ނަބާހާ (ކ) އާއި އަޖުފާން އެވޯޑާ އެކު. –މިހާރު ފޮޓޯ: އިމޭޖަސް އެމްވީ
06 އޯގަސްޓް 2019 - 10:44
ރާއްޖޭގެ އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާގެ މަގާމް ބެޑްމިންޓަންގެ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް އަދި އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމް ހަމަ އެ ކުޅިވަރުން މުހައްމަދު އަޖުފާން ރަޝީދު ހޯދައިފި އެވެ.
މިހާރު އެވޯޑްސްގައި އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިން ހޮވަނީ ބެޑްމިންޓަން، ޓޭބަލް ޓެނިސް، ފެތުން އަދި އެތުލެޓިކްސް އެއްކޮށްލައިގެންނެވެ.
ރޭ ބޭއްވި މިހާރު އެވޯޑްސްގައި ހަފުލާގައި، ނަބާހާ އެ މަގާމް ދިފާއުކުރީ 429 ޕޮއިންޓް ހޯދައިގެންނެވެ. މި ކެޓަގަރީން ދެ ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭނާއާ އެއްމާބަނޑު އައިމިނަތު ނަބީހާ އަބްދުއްރައްޒާގެވެ. ލިބުނީ 357 ޕޮއިންޓެވެ. އަދި ތިން ވަނަ އަށް ދިޔަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ އަށް ލިބުނީ 329 ޕޮއިންޓެވެ. މި މަގާމަށް ދެން ވާދަކުރީ އެތުލެޓިކްސް އިން ހިމްނާ ހުސެއިން އާއި ފެތުންތެރިޔާ އައިޝަތު ސައުސަން އެވެ.
ނަބާހާ (ކ) އާއި ނަބީހާ (ވ) އިންޑިވިޖުއަލް ކެޓަގަރީން 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ ދީމާއާ އެކު. --މިހާރު ފޮޓޯ: އިމޭޖަސް އެމްވީ
އިންޑިވިޖުއަލް ކުޅިވަރުތަކުގެ ބައިން 21 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކީ އުމުރުން 11 އަހަރުގެ ދީމާ އެވެ. ޓޭބަލް ޓެނިސް ގައުމީ ޗެމްޕިއަން ދީމާ މި މަގާމް ހާސިލްކުރީ 500 ޕޮއިންޓް ހޯދައި، ހިމްނާ އާއި ފެތުންތެރިޔާ ހަމްނާ އަހުމަދު ފަހަތަށް ޖައްސާލައިގެންނެވެ.
އިންޑިވިޖުއަލް ބައިން އެއް ވަނަ ފިރިހެން ކުޅުންތެރިޔާގެ މަގާމް އަޖުފާން ހޯދީ 414 ޕޮއިންޓާ އެކު އެވެ. އެންމެ މޮޅު ދެ ވަނަ ކުޅުންތެރިޔާގެ މަގާމް 371 ޕޮއިންޓާ އެކު، އެތުލެޓިކްސްގެ ހުސެއިން ފަޒީލް ހާރޫން ހޯދިއިރު، ތިން ވަނަ އަކީ، 2017 ގެ އެއް ވަނަ މަގާމް ހޯދި އެތުލެޓިކްސްގެ ހަސަން ސާއިދެވެ. އޭނާ އަށް މި ފަހަރު ލިބުނީ 286 ޕޮއިންޓެވެ. މި މަގާމަށް ދެން ވާދަކުރީ ފެތުންތެރިޔާ އަލީ އިމްއާން އާއި ބެޑްމިންޓަން ކުޅުންތެރިޔާ އަހުމަދު ތޯއިފެވެ.
އިންޑިވިޖުއަލް ކެޓަގަރީން 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ނާއިލް (ވ) އަށް ފުޓްބޯޅަ ކޯޗު އަލީ ސުޒޭން އިނާމް ދެނީ. --މިހާރު ފޮޓޯ: އިމޭޖަސް އެމްވީ
މި ކެޓަގަރީގެ 21 އަހަރުން ދަށުގެ އެންމެ މޮޅު އިންޑިވިޖުއަލް ކުޅުންތެރިޔަކަށް ހޮވުނީ އެތުލެޓިކްސްގެ މުހައްމަދު ނާއިލެވެ. އޭނާ 457 ޕޮއިންޓް ހޯދިއިރު، ދެން ވާދަކުރީ ފެތުންތެރިޔާ އިމްއާން އާއި ބެޑްމިންޓަން ކުޅުންތެރިޔާ ނިބާލް އަހުމަދެވެ.
މިހާރު އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު، ތިންކް އެޑްވަޓައިޒިން އިންނެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ ރެއިންބޯ، ދަ ކިޗަން، ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، މެޓަލް ސައިންސް، ބީއެޗްއެމް އަދި ޕްރިންޓް ލެބް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ީ
07 August 2019
ދަގަނޑޭ އާއި އަޖުފާނަށް ހައްޤު
ޔާންޓޭ
06 August 2019
އަޖުފާނަށް ތިއެވޯޑް ހައްޤުކަމަށް ދެކެން. އެކަމަކު އަޖުފާނާއެކު ޤައުމީ މުބާރާތުގެ ފައިނަލުގައި ކުޅުނު ކުއްޖާއަށް ޒުވާން ކެޓަގަރީންވެސް އެއްވަނަ ނުލިބުމަކީ ދެން ވަރަށް ޖޯކުކަމެއްދޯ؟
ޔޮނެކްސް މާސްޓަރސް
06 August 2019
މިފަހުން ރާއްޖެއަށް ރީތިނަމާއި މެޑަލްތައް ގިނައިން ގެނެސްފައިވަނީ އިންޑިވިޖުއަލް ކުޅިވަރުތަކުން. އެކަމަކު ހުރިހާ އިންޑިވިޖުއަލް ކުޅިވަރުތައް މިއޮންނަނީ މަސްހުނިކޮށްލާފަ. މިއީ ވަރަށް ނާއިންސާފުގޮތެއް. ބެޑްމިންޓަން، ޓީ،ޓީ، އެތުލެޓިކްސް މުޅިން ވަކިކުރަންޖެހޭ.
ތުއްތީދިބެ
06 August 2019
ބައެއް ކުޅިވަރު އެސޯސިއޭޝަން ތަކުގެ އިހުމާލުން ވަރަށް މޮޅުކުޅުންތެރިންނަށް އެވޯޑް ގެއްލިގެންދިޔަކަން ފާހަގަކުރަން. މިސާލަކަށް 21 އަހަރުން ދަށުގެ ކެޓަގަރީން ނިބާލް އަށް އެވޯޑް ގެއްލިގެން އެދިޔައީ ވާދަކުރަންޖެހޭ މުބާރާތް މަދުވީމަ. ހަމައެކަނި ޤައުމީ މުބާރާތް ބޭއްވުމަކުން ނުފުދޭނެކަން މިހާރު އެނގެންވެއްޖެދޯ. އެތުލެޓިކްސް ފަދަ ކުޅިވަރުތަކަށް ފުރުޞަތު ބޮޑުވަނީ އެއް މުބާރާތެއްގައިވެސް ތިންހަތަރު ކެޓަގަރީން ވާދަކުރުމުގެ ފުރުޞަތު ލިބޭތީ. ވަރަށް ހިތާމަދޯ.
އަލޫބެއްޔާ
06 August 2019
މަރުޙަބާ ހުރިހާ ކުދިން. ޝުކުރިއްޔާ މިހާރު އެވޯރޑްސްގެ މެނޭޖްމަންޓް