ދުނިޔެ / ހަނދަށް ދިއުން

އެއީ ހާދަ ބޮޑު، ހާދަ އުފާވެރި، ހާދަ ތާރީޚީ ދުވަހެކޭ!

ދެ ވަނަ ބޮޑު ހަނގުރާމަ ނިމި، އެމެރިކާ އާއި ރޫސީ ވިލާތުން ދުނިޔޭގެ އެންމެ ބާރުގަދަ ގައުމަށް ވުމުގެ ވާދަވެރިކަން ފެށުނެވެ. ހުރިހާ ރޮނގަކުން ވެސް އެންމެ ކުރީގައި އުޅެނީ އެބައެއްކަން ދެއްކުމުގެ ވާދަވެރިކަން އުފެދުނީ މީޑިއާގައި "ފިނި ހަނގުރާމައި"ގެ ނަމުން ނަން ދެވުނު ރޭހުގަ އެވެ. ދުނިޔެ އިން ބޭރަށް ގޮސްގެން މޮޅުކަން ދެއްކުމަކީ ވެސް އޭގެ ބައެކެވެ. ދެ ގައުމުގެ ޖައްވީ ކަންކަމަށް އޭރުގެ އިންސާނީ ނަޒަރު ހުއްޓުވާލި އެވެ. ރަޝިޔާ އިން ފުރަތަމަ ފަހަރަށް އިންސާނަކު ޖައްވަށް، 1961 ގައި ފޮނުވި އެވެ. އެމެރިކާ އިން ނިންމީ އިންސާނުން ހަމައެކަނި ޖައްވަށް ފޮނުވާކަށެއް ނޫނެވެ: ހަނދަށް ވެސް ފޮނުވާށެވެ.

ޖުލައި 16، 1969 ގައި، އެމެރިކާގެ އެތައް ލައްކަ ބަޔަކު ހަމަ ލޮލުން ބަލަން ތިއްބާ، ބިޔަ ރޮކެޓް ސެޓާން ފަހެއްގެ ބާރުގަދަ އިންޖީނު ރޯކޮށްލި އެވެ. މިހާތަނަށް ވެސް އުފެއްދި އެންމެ ބޮޑު ރޮކެޓް، 11 މިނިޓްގެ ތެރޭގައި، ދުނިޔޭގެ އޯބިޓުގެ ތެރެއަށް އެޕޯލޯ 11 ގެންދިޔައީ އެމެރިކާގެ ތިން އެސްޓްރޮނޯޓުން ކަމަށް ވާ ނީލް އާމްސްޓްރޯންގް، ބަޒް އަލްޑްރިން އަދި މައިކަލް ކޮލިންސްއާ އެކު އެވެ. ޖައްވު ތެރޭގައި ދަތުރުކޮށް އޭގެ ހަތަރު ދުވަސް ފަހުން، ޖުލައި 20، 1969 ގައި، އެޕޯލޯ 11 ހަނދުގެ އޯބިޓަށް ދިޔަ އެވެ. އަދި އެ އުޅަނދުގައި ހަރުކޮށްފައި އޮތް "އީގަލް" އުޅަނދު، އާމްސްޓްރޯންގާއި އަލްޑްރިން ގޮވައިގެން ހަނދުގެ ބިމަށް، ޖެއްސި އެވެ. އެންމެ ފުރަތަމަ އެއިން ފައިބައި، ހަނދުގައި ފައިތިލަ ބީއްސާލި ފުރަތަމަ އިންސާނަކަށް ވީ އާމްސްޓްރޯންގެވެ. އަލްޑްރިން ހަނދަށް ފޭބީ އޭގެ 20 މިނިޓް ފަހުންނެވެ.

އެއީ އިންސާނީ ހަޔާތުގައި ފެނުނު އެންމެ ބޮޑު، އެންމެ އުފާވެރި އަދި އެންމެ ތާރީޚީ އެއް ދުވަހެވެ. ދުނިޔޭގެ ގާތްގަނޑަކަށް 600 މިލިއަން މީހުން ޓީވީން އެ މަންޒަރު ވަގުތުން ބަލާފައިވެ އެވެ. އަދި ރޭޑިއޯ އާއި ނޫސްތަކުގެ ޒަރީއާ އިން ދުނިޔޭގެ އާބާދީގެ ދެބައި ކުޅަ އެއްބައި މީހުންނަށް، އެ ޚަބަރު ފޯރުކޮށްދިނެވެ.

އާމްސްޓްރޯންގް ހަނދަށް ފޭބި މަންޒަރާ އެކު އެމެރިކާގެ އެތައް ބަޔަކު ރުޔެވެ. މަޝްހޫރު ޓީވީ ހުށައެޅުންތެރިންގެ ބަސް ކުޑަ އިރުކޮޅަކަށް ހުއްޓުނެވެ. ބުނަން ބޭނުންވި ޖުމްލަތައް އަނގައިން ނުނެރެވި، ހައިރާންވެ އެމީހުންނަށް ވެސް ތިބެވުނީ އެވެ. އެތައް ކުޑަކުދިންނެއް ޓީވީން މަންޒަރު ބަލާފައި ގެއިން ބޭރަށް ނުކުމެ ހަނދު ފެނޭތޯ އުޅުނެވެ. އެމެރިކާގެ ބޮޑެތި ޕާކްތަކުގައި، އޭރު ލިބެން ހުރި އެންމެ ބޮޑެތި ޓީވީ ސްކްރީންތައް ބަހައްޓައިގެން، އެތައް ހާސް ބަޔަކު އެއްވެ އުފާފާޅުކުރި އެވެ.

ނިއު ޔޯކްގެ ސެންޓްރަލް ޕާކްގައި ބަހައްޓާފައި ހުރި ބޮޑެތި ޓީވީތައް ކައިރީގައި، އެތައް ހާސް ބަޔަކު، އެމެރިކާ އިން ހަނދަން ދިޔަ ތަން ވަގުތުން ބަލަނީ

ދުނިޔެއަށް ގެނައި އެ ބޮޑު އިންގިލާބީ ހަރަކާތަށް މިއަދު 50 އަހަރު ފުރުނީ އެވެ. އެއީ އިލްމީ އަދި ޓެކްނޮލޮޖީގެ ރޮނގުން އޭގެ ކުރިން ނުދެކޭ ވަރުގެ ކާމިޔާބީއެކެވެ.

"މި 10 އަހަރު ނިމުމުގެ ކުރިން ހަނދަށް އިންސާނަކު ފޮނުވައި، ސަލާމަތުން އެނބުރި ދުނިޔެއަށް ގެނައުމަކީ ގައުމީ ލަނޑުދަނޑިއަކަށް ހަދައިގެން މި ގައުމުން މަސައްކަތް ކުރަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ކޮންގްރެސްގައި ވާހަކަ ދައްކަވަމުން މެއި 25، 1961 ގައި އޭރުގެ ރައީސް ޖޯން އެފް ކެނެޑީ ވިދާޅުވި އެވެ.

އޭނާ ޔަގީންކަން ދެއްވީ، އިގުތިސާދީ ގޮތުން އެމެރިކާއަށް ގޮންޖެހުންތަކެއް ހުއްޓަސް، ނާސާ ބޭނުންވާ ފައިސާ ހޯއްދަވައިދެއްވާނެ ކަމަށެވެ. ކެނެޑީގެ އެ މަގުސަދު ބިނާކުރެއްވީ، ތާރީޚީ ބައެއް އިލްމުވެރިން ބުނާ ގޮތުގައި، ޖައްވީ ކަންކަމަށް ޝައުގުވެރިކަމެއް ހުރެގެންނެއް ނޫނެވެ: ރޫސީވިލާތާ އެކު އޮތް ޖައްވީ ރޭސް ކާމިޔާބުކުރެއްވުމެވެ.

"އެހެން ގައުމުތަކަށް ހުރި ލީޑަރެއްގެ ގޮތުގައި ބެލެވޭ ގައުމެއް ޖައްވީ މި ރޭހުގައި ފަހަތަށް ވެއްޓޭކަން ބޭނުމެއް ނުވާނެ. މި ދިހަ އަހަރު ނިމުމުގެ ކުރިން ހަނދަށް ދާށާއި އެހެން ކަންކަން ކުރަން އަހަރެމެން ހިޔާރުކުރީ ފަސޭހަ ކަމަކަށް ވެގެންނެއް ނޫން، އުނދަގޫވުމަކީ ވެސް އޭގެ ސަބަބެއް،" އެހެން ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ކެނެޑީ ވިދާޅުވި އެވެ.

ކެނެޑީގެ އެ ހުވަން އެމެރިކާ އިން ހަގީގަތަކަށް ހެދިތަން ފެނިވަޑައިގަތުމުގެ ނަސީބެއް ލިބިވަޑައެއް ނުގަތެވެ. އޭގެ ދެ އަހަރު ފަހުން، 1963 ގައި ބަޑިން ހަމަލާދީ އޭނާ އަވަހާރަކޮށްލި އެވެ.

އެކަމަކު އެމެރިކާގެ ސައިންސްވެރިން ދިޔައީ މަގެއް ހޯދަމުންނެވެ. އެތައް ޓެސްޓްތަކެކެވެ. އެތައް ބައެއްގެ މަރެވެ. ޝައްކާއި ވަހުމް ވެސް އުފެދުނެވެ. އެކަމަކު ހިސާބު އިލްމުވެރިންނާއި އެހެން ދާއިރާތަކުގެ ސައިންސްވެރިން، އޭރު ލިބެން ހުރި އެންމެ މަތީ ޓެކްނޮލޮޖީ އާއި އަލަށް ބޭނުންކުރަން ފެށި އެތައް އުފެއްދުމެއްގެ ތެރެއިން، އެޕޯލޯ މަޝްރޫއުއަކީ ދުނިޔެއަށް ނަމޫނާއެއް ކަމަށް ހަދައިދިނެވެ.

ހަނދުން ނާދެވިދާނެތީ ތައުޒިޔާ ވެސް އޮތީ ތައްޔާރުކޮށްފައި!

ގިނަ މީހުންނަށް ނޭނގުނަސް، އެޕޯލޯ 11 ހަނދަށް ގޮސް އެނބުރި އާދެވިދާނެކަމަށް އޮތީ ފަންސާސް ޕަސެންޓްގެ ޔަގީންކަމެކެވެ. ދުނިޔެ އިން ބޭރުގެ އެކަހަލަ މާހައުލަކަށް އިންސާނުން ދާ ފުރަތަމަ ފަހަރަށް ވެފައި، ބޭނުންކުރި އުޅަނދުތަކުގައި ލިބެން ހުރި ފުރުސަތުތައް މަދުކަމުން، ކިރިޔާ ގޯހެއް ވިޔަސް، އެ ހިސާބުން މުޅި މިޝަން ނާކާމިޔާބުވުމުގެ ބިރު އޮތެވެ.

އެމެރިކާގެ ރައީސް ރިޗަޑް ނިކްސަން، އޯވަލް އޮފީހުގައި އިންނަވައިގެން، ޖުލައި 20، 1969 ގައި، ނީލް އާމްސްޓްރޯންގާއި ބަޒް އަލްޑްރިންއާ ފޯނުން ވާހަކަ ދައްކަވަނީ

އޭރު ވެރިކަމުގައި ހުންނެވި ރިޗަޑް ނިކްސަން ދައްކަވާނެ ދެ ވާހަކަކޮޅެއް، އޭނާގެ ހުރިހާ ރަސްމީ ބަޔާންތަކާއި ތަގުރީރުތައް ލިއުއްވި، ވިލިއަމް ސޭފާ ތައްޔާރުކުރެއްވި އެވެ. އެގޮތުން އެކައްޗަކީ އާމްސްޓްރޯންގާއި އަލްޑްރިން އަށް ހަނދުގެ ބިމުން ނައްޓާލެވޭ ގޮތް ނުވެއްޖެ ނަމަ ދެއްވާނެ ތައުޒިޔާގެ މެސެޖެކެވެ.

"ތަގުދީރު ނިޔާކުރީ ހަނދުގެ ކަންކަން ދެނެގަތުމަށް ދިޔަ މީހުން އެތަނަށް ފުރާނަ ދޫކޮށްލަން. އެމީހުން ހޯދޭނެ ކަމުގެ އުއްމީދެއް ނެތް ކަން، މި ހިތްވަރު ގަދަ މީހުން، ނީލް އާމްސްޓްރޯންގާއި އެޑްވިން (ބަޒް) އެލްޑްރިންއަށް ރަނގަޅަށް އެނގޭ. ހަމައެހެން އެ މީހުންގެ ގުރުބާނީ އަކީ އިންސާނިއްޔަތަށް ލިބިދިން އުއްމީދެއް ކަން ވެސް އެ މީހުންނަށް އެނގޭ،" ހަނދަށް ގޮސް އެނބުރި ނާދެވޭ ހާލަތެއްގައި، ނިކްސަން ދެއްވާނެ ތަގުރީރުގެ ފެށޭ ބައިގައި ވެ އެވެ.

ދެ އެސްޓްރޮނޯޓުން ހަނދުގައި 23 ގަޑިއިރު ހޭދަކުރި އެވެ. އެކަމަކު އެ ބިމުގައި ހިނގީ، އޭގެ ތެރެއިން ގާތްގަނޑަކަށް އެންމެ ދެ ގަޑިއިރެވެ. އީގަލްސްގައި ހަރުކޮށްފައި ހުރި، މައްޗަށް އުދުހިގަންނަ ބައިގައި އެންމެ ފަހު ވަގުތު މައްސަލައެއް ޖެހުނު ނަމަވެސް އެކަން ހައްލުކޮށް ނައްޓާލި އެވެ. ހަނދުގެ އޯބިޓްގައި އޮތް އެޕޯލޯ 11 އަށް ކައިރިކޮށް، އެއަށް އެރި އެވެ.

ތިން އެސްޓްރޮނޯޓުން ދުނިޔެއަށް އެނބުރި އައީ ޖުލައި 24 ގަ އެވެ. އުޅަނދު ވައްޓާލީ ޕެސިފިކް ކަނޑަށެވެ. އެއިން އެ މީހުން ނަގައިގެން ގެންގޮސް 21 ދުވަސް ވަންދެން ކަރަންޓީން ކުރި އެވެ. ހަނދުގައި އުޅެދާނެ އެއްޗެއްގެ ގޮތް ނޭނގޭތީ، ސައިންސްވެރިން ވިސްނީ އެސްޓްރޮނޯޓުންނާ އެކު ކޮންމެވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.

ތައުޒިޔާގެ ތަގުރީރެއް ދެއްވާކަށް ނިކްސަންއަށް ޖެހިވަޑައެއް ނުގަތެވެ. އޭގެ ބަދަލުގައި އޭނާ އާމްސްޓްރޯންގާއި އަލްޑްރިންއަށް ނިކްސަން ކިއުއްވީ މަރުހަބާ އެވެ.

"ޔަގީނުން ވެސް މި ވާނީ އެންމެ ތާރީޚީ ފޯނު ކޯލަށް،" ހަނދުގައި ތިބި ދެ އެސްޓްރޮނޯޓުންނަށް، ވައިޓް ހައުސްގައި އިންނަވާ ނިކްސަން ވިދާޅުވި އެވެ.

"ތި ކޮށްދިން ކަންތަކާ މެދު އެންމެން ފަހުރުވެރިވާވަރު އަޅުގަނޑަކަށް ކިޔައެއް ނުދެވޭނެ. އެމެރިކާގެ ކޮންމެ ރައްޔިތަކަށް މި ދުވަސް ވާނީ އެމީހުންގެ ހަޔާތުގެ އެންމެ ފަހުރުވެރި ދުވަހަށް."

86 ކޮމެންޓް, 91 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 3%
icon angry icon angry 62%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވެން

22 July 2019

އިންސާނުންނަށް އަދި ހަނދަށް ނުދެވޭ ކަމުގެ އެންމެ ބޮޑު ހެއްކަކީ ވެން އެލަން ބެލްޓްގެ ރޭޑިއެޝަން. އެއީ އެމެރިކާއިން ހަނދުގެ ޑްރާމާ ކުޅުން އިރު އަދި ނޭންގޭ އެއްޗެއް. މިހާރުގެ ހޯދުންތައް ދައްކާ ގޮތުން މިހާތަނަށް އުފައްދާފައިވާ ޖައްވީ އުޅަނދުތަކުގައި އެ ލޭޔާއިން އިންސާނުންނަށް ހުރަސް ކުރެވޭވަރަށް ވުރެ ރޭޑިއޭޝަން މަތި.

The name is already taken The name is available. Register?

އަހުމަދު ނަޖީބް

22 July 2019

ހުސް ފޭކު. ހަނދެކަށް އެމެރިކާއެކުން ނުދޭ ލޮލް

The name is already taken The name is available. Register?

މޮޅުސް

21 July 2019

މި އެމެރިކާއިން މިހާރު އެކަމު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނައް މީހުން ފޮނުވަން ޖެހެނީ ރަޝިއާގެ ރޮކެޓުތަކުން ސީޓު ގަނެގެން.

The name is already taken The name is available. Register?

ނޫރުލް

21 July 2019

އެމެރިކާ މީހުންކުޅުނު ފިލްމެއް އެއީ. ބައި ޤަރުނު ފާއިތުވީއިރުވެސް އިރުރަށް ޓްރައިވެސް ނުކުރީ ކީއްވެ؟ އޭގެ ފަހުން ސައިންސް ކިހާވަރަކަށް ކުރިއަރާފައޮންނާނީ މިހާރު. މިހާރު ތިބި ސައިންޓިސްޓުން ވެސް ހަމަ ތި މަޝްހޫރުކަން ބޭނުންވާނެނުން.. މާނަޔަކީ އެއީ ހަމަ ރަޝިޔާ ލަދުގަންނަވަން ކުޅުނު ޑްރާމާއެކޭ. ސެޕްޓެމްބަރ 11 ޔަކީ އެކަހަލަ އަނެއް ޑްރާމާ.. ދުނިޔޭގެ ބާރު ހޯދަން ކޮށްފަ ނުކުރާނެކަމެއް ނޯންނާނެ އެމެރިކާ ސަރުކާރުން.

The name is already taken The name is available. Register?

ޖައްވީ އިދާރާ

21 July 2019

ފުރަތަމަ ސެޓެލައިޓް- ރަޝިޔާ ފުރަތަމަ ޖަނަވާރު ޖައްވުގަ- ރަޝިޔާ ފުރަތަމަ އިންސާނާ ޖައްވުގަ- ރަޝިޔާ ފުރަތަމަ އަންހެނެއް ޖައްވުގަ- ރަޝިޔާ ފުރަތަމަ ޖައްވުގައި ހިނގި މީހާ- ރަޝިޔާ ފުރަތަމަ ޖައްވުގަ ސްޓޭޝަނެއް- ރަޝިޔާ ފުރަތަމަ ހަނދުގައި އަދި އެއްވެސް ކާއިނާތުގެ ގުރަހައެއްގައި ޖެއްސި އުޅަނދު- ރަޝިޔާ ފުރަތަމަ ހަނދުގަ ކާމިޔާބުކަމާއިއެކު ސޮފްޓް ލޭންޑު ކުރި އުޅަނދު- ރަޝިޔާ ފުރަތަމަ އިންސާނާ ހަނދުގަ- އެމެރިކާ ސްޕޭސް ރޭސް މޮޅުވީ- އެމެރިކާ؟ ޕްރޮޕަގަންޑާގެ ބާރު

The name is already taken The name is available. Register?

ހަސަން

21 July 2019

ދުނިޔޭގެ ވާދަވެރި އަދި ރަސްމީ ހައިސިއްޔަތެއް ލިބިގެންވާ އެއްވެސް ވުޒާރާއަކުން ނުވަތަ ސަރުކާރަކުން މި ކަން ދޮގުކޮށްފައެއްނުވެއެވެ. އެހެނީ މި އަކީ ނުހިނގާ ކަމެއްނަމަ ރަޝިޔާއިން މިކަން ދޮގުކުރާނެއެވެ. މިހާރު ހަނދަށް ނުދާ ސަބަބަކީ އެ ކަމުގެ ހަރަދުބޮޑު ކަމާއި އަދި ކުރިން ފަހުރަކަށްޓަކައި ހިންގި ޕްރޮޖެކްޓްގެ އުޅަނދުތައް ބައުވެ އުމުރު ހަމަވެގެންދިއުމެވެ. އިތުރަށް ހަރަދުކުރުމުގެ ބޭނުންނެތުމެވެ.

The name is already taken The name is available. Register?

ސައީ

21 July 2019

ލޮލް...

The name is already taken The name is available. Register?

ނެގުނުކަތީބު

21 July 2019

އެއްވެސްތާރީޚީ އެއްވެސް އުފާވެރި ދުވަހެއް ނޫން! އެއީ ހުސް ފުލޯކު.އެކަމުގެ ސާބިތު ހެއްކެއް ނެތް.

The name is already taken The name is available. Register?

މާ އެގޭ

21 July 2019

އެމެރިކާ މީހުން ހެދީ ހުސް ދޮގުކަން ދުނިޔޭގެ އެތައްބަޔަކަށް އެގި ހާމަވި އިރު މިހާރުގެ ރިޕޯޓަރު ކޮން ބޮއްޔެއް މިކައްކަނީ؟

The name is already taken The name is available. Register?

ހަސަން ދެވަނަ

21 July 2019

މި ވީޑިއޯ ބަލާލައިފަ ގޮތެއްނިންމާ އިންސާނުން ހަނދަށް ދިޔަތޯ ނުވަތަ ނޫންތޯ https://www.dailystar.co.uk/news/weird-news/792715/Moon-landing-faked-conspiracy-sparked-flim-crew-USSR-flag-reflection-Apollo-11-video އަދި ނީލްއާމްސްޓްރޯންގ ވެސް އެއްބހެއްނުވި އޭނަ ހަނދަށް ދިޔަކަމކަށް މި ވީޑިއޯ ބަލާލަ https://www.dailystar.co.uk/news/weird-news/792208/moon-landing-faked-claim-astronauts-refuse-to-confirm-it-was-real-video-50th-anniversary

The name is already taken The name is available. Register?

އަލީރާޖާ

21 July 2019

ކޮންސްޕިރަސީ ތިއަރިސްޓުންގެ ބަހުން ނަމަ، އެލްވިސް ޕްރެސްލީވެސް މައިކަލް ޖެކްސަންވެސް އަދި މަރެއް ނުބޭ. ލޭޑީ ޑަޔާނާވެސް ފިލައިގެން އެބައުޅޭ. ސެޕްޓެމްބަރު 11 ގެ ހަމަލާ ދިނީ އެމެރިކާ ސަރުކާރުން. ހަނދަކަށް ނުދޭ. ވެކްސިން ޖެހުމަކީ ބަލިތަކުން ދުރުވާ ކަމެއް ނޫން. އެމްއެޗް 370 ނުވެއްޓޭ. އަލުން ރީތިކޮށް ދަވާދުލައިގެން އެބަ ދުއްވާ. މަލައިލާ ގަޔަށް ތޯލިބާނުން ބަޑިއެއް ނުޖަހާ އެއީ ސީއައިއޭގެ ކަމެއް. ކަލޭ ތިޔަ މޮޔަވާހަކަތައް ގަބޫލުކޮށްގެން ދުނިޔޭގައި އުޅޭ!!

The name is already taken The name is available. Register?

ހަސަން ބޯނެތް

21 July 2019

ކޮކީ، މިއޮތީ ނީލް އާމްސްޓްރޯންގް ގެ އިންޓަވިއު https://www.youtube.com/watch?v=rvmFeJu4maU

The name is already taken The name is available. Register?

ޝުއައިބު

20 July 2019

ހަދަށް ދިޔަ މީހާގެ ބޫޓު އެބައިން ފޮރުވާފައި. އެކަމު އެބޫޓާއި ހަނދުގައި ހުރި ފިޔަވަޅާ އެއްވެސް ގުޅުމެއް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454