30 ޖުލައި 2019 - 07:30
މިދިޔަ މެއި މަހު ރިލީޒް ކުރި ޑިޒްނީގެ ލައިވް-އެކްޝަން ފިލްމު "އަލައްދިން" ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކައިގެން ލިބުނު އާމްދަނީ ބިލިއަން ޑޮލަރަށް ވުރެ އިތުރުވެއްޖެ އެވެ.
ގައި ރިޗީ ޑައިރެކްޓް ކުރި ފިލްމަށް ހޯމަ ދުވަހާ ހަމައަށް 1.010 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. ވިލް ސުމިތާއި މޭނާ މައްސޫދު އަދި ނިއޯމީ ސްކޮޓް މުހިއްމު ރޯލްތައް ކުޅުނު "އަލައްދިން" އަކީ 183 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.
މި ފިލްމުގެ އާމްދަނީ ބިލިއަން ޑޮލަރު ފަހަނައަޅައި ދިޔަ އިރު، މިއީ ޑިޒްނީން ގެނެސް ދިން ލައިވް-އެކްޝަން ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރު ހަމަކުރި ފަސް ވަނަ ފިލްމެވެ.
We ain’t never had a friend like you! Thank you to the fans across the globe for helping #Aladdin cross $1B. 🧞 pic.twitter.com/mpREEF44pi
— Disney’s Aladdin (@disneyaladdin) July 26, 2019
އެ ލިސްޓްގައި ދެން ހިމެނެނީ 2017 ގެ ބިއުޓީ އެންޑް ދަ ބީސްޓް (1.264 ބިލިއަން ޑޮލަރު) އާއި 2010 ގެ އެލީޒް އިން ވޮންޑަލޭންޑް (1.025 ބިލިއަން ޑޮލަރު) ގެ އިތުރުން ޕައިރޭޓްސް އޮފް ދަ ކެރީބިއަން ސީރީޒްގެ ދެވަނަ ފިލްމު 2006 ގެ ޑެޑް މޭންސް ޗެސްޓް (1.066 ބިލިއަން ޑޮލަރު) އާއި 2011 ގައި ރިލީޒް ކުރި އޮން ސްޓްރޭންޖާ ޓައިޑްސް (1.046 ބިލިއަން ޑޮލަރު) އެވެ.
މީގެ އިތުރުން "އަލައްދިން" އަކީ މި އަހަރު ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ހަތަރު ވަނަ ފިލްމެވެ.
އޭގެ ތެރޭގައި ދެން ހިމެނެނީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް އޮތް އެވެންޖާޒް: އެންޑްގޭމް (2.793 ބިލިއަން ޑޮލަރު) އާއި ކެޕްޓަން މާވެލް (1.128 ބިލިއަން ޑޮލަރު) ގެ އިތުރުން ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް (1.037 ބިލިއަން ޑޮލަރު) އެވެ.
މެއި މަހުގެ 24 ގައި ރިލީޒް ކުރި "އަލައްދިން" އަކީ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ޑިޒްނީގެ 41 ވަނަ ފިލްމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy