04 އޯގަސްޓް 2019 - 11:05
އޭއެފްސީ ޕްރޯ ލައިސަންސް ނެގުމަށް އޭނާގެ ޓީމު ކްލަބް އީގަލްސްއާ ދުރުހުރިއިރު ފެނުނު އެއް ކަމަކީ ކާމިޔާބު ހޯދަން އެ ޓީމު ބޭނުންވާ ވަރު ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
ލީގުގައި އީގަލްސް އެންމެ ފުރަތަމަ ޓީސީއާ 1-1 އިން އެއްވަރުވި މެޗަށް ފަހު މޯހަން ވަނީ ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޯ ލައިސަންސް ކޯޗިން ކޯހުގެ ދެ ވަނަ ބައި ފުރިހަމަކުރަން ޖަޕާނަށް ގޮސްފަ އެވެ. މޯހަން ނެތި ޓީމު ލީޑުކުރުމުގެ ޒިންމާ ނެގީ މުހައްމަދު ނިމާދު (ނިމާ) އެވެ.
މޯހަން ބުނީ އޭނާ ނެތަސް ޓީމުން ދެއްކީ ރަނގަޅު ނަމޫނާއެއް ކަމަށެވެ. މޯހަން ވަނީ އޭނާގެ ރޭވުންތަކާ އެއްގޮތަށް ޓީމުގެ ކޯޗިން ސްޓާފުން ކުރި މަސައްކަތް އަގުވަޒަންކުރާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ކޯހުގެ އެކި ބައި ފުރިހަމަކުރަން ދާންޖެހިފައިވާއިރު ލިބުނީ އިތުބާރު ކަމަށެވެ.
"އަޅުގަނޑުގެ ޕްލޭނާ އެއްގޮތަށް ނޫނީ ދީފައި ހުރި ޓްރެއިނިން ސެޝަންތަކާ އެއްގޮތަށް ޓްރެއިނިން ދެމުންދިޔައީ. އޭގެ ނަތީޖާ ފެނިގެންދިޔައީ ވެސް. ކުޅުންތެރިންގެ ފަރާތުން ޕޮޒިޓިވްކޮށްދިޔައީ. ހަގީގަތުގައި އެހެން ޓީމުތަކުގައި ހެޑް ކޯޗު ނެތިއްޔާ ވަރަށް ރިލެކްސްކޮށް ނަގަނީ. އޭގެ ބަދަލުގައި މި ޓީމުން ފެނުނީ އަޅުގަނޑު ނެތްތަނުގައި އިތުރަށް ވެސް މަސައްކަތްކުރިތަން. އެއްޗެއް ހާސިލްކުރަން މަސައްކަތްކުރާތަން ވަރަށް ބޮޑަށް އެބަފެނޭ. ކާމިޔާބަށް މަސައްކަތް ކުރުމާ އެކު ކުޅުންތެރިން މެންޓަލީ ވެސް ޑިވެލޮޕް އެވަނީ،" ކުރިން ނިއު ރޭޑިއަންޓާއި ވެލެންސިއާ އަށް ވެސް ކޯޗުކޮށްދިން މޯހަން ބުންޏެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ގައުމީ ފުޓްބޯޅަ ޓީމުގައި އީގަލްސްގެ ހަ ކުޅުންތެރިން ހިމެނޭއިރު، މިހާރު 19 އަހަރުން ދަށުގެ ޕްރެކްޓިސް ކުރިއަށްގެންދަނީ އީގަލްސްގެ 10 ކުޅުންތެރިންނާ އެކު އެވެ. މޯހަން ބުނީ 19 އަހަރުން ދަށުގެ ޓީމަށް ކުޅޭ ކުޅުންތެރިން މަޖުބޫރު ހާލަތެއްގައި ނޫނީ ނުގެންނާނެ ކަމަށާއި އެއީ އެ ކުޅުންތެރިންނަށް ވެސް ރަނގަޅު ގޮތަކަށް ނުވާނެތީ ކަމަށެވެ.
"ބާކީ ތިބި ކުޅުންތެރިންނާ އެކު މި ވަގުުތު ޕްރެކްޓިސް ކޮށްލަމުން މިދިޔައީ. ގައުމީ ޓީމުން އައި ކުޅުންތެރިންނަށް ރެސްޓެއް ވެސް ދީފައި ގެނައީ ދެން ޖުމްލަކޮށް ބަލާއިރު އެހެން ބޭނުންނުުކުރެވި ހުރި ކުޅުންތެރިންނާ އެކު ހިތްހަމަޖެހޭ މަސައްކަތްތަކެއް ކުރެވިއްޖެ. އެއީ އެ ކުޅުންތެރިންނަށް ވަކިން ފޯކަސް ކޮށްލަން ވަގުތުކޮޅެއް މި ލިބުނީ. ކުރިއެރުންތަކެއް ފެނިއްޖެ. އެއީ ޕޮޒިޓިވް ކަމެއް،" މޯހަން ބުންޏެވެ.
ފޯކައިދޫއާ ދެކޮޅަށް ކުޅޭއިރު ވިސްނަންޖެހޭ ކަމަށާއި އެ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރެފައިވާކަން ވިސްނަންޖެހޭނެ ކަމަށް މޯހަން ބުންޏެވެ.
"އެންމެ ގަދަ ކްލަބް (މާޒިޔާ)އާ އެކީ މި އޮތީ އެއްވަރުކޮށްފައި. އެއްގޮތަކަށް ވެސް ފަސޭހަކޮށް ނަގައިގެން ނުވާނެ. އެކަމަކު އަޅުގަނޑުގެ އުއްމީދު ވަރަށް ބޮޑު. ކުޅުންތެރިންނާ ދޭތެރޭ ވަރަށް ޔަގީންކަން އެބައޮތް. އިރާދަކުރެއްވިއްޔާ ރަނގަޅު ނަތީޖާއަކާ އެކު މޮޅުވެގެން ފޭބޭނެ ކަމުގެ އިތުބާރު އެބައޮތް ޓީމާ ދޭތެރޭ،" މޯހަން ބުންޏެވެ.
"ކުރިއަށް ހުރި މެޗުތަކުން މޮޅުވާން އެބަޖެހޭ. ކުޅުންތެރިން ވެސް އެކަމަށް ފޯކަސް ކޮށްގެން ތިބީ."
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފޯކައިދޫގެ ކޯޗު ނިސްތާރު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ އޭނާގެ ނަޒަރުގައި އެއްވެސް މެޗެއް ފަސޭހަނުވާނެ ކަމަށާއި އެ ޓީމެއްގެ ފެންވަރުން ކޮންމެ ބަޔަކު ވެސް ޕްލޭނަކާ އެކު މަސައްކަތްކުރާނެ ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ބުނާ ވާހަކައެއް. އެއްވެސް ބަޔެއް ފަސޭހައެއް ނުވާނެ. އަޅުގަނޑުމެން އެ މީހުންނަކަށް ވެސް ފަސޭހައެއް ނުވާނެ. ކުޅުނީމަ އެއްޗެއް ބުނަން އެނގޭނީ. އީގަލްސް އަކީ އެންމެ ޕޮޒިޝަން ހިފަހައްޓައިގެން ރީއްޗަށް ކުޅޭ ޓީމު ރާއްޖޭގައި. އެހެންވީމަ ވަރަށް ބޮޑު ޗެލެންޖެއް،" އޭނާ ބުންޏެވެ.
މި ވަގުތުގެ ހާލަތަށް ބަލާއިރު ފޯކައިދޫ އަށް ސަސްޕެންޝަނާއި ކުޅުންތެރިންނަށް އަނިޔާވުމުގެ މައްސަލަ ވަނީ ދިމާވެފަ އެވެ. ނިސްތާރު ބުނީ ތަންކޮޅެއް ޓީމުގެ ހާލު ކުޑަކޮށް އުނދަގޫކޮށް ހުއްޓަސް ވީ އެންމެ ރަނގަޅަށް މަސައްކަތްކުރާނެ ކަމަށެވެ.
ކުރިން އއ. މާޅޮހަށް ވެސް ޕްރިމިއާ ލީގުގައި ކޯޗުކޮށްދިން ނިސްތާރުގެ ބެލުމުގެ ދަށުން ކުރިއަރަމުން އަންނަ ކުޅުންތެރިޔާ މުހައްމަދު ޖައިލަމް (އޮގީ) ވަނީ ނިިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރި ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ. ނިސްތާރު ބުނީ ގައުމީ ޓިމުގައި ކުޅެވުމުން އޮގީގެ ކޮންފިޑެންސް ކުރިއަށް ވުރެ ރަނގަޅުވާނެ ކަމަށެވެ.
"އޮގީ ވަރަށް ރަނގަޅު މެސެޖެއް އެ ދިނީ ފޯކައިދޫ ކުޅުންތެރިންނަށް. އެއީ ކުރިން ބައެއް ކުޅުންތެރިން ވިސްނަނީ ފޯކައިދޫގައި ނޫނީ ނިލަންދޫގައި އަދި ލީގުގެ އެހެން ހިސާބެއްގައި އިން ޓީމެއްގައި ވެއްޖިއްޔާ ނެޝަނަލް ޓީމަކަށް ނުދެވޭނެ. އޮގީ އެ ސާބިތުކޮށްދިނީ އެ ގޮތަށް ނޫންކަން އެކަން އޮތީ. ކޮންމެ ޓީމެއްގައި ހުރެފައި ވެސް މޮޅަށް ކުޅެންޏާ އެ ފުރުސަތު އެބައޮތްކަން،" ނިސްތާރު ބުންޏެވެ.
ފޯކައިދޫ އާއި ނިލަންދޫ ކުޅޭ މެޗު ފަށާނީ މިއަދު 4 ޖަހާއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy