ގަމުގައި ހަދާ މަގު. އެ މަގު ހެދުން ޕްރޮޖެކްޓުން އުނިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަނީ -- ފޮޓޯ: މިހާރު
09 އެޕްރީލް 2025 - 12:02
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އިކުއޭޓާ ވިލޭޖުގެ ސްޓާފް ކުއާޓާޒް ވަންނާތީ، އެ ބިމުގެ ބަދަލުގައި އިތުރު ބިމެއް ދޭން ހުށަހެޅުމުން ވެސް އެ ހޮޓަލުގެ ފަރާތުން އެކަމަށް އެއްބަސްނުވި ކަމަށް އައްޑޫ އެއާޕޯޓްސް ކޮމްޕެނީން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދު ވިދާޅުވީ، އައްޑޫ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން ހަދާ މަގު ހާއްސަ ކުރަނީ އެ އެއާޕޯޓަށް ދާ މީހުން ފައިބައިގެންދާ މަގެއްގެ ގޮތުގައި ކަމަށާއި އެ ސަރަހައްދުގައި ޕާކިން އަށް ހާއްސަ ޖާގަތަކެއް ވެސް ހަދާނެ ކަމަށެވެ. އެހެންވެ، އެއީ އެ ޕްރޮޖެކްޓްގެ މުހިއްމު ބައެއް ކަމަށް ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އީކުއޭޓާ ވިލެޖަށް ދީފައިވާ ބިން ހޯދުމަށް ޓޫރިޒަމް މިނިސްޓްރީއާ އެކު މިހާތަނަށް މަޝްވަރާތައް ކުރި ނަމަވެސް ހައްލެއް ހޯދިފައެއް ނުވެ އެވެ.
"އެ ބުނާ ސްޓާފް ކުއާޓާޒް އެއްކޮށް އާ މަގަށް އަރަނީކީއެއް ވެސް ނޫން. އެ އިމާރާތުގެ ބައެއް ކޮޓަރިތައް މި ޖެހެނީ ނަގަން. އަޅުގަނޑުމެން [އީކުއޭޓާ ވިލެޖުގައި] ބުނެފިން އެ ކޮޓަރިތަކުގެ ބަދަލުގައި ބްލޫ ލެގޫންގެ ކުރިމަތީގައި ހުރި ތަނެއް ވެސް ހަމަޖައްސަދީފާނަމޭ. އެކަމަކު، އެ ކަމަށް ވެސް އެއްބަހެއް ނުވި،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގަން އެއާޕޯޓް ބޮޑުކުރުމަށްޓަކައި ލޭންޑްސްކޭޕިން އާއި ޑިޒައިން ހެދީ އިންޑިއާ އެއާޕޯޓް ކުންފުނިން ކަމަށާއި އެ ޑިޒައިން އޮތް ގޮތުން ގަމުގެ ވަރަށް ގިނަ އިމާރާތްތައް އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނު ކަމަށެވެ. އެކަމަކު، އީކުއޭޓަ ވިލެޖު ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން އެއްބާރުލުން ދީ، އިމާރާތްތައް އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.
"ކަސްޓަމްސް އާއި އެމްއެންޑީއެފާއި ފުލުހުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު. އެ ބޭފުޅުންގެ އިމާރާތްތައް ވެސް އެހެން ތަންތަނަށް އެ ހުރީ ބަދަލު ކޮށްފައި. ޑިޒައިން އޮތް ގޮތުން އެ ބޭފުޅުންގެ އިމާރާތްތައް ނަގަން މަޖުބޫރުވީ،" އޭނާ ވިދާޅުވި އެވެ.
"އީކުއޭޓާ ވިލެޖު ނޫން ހުރިހާ އެންމެން އެއްބާރުލުން ދީ، ތަންތަން ބަދަލުކޮށްފި."
އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ހުންނަ ބިމަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ ބިމެކެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ވަނީ އައްޑޫ އެއާޕޯޓް ކުންފުންޏަށް ނޭނގި އެ ބިން އީކުއޭޓާ ވިލޭޖު ހިންގާ ކުންފުންޏާ ހަވާލުކޮށްފައި ކަމަށް އައްޑޫ އެއާޕޯޓް ކުންފުނިން މިއަދު ބުންޏެވެ.
އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ހުންނަނީ އެ ހޮޓަލާ މުޅިން ވަކިން ގަމުގެ މަޝްހޫރު ރަތްގޭ ކައިރީގަ އެވެ. އައްޑޫ އެއާޕޯޓުގެ މަޝްރޫއު ނިމޭއިރު އެއާޕޯޓަށް ދާ މަގެއްގެ ގޮތުގައި ހަމަޖައްސަން ޑިޒައިންގައި ކަނޑައަޅާފައި ވަނީ މިހާރު ވެސް ބޭނުންކުރާ މައި މަގެވެ. އެކަމަކު، އެއާޕޯޓުން ފައިބައިގެން ދާ މަގަކަށް ހަދާނީ ރަތްގޭ ކައިރި ނުވަތަ އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ކައިރިން އަލަށް ހަދަން ނިންމާފައިވާ މަގެވެ.
މި މައްސަލައިގައި އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވެފައިވަނީ އެ ކަމާ ގުޅޭ ގޮތުން މި މަހުގެ 17 ގެ ނިޔަލަށް ގޮތެއް ނުނިންމެއްޖެ ނަމަ އެ ޕްރޮޖެކްޓުން މަގު ހެދުން އުނިކުރާނެ ކަމަށެވެ. ސަބަބަކީ، ގަން އެއާޕޯޓުގެ ކޮންޓްރެކްޓަރު އިންޑިއާގެ ރެނާޓާސް ކުންފުންޏަށް ސަރުކާރުން ބަދަލު ދޭން ޖެހިދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ހުންނަ ހިމެނޭ ބިން ހުސްނުކުރެވި މަގުގެ މަސައްކަތް މި ވަގުތު ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެ ނަމަ ބިން ލިބުނުހާ އަވަހަކަށް ވަކި މަޝްރޫއެއްގެ ގޮތުގައި އެ މަގުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމެވެ.
އައްޑޫ އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތް ފެށީ ޖޫން 2023 ގަ އެވެ. އެ ޕްރޮޖެކްޓް ނިންމަން އޭރު ނިންމީ، މި އަހަރުގެ މާޗް މަހަށެވެ. ނަމަވެސް، ބައެއް ސަބަބުތަކާ ހެދި ޕްރޮޖެކްޓް ލަސްވާތީ، މިއަހަރުގެ ނޮވެމްބަރު މަހަށް ޕްރޮޖެކްޓްގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
ވަހީދު ވިދާޅުވީ، އެ ޕްރޮޖެކްޓްގެ 60 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ އެ ޕްރޮޖެކްޓަށް 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) ހޭދަކުރުމަށް ވަނީ ނިންމައިފަ އެވެ. އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްގެން ހިންގާ އެ ޕްރޮޖެކްޓްގެ ދަށުން ޕެސެންޖާ ޓާމިނަލާއި ކާގޯ ސްޓޯރޭޖު ވެސް ބޮޑުކުރާނެ އެވެ. އަދި އެއާޕޯޓުގެ މަގުތައް އަދި މަތިންދާބޯޓުތައް ޕާކު ކުރާނެ ސަރަހައްދެއް ވެސް ހެދުމަށް ވަނީ ރޭވިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަމަހަމަ
10 April 2025
ދިވެހިރާއްޖޭގައި އާންމުކޮށް މީހުން ދިރިއުޅެނީ ވެސް އަދި ވިޔަފާރި ކުރާނީވެސް ބަންޑާރަ ބިމުގައި. ދައުލަތަށް ބިން ނަގަންޖެހޭ ވަރުގެ ކަމެއް ދިމާވީމަ ނޯޓިސް ދީފައި ބިން ނޭގޭނެ. ތި މީހުން ބިން ދޫކުރަންދެން އާދޭސް ކޮށްލާ ކޮށްލާ ތިބޭކަށް ނުޖެހޭނެ.
މިސަމް
10 April 2025
ޢާންމު ރައްޔިތުންގެ މަސްލަހަތަށް ބިންނެގޭނެ އެއީ ގާނޫނު ދަންނަގޮތޮ ގުބޯ ނުހައްދާ ތިކަން ހައްލު ކުރެވޭނެ
ސަލީމު އިދުރީސް
10 April 2025
މީހުން ގަމާރުކަމުން ސަރުކާރާ އެއްކޮޅައް ކޮމެއްޓޫކުރަނީ! ހަރުދަނާ އެއްވެސް ގައުމެއްގަ ސަރުކާރުން ހަމަ ބޭނުން ވާއިރައް މީހުންގެ އިންވެސްޓުތަކައް އަރައި ނުގަނޭވޭނެ! އެތައް އޮއްވަ މަގުކުރެހީ އެތަނައް ނާރާގޮތައް މަގު ކުރަހަން ނޭގުމަކީ ސަރުކާރުގެ މައްސަލައެއް މަގު ނުޖޭހޭ ސީދާ ތެދައް އޮންނާކައް އެތާކައިރިން ވައްބުރެންހެން ލަބާލާފަވެސް ތިތަން ހެދޭނެ ތިއަކީ ހައިވޭއެއްނޫން ތިއަކީ ކުރު ލީންކު ރޯޑެއް
ހާމަ333
10 April 2025
އެކްސްކަވޭޓަރެެއް ވައްދާ ތަން ބިމާ ހަމަކޮށްލީމަ ދެން ދާނެތާ ތަން އޮތް ދިމާލަކަށް....ތިޔަ ބަޔަކު ބޭރުކުރަން ވެއްޖެއެއްނު ދަމާ ކޫއްތާ ގަދަކަމުންވެސް..ސަރުކާރަށްވުރެ ގަދަވެގެން ނުވާނެ ފިޔަފާރިވެރިއަކަސް....
ހުސްނުހީނާ
10 April 2025
އެނގިގެން މިދިޔައީ އީކުއޭޓާ ވިލެޖުގެ މެނޭޖްމެންޓް އަކީ އައްޑޫގެ ތަރައްގީއަށް ނެއެދޭ، ނާތަހުޒީބު މެނޭޖްމެންޓެއްކަން. އައްޑޫގެ ރައްޔިތުން މިކަމާއި ރުހިގަބޫލުވެގެން ތިބެންވީ ތޯ ނޫނީ އީކުއޭޓާ ވިލެޖުގެ ކުރިމަތީ އިހުތިޖާޖު ކުރަންވީތޯ؟
ޫަލކަޖ
10 April 2025
ތަން ވަށާ މަގު ހަދާފަ ނުނިކުމެވޭ ގޮތް ހަދާލަބަ!ކީއްވެ ނުކެރިގެން ތިއުޅެނީ؟ އެތައްބައެއްގެ މަސްލަހަތު އޮތްކަމެއްގަ ނުޖެހޭ ދެތިން މީހަކަށް ބަލާކަށް. ތަންކޮޅެއް ކެރިގެން ކަންތައް ކުރެވޭނީ!
ވެރީސަސް
09 April 2025
ކޮންމެވެސް ނުބައެއް އުޅޭތީދޯ އެެހެން ތަނެއް ދިނީމަވެސް ސްޓާފް ކުއަރޓާގެ ކޮޓަރިކޮޅެއް ނުނަގާނީ. ތިތަން ކޮނެގެންވެސް ހަޤީޤަތް ހޯދަން އެބަޖެހޭދޯ. ތިތާ ހިންގަނީ ކޮންކަމެއްތޯ ބަލަންޖެހޭ ސްޓާފު ކުއާޓާގެ ނަމުގައި. އިމިގްރޭޝަންނާ ފުލުހުންވެގެން ވެސްޖެހޭ ބަލަން.
ދޮންހަސަނުދީދީ
09 April 2025
އެހެން ޤައުމެއް ނަމަ ކުންފުނީގެ ލައިސެން ބާތިލްކޮށްލާނެ. ކުންފުންޏެއްގެ ދެތިން މީހަކު ނިދާނެ ތަންކޮޅު ބަދަލުކޮށްދޭން ބުނީ ރައްޔިތުންނަށް ފައިދާވާ ކަމެއްގައި. ތިކަހަލަ ކުންފުނިތައް ނަގާ ބޭރުކުރެވޭ ފެންވަރުގެ މީހުންނަށް ވެރިން ވާންޖެހޭނީ. ޖަލުގެ ކުޑަގޮޅިން ތި މަކަރޭމެންގެ ސ ކުންފުންޏަށް ތަންކޮޅެއްދީ..
ޕިކްސް
09 April 2025
ކޮމެންޓްތަކުން އެގެނީ އަދިވެސް ގިނަދިވެހިންނަށް ތަނެއްދޮރެއް ނޭގޭކަން. ތަންތަން ފަސޭއައިން ސަރުކާރަށް ނެގޭނަމަ ނުހެދި ހުރި ރިސޯޓުތަކާ، އެތަށް އަހަރެއްވަންދެން ނުނިމޭ ހުޅުމާލޭގެ އިމާރަތް ތަކާ، މާލޭގަހުރި ކުންފުނިތަކުގެ ބޮޑެތިބިންތަށް ނުނެނިގެން އުޅެނީކީއްވެ.
އަސްލު އައްޑޫމީހާ
09 April 2025
އަމިއްލަ ވިޔަފާރިވެރިޔަކުގެ މަޞްލަޙަތަށް އައްޑޫސިޓީގެ ކުރިމަގާ ގުޅިފައިވާ ސަރުކާރުގެ ބިޔަބޮޑު ޕްރޮޖެކްޓެއް ހުއްޓުމަކީ ހާދަ ހައިރާންވާންޖެހޭވަރު ކަމެކޭ!!! އައްޑޫރައްޔިތުން ނުކުމެ ތިޔަ އީކުއޭޓަރ ވިލޭޖެއް ގަމުންވެސް ބޭރުކުރަން އެބަޖެހެއެއްނުންތަ؟ ތިޔަތަނަކުން އައްޑޫރައްޔިތުންނަށް ކުރާ މާބޮޑުފައިދާއެއް ނެތް އީކުއޭޓަރ ވަހީދު ފިޔަވައި.