ރިޕޯޓް / އޭޑީކޭ ހޮސްޕިޓަލް

ހިތުގެ ފުރަތަމަ އޮޕަރޭޝަނަށް އަހަރެއް: އޭޑީކޭ އިން ބުނަނީ އިތުބާރު ހޯދިއްޖެ ކަމަށް!

އޭޑީކޭން އެންމެ ފުރަތަމަ ހިތުގެ އޮޕަރޭޝަން ކުރި ތަހުމީނާގެ ހާލު ބެލުމަށް ސަރުކާރާއި ހޮސްޕިޓަލުގެ ބައެއް އިސްވެރިންނާއި ޑޮކްޓަރުން ޒިޔާރަތް ކުރައްވަނީ

މީގެ އެއް އަހަރު ކުރިން، ތަހުމީނާ ހަސަން ހިތުގެ އެންމެ ބޮޑު އޮޕަރޭޝަން އޭޑީކޭ ހޮސްޕިޓަލުގައި ކުރީ ފުރާނަ ސަލާމަތް ކުރުމަށް އެ ނޫން ގޮތެއް ނެތިގެންނެވެ. ހިތް ފަޅާލައިގެން ރާއްޖޭގައި ކުރި ފުރަތަމަ އޮޕަރޭޝަނަށް ވުމުން އޭނާ ޖެހިލުން ވެސް ވި އެވެ. ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ޑޮކްޓަރުން އެ ދުވަހު ދިނީ 50 ޕަސެންޓް ޔަގީންކަމެވެ. އެކަމަކު ޑޮކްޓަރުންނަށް އިތުބާރުކޮށް، ފުރާނަ އެ މީހުންގެ އަތް މައްޗަށް ދޫކޮށްލެވުމުން މިއަދު އޭނާ އާއި ފިރިމީހާ މޫސާ އާދަމް އުފާކުރެ އެވެ.

އޮޕަރޭޝަނަށް އެއް އަހަރު ވީ އިރު، ތަހުމީނާގެ ހާލު ރަނގަޅެވެ. ދަރިންނާ އެކު އޭނާ ރަށުގައި އާދައިގެ ދިރިއުޅުމެއް ވޭތުކުރަމުން އެބަ ގެންދެ އެވެ.

"ދާއިމީކޮށް ބޭސް ކާން ޖެހުން ފިޔަވައި، އޮޕަރޭޝަނާ ގުޅޭ އިތުރު ކަމެއް ދިމައެއް ނުވޭ. ހާލު ހަމަ ވަރަށް ރަނގަޅު،" ތަހުމީނާގެ ފިރިމީހާ މޫސަ ބުންޏެވެ.

އުމުރުން 25 އަހަރުގެ ތަހުމީނާގެ ބައްޔަކީ "ރުމެޓިކް ވެލްވް ޑިޒީޒް" އެވެ. ހިތުގެ އެންމެ މުހިއްމު އެއް ވޭލްވް މައްސަލަ ޖެހި، ލޭ ޕަމްޕް ނުކުރެވި ހިތް ދުޅަވީ އެވެ. ފުރާނަ ސަލާމަތް ކުރުމަށް އިމަޖެންސީކޮށް، އޮޕަރޭޝަން ކުރަން ޖެހުނު ނަމަވެސް، ރާއްޖެ އިން ބޭރަށް ދާކަށް ތަހުމީނާގެ ދެމަފިރިން ހިތެއް ހަމައެއް ނުޖެހުނެވެ. އޭޑީކޭ އާއި ރާއްޖޭގައި ވެސް މުޅިން އަލަށް ފަށާ ހިދުމަތަކަށް ވާތީ އެކަމުގައި ބޮޑު ރިސްކެއް ނަގަން ޖެހުނު ނަމަވެސް އެ މީހުން ޑޮކްޓަރަށް އިތުބާރު ކުރި އެވެ.

ތަހުމީނާ އާއި ފިރިމީހާ މޫސައާ އެކު އޭޑީކޭ ހޮސްޕިޓަލްގައި: އޮޕަރޭޝަނަށް ފަހު އޭނާގެ ހާލު މިހާރު ރަނގަޅު -- މިހާރު ފޮޓޯ: ނިޝާން އަލީ

ހިތުގެ އޮޕަރޭޝަންތައް ކުރަން މީގެ އެއް އަހަރު ކުރިން އޭޑީކޭ އިން ފެށީ، ކުޅަދާނަ ހިތުގެ ޑޮކްޓަރު މުހައްމަދު ޝާފިއު އިސްކޮށް ހުންނަވައިގެންނެވެ. މިވީ އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބު ގިނަ އޮޕަރޭޝަންތަކެއްކޮށް، އެކަމުގައި އޭޑީކޭ އިން ވަނީ އާއްމުންގެ އިތުބާރު ހޯދައިފަ އެވެ.

ބައިޕާސްގެ އިތުރުން، ހިތުގައި ލޯވަޅު ހެދިގެންނާއި ވިހާއިރު ހިތުގައި އައިބު ހުރެގެން ކުރާ އޯޕަން ހާޓް ސާޖަރީތައް ވެސް މިހާރު އެތަނުން ކުރެވެ އެވެ.

ހިތުގެ 21 އޮޕަރޭޝަން

ޑރ. ޝާފިއުގެ ބަހުން ނަމަ ބައިޕާސް ހެދުން އަދި ހިތް ފަޅާލައިގެން ކުރާ އެފަދަ އޮޕަރޭޝަންތައް "ގުޅިފައިވަނީ ސީދާ މަރާ" އެވެ. އޮޕަރޭޝަން ކާމިޔާބު ވާނެ ކަމުގެ ޔަގީންކަމެއް އޭނާ ނުދެއްވަ އެވެ. ޑރ. ޝާފިއު ވިދާޅުވަނީ މިހެންނެވެ: އޮޕަރޭޝަނަށް ފަހު، އަލުން ހިތް "ރީސްޓާޓް" ކުރުމަކީ ޑޮކްޓަރުންގެ އަތްމަތީގައި އޮންނަ ކަމެއް ނޫނެވެ. އޮޕަރޭޝަނަށް ފަހު ހިތުގެ ހިނގުން އަލުން ހިނގައިގަންނަންދެން ޑޮކްޓަރުން ވެސް ޖެހޭނީ، ﷲއަށް ވަކީލުކޮށްލައިގެން، ތިބެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި އޭޑީކޭން ހިތުގެ 21 އޮޕަރޭޝަނެއް ކުރި އިރު، ހުރިހާ އޮޕަރޭޝަންތަކެއްހެން ކާމިޔާބެވެ. އެއީ 16 ބައިޕާސް އޮޕަރޭޝަނާއި ވޭލްވު ބަދަލު ކުރުމަށް ކުރި ފަސް އޮޕަރޭޝަނެވެ.

ބައިޕާސް އާއި ހިތުގެ އެތެރޭގައި ލޭ ފޮނުވަން އިންނަ ހަތަރު ވޭލްވްގެ ތެރެއިން ވޭލްވެއް ނަގައި މަސްނޫއީ ވޭލްވް ލެއްވުމުގެ އޮޕަރޭޝަންތައް ހުރިހާ ގޮތަކުން ވެސް ނާޒުކެވެ.

ހިތުގެ އެންމެ ބޮޑު އޮޕަރޭޝަނާ ގުޅޭ ގޮތުން، ޑރ. ޝާފިއު "މިހާރު"އާ ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: އަހުމަދު ނިޝާތު

ޑރ. ޝާފިއު ވިދާޅުވީ އޮޕަރޭޝަން ކުރި ދެ މީހަކު މަރުވި ކަމަށާއި އެކަމަކު އެ މީހުން މަރުވީ ސްޓޭބަލްވެ، ހޮސްޕިޓަލުން ގެއަށް ދޫކޮށްލި ފަހުން ކަމަށެވެ. އެކަކަކީ އުމުރުން ދުވަސް ވީ މީހެކެވެ. އަނެއް މީހާ އަކީ ސިއްހީ އެހެން ގިނަ މައްސަލަތައް ވެސް ހުރުމުގެ ސަބަބުން ހާލު ދެރަ މީހެކެވެ. އެހެންވެ، އެ މީހުން މަރުވީ ސީދާ އޮޕަރޭޝަނާ ގުޅިގެން ކަމަށް ބުނަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"ކޮންމެ އޮޕަރޭޝަނެއް ކުރުމަށް ފަހު ވެސް ތިން މަސް ފަހުން ފޮލޯއަޕް އިންނާނެ. އެކަމަކު އޮޕަރޭޝަން ކުރި އުމުރުން ދުވަސްވީ މީހާ ފޮލޯއަޕް ހަދާކަށް ނާދޭ. އެހެންވެ އޭނާ މަރުވީ ހިތުގެ ކަމަކާ ގުޅިގެންތޯ ނޫނީ އެހެން ކަމަކާ ގުޅިގެންތޯ އެ ސަބަބު ބުނާކަށް ނޭނގޭ،" ރާއްޖޭގެ އެންމެ ފުރަތަމަ ހިތުގެ އޮޕަރޭޝަނަށް ޚާއްސަ ޑޮކްޓަރު ވިދާޅުވި އެވެ.

"ދެވަނަ މީހާ ވެސް މަރުވީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ދެ މަސް ވާންދެން އޮވެފައި ދޫކޮށްލި ފަހުން."

ޑރ. ޝާފިއު ވިދާޅުވި ގޮތުގައި އަހަރު ދުވަހުގެ ތެރޭގައި 21 އޮޕަރޭޝަން ކުރުމަކީ ގިނަ އަދަދެކެވެ. އެކަމަކު އޭނާ އިސްކަން ދެއްވަނީ ގިނަ އޮޕަރޭޝަންތައް ކުރުމުގެ ބަދަލުގައި އޭގެ ނަތީޖާ ރަނގަޅުކުރުމަށް ކަމަށް ވިދާޅުވި އެވެ. އިމަޖެންސީކޮށް ނޫން ނަމަ، އޮޕަރޭޝަން ކުރާ މީހާގެ ހާލު ރަނގަޅު ނުވަނީސް ދެ ވަނަ އޮޕަރޭޝަނެއް އޭނާ ނުކުރައްވަ އެވެ. ހުރިހާ ޕޭޝަންޓުންނަށް އޭނާގެ ފޯނު ނަމްބަރު ދެއްވާފައި އޮންނައިރު އޮޕަރޭޝަން ކުރި މީހުންގެ ހާލު ބެލުމަށް އޭޑީކޭގެ ނަރުހުން ގުޅަ އެވެ.

"ކިރިޔާ ކަމެއް ވިޔަސް ގުޅުމަށް ބުނެފައި އޮންނާނީ. ބޭސް ބަދަލު ކުރަންވީތޯ ނޫނީ މާލެ އަންނަން ވީތޯ ބަލައި ސާފު ކުރަން،" ޑރ. ޝާފިއު ވިދާޅުވި އެވެ.

އިތުބާރު ހޯދިއްޖެ! އޭޑީކޭ ހިތްހަމަ ޖެހިފައި

އޭޑީކޭއިން އޮޕަރޭޝަން ކުރި މީހުންގެ ތެރޭގައި 82 އަހަރުގެ އުމުރުން ދުވަސްވީ މީހަކު ވެސް ހިމެނެ އެވެ. ހިތުގެ ތިން ލޭ ހޮޅި ބައިޕާސް ކުރުމުގެ މި އޮޕަރޭޝަނުގެ ހުރި ރިސްކު، އާއިލާގެ މީހުންނަށް ހޮސްޕިޓަލުން ވަރަށް ރަނގަޅަށް ބުނެދިނެވެ. އެކަމަކު އޭޑީކޭގެ ޑޮކްޓަރުންނަށް އިތުބާރުކޮށް، އާއިލާއިން ބޭނުންވީ އޮޕަރޭޝަން ކުރާށެވެ.

ކާމިޔާބު އޮޕަރޭޝަނަކަށް ފަހު، އެ މީހާ ވެސް އަންނަނީީ އޭނާގެ ރަށުގައި ހަމަ އާދައިގެ ދިރިއުޅުމެއް އުޅެމުންނެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި ގޮތުގައި ރާއްޖޭގެ ޑޮކްޓަރުންނަށް ކުރި އިތުބާރު ހަމައެކަނި އެ ކޭހުން ވެސް އެނގެ އެވެ. އޭނާ ވިދާޅުވީ ހިތުގެ އޮޕަރޭޝަންތައް ކުރުމަށް އެހެން ހޮސްޕިޓަލްތަކުން ވެސް އެތަނަށް ފޮނުވާ ކަމަށާއި އެހެންވެ، މިވީ އަހަރު ދުވަހުގެ ތެރޭގައި އާއްމުންގެ އިތުބާރު ލިބިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޭޑީކޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ތަނުގެ ކާޑިއޮލޮޖީ ޑިޕާޓްމެންޓްގެ ބައެއް ޑޮކްޓަރުންނާއި ހޮސްޕިޓަލުގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގަންނަވަނީ-- މިހާރު ފޮޓޯ: އަހުމަދު ނިޝާތު

"މިފަދަ ބޮޑެތި އޮޕަރޭޝަންތައް ރާއްޖޭގައި ކުރުމަށް އޮންނަ އެންމެ ބޮޑު އެއް ހުރަހަކީ މީހުންގެ އިތުބާރު އެކަމަށް ނުލިބުން. އެކަމަކު މި ތަނަށް އޮޕަރޭޝަން ކުރަން އައި މީހުންގެ އަދަދާއި އެ މީހުން ދެއްކި ވާހަކަތަކަށް ބަލާއިރު އެ އިތުބާރު ހޯދިއްޖެ ކަމަށް ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވީ އޮޕަރޭޝަން ކުރަން ދާ މީހުންނާއި އެ މީހުންގެ އާއިލާތަކާ މުއާމަލާތު ކުރުމުން، އެނގެނީ ރާއްޖޭން ބޭރުން އެކަން ކުރަން އެ މީހުން ބޭނުން ނުވާ ކަމަށެވެ. އަދި މިހާރު ވެސް ދެ މީހަކު އޮޕަރޭޝަން ކުރުމަށް ކިޔޫގައި ތިބި އިރު، މިއީ މަސައްކަތުގެ ފެންވަރާއި ހިދުމަތް ބަލައިގަންނަކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފަދަ ނާޒުކު އޮޕަރޭޝަންތައް ރާއްޖޭގައި ކުރުމުގެ ފައިދާ ބޮޑެވެ. ބަލި މީހާ ގާތުގައި މުޅި އާއިލާއަށް ހުރެވުމާއި ފަސޭހައިން ބަލިމީހާއާ ބައްދަލު ކުރެވެ އެވެ. ރާއްޖޭން ބޭރުގައި ކުރާ އޮޕަރޭޝަނަށް އާސަންދައިން ހޭދަކުރިޔަސް ބަލިމީހާ އާއި އޭނާގެ އާއިލާގެ ހުރުމާއި ކެއުން ފަދަ ކަންކަމަށް އިތުރު ހަރަދުތަކެއް އަރާނެ އެވެ.

އޭޑީކޭއިން ހިތުގެ މި އޮޕަރޭޝަންތައް ކުރަނީ ޕެކޭޖްތަކަށް ބަހާލައިގެން ހަރަދު ކުރާ ގޮތަށެވެ. އޯޕަން ހާޓް ސާޖަރީއެއް ކުރަނީ 77،550 ރުފިޔާ އަށެވެ. އެއީ ހޮސްޕިޓަލުގައި އެޑްމިޓް ކުރާ ހިސާބުން ފެށިގެން، އޮޕަރޭޝަނަށް ފަހު ބާއްވާ ކޮޓަރީގެ ކުލި ވެސް ހިމަނައިގެންނެވެ. މި އޮޕަރޭޝަނުގެ 75 ޕަސެންޓް އާސަންދައިން ކަވަރު ކުރާއިރު އެހެން ބައެއް ހިދުމަތްތައް އެންސްޕާއިން ވެސް ހަމަޖައްސައިދެ އެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ހިތުގެ ބައިޕާސް އޮޕަރޭޝަން ކުރެވޭ ގޮތަށް ހެދި ތިއޭޓަރު ނޫސްވެރިންނަށް އަފްއާލް ދައްކާލައްވަނީ: މިއީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ތިއޭޓަރެއް -ފޮޓޯ: ނިޝާން އަލީ /މިހާރު

އަފްއާލް ވިދާޅުވީ އޮޕަރޭޝަނުގެ އަގުބޮޑުގެން މާ ބޮޑު މައްސަލައެއް ނުޖެހޭ ކަމަށެވެ. އެކަމަކު މި ފަދަ އޮޕަރޭޝަންތައް ރާއްޖެ އިން ބޭރުން ކުރާއިރު ހުރިހާ ހަރަދެއް އާސަންދައިން ކަވަރު ކުރާ ގޮތަށް ރާއްޖޭގައި ވެސް ކަވަރު ކުރުމަކީ ގިނަ ބަޔަކަށް ލިބޭނެ ފަސޭހައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސަރަހައްދުގެ އެހެން ގައުމުތަކާ ބަލާއިރު މި ހޮސްޕިޓަލުގައި ވެސް ހުންނާނީ ވަރަށް ކޮމްޕެޓިޓިވް އަގުތަކެއް. އެހެންވެ، އެހެން ގައުމުތަކުގައި އާސަންދަ ކަވަރު ކުރާ ގޮތަށް ރާއްޖޭގައި ކުރާ އޮޕަރޭޝަންތައް ކަވަރު ކުރާ ނަމަ ހިދުމަތް ހޯދާ މީހުންނަށް ފަސޭހަ ވާނެ. އަދި އެއީ ވަރަށް މުހިއްމު ކަމެއް ވެސް މެ،" އަފްއާލް ވިދާޅުވި އެވެ.

ހިތުގެ އޮޕަރޭޝަންތަކާ އެކު އޭޑީކޭއިން ވަނީ ތާރީހުގެ ތެރެއަށް ވަދެފަ އެވެ. އަމިއްލަ ގައުމުގައި ތިބެ ހިތުގެ އޮޕަރޭޝަން ކުރުމުގެ ގާބިލްކަން ހޯދައިދީފަ އެވެ. އެކަމަކު ހުނަރުވެރި މޮޅު ދިވެހިން ގިނަ ޓީމަކާ އެކު އެ ހޮސްޕިޓަލުން ކުރާ ދަތުރު އަދިވެސް އޮތީ ކުރިއަށެވެ. އޭޑީކޭގެ މިސްރާބު ހުރީ އެންމެ ބޮޑު އޮޕަރޭޝަން، ހިތް ބަދަލު ކުރުމާ ދިމާއަށެވެ.

6 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 2%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝިޔާމް

08 August 2019

އާނ. އަހަރެމެން ބޭނުންވަނީ ރާއްޖޭގައި ތިބެގެން ސިއްހީ ހިދުމަތް ހޯދަން. އަދި އެފަދަ ދުވަސްތަކެއް ދެކެން. ބޭރު ޤައުމުތަކަށްގޮސް އެކަން ކުރުމަކީ ބޮޑު ތަކުލީފެއް. އޭޑީކޭ ތިހޯދަމުންދާ ކުރިއެރުންތަކަށް މަރުހަބާ ދަންނަވަން. އަދި އެހެން ހޮސްޕިޓަލްތަކުންވެސް އޭޑީކޭއިން މިސާލު ނަގައި އެކަން ކުރުމަށް ގޮވާލަން. ވާދަވެރި މާހައުލެއްގައި ކުރާ ކަންތަކުން ނަތީޖާ ނެރެވޭނެ.

The name is already taken The name is available. Register?

އާދަނު ޑޮކްޓަރު

08 August 2019

އޭޑީކޭއިން ހިތުގެ ވޭލެއްގެ ( ހުޅެއްގެ) އޮޕަރޭޝަންކުރި މީހަކު ބޭރަށް ދާންވެގެން ފޭސްބުކްގައި އެހީއަށް އެދި ލިޔެފައިވާ ޕޯސްޓެއް ފެނިފައިވޭ، އަދި އެޕޯސްޓުގައި އޭޑީކޭގެ ކޮންޑިޝަން އެކްސްޕްލެއިނިންގް ލެޓާވެސް ލާފައިވޭ. ފުރަތަމަ އޭޑީކޭގައި ކުރި ހިތުގެ ބޮޑު ސާޖަރީގެ ބޮޑުބައި ހެދީ ނޭޕާލް ޑޮކްޓަރެއްކަން ފާހަނގަކުރަން. މިކޮމެންޓްޖަހާނެބާ

The name is already taken The name is available. Register?

އަސްލު ޖޯސެޕް

08 August 2019

އޭޑީކޭ ހޮސްޕިޓަލް އަށް މަރުޙަބާ! ހޮސްޕިޓަލްގެފަރުވާތަކާމެދުގައި ވަރަށް ހިތްހަމަޖެހެ. އޭޑީކޭ ހޮސްޕިޓަލްގެ އެމްމެ ރަނގަޅު އެއްކަމަކީ ޑޮކްޓާރ ނަމްބަރު ދެއްވާފަ، ޕޭޝަންޓު ރަށުގައި ހުރެގެން ގުޅީމަ ފޯނުންވެސް ވަރަށްބައިވަރު ކަންކަން ކިޔާދެ. އަނެއްކާ ރެގިއުލާ ޕޭޝަންޓުންނަށް އެ ޑަކްޓަރަކު ވަރަށް ބޮޑަށް އަޅާލަ. ޑޮކްޓާރ އަމިއްލައަށްފެނިގެން ނޭންގޭ އެތައް ޓެސްޓުތަކެއް ހެދީމަ ވާނެގޮތާ ކުރަނެ ފައިދާ ބުނެދެ. ޝުކުރިއްޔާ އޭޑީކޭ ހޮސްޕިޓަލް އޭޑީކޭ ހޮސްޕިޓަލް

The name is already taken The name is available. Register?

އިހޫ

08 August 2019

ހިތުގެ އޮޕަރޭޝަން ކުރާ ބަލިމީހާއަށް ޑޮކްޓަރގެ ނަންބަރު ދެއްވާކަމީ ލައްކަ ބޮޑު ވަރު. ހަގީގަތުގަވެސް އިތުބާރުކުރެވޭނެ ކަން އެނގޭ

The name is already taken The name is available. Register?

މިވެސް

08 August 2019

މިވެސް 100 ދުވަހުގެ ވައުދެއްބާ؟ ޖަޒީރާ ރާއްޖެ ގަދަ. އަމީނު ވިދާޅުވި ސިއްޙީ ދާއިރާ ވޭތުވެ ދިޔަ 5 އަހަރު ދިޔައީ ދަށަށް ކަމަށް

The name is already taken The name is available. Register?

ރަދީފް

08 August 2019

މަރުހަބާ އޭޑީކޭ.ސާބަހޭ އޭޑީކޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454