަށް ސަރުކާރުން ބަދަލު ދޭން ޖެހިދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެެހެން ޕްރޮޖެކްޓެއްގެ ތެރެއިން ސަރުކާރުން އެ މަގު ހަދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ 01
10 April 2025
ތި ބިމުގަ އަޅާފަ ހުރި އިމާރާތަކީ ކައިމޫ އިން އަޅާފަ ހުރި އިމާރާތެއްތަ؟ އެހެންކަމުގައި ވަނީނަމަ އިމާރާތް އަގުމަގުކޮށް ބަދަލު ދީފަ ، ސަރުކާރުން ހިންގާ ޕްރެޖްކްޓް ހިންގެން ޖެހޭނެ. ބަންޑާރަ ބިމަކަށް ސަރުކާރުން ނުޖެހޭނެ އިތުރު ފައިސާއެއް ދޭކަށް ، ޕްރޮޖެކްޓްގެ ފައިދާ ވާނީ ހުރިހާ ރައްޔިތުންނަށް، ކައިމޫވެސް ހިމެނޭ އޭގެ ތެރޭ، އެހެންވީމަ މީގަ އޮތް ގޮތަކީ ގޮތް ދޫކުރުން. އަދި އީކުއޭޓަރ ވިލެޖްގަަ މިހާރު ހުރި ހުސްބިމުގަ ތި ނަގާ ތަންތަން އެޅުން.
މުލޭ
10 April 2025
އިންސާފުވެރި ބަދަލަކަަށްވަނީ ހޮޓާ ބަންދުކޮށްގެން ތިއްބަސް 50 ވަރަކަށް އަހަރު ފުލް ކެޕޭސިޓީގައި ހިންގައިގެން ލިބޭނެ އާމްދަނީއަަށްވުރެ ބޮޑު އަދަދެއްގެ ފައިސާ ގަނޑެއްތޯ!. ނުވާނެ ތިކަމެއް. ނަގަންޖެހުނު ކޮޓަރިއަކަށް ހަމަ އެވަރުގެ ކޮޓަރިއެއް ޢިމާރާތްކުރެވޭނެ ވަރުގެ ބަދަލަކީ އިންސާފުވެރި ބަދަލެއް. ކޮންމެ މީހަކުވެސް މިބަލަނީ ދައުލަތް ފެލާލަން.
ސުވާލެކޭ
10 April 2025
ކައިމޫ މިއީ ކައިޒީންގެ ކުންފުންޏެއްތަ އަނެއްކާ؟
އެއާޕޯޓް އަޅަން މީހުންގެ ގެ ޔާމީނަށް ނެގުނު
10 April 2025
ގައުމުގެ މުހިއްމު ކަންތަކަށް ބޭނުންވާ ބިން އަދުލުވެރި ބަދަލަކާ އެކު ދައުލަތަށް ނެގޭނެ ކަމަށް ގާނޫން އަސާސީގައި ވޭ. މިހާލަތުގައި ޢަދުލުވެރި ބަދަލަކީ ކޮބާކަން ކޯޓުން ވަނީ ކަނޑައަޅާފަ.
އެނދިމަރިޔަނބު
10 April 2025
ނޭފަތު ކުރިޔާ ހަމައަށް ނުވިސްނާ އެއަށްވުރެ ދުރަށް ވިސްނާ! އައްޑޫ އެއަރޕޯޓު ތަރައްގީވެ، މަގުތައް ހެދުނީމާ އެކަމުގެ އެއްމެ ބޮޑު ފައިދާއެއް ކުރާނީވެސް އީކުއޭޓާ ވިލެޖަށް. ވީމާ ތިބޭފުޅުންގެ މަސްލަހަތު އޮތީ މިކަން އަވަހަށް ނިމުން.
ނޫމާ
10 April 2025
ކައިމޫއަށް ތިއޮތީ މާވަހަރެއް ލައްގާފަ. ދެން ދައުލަތް ފެލެން އޮތްވަރަކަށް ފެލާލެވޭތޯ ބަލާ. އަމިއްލަ އެދުމައިގެން ފޯވެފަ މިތިބެނީ.
ދަހި
10 April 2025
ޔޭސް. 25 މިލިއަން އެމެރިކާ ޑޮލަރޭ ވިއްޔަ ކިޔަނީ އަދުލުވެރި ބަދަލަކަށް.
އާދަމް ކުރޮޅި
10 April 2025
މިކަހަލަ ކަންކަމަކީ ބަޔަކު އަޑީގައި ތިބެ ހިންގާ ވިޔަފާރިއެއް. ބަދަލު ހޯދުމުގެނަމުގައި ދައުލަތް ދަވައިލުން.
އަޅި އަލީ
10 April 2025
ކައިމޫ އިން ބޭނުން ވަނީ ގާސިމަށް ދެއްވިހެން ބަދަލުގައި ރިސޯޓް ހަދަން ފަޅުރަށެއް! އެވެސް ކުލި 50 އަހަރަށް ނުހިނގާ ގޮތަށް!
އައްޑޫ ދީދީ
10 April 2025
ކައިމޫގެ ހަޤީޤަތް ދުނިޔެއަށް ހާމަ ކުރަންވީ. މިއަތޮޅުގެ ވަސީލަތްތަށް ވިއްކައިގެން މަންފާ ހޯދަމުން މިއަތޮޅުގެ ކުރިއެރުމަށް ހަޤީޤަތާއި ހިލާފު ނޫސްބަޔާން ނެރެ ހުރަސް އަޅަން ފުރުސަތު ދެވިގެން ނުވާނެ. ފަތުރުވެރިކަމުން އަހަރެމެނަށް ލިބޭ މަންފާއަށް ވުރެ ކައިމޫއަށް ލިބޭ މަންފާ ބޮޑުކަން ހަނދާނުގައި ބަހައްޓަންވާނެ. ފަތުރުވެރިން އައުން ހުއްޓުނީމާ ގެއްލުންވާނީ ދެފަރާތަށް، އެގެއްލުން ކައިމޫއަށް ބޮޑުކޮށް ލިބޭނެ. ވިސްނުންތެރިކަން އިސްކުރައްވާ
ފައިސާ ފައިސާ
10 April 2025
ކައިމޫ އިން ތިޔަ ބުނަންއުޅޭ "އިންސާފުވެރި ބަދަލަކީ" މުޅި އުމުރު ދުވަހު ކަމެއް ނުކުރިއަސް ކުންފުންޏަށް ވާވަރުގެ ބަދަލަކާ ބޮޑަށް ވައްތަރީ. އަބަދު "ފައިސާ ފައިސާ" ކިޔާ މީހެެއްގެ ބާރު އޮތް ދުވަހު ޒާތެެއްގެ ގޮތަކަށް ތިޔަ ވިލެޖެއްގެ އެގްރިމެންޓް އާކޮށްލި ވާކައެއްވެސް ނޫހުގަ އޮތް. މިކަންކަން ގުޅުވާލީމާ، ކައިމޫ އިިން ސަރުކާރަށް ޖެއްސުންކުރަނީ ނޫންބައޭވެސް ހިތަށް އަރާ
އާދަމް ކުރޮޅި
10 April 2025
އެއްބަސވުންތައް ހަދާއިރު ދައުލަތުގެ ބޭނުމަށް ބަދަލެއް ގެނައުމަށް ބާރު އޮންނަންޖެހޭނެ.