ކުޅިވަރު / ޓޭބަލް ޓެނިސް

"މިއަދު އެންމެ ބާރަށް ވިކެނީ ޓީޓީ ބޯޅަޔާ ރެކެޓާޔޯ!"

ސ

"މިއަދު ކުޅިވަރު ސާމާނު ފިހާރަތަކުން އެންމެ ބާރަށް ވިކެނީ ޓީޓީ ބޯޅަޔާ ރެކެޓާޔޯ! އެތެދެއްތަ؟"

މިއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުން ރަން މެޑަލް ހޯދުމުން، މުޅި ރާއްޖޭގެ ސަމާލުކަން ޓީޓީ އަށް އެނބުރުމާ އެކު މަޝްހޫރު ފިލްމު ޑިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ކޮށްލި ޓްވީޓެކެވެ.

ސަމާސާއަކަށް ހަދާފައި ވިޔަސް އޭނާ އެ އިޝާރާތްކުރީ، ހަމަ ވެދާނެ ކަމަކަށެވެ. އުމުރުން އެންމެ 11 އަހަރުގެ ފާތިމަތު ދީމާ އަލީ އާއި އުމުރުން 16 އަހަރުގެ އައިޝަތު ރަފާ ނާޒިމް ހޯދަމުން އަންނަ ކާމިޔާބީއާ އެކު ރާއްޖޭގެ އެކި އުމުރުގެ ކުދިންގެ ޝައުގުވެރިކަން ހަމައެކަނި އެނބުރޭނީ ޓީޓީ އަކަށް ނޫނެވެ. ޓީމު ކުޅިވަރުތަކަށް މަރުދޭ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކަށް ލިބޭ ސަމާލުކަން އިތުރުވެ އެ ކުޅިވަރުތަކަށް ކުދިންގެ ޝައުގުވެރިކަން ދަމައިގަންނަން ފުރުސަތު ފަހިވާނެ އެވެ.

ބައެއް އާއްމުން ވެސް އަންނަނީ މިއީ ޓީޓީ އާއި ބެޑްމިންޓަން ފަދަ އިންޑިވިޖުއަލް ކުޅިވަރުތަކަށް އިންވެސްޓްކޮށް އެ ކުޅިވަރުތައް ތަރައްގީކުރަން ވެއްޖެކަން ދައްކުވައިދިން ކާމިޔާބެއް ކަމަށް ބުނަން ފަށައިފި އެވެ. ރާއްޖޭގައި އެންމެ ކުރީއްސުރެ ގަބޫލުކުރެވިފައި އޮތީ ބައިނަލްއަގްވާމީ މައިދާނުގައި ކިރިޔާ ވެސް ކާމިޔާބެއް ލިބެން އޮތަސް އެ ފުރުސަތު އޮންނާނީ ޓީމު ކުޅިވަރުތަކުން ކަމަށެވެ.

އެކަމަކު ބައިނަލްއަގްވާމީ މައިދާނުގައި އަދިވެސް އެންމެ ކާމިޔަބީ ފުޓްބޯޅަ ކަމަށް ވިޔަސް، އެންމެ ކުރީއްސުރެ ވެސް އިންޑިވިޖުއަލް ކުޅިވަރުތަކުން އަންނަނީ އެ ކުޅިވަރެއްގެ ނިސްބަތުން ކާމިޔާބީ ހޯދަމުންނެވެ. ހަގީގަތުގައި ރާއްޖޭން ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ކުޅިވަރަކީ ވެސް ޓީޓީ ކަމެވެ އެއީ 1973 ވަނަ އަހަރު ޗައިނާގައި ބޭއްވި އޭޝިއަން، އެފްރިކަން، ލެޓިން އެމެރިކަން ފްރެންޑްޝިޕް ޓީޓީ މުބާރާތުގަ އެވެ. އެ ޓީމުގެ ތަރިންނަކީ ރަފާ އާއި ދީމާގެ ކާމިޔާބީގެ ވެސް ވަރަށް ބޮޑު ޝުކުރެއް ހައްގުވާ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ސީވީޑް އަހުމަދު ލަތީފާއި ރާއްޖޭގެ ކުޅިވަރު ދުށް އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ މަރްހޫމް ސައްޔިދު ހަސަން އެވެ.

ތުރީއޭ ގޭމްސް އަށް ދިޔަ ޓީމުގެ މެމްބަރުންނާ އެކު ސައްޔިދު ހަސަން (ކ-3) އަދި ސީވީޑް ލަތީފް (ކ).

އޭގެ ފަހުން 1975 ވަނަ އަހަރު ނައިޖީރިއާގައި ބޭއްވި އެ މުބާރާތުގައި ވެސް ވާދަކުރުމަށް ފަހު ރާއްޖޭން އެންމެ ފުރަތަމަ ކާމިޔާބީ ހޯދި ގޭމްސް ކަމަށްވާ 1979 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް ވާދަކޮށް ޓީޓީން މެޑަލް ހޯދި އެވެ. ލަތީފުގެ ކެޕްޓަންކަމުގައި ނުކުމެ ޓީޓީން އެ ފަހަރު ލޯ މެޑަލް ހޯދިއިރު ބެޑްމިންޓަނުން އެކްސްރޭ އަހުމަދު އާތިފާއި ހަޒާރުމާގޭ މުހައްމަދު ވަޖީހު މެޑަލް ހޯދި އެވެ.

އެކަމަކު އޭގެ މާ ކުރިން ފެށިގެން ވެސް މިއަދާ ހަމަޔަށް ވެސް ރާއްޖޭގައި އެންމެ މަގުބޫލީ ޓީމު ކުޅިވަރުތަކެވެ. ވަސީލަތްތައް ނެތުމާ އެކު، އިންޑިވިޖުއަލް ކުޅިވަރުގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ވެސް ހިންގެން ނެތީ އެވެ. އަނެއްކޮޅުން ޓީމު ސްޕޯޓްސްތަކަށް ލިބޭ މަގުބޫލުކާ އެކު އިންޑިވިޖުއަލް ކުޅިވަރުތައް އޮންނަނީ ފަރުވެފާ ވެފަ އެވެ.

"ރަފާ އާއި ދީމާ އެ ހޯދާ ކާމިޔާބީގެ ސަބަބުން ރެކެޓް ކުޅިވަރުތަކަށް އެތައް ކުދިންގެ ޝައުގުވެރިކަން ލިބޭނެ. މިއީ ރަނގަޅު ފުރުސަތެއް އެ ކުޅިވަރުތައް އާލާކޮށް ފުރުސަތުތައް ފަހިކޮށްދޭން. އެ ކުޅުންތެރިން އެ ސާބިތުކޮށްދިނީ މިއީ ރާއްޖެ އަށް ބޮޑެތި ކާމިޔާބު ހޯދޭނެ ކުޅިވަރުތަކެއްކަން،" ކުޅިވަރުގެ އިސްވެރިޔަކު ބުންޏެވެ.

އަނެއް ކަމަކީ ހުނަރު ހުއްޓަސް، އިންޑިވިޖުއަލް ކުޅިވަރުތަކުން ލިބޭ ފުރުސަތުތައް މަދުވާތީވެ ބެލެނެވެރިން ވެސް ޓީމު ކުޅިވަރަކަށް ކުއްޖާ ފޮނުވަން ބާރު އެޅުމެވެ. އެކަމަކު ދީމާ އާއި ރަފާގެ ކާމިޔާބީއާ އެކު އެއީ ވެސް ބަދަލުވާނެ ކަމެއް ކަމަށް ބެލެވެ އެވެ. އޭގެ ހެއްކަކީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ހަސަން ސާއިދު 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދުމާ އެކު، ރަނިން އެކަޑަމީތަކަށް ޑިމާންޑްބޮޑުވެ އެފަދަ އެކަޑަމީތައް އިތުރުވުމެވެ.

ފުޓްބޯޅަ އެކަޑަމީތަކަށް އޮންނަ ތަރުހީބު ވަރު ނުވިޔަސް އެތުލެޓިކްސްގެ ހަރަކާތްތަކުގައި ޅަ އުމުރެއްގައި ކުދިން ބައިވެރިކުރާ ބެލެނެވެރިން ވެސް ގިނަވެއްޖެ އަދި އެތުލެޓިކްސް އަށް ދާ ހިތްވާ ކުދިންގެ އަދަދު ވެސް މަތިވެއްޖެ. ކުރިން ނަމަ ދުވަން ފުރުސަތު އޮންނާނީ އެ ސްކޫލެއްގެ އެތުލެޓިކްސް މީޓަކާ ދިމާކޮށް އެކަނި،" ކުޅިވަރުގެ ތަޖުރިބާކާރަކު ބުންޏެވެ.

ދީމާ އާއި ރަފާގެ ކާމިޔާބީއާ އެކު، ކުޅިވަރާއި ކިޔެވުން އެއްކޮށް ކުރިއަށް ގެންދިއުމާ އެކު ބެލެނެވެރިންގެ ވިސްނުން ވެސް ބަދަލުވާނެ ކަމަށް ބެލެވެ އެވެ. ރާއްޖޭގައި އެންމެ ކުރީއްސުރެ ވެސް ބައެއް ބެލެނެވެރިންނަށް ވިސްނިފައި އޮންނަނީ ކުޅުމަކީ ކިޔެވުމަށް ހުރަސް އަޅާ ކަމެއްގެ ގޮތުގަ އެވެ. އަދި ކުޅިވަރަކީ އޭގެ ޒާތުގައި ކުރިއެރުމެއް، ރީތި ނަމެއް ލިބެން ނެތް ކަމެއްގެ ގޮތުގައި އޮންނަނީ ލޭބަލްވެފަ އެވެ.

ރަފާ (ކ) އާއި ދީމާ މެޑަލް އަޅުވައިގެން. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

އެކަމަކު ރަފާ އާއި ދީމާ އެވަނީ ވަރަށް ހަގު އުމުރެއްގައި، ސްކޫލުގައި ކިޔަވަމުން ވެސް ކުޅިވަރުގައި ވާދަކޮށް ބައިނަލްއަގްވާމީ ކާމިޔާބީ ހޯދައިދީފަ އެވެ. އެހެންވެ އެ އުމުރުގައި، އަދި ސްކޫލް ފެންވަރާއި ގައުމީ ފެންވަރުގެ ކުޅިވަރުގައި ވާދަކުރުމަކީ ކިޔެވުމަށް އެޅޭނެ ހުރަހެއް ނޫންކަން މިވަނީ އެނގިފަ އެވެ.

"ދީމާ އެންމެ ފުރަތަމަ ކުޅެން ގެންދިޔައީ ވެސް އޭނާ އަކީ ކިޔަވަން މޮޅު ކުއްޖަކަށްވާތީވެ، އެކަން ދެމެހެއްޓޭނީ ކޮންމެވެސް ކުޅިވަރެއްގައި ހަރަކާތްތެރިކުރުވައިގެން ކަމަށް ޓީޗަރުން ލަފާ ދިނުމުން،" ދީމާގެ ބައްޕަ އަބްދުއްސައްތާރު އަލީ ބުންޏެވެ.

ރަފާ ވެސް ބުނެފައިވާ ގޮތުގައި ކުޅިވަރުގެ ސަބަބުން ކިޔެވުމަށް ފައިދާ ކުރެ އެވެ. އަބަދު ފޮތްކިޔައި ފިލާވަޅުގެ ތެރޭގައި އުޅޭނަމަ ކުއްޖާ އަށް ފޯކަސްކުރަން އުނދަގޫވާނެ ކަމަށާއި އެކަމަކު ކުޅިވަރު ކުޅޭ ނަމަ ސިކުނޑި ތާޒާވެ، ސަމާލުކަން ރަނގަޅުވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ ޒުވާން އުމުރެއްގައި ކުދިން ރާއްޖޭން ބޭރަށް ތަމްރީންތަކަށް ފޮނުވަން ބެލެނެވެރިން ދެކޮޅު ހަދާ ކަމަށާއި އެކަމަކު 2015 ގައި ސާއިދު ރަން މެޑަލް ހޯދުމާ އެކު އެ ވިސްނުން ބަދަލުވި ކަމަށެވެ.

"ރަފާ އާއި ދީމާގެ ކާމިޔާބީއާ އެކު ކުރިއަށް ވުރެ ބޮޑަށް އެ ވިސްނުން ބަދަލުވާނެ. އެ ދެ ކުޅުންތެރިން އެ ސާބިތުކޮށްދިނީ، ކިޔަވަމުން ވެސް، ދުވާލަކު ފަސް ގަޑިއިރު ތަމްރީން ހަދާފައި އައިސް ވެސް ބޮޑެތި ކާމިޔާބީ ހޯދޭނެކަން،" މަރޭ ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވީ ހަގީގަތުގައި ކިޔެވުމާއި ކުޅިވަރަކީ ވަކިކުރެވޭނެ ދެ އެއްޗެއް ނޫން ކަމަށާއި ކުޅިވަރުގެ ސަބަބުން ކިޔެވުމަށް ފައިދާކުރާ ކަމަށެވެ. އަދި ޓެސްޓުގެ ތެރޭގައި ވެސް ޝެޑިއުލެއް ހަދައިފި ނަމަ ކުޅުމަށް ވަގުތު ހުސްކުރެވޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

އަޅުގަނޑުމެން ކުޑައިރު ވެސް ޓެސްޓް ދުވަސްވަރު ކުޅެން ނުގޮސްފިއްޔާ މައްސަލަ ޖެހޭނީ. އެއީ ކުޅުމުގެ ސަބަބުން ކިޔެވުމަށް ވެސް ފައިދާވާތީ،" މަރުޒޫގު ވިދާޅުވި އެވެ.

ކުޅިވަރުގައި ބައިނަލްއަގްވާމީ ރޮނގުން ލިބޭ ކާމިޔާބީތަކަކީ ހަމައެކަނި ހަރުތައް ފުރާލާނެ މެޑަލްތަކާއި ތަށިތައް ލިބުން އެކަންޏެއް ނޫނެވެ. ކުޅިވަރުގެ ސަބަބުން ނުސީދާ ގޮތުން ގައުމުގެ އިޖްތިމާއީ ހާލަތަށް ވެސް އަންނަ ހެޔޮ ބަދަލުތަކަކީ ވެސް ކުޅިވަރު ގެނެސްދޭ ކާމިޔާބެކެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ދެ ދަރިވަރުން އެ ހޯދި ކާމިޔާބީގެ ސަބަބުން އެފަދަ އެތައް ހެޔޮ ބަދަލެއް އަންނާނެ އެވެ.

3 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 4%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޭބަލިމިތުރު

27 July 2019

މީހަމަ މަލާމާތެއް!. މާލޭގަ ކިތައްގޭގަބާ ޓީޓީ މޭޒެއްބެހެއްޓޭވަރައް ޖާގައޮތީ؟.

The name is already taken The name is available. Register?

މުލޭ

27 July 2019

ޓެޑްރީ އެކުދިންނަށް ކޮށްފައިއޮތް މަލާމާތަކާ ވައްތަރީ. ދެން އެހެން ކޮންކަމެއް.

The name is already taken The name is available. Register?

ގަޓް ބްރޯ

26 July 2019

ބައެއް ބެލެނިވެރިންނާ އަދި ކުޅިވަރު އެސޯސިއޭޝަން ތަކުގެ ވެރިންވެސް އަދި މި ވިސްނަނީ ވަރަށް ހަނިކޮށެވެ. މޮޅަށް ކުޅިވަރުކުޅެމުން ކިޔެވޭނީ ދާދި މަދު ކުއްޖަކަށެވެ. އެއީ ހަމަ ކޮންމެ ކޮންމެ ކުއްޖަކަށް ވާނެކަމެއްނޫނެވެ. ބައެއް ކުދިންނަކީ އުފެދުމުގަވެސް އެތައް ކަމަކަށް ގާބިލްކުދިންނެވެ. އެކަމަކު އެނޫން ކުދިން އެމަގުން ގެންދަން އުޅެފިނަމަ ހުރިހާ ގޮތަކުންވެސް އެކުދިންވާނީ ފެއިލްއެވެ. އެހެންނޫންނަމަ ވިޔަފާރިއެއް ފެށި ކޮންމެ މީހަކުވެފަވީހީ މަހުޖަނަކަށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454