ރިޕޯޓް / ރައްޔިތުންގެ މަޖިލިސް

ސަރުކާރު ހިންގުމުގެ ތެރެއަށް އެސްއޯއީ ކޮމިޓީ ވަންނަނީތަ؟

ސަރުކާރުގެ ކުންފުނިތަކާއި މާލީ އިދާރާތަކުގެ އިސް ބައެއް ބޭފުޅުން އެސްއޯއީ ކޮމިޓީގައި --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރައްޔިތުންގެ މަޖިލިސް ވަރަށް ހީވާގިކަމާ އެކު މަސައްކަތްކުރާތަން މިހާރު ފެނެ އެވެ. ޒުވާން މަޖިލިހަށް ދެ މަހެއްހާ ދުވަސް ވީ އިރު، 25 ޖަލްސާ ބާއްވައި ކޮންމެ ޖަލްސާއަކަށް ފަސް ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަކޮށްފި އެވެ. ފުލުފުލުގައި ބާއްވާ ކޮމިޓީތަކުގެ މަސައްކަތުގައި މެމްބަރުން އުޅުއްވަނީ އަވަދިނެތި އެވެ. ގިނަ ފަހަރު ޖަލްސާތަކާއި ކޮމިޓީތައް ނިންމާލަނީ ކުރާ ބަހުސްތަކަށް ނިމުމެއް ނެތި އެވެ.

މަޖިލިހުގެ 17 ކޮމިޓީގެ ތެރެއިން އެންމެ ގިނަ ބައްދަލުވުންތައް ބާއްވާ އެއް ކޮމިޓީއަކީ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) އެވެ. އެމްޑީޕީ މެމްބަރުންގެ އަޣުލަބިއްޔަތު އޮންނަ ކޮމިޓީގެ ޒިންމާއަކީ ދައުލަތް ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އިދާރާތަކުގެ ކަންކަން ބެލުމެވެ. މަޖިލިހުގައި އަލަށް ހެދި ގަވައިދުގައި އެކަން އޮތީ ވަރަށް ސާފުކޮށް ފަހިކޮށްދީފަ އެވެ. ދައުލަތް ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އިދާރާތައް ޒިންމާދާރު ކުރުވުމުގެ ހުރިހާ ބާރެއް ހެން އެސްއޯއީ އަށް އެބަ އޮތެވެ.

އެކަމަކު އެ ކޮމިޓީން މިހާރު ކަންކަންކުރަނީ މަޖިލިހުގެ ސަރަހައްދީ ރޮނގަށް ވުރެ މާ ފުޅާކޮށް ކަމަށް، އެއްބަޔަކު ގަބޫލުކުރެ އެވެ. ހިޔާލު ތަފާތުވާ މީހުންގެ ނަޒަރުގައި އެސްއޯއީ އަކީ އޮންނަން ޖެހޭ ކޮމިޓީއެއް ވެސް ނޫނެވެ. ސަރުކާރުގެ ކުންފުނިތަކާއި ވިޔަފާރި އިދާރާތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި، ގާނޫނުން ކަނޑައަޅާފައިވާ ޕްރައިވެޓައިޒޭޝަން ބޯޑަށް ވުރެ އެސްއޯއީގެ ބާރު ގަދަނުކުރެވޭނެ ކަމަށް، އެ މީހުން ދެކެ އެވެ.

ބައެއް އެސްއޯއީ ފެންނަނީ ކުންފުނިތަކުގެ ވެރިން ހާޒިރުކޮށް "ތަހުގީގުކުރާ" ތަން ކަމަށް، އެ އުސޫލާ ދެކޮޅު ބައެއް މީހުން ބުނެ އެވެ. މިއީ، އެގޮތަށް ބުނާ މީހުންގެ ނަޒަރުގައި، ސަރުކާރު ހިންގުމުގެ ބާރުގެ ތެރެއަށް މަޖިލިސް ވަނުމެވެ. އޭގެ އިތުރުން އެސްއޮއީ ކޮމިޓީގައި ގިނަ އިން ވިޔަފާރިވެރިން ތިބުމަކީ ވެސް ކަންބޮޑުވުމެކެވެ.

އަނެއް ބަޔަކު ދެކޭ ގޮތުގައި ސަރުކާރުގެ ކުންފުނިތަކާ ގުޅޭ ކަންކަން ކުރީގެ މަޖިލިސްތަކުގެ މާލިއްޔަތު ކޮމިޓީން ބެލިކަމުގައި ވިޔަސް، އެއީ އެ ކޮމިޓީ އަށް އޮތް ބުރައެކެވެ. ގިނަ މައްސަލަތައް ކޮމިޓީގައި ބެލޭވަރެއް ނުވެ އެވެ. އެހެންވެ އެސްއޯއީގެ ނަމުގައި ވަކި ކޮމިޓީއެއް ހަދަން މަޖުބޫރުވީ ކަމަށް، އެ އުސޫލަށް ތާއީދުކުރާ މީހުން ދެކެ އެވެ. އެމީހުންގެ ހިޔާލުގައި އެސްއޯއީ ކޮމިޓީން ހިންގަނީކީ ތަހުގީގެއް ނޫނެވެ. ކުންފުނިތަކުގެ ވެރިން ހާޒިރުކުރުމުން ކުރީގެ ކަންކަން ބޭޒާރުވާތީ މިހާރުގެ އިދިކޮޅު ފަރާތްތަކުން ހުއްޖަތެއް ދައްކަނީ ކަމަށް އެ މީހުން ދެކެ އެވެ.

އެސްއޯއީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދައުލަތް ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އިދާރާތަކުގެ މާލީ ހިސާބުތައް ބަލައި ދިރާސާ ކުރުން ހިމެނެ އެވެ. އެ ތަންތަން ހިނގަމުން ދަނީ ނުވަތަ ހިންގަނީ ހަރުދަނާ ވިޔަފާރީގެ އުސޫލުންތޯ ބެލުމާއި ހިންގުން ހަރުދަނާ ކުރުމަށް އެއްވެސް މަސައްކަތެއް ކުރޭތޯ އާއި މާލީ ހާލަތު ދަނީ ހަރުދަނާވަމުންތޯ ނުވަތަ ނިކަމެތިވަމުންތޯ ބެލުން ވެސް ހިމެނެ އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ވެރިންތަކެއް މަޖިލިހުގެ އެސްއޯއީ ކޮމިޓީގައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ބައެއް މީހުންގެ ނަޒަރުގައި މަޖިލިހުގެ ކޮމިޓީއަކަށް ކުރެވޭނެ ހަމައެކަނި ކަމަކީ ދައުލަތް ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އިދާރާތަކުގެ މާލީ ހިސާބުތައް ބަލައި ދިރާސާ ކުރުން އެކަންޏެވެ. އެ ތަންތަނުގެ އެތެރޭގެ ކަންކަމާއި ނިންމުންތަކާ ގުޅޭ ގޮތުން މަޖިލިހަށް ހާޒިރުކޮށް ޖަވާބުދާރީއެއް ނުކުރެވޭނެ އެވެ.

އޭގެ އެއް މިސާލެއްގެ ގޮތުގައި އެމީހުން ނެގީ މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރި މައްސަލައިގައި އެ ކުންފުނީގެ ވެރިން އެސްއޯއީ ކޮމިޓީ އަށް ހާޒިރު ކުރުމެވެ. ހަގީގަތަކީ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ކަމެވެ. އެހެންކަމުން ޖަވާބުދާރީ ކުރުވަން ޖެހޭނީ ފިނޭންސް މިނިސްޓްރީ ނުވަތަ މިނިވަން ބޯޑެއްގެ ގޮތުގައި އޮންނަ ޕްރައިވެޓައިޒޭޝަން ބޯޑުގެ ވެރިންނެވެ.

ގާނޫނީ ވަކީލަކު ވިދާޅުވީ އެސްއޯއީ ކޮމިޓީގެ މަސައްކަތް ހިނގާ ގޮތުން ސަރުކާރުގެ ކަންކަމުގެ ތެރެއަށް ވަރަށް ބޮޑަށް ވަންނަމުންދާ މަންޒަރު ފެންނަ ކަމަށެވެ. ގާނޫނުއަސާސީން މަޖިލިހަށް ދީފައި އޮންނަ ބާރަކީ ގާނޫނު ހެދުމާއި ޖަވާބުދާރީކުރުވުން ކަމަށްވީ އިރު، ޖަވާބުދާރީ ކުރުވުމަށް ވުރެ ބޮޑަށް ބައެއް ކޮމިޓީތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންމެ ބޮޑަށް ފާހަގަކުރެވޭ ތަނަކީ އެސްއޯއީ ކޮމިޓީ. އެސްއޯއީ ކޮމިޓީން ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަން ފެށީމަ ވާ ގޮތަކީ ގާނޫނީ ގޮތުން ބަލާ އިރު، ޕްރައިވެޓައިޒޭޝަން ބޯޑުގެ މައްޗަށް މަތިކޮށްފައި އޮންނަ ޒިންމާއެއްގެ ތެރެއަށް މި ވަދެވެނީ،" އެ ވަކީލް ވިދާޅުވި އެވެ.

އޭނާ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުވަތަ މާލީ އިދާރާތަކުން ކުރާ ގޯސް ކަންތައްތަކުގެ ސަބަބުން އާންމުކޮށް މަޖިލިހަށް ހާޒިރު ކުރެވެން ވާނީ ޕްރައިވެޓައިޒޭޝަން ބޯޑު ނުވަތަ ފިނޭންސް މިނިސްޓްރީ އެވެ.

"އެއްވެސް ކުންފުންޏަކުން ގާނޫނާ ހިލާފު ކަމެއް ކޮށްފި ނަމަ، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މެންޑޭޓް އޮންނަނީ އެ ބޯޑަށް. މީގައި ރަނގަޅު ޕްރޮސެސްއަކީ ގާނޫނާ ހިލާފު ކަމެއް ކުރާ ނަމަ، ބޯޑުން އެ މައްސަލައެއް ބަލާފައި އަޅަން ޖެހޭ ފިޔަވަޅެއް އެޅުން،" އެ ވަކީލް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލިހަށް ގެނެސް ޖަވާބުދާރީ ކުރުވަން ޖެހޭނީ އެ ބޯޑުން. ސަރުކާރުގެ ގިނަ ކުންފުނިތަކަކީ ދައުލަތުން ހަރަދުކޮށްގެން ހިންގާ ކުންފުނިތަކަށް ވާތީ އާއި ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތަކީ ފިނޭންސް މިނިސްޓްރީ. ފިނޭންސް މިނިސްޓަރު ހާޒިރުކޮށް ޖަވާބުދާރީ ކުރުވަން ޖެހޭނީ."

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރޭޓައިޒް ކުރުމާއި މޮނިޓަކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައި އެ ތަންތަން ހިނގާ ނުހިނގާ ގޮތް ބެލުން ފަދަ ޕްރައިވެޓައިޒޭޝަން ބޯޑަށް ލިބިގެންވާ ބައެއް ބާރުތައް ވަނީ އެސްއޯއީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނައިފަ އެވެ.

އެސްއޯއީ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ އެ ކޮމިޓީއަކީ ތަހުގީގީ އިދާރާއެއް ނޫން ކމަށެވެ. އެސްއޯއީ ކޮމިޓީން ބަލަނީ ކުންފުންޏެއް ނުވަތަ މާލީ އިދާރާއެއްގެ ނިންމުންތައް ނިންމަނީ އުސޫލުތަކުގެ ތެރެއިންތޯ އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް (ކ-2): އެސްއޯއީ ކޮމިޓީން ތަހުގީގު ނުހިންގާ ކަމަށް ވިދާޅުވި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަޅުގަނޑުމެން ނުބެހޭނަން އެމީހުންގެ ހިންގުމުގެ އެއްވެސް ކަމަކާ. އަޅުގަނޑުމެން ތަހުގީގެއް ވެސް ނުކުރަން. ޕްރޮސެސް އޮތް ގޮތް ސާފުކުރަން ބޭނުން ވަނީ،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރައްވަމުން އަންނަ އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެސްއޯއީ ކޮމިޓީގެ މަސްއޫލިއްޔަތަކީ އެ ކޮމިޓީއަށް ހުށަހަޅާ މައްސަލަތައް ބަލައި ގާނޫނާއި ގަވައިދާ ހިލާފަށް ކަމެއް ކުރާ ނަމަ، ރަނގަޅު ކުރަން އަންގާނީތޯ ނުވަތަ ޕްރައިވެޓައިޒޭޝަން ބޯޑުން ފިޔަވަޅު އަޅަން ޖެހޭ ކަމެއްތޯ ނިންމައި އެ ތަންތަނަށް އެންގުމެވެ.

ކޮރަޕްޝަންގެ މައްސަލައެއް ނަމަ، އޭސީސީ އަދި ޖިނާއީ ތަހުގީގެއް ކުރަން އޮވެއްޖެ ނަމަ، ފުލުހުން ތަހުގީގުކޮށް ދިނުމަށް އެދުމުގެ ބާރު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަރާބަރަށް ކަމެއް ކޮށްފައި އޮތް ނަމަ، އެކަން ވެސް ފާހަގަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެސްއޯއީ ކޮމިޓީގެ މަސްއޫލިއްޔަތުތައް އެހާ ފުޅާކޮށް އޮތުމަކީ މައްސަލައެއް ކަމަށެވެ. މަޖިލިހުން ފެންނަނީ ތަހުގީގީ އިދާރާއަކުން މަސައްކަތް ކުރާ ގޮތަށް މަޖިލިސް ބައްޓަން ކުރެވިގެންދާ ތަން ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އޭނާ ގަބޫލުކުރައްވާ ގޮތުގައި، ހުރިހާ ބާރުތަކެއް މަޖިލިހަށް ޖަމާކުރުމެވެ.

"އެއީ އެންމެ ރަނގަޅު ގޮތް ކަމަކަށް ނުދެކެން. ބައެއް ތަންތަނުގައި ހުންނާނެ އަމިއްލަ ފަރުދުންނާއި އެހެނިހެން ކަންކަމާ ގުޅޭ ބައިވަރު ސިއްރުތައް. މުއާމަލާތްތަކާއި ޓްރާންސެކްޝަންތަކާ އެއްޗެހި. އަސްލު ކުންފުނިތަކާއި މާލީ އިދާރާތަކުގެ އަގު ވައްޓާލާ މަންޒަރު އަޅުގަނޑަށް ފެންނަނީ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެސްއޯއީ ކޮމިޓީ އޮތުމުގެ ބޭނުމެއް ނެތެވެ. ސަބަބެއްގެ ގޮތުގައި އޭނާ ދެއްކެވީ މާލިއްޔަތު ކޮމިޓީ އާއި އެސްއޯއީ ކޮމިޓީގެ މަސްއޫލިއްޔަތުތައް ފުށުއެރުމެވެ. ޕާޓީއެއްގެ މެމްބަރުން ގިނަވިއޭ ކިޔާފައި ކޮމިޓީއެއް އުފެއްދީމަ ހާސިލްކުރަން ބޭނުންވާ ނަތީޖާއެއް ނުނިކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ދެން ނުކުންނާނެ މައްސަލަތައް މާ ގިނަ ކަމަށް ޝިޔާމް ގަބޫލުކުރައްވަ އެވެ.

"ސަރުކާރު ހިންގަން މި ތިބޭ މީހުން މަޖިލިހަށް ހާޒިރުކޮށްގެން އެމީހުން ގިނަ ވަގުތު މަޖިލިހުގައި ހޭދަކުރުމަކީ ސަރުކާރަށް މަޖިލިހުން ކުރާ ޖެއްސުމެއްގެ ގޮތުގައި ބަލަނީ. އަޅުގަނޑު ގަބޫލުކުރަނީ މިކަމުގެ ގެއްލުން ސަރުކާރަށް ވަރަށް ބޮޑަށް އަންނާނެ ކަމަށް،" ޝިޔާމް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ މާލިއްޔަތު ކޮމިޓީ އާއި އެސްއޯއީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެއް ގޮތް ކަންތައްތަކެއް ހުރުމުން ފުށުނަރާ ގޮތަށް ގަވައިދު އަލުން އިސްލާހުކޮށްފައިވާ ކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީ އާއި އެސްއޯއީ ކޮމިޓީގެ މަސައްކަތްތައް ބައްޓަން ކުރަނީ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، އިލްޔާސް ވިދާޅުވީ، ފުށުއެރުންތަކެއް މިހާރު ނޫޅޭނެ ކަމަށެވެ.

އަވަށްޓެރި ސްރީ ލަންކާގައި ވެސް ކުންފުނިތަކަށް ހާއްސަ އެސްއޯއީ ކޮމިޓީއެއް މަޖިލިހުގައި ހަދާފައި އޮންނަ ކަން ފާހަގަކުރައްވައި އިލްޔާސް ވިދާޅުވި ގޮތުގައި މަޖިލިހުން މަސައްކަތް ކުރަނީ ސަރުކާރާ އެކީގަ އެވެ. ސަރުކާރަށް ޖެއްސުން ކުރުމުގެ ނިޔަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސަރުކާރާއި މަޖިލިހާ އެކީގައި މަސައްކަތްކުރާ ކުރާ ނަމަ، އިލްޔާސް ވިދާޅުވީ، ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުގެ ކޮމިޓީތަކަށް ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި މާލީ އިދާރާތަކާއި ކުންފުނިތަކުގެ ވެރިން ހާޒިރު ކުރަން ޖެހުނީ ވޭތުވެދިޔަ ފަސް އަހަރު ރައްޔިތުންގެ މަޖިލިހަށް އެ މީހުން ޖަވާބުދާރީ ކުރެވިފައި ނުވާތީ އެވެ. އެހެންކަމުން މިހާރުގެ އިދިކޮޅު ފަރާތްތަކުން "މޭކަރާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްއޯއީގެ މެމްބަރުން، ސަރުކާރުގެ ކުންފުނިތަކާއި މާލީ އިދާރާތަކުގެ އިސް ބައެއް ބޭފުޅުންނާ އެކީގައި --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އިދިކޮޅު ފަރާތްތަކުން ބިރުގަންނަނީ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގެ ތެރެއަށް ބޭނިފައި އޮތް މިންވަރު ފަޅާ އަރަމުންދާތީ،" ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި މައްސަލަތައް ނުބަލައި "ނިދާފައި" ތިބެންވީތޯ ސުވާލުކުރައްވަމުން އިލްޔާސް ވިދާޅުވި އެވެ.

"ކަންކަން ބަލާ ވަރަކަށް އިދިކޮޅު ފަރާތްތަކުގެ މޭކަރާނެ. ކަންކަން ފެންނާނެ."

އެކަމަކު ސިޔާސީ ޕާޓީއަކާ ގުޅުމެއް ނެތް ވަކީލަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ މަޖިލިހުގެ މަސްއޫލިއްޔަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށް ވީ އިރު، އެއަށް ވުރެ މާ ފުޅާ މާނައެއްގައި އެކަން ކުރާ މަންޒަރު މިހާރު ފެންނަ ކަމަށެވެ. އަދި އެގޮތަށް ކަން ހިނގަނީ އެސްއޯއީ ކޮމިޓީގައި އެކަނި ނޫން ކަމަށާއި އެހެން ކޮމިޓީތަކުގައި ވެސް އެފަދަ ކަންކަން ހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލިހުގެ ވަރަށް ގިނަ ކޮމިޓީތައް ހިނގަމުންދާ އިރު، ބޮޑެތި ތަހުގީގުތައް އެބަ ކުރޭ. މިނިސްޓްރީތަކުގެ ޒިންމާތަކުގެ ތެރެއަށް ވަންނަ މިންވަރަށް ކަންތައްތައް އެބަ ދޭ،" އެ ވަކީލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންގެ މިޒާޖު ހުންނަ ގޮތުން ވެސް، އެސްއޯއީ ކޮމިޓީގެ ބޭނުން ޒާތީ ގޮތެއްގައި ހިފުމުގެ ފުރުސަތު އެބަ އޮތެވެ. މިސާލަކަށް ތެލުގެ ވިޔަފާރި ކުރާ މެމްބަރަކަށް، އެސްޓީއޯ އިން ތެޔޮ ލިބުމުގައި ދައްޗެއް ދިމާވެއްޖެ ނަމަ، ކޮމިޓީގެ މެމްބަރުންގެ ބޮލަށް ވަދެ، އެ ކުންފުނީގެ ވެރިން ގެނެސް މާނައެއް ނެތް ގޮތެއްގައި ސުވާލުތައް ކޮށްފާނެ އެވެ. އެހެންކަމުން ކުންފުނިތަކުގެ ވެރިން އުޅެން ޖެހޭނީ އަބަދުވެސް މަޖިލިހަށް ޖަވާބުދާރީނުވެވިގެން ކަމަށް ފެނެ އެވެ.

ކުންފުނިތަކާ ހިލާފަށް މިނިވަން މުއައްސަސާތަކުގެ ވެރިންނާ ކޮންމެ ވަގުތަކު ވެސް މަޖިލިހުގެ ކޮމިޓީތަކަށް ބައްދަލުކުރެވިދާނެ އެވެ. ސަބަބަކީ މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަންކުރުމުގައި މަޖިލިހުގެ ދައުރު އޮތުމެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީއާ އެކު މިހާރުގެ މަޖިލިހަށް ކޮންމެ ފަދަ ބަދަލެއް ވެސް އެ ޕާޓީއަށް ގެނެވިދާނެ އެވެ. އެކަމަކު ސަރުކާރު ހިންގުމުގެ ތެރެއަށް ފުޅާ ދާއިރާއެއްގައި ވަދެވިދާނެ ގޮތަށް މަޖިލިހުގެ ކަންކަން ރޭވުމަކީ މައްސަލައެކެވެ. ނުލިބޭ ބާރުތަކެއް ލިބޭ ކަމަށް ނިންމައި، އޭގެ ބޭނުންކުރާ ނަމަ، ނަތީޖާ ގޯސްވުމުގެ ފުރުސަތު އެބަ އޮތެވެ.

65 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 5%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮށީކޮއި ޢަލީގެ މުޙައްމަދު

26 July 2019

ކުންފުނިތަކުގެ ވެރިންނަށް ބިރުދައްކާ ކޮމިޝަން

The name is already taken The name is available. Register?

އަލިބެއްޔާ، އެކުވެރިސުވައިދީބް

25 July 2019

ކޮންމެ ބަޔަކުވެސް ބަލަނީ ސިޔާސީ ގޮތުން އެބަޔަކަށް އެންމެ ފައިދާވާ ގޮތަކައް ލިބިފައި އޮންނަ ދައުރުގެ ތެރޭގައި ކަންކަން ކޮށްލެވެތޯއެވެ. ރައްޔިތުންނާ ދޭތެރޭ ވިސްނައި ކަމެއް ކޮށްދޭން އުޅޭ ބަޔަކު ނެތެވެ.

The name is already taken The name is available. Register?

ޥަސް

25 July 2019

ތަހުޤީޤު ކުރަމުންދާ މައްސަލަތަކާއި ކޯޓުގައި ހިގަމުންދާ މައްސަލަތައް ފިޔަވަޢި ދެން ކޮންމެކަމަކާއި ބެހޭގޮތުން މައުލޫމާތު ހޯދުމަށް މަޖްލީހަށް ދިވެހި ކޮންމެ ރައްޔިތަކު، ހާޒިރު ކުރެވިދާނެ. ތަޙްޒީބު ޤައުމުތަކުގައި އެކަން އެގޮތަށް ހިނގާ.

The name is already taken The name is available. Register?

މޯދީ

25 July 2019

ކަލޯގަޔާ، މަޖިލީހުގަވެސް އެއިންނެވީ ރައީސެއް، ބޮޑުވަޒީރެއް، ވިހި ވިހީގެ ތަސައްވުރު ފެންނަނީ އެޖެންޑާ 29ގައި ސަރަހައްދީ ސަރުކާރުތަކެއް ހުއްނާނެ، ވަރަށް ކަންތައް އެބައޮތް!

The name is already taken The name is available. Register?

ހިޔާލު

25 July 2019

ފުރަތަމަ ތިޔަކިޔާ ޕުރައިވެޓައިޒޭޝަން ބޯޑޭ، އެހެންވީމާ ތިބޯޑުން އަސްލު ކުރަންޖެހޭ ކަމަކީ ޕަބުލިކު އެންޓަރޕުރައިސްތަށް ޕުރައިވެޓައިޒް ކުރުމުގެ މަސައްކަތް، ބޯޑުތަކަށް މީހުން އައްޔަން ކުރަންވީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ރައީސުލް ޖުމުހޫރިއްޔާ. ޕްރައިވެޓް ސެކްޓަރ އިން ކުރެވިދާނެ ފަދަ ވިޔަފާރިތަށް ދައުލަތުން ކުރުން ހުއްޓާލަން ޖެހޭ

The name is already taken The name is available. Register?

މިވެސް އެސް.އޯ.އީ އެއް

25 July 2019

އަޅުގަނޑަށް ސާފުކޮށްލަދީފާނަންތޯ ސްޓޭޓް އިންޓަރނަލް އޮޑިޓް ގެ ދައުރު. މިތަނަށް ސަރުކާރިގެ ވިޔަފާރި ކުންފުނިތައް ބެލުން މެންޑޭޓް ތޯ. ވާނަމަ ކޮބާތޯ ޕީ.ސީ.ބީ ގެ ދައުރަކީ؟

The name is already taken The name is available. Register?

އަހުމަދު އަލީ

25 July 2019

ސަރުކާރު ކުންފުނި ތަކުން އަމިއްލަ ވިޔަފާރިތަކަށް ދަރާފައިވާ ދަރަނި ފިލުވަބަލަ.

The name is already taken The name is available. Register?

ޙިސާން

25 July 2019

މުޅި ދައުލތް ހިނއގަނީ ކެނެރީގެއިން

The name is already taken The name is available. Register?

ވާލުސޮރު

25 July 2019

ވޭތުވެދިޔަ ދުވަސްތަކުގައި ކުންފުނިތައް ހިތަކަށް ދީގެން ބޭކާރު ފައިސާއާއި ވައްކަމާ ހިޔާނާތުގެ ކަންތައްގަނޑު ހިންގީ، ރައްޔިތުންގެ މަޖްލީހަކީ ރައްޔިތުންގެ މަންދޫބު، އެހެންވީމާ ރައްޔިތުންނަށް އެންމެ ފަސޭހައިން މިހާރު އިނގެނީ ކޮމެޓީތަކުން ސުވާލުކޮށް ބެލީމާ ތިޔަ ކުންފުނިތަކުގެ ހާލަތު. މިސާލަކަށް އައްޑޫ އެއަރޕޯޓް، އެސްޓީއޯ ވައްކަން، އެޗްޑީސީ ވައްކަން ކަހަަލަ

The name is already taken The name is available. Register?

އަލީޔ

25 July 2019

ކޮންމެ ކުންފުންޏެއްގެ ފަހަތަށް ވައްކަން ލީމަ ނިމުނީދޯ؟ މަޖިލިހަކީ ގާނޫނު ހަދަން ހަވާލު ކުރި ތަން. ގާނޫނު ހެދީމަ ވީ. ސަރުކާރު ހިންގަން ކުންފުނި ހިންގަން ވަކި ބަޔަކު ތިބެނެ. ވައްކަން ބަލަން ވަކި ބަޔަކު ތިބޭނެ. އެބަޔަކު އެބަޔަކާ ހަވާލުވާ ޒިންމާ އަދާކުރީމަ ނިމުނީ. ނުޖެހޭނެ މަޖިލިހުން ހުރިހާ ތަނަކަށް އުނދުޅި ބާނާކަށް.

The name is already taken The name is available. Register?

ބޭސް

25 July 2019

18 ވަނަ މަޖިލީހުން އެއްވެސް ކަމެއް ނުކޮށް އަތްއުރާލައިގެން ސްޓޭޕްޖަހަން ތިބުމުގެ ނަތީޖާއަކީ ދައުލަތަށް އެތައް ބިލިޔަން ރުފިޔާއެއް ގެއްލިގެން ދިއުމެވެ. އެއިގެ ތެރެއިން ބޮޑު ބަޔަކީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ނުއަގުގައި އަދި މާލިއްޔަތައް މަންފާއެއް ނުކުރާގޮތައް ވިއްކާލުމެވެ. މިހާރު މަޖިލިސް ދާގޮތުން ކޮންމެ މުއައްސަސާއެއްގެ ވެރިންނަށް ހިތުހުރިގޮތަކަށް ކަންކަން ކުރަން އުދަގޫ ވާނެއެވެ. އެއްމިސާލަކީ އެފްއައިޔޫގެ ހެޑް މަގާމުން ވަކިކުރި މައްސަލައެވެ

The name is already taken The name is available. Register?

އޭސް

25 July 2019

މިހާރުވެސް ދައުލަތުން އެތައް މިލިއަނެއް ގެއްލިއްޖެ. އެކަމު އެކަމާ އެބަ ސުވާލުކުރޭތަ؟

The name is already taken The name is available. Register?

އަލީޔ

25 July 2019

19 ވަނަ މަޖިލިސް ތިހެން އޮއްވާ އެއް ނު ގޭ ކުދިންނަށް ބިލިޔަނުން އެބަހާ ހުސްކުރަނީ؟ ކުރަނީ އެއްކަމެއް...ވައްކަން. ތަފާތެއް ނުފެނޭ. މަޖިލިހަކީ ގާނޫނު ހަދަން ހަވާލު ކުރި މީހުން. ގާނޫނު ހެދީމަ ނިމުނީ. އެހެން ކަންކަން ކުރާނެ މީހުން ތިބޭނެ. އެމީހުން ނަށް ނުވަންޏާ އެމީހުން ވަކި ކޮށް ވާވަރު މީހުންނާ ހަވާލު ކުރީމަ ނިމުނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454