ރިޕޯޓް / ހައްޖު

"މިއަށް ވުރެ އުފާވެރި ދުވަހެއް ނާންނާނެ"

ހައްޖު ދުވަހުގެ އިރު އޮއްސެމުން ދިޔަ ވަގުތު ހައްޖުވެރިންގެ ބަޔަކު އަރަފާތު ބިމުގައި ދުޢާ ކުރަނީ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

ހައްޖު މަހުގެ އަށް ވަނަ ދުވަހު މިނާގައި ތިބުމަށް ފަހު، ދިވެހި ހައްޖުވެރިން އަރާފަތަށް ދިޔައީ ހައްޖު ވިލޭރެ އެވެ. އެރޭގެ ފަތިސް ނަމާދަށް ފަހު އަނެއް ދުވަހަށް އިރު އެރުމަށްޓަކައި އިރުމަތީ ފަރާތުން ދޮން ކުރަމުން ދިޔައިރު، ގިނަ ހައްޖުވެރިން ތިބީ އެ މަންޒަރު ބަލާށެވެ. ބައެއް ހައްޖުވެރިން މިފަހަރު އަރަފާތުގައި ތިބީ ތަންކޮޅެއް އުސް ހިސާބެއްގައި ކަމުން، ފަރުބަދަތަކުގެ ބިތްދޮށުން އިރު އަރައިގެން އައި މަންޒަރު ވަރަށް ރީތިކޮށް ފެނުނެވެ.

އެއީ އަހަރުގެ ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮ ދުވަސް ކަމުގައިވާ އަރަފާތު ދުވަހެވެ. އެ މާތް ދުވަހު، މި ދުނިޔޭގެ އެންމެ މާތް ބިން ކަމުގައިވާ އަރަފާތު ބިމުގައި ހުރެވުމަކީ ހަޔާތުގައި ލިބޭނެ އެންމެ ބޮޑު ނިއުމަތެވެ. އެހެންކަމުން ހައްޖު ދުވަހުގެ ފަތިސް ނަމާދަށް ފަހު ހުރިހާ ހައްޖުވެރިންހެން މަޝްޣޫލުވީ އަޅުކަމުގަ އެވެ. ގުރްއާން ކިޔެވުމާއި ނަމާދުކުރުމާއި ދުއާ ކުރުމުގަ އެވެ.

ދިވެހި ހައްޖުވެރިއަކު އަރަފާތު ބިމުގައި ކުޑައެއް ނަގައިގެން ހުރެ ދުޢާ ކުރަނީ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

އަރަފާތު ދުވަހުގެ އެންމެ މާތް ވަގުތަކީ މެންދުރު ފަހެވެ. މެންދުރު ނަމާދަށް ފަހު ކައިގެން ހައްޖުވެރިންގެ ގިނަ ވަގުތު ހޭދަކުރީ ﷲ އަށް ދުއާ ދެންނެވުމުގަ އެވެ. ބައެއް ހައްޖުވެރިންގެ ލޯތަކުން ކަރުނަ އޮހޮރުނު މަންޒަރު ފެނުނެވެ. އާދޭހާއެކު ﷲގެ ހަޒްރަތުގައި ދުއާ ދެންނެވީ، ކުރެވިފައިވާ ފާފަތައް ފުއްސަވައި ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން ލެއްވުމަށެވެ. ދުނިޔެ އާއި އާޚިރަތުގައި ވެސް ހެޔޮ ގޮތްތައް މިންވަރު ކުރެއްވުމަށެވެ.

އަރަފާތުގެ ހަނަފަސް ބިމުގައި 45 ޑިގްރީގެ ހޫނުގައި، ބައެއް ހައްޖުވެރިން ދުއާ ކުރުމުގައި ދެމިތިބީ އަވިގަނޑުގެ ތެރޭގަ އެވެ. އެކި ގައުމުތަކުގެ މީހުން އަވިގަނޑުގެ ތެރޭގައި ގެފުޅަށް ކުރިމަތިލައިގެން ތިބެ ރޮއި އާދޭސް ކުރަމުން ދިޔަ އެވެ. އިރު އޮއްސެން ކައިރިވަމުން ދިޔަ ވަރަކަށް ހައްޖުވެރިންގެ ދުއާ ކުރުން އިތުރުވެގެން ދިޔަ އެވެ. އެ މުހިންމު ވަގުތު ފާއިތުވުމުގެ ކުރިން އެ ވަގުތުކޮޅުގެ ފައިދާ ހެޔޮ ގޮތުގައި ލިބިގަތުމަށްޓަކަ އެވެ.

އަރަފާތު ދުވަހުގެ މެންދުރު ވަގުތު ދިވެހި ދެ ހައްޖުވެރިއަކު އަރަފާތު ބިމުގައި ތިބެ ﷲ އަށް ދުއާ ދަންނަވަނީ. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

އެ މާތް ދުވަހުގެ އެ މާތް ވަގުތުކޮޅުގައި ﷲގެ ހަޒްރަތަށް ކުއްތަން ވެވުނު ކަމަށްޓަކައި ހައްޖުވެރިން ތިބީ ނުހަނު އުފަލުންނެވެ. އެހެންކަމުން އޭގެ ފަހުން ކުރިމަތިވި ދަތިތަކަށް ކެތް ކުރުމުގެ ހިތްވަރު ވެސް ލިބުނެވެ. ހައްޖުވެރިން ބުނި ގޮތުގައި އަރަފާތުން އެނބުރި ނުކުތީ ވަރަށް ބޮޑު ހިތްހަމަޖެހުމަކާ އެކު އުފާވެރި ހިތަކާއިގެންނެވެ.

ގއ. ވިލިނގިލީ ދޮން އަލީ ތަކުރުފާނު، 75، ބުނި ގޮތުގައި އޭނާ އެތައް ދުވަހަކުން ފެށިގެން ކުރަމުން އައި އުންމީދުތައް ހަގީގަތަކަށް ހެދުނީ، 65 އަހަރުން މަތީގެ މީހުންނަށް ދައުލަތުގެ ފަރާތުން ދޭ 5،000ރ. ގެ އިނާޔަތް ލިބެން ފެށި ފަހުންނެވެ. އެ ފައިސާ އާއި ތިމާގެ މީހުންގެ އެހީތެރިކަމާ އެކު މި އުމުރުގައި ވެސް ހައްޖަށް އާދެވުނީތީ ވަރަށް އުފާވި އެވެ.

އަރަފާތު ދުވަހުގެ މެންދުރު ވަގުތު ބައެއް ހައްޖުވެރިން އަރަފާތު ބިމުގައި ތިބެ ﷲ އަށް ދުއާ ދަންނަވަނީ. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

"ވަރަށް އުފާވެފައި މި ހުރީ. ޢަރަފާތުގައި މަޑުކޮށް ﷲ އަށް ދުއާކޮށްލަން ލިބުމުން، އުފާވި ވަރުން ކޮޅަށް ވެސް ނުހުރެވުނު. ވަރަށް ހިތްހަމަޖެހިގެން އިރާދަ ކުރެއްވިއްޔާ އެނބުރި ރަށަށް ދާނީ،" އަންހެނުންނާ ވެސް އެކު، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އައިސް ހުރި ދޮން ޢަލީ ތަކުރުފާނު ބުންޏެވެ.

ބ. ދަރަވަންދޫ ދެމަފިރިން ކަމުގައިވާ އިބްރާހީމް މުފީދު، 58، އާއި މަރިޔަމް ޒާހިރާ، 56، ބުނި ގޮތުގައި އެމީހުންގެ ހަޔާތުގައި ވެސް ލިބުނު އެންމެ ބޮޑު އުފަލަކީ ހަޔާތުގެ ކިތަންމެ ފަހުކޮޅުގައި ނަމަވެސް އަރަފާތުގެ މާތް ބިމުގައި ހުރެ، އެންމެ މާތް ވަގުތުކޮޅުގައި ﷲ އަށް ދުޢާ ދެންނެވުމުގެ ނަސީބު ލިބުމެވެ.

އަރަފާތު ދުވަހުގެ މެންދުރު ވަގުތު ދިވެހި އަންހެން ހައްޖުވެރިއަކު އަރަފާތު ބިމުގައި ހުރެ ﷲ އަށް ދުއާ ދަންނަވަނީ. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

"އެއަށް ވުރެ އުފާވެރި ދުވަހެއް ނާދެ، ނުވެސް އަންނާނެ. އަހަރެމެންގެ މައިންބަފައިންނަށް ވެސް ހެޔޮ ދުއާ ކޮށްދެވުނު، ދަރިންނަށް ވެސް ހެޔޮ ދުއާ ކޮށްދެވުނު. އެންމެ ބޮޑަށް އުފާވި ދުވަހަކީ އެއީ. އެ މާތް ދުވަހުގެ އެންމެ ވަގުތުކޮޅެއް ވެސް ހަމަގައިމު ވެސް އަހަރެން ބޭކާރެއް ނުކުރަން، ވާހަކަ ދައްކައި ސަކަރާތް ޖެހުމުގައެއް،" މުފީދު ބުންޏެވެ.

އަރަފާތުން ނުކުމެގެން ބަހުގައި ގޮސް މުޒްދަލިފާގައި ރޭކުރުމަށް ފަހު، ފައި މަގުގައި ހަ ގަޑިއިރު ހިނގާފައި މިނާ އަށް އައި މި ދެމަފަރިން ބުނި ގޮތުގައި ކެރިކުޅަދާނަކަން ލިބިގެންވާ މީހުންގެ މައްޗަށް ހައްޖު ވާޖިބު ކުރައްވާފައިވަނީ ވަރަށް ބޮޑެތި ތަކުލީފުތަކާއި އުނދަގޫތަކެއް ކުރިމަތިވާނެތީ ކަން މިހާރު ގަބޫލު ކުރެވެ އެވެ. އަދި އުމުރުން އެއް ފަހަރު ހައްޖު ވާޖިބު ކުރެއްވީ ވެސް، ހީނުކުރާހާ އުނދަގޫ ބުރަތައް ކުރިމަތިވާނެތީ ކަމަށް ވެސް ގަބޫލުކުރެވިއްޖެ އެވެ.

އަރަފާތު ދުވަހުގެ މެންދުރު ވަގުތު ދެ ހައްޖުވެރިން އަރަފާތު ބިމުގައި ތިބެ ﷲ އަށް ދުއާ ދަންނަވަނީ. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

މުޒްދަލިފާގައި ރޭކުރުމަށް ފަހު ފަތިސް ނަމާދު ކޮށްގެން މިނާއަށް އައި ބައެއް މީހުން، ޓެންޓާ ހަމައަށް ދިއުމަށްޓަކައި އެހާ ގިނަ ވަގުތު ހިނގަން ޖެހުނު މައިގަނޑު ސަބަބަކީ، މިދިޔަ އަހަރު މިނާގައި ހިނގި ހާދިސާއާ ގުޅިގެން، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސައޫދީ ސަރުކާރުން ކަންތައް އިންތިޒާމުކޮށްފައި ހުރި ގޮތެވެ. އެއްވެސް މަގަކުން ދެކޮޅަށް ނުހިނގޭ ގޮތަށް ހަމަޖައްސާފައި އޮތުމުން ބައެއް ޓެންޓުތަކަށް ދިއުމަށް ދިގު ސަރަހައްދެއް ކަޑައްތު ކުރަން ޖެހުމެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން މިފަދަ އަޅުކަމެއްގައި އެފަދަ ކަންތައް މެދުވެރިވާނެ ކަމަށް. އެ ކަންކަމަކީ މައްސަލައެއްގެ ގޮތުގައި ނަގަންވީ ކަންތަކެއް ނޫން. އެކަމަކު ދެރައީ މުސްކުޅިންނާއި ބަލި މީހުންތަކެއް އެހާ ގިނަ ވަގުތު ހިނގަން ޖެހުން،" މުޒްދަލިފާ އިން މިނާ އަށް 40-45 ޑިގްރީގެ ހޫނުގައި ހަ ގަޑިއިރު ހިނގާފައި އައި މަރިޔަމް ޒާހިރާ ބުންޏެވެ.

"އަޅުގަނޑަކީ ދެ ފައިގެ ކަކުލުގައި ވެސް މައްސަލަ ހުންނަ މީހެއް. އެކަމަކު އެހާ ގިނައިރު ހިނގި އިރު ވެސް މާ ބޮޑު ތަދެއް އިހްސާސެއް ނުކުރެވޭ. ޓެންޓާ ހަމައަށް އައި ފަހުން ކަކުލުގައި ރިއްސާ ކަން އެނގުނީ ވެސް. އެނބުރުން އަރާތީ ފެން ބޮމުން ބޮލަށް ފެން އަޅަމުން މި އައީ. ފުރިހަމަ އަށް ހައްޖު ކުރެވެމުންދާ ކަމުގެ އިހްސާސް ކުރެވޭ އިރާދަ ކުރެއްވިއްޔާ."

ބޭރު ގައުމެއްގެ ހައްޖުވެރި އާއިލާއެއްގެ ބަޔަކު އަރަފާތު ބިމުގައި. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

އަނބިމީހާއާ އެކު ހައްޖަށް އައިސް ހުރި، ބ. އޭދަފުށީ އިސްމާއީލް ވަހީދު (ވަހީދުބެ)، 72، ބުނި ގޮތުގައި އަމިއްލަ އަށް އާމްދަނީ ހޯދަން ފެށީއްސުރެ މަސައްކަތް ކުރަމުން އައީ ހައްޖަށް އާދެވޭތޯ އެވެ. ނަމަވެސް ދަރިންގެ ޚަރަދުތަކާއި ދިރިއުޅުމުގެ ކަންތައް ހުރި ގޮތުން އެކަން ނުކުރެވި ހުރީ އެވެ. މިފަހަރު ހައްޖަށް އާދެވުނީ ދަރިންގެ އެހީތެރިކަމުގަ އެވެ.

"ﷲ އިރާދަކުރެއްވީތީ ވަރަށް އުފާވެއްޖެ. ﷲ އަށް ހާސް ފަށުން ޝުކުރު ދަންނަވަން. މިއަށް ވުރެ އުފާވެރި ދުވަހެއް ހިޔެއް ނުވޭ ދެން އަންނާނެ ހެނެއް. މި އަޅުކަމުން މި ލިބުނު ހިތްހަމަޖެހުމުން މިހާރު އެބަ ހިތަށް އަރާ އަންނަ ރޯދަ މަހު އުމްރާއަކަށް ވެސް އަންނާނަމޭ. އެކަމަށް ދެމަފިރިން ވެސް އަޒުމް ކަނޑައަޅައިފިން. ކޮންމެވެސް ދަރިއަކު އެކަން ކޮށްދޭނެ އިރާދަ ކުރެއްވިއްޔާ،" ވަހީދުބެ ބުންޏެވެ.

އަރަފާތު ދުވަހު ދިވެހި ބައެއް ހައްޖުވެރިން އަރަފާތު ބިމުގައި ޓެންޓުގައި ތިބެ ﷲ އަށް ދުއާ ދަންނަވަނީ. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

އަރަފާތުގައި ތިބުމަށް ފަހު ހުރިހާ ހައްޖުވެރިން ވެސް މިހާރު ތިބީ މިނާގަ އެވެ. މިނާގައި ތިބެ ތިން ޖަމްރާ އަށް ހިލަ އުކާނެ އެވެ. އެއަށް ފަހު މައްކާ އަށް އެނބުރި ގޮސް ޠަވާފުލް އިފާޟާ އާއި ވަދާއުގެ ޠަވާފް ކުރުމަށް ފަހު އެނބުރި ގައުމަށް ދިއުމަށް ފުރާނެ އެވެ.

3 ކޮމެންޓް, 113 ރިއެކްޝަންސް

icon happy icon happy 97%
icon sad icon sad 3%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަލި

14 September 2016

ކީއްކުރާނީ އަހަރުމެން ބާކީވަނީ 3500 ރުފިޔާ މުސާރައިން. ކޮން ވެރިއެއް އެހީވާނީ؟

The name is already taken The name is available. Register?

އަލީ ނަސީރު

14 September 2016

އެފާވެރި ހަބަރެއް...

The name is already taken The name is available. Register?

ސަލީނާ

14 September 2016

ވަޙީދުބޭ ޢުމުރުން 72 އަހަރުކަމަށްވާއިރު ދަރިން ނުފޮނުވިޔަކަސް ވަހިދުބޭގެ އަމިއްލަ ފައިސާއިންވެސް ޢުމުރާ ދަތުރެއް ކުރެވިދާނެ ކަމަށްފެނޭ. 65 އިން މައްޗަށް ސަރުކާރުންދޭ 5000ރުފިޔާ ޚަރަދުނުކޮށް ބަހައްޓަވާ ޝަޢުބާން މަހުގެ ނިޔަލަށް 4000 ރުފިޔާ ހުންނާނެ ނޫންތޯ. إنشاءالله ހަމަ އަވަހަށް ޢުމުރާއަށް ވަޑައިގަންނަވަންވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454