11 އޯގަސްޓް 2019 - 08:59
"މި އެވޯޑަށް މަސައްކަތްކުރާތާ މިވީ ތިން ވަނަ އަހަރު. ވަރަށް ބުރަ މަސައްކަތްތަކެއް. ވަރަށް ބައިވަރު ކަންތައްތަކެއް ސެކްރިފައިސްކޮށްގެން މި އެވޯޑް ލިބުނީ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެވޯޑް ލިބުނީމަ ވަރަށް ބޮޑަށް އުފާވެއްޖެ،"
މިއީ މިހާރު އެވޯޑްސް އިން ރާއްޖޭގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ލިބުމުން ވ. ފެލިދު އަށް އުފަން އަލީ ހުޒާމް (ހުޒަންޓެ)ގެ އިހުސާސްތަކެވެ. ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާގެ އެވޯޑް، އޭނާ އަށް އެހާ ހާއްސަވާ ސަބަބުތައް ބައިވަރެވެ. ހުސް ވަގުތުގައި ހިތްހަމަ ޖައްސާލަން ކުޅެން ފެށި ކުޅިވަރުން ދިރިއުޅުމެއް ހޯދައި، ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަންގެ މަގާމަަށް އައިސް އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުމަކީ ހުޒަންޓެ ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ އެވެ.
ވ. އަތޮޅު އެހެން ރަށް ތަކެކޭ އެއް ގޮތަށް ފެލިދޫގެ ގިނަ ޒުވާނުންނަކީ ވޮލީ އަށް ލޯބި ޖެހިފައިވާ ބައެކެވެ. ރައްޓެހިންގެ މެދުގައި މަޖަލަށް ވޮލީކުޅޭ މީހުންނާއި ވޮލީން ގައުމީ ފެންވަރަށް ދާން މަސައްކަތް ކުރާ ޒުވާނުން އުޅެ އެވެ. ހުޒަންޓެ، 25، އާއި އޭނާގެ އެއް ބަޑު އެއްބަފާ ދެ ކޮއްކޮ ހުސެއިން ވިޝާމް (ބުޅިކެ) އާއި ހަސަން ނިލާމް (ޕާޓޭ) އަކީ ވެސް އެކުގައި ކުޅެ، މިހާރު ގައުމު ތަމްސީލުކުރަމުން އަންނަ ގައުމީ ޓީމުގެ މުހިއްމު ދެ ކުޅުންތެރިންނެވެ.
ހުޒަންޓެ، މިހާރު އެވޯޑްސް ހަފްލާގެ ތެރެއިން.-- މިހާރު ފޮޓޯ: އިމޭޖަސް.އެމްވީ
"މީގެ ކުރިން އިންޓަ ސްކޫލަށް ވ އަތޮޅުން ޓީމެއް (މާލެ) އައިސްގެން ކުޅުނީ. އެ މީހުން ފަރާތުން ވޮލީ އަށް ކޮންމެވެސް ވަރެއްގެ ލޯތްބެއް ޖެހިފައި އިންނަނީ. އެމީހުންނާ އެކު ޓްރެއިނިން އަށް ގޮސް ކުޅެން. އަސްލު ފުރަތަމަ ފެށީ މަޖަަލަކަށް. ދުވަސްކޮޅަކުން ކުޅެމުން ގޮސް ގިނަ ބަޔެއްގެ ސަޕޯޓް ލިބި ކުރިއަށް ދެވޭނެ ކަމަށް ގިނަ ބަޔަކު ބުނީމާ އެ ހިސާބުން ހިތްވަރެއް ލިބުނީ ގައުމީ ލެވެލަށް ދާން،" ހުޒަންޓެ "މިހާރަ"ށް ބުންޏެވެ.
"އިންޓަ ސްކޫލް ދެ އަހަރަށް ފަހު މާލެ އައި އަހަރު އަސްރާ ކޯޗަކަށް ހުރެ ގިނަ ކުޅުންތެރިން ގެނައީ. އޭނަ ގެ ފަރާތުން ލިބުނު އެއްބާރުލުމަކާ އެކު ގައުމީ ޓީމަށް ފުރަތަމަ ޖޮއިން ކުރީ،"
އަބާދީގެ ގޮތުން ކިތަންމެ މީހުން މަދު ވިޔަސް ވ. އަތޮޅުން ވޮލީގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން އައުމުގެ ފަހަތުގައި ގިނަ ކަންތައްތަކެއް އޮންނާނެކަން ޔަގީނެވެ. ވޮލީ އަށް ފެންވަރު ރަނގަޅު ވަސީލަތްތަކެއް ނެތެވެ. ހުންނަ ލޯތްބެއްގެ ސަބަބުން އެންމެން ވެސް ކުޅެން ދަނީ އެވެ. އެ ވަރަށް ސަޕޯޓް ވެސް އެ ކުޅިވަރަށް އޮންނަނީ އެވެ.
ހުޒަންޓެގެ ނަޒަރުގައި މީގެ ކުރިން ގައުމީ ލެވެލްގައި ކުޅުނު ކުޅުންތެރިން ދެއްކި ނަމޫނާ ވަރަށް މުހިއްމު ދައުރެއް އަދާކުރި އެވެ.
މިދިޔަ އަހަރުގެ ގައުމީ ފައިނަލަށް ފަހު ހުޒާމް (ކ) އާއި ވިޝާމް (މ) އަދި ނިލާމް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މީގެ ކުރިން ގައުމީ ޓީމުގައި ވ. އަތޮޅުން ނުވަ ކުޅުންތެރިން ކުޅެފައި ވެސް އެބަތިބި. ހަގީގަތުގައި ވ. އަތޮޅުން ކުޅުންތެރިން މި އުފެދެނީ ނިޒާރު (ކުރީގެ ކުޅުންތެރިޔާ) މެންގެ ދުވަސްވަރުގައި މޮޅެތި މީހުންނަށް ވެފައި. އަބަދުވެސް ވ. އަތޮޅަކީ މުބާރާތްތަކެއް ބާއްވައިގެން ކުޅެގެން އެ ފުރުސަތު ލިބިގެން ކުރިއަރާ އަތޮޅެއް ނޫން،" ހުޒަންޓެ ބުންޏެވެ.
މަތީ ފެންވަރުގައި ވ. އަތޮޅު ގިނަ ކުޅުންތެރިން އައިސް ކުޅުމުގައި ފަހަތުގައ އޮތީ އެ ކުޅުންތެރިން އެންމެ އުނދަގޫ ހާލަތުގައި ވެސް އެކަމަށް ކުރި މަސައްކަތް ކަމަށް ހުޒާންޓެ ގަބޫލުކުރެ އެވެ. އެއީ އޭނާ ވެސް އެ ތަޖުރިބާ ކޮށްފައި ހުރުމުންނެވެ.
"ހަމަ ދެ ރުށް ދޭތެރޭ ކަހަލަ ގޮތަކަށް އާދައިގެ ނެޓެއް ދަމައިގެން، ދެ ރުށް ދޭތެރޭ ރޯނު ދަމައިގެން. އަހަރެމެން ވެސް ކުޅެފައިހުރި ގޮތް އެއީ. ވަރަށް ފަހުން ރަސްމީ ކޯޓެއް އެޅީ،" ހުޒަންޓެ ބުންޏެވެ.
ކޯޗު އަލީ އަޝްރަފް (އަސްރާ) ހޯދައިދިން ފުރުސަތެއްގައި ކުޅެން ފެށި ހުޒާންޓެ ފުރަތަމަ ވެސް ކުރި މަސައްކަތުން ގައުމީ ޓީމުގެ ސިލެކްޝަން ތެރެއިން ގައުމީ ޓީމުން ފުރުސަތު ހޯދި އެވެ. އެކަމަކު އޭނާގެ ވޮލީ ކެރިއަރުގައި އާ ކަންތައްތަކެއް ތަޖުރިބާކޮށް މިހާރު ހުރި ލެވެލަށް ދިއުމުގައި ކުރީގެ އެއް ވަނަ ކުޅުންތެރިޔާ އިބްރާހިމް ނިޒާރު (ބޮޑޭ)ގެ ދައުރު ބޮޑެވެ.
"ވޮލީން އަސްލު މީހަކަށްވާން މަސައްކަތް ކޮށްދިން ނިޒާރު. ނިޒާރަކީ ރާއްޖޭގައި އެންމެ ކުރިން ވެސް ޓޮޕް ލެވެލް ޕްލޭޔަރެކޭ ބުންޏަސް ދޮގަކަށް ނުވާނެ. އޭނާގެ ފަރާތުން ދަސްވި ވަރަކަށް އެންމެ ފުރަތަމަ ގައުމީ ޓީމަށް އައިސް ކުޅުނީ އެންމެ މަގާމަކަށް. ޔުނިވާސަލް އެޓޭކަރެއްގެ ގޮތުގައި. ނިޒާރުގެ އެހީގައި ފަހުން އެޓޭކަރަކަށް ހުރިހާ ކަމެއް ކޮށްގެން ކުޅެން އެނގުނީ،" ހުޒަންޓެެ ބުންޏެވެ.
ރާއްޖޭގެ ފެންވަރުގައި ވޮލީން ހުޒަންޓެ އަށް ހާސިލްކުރެވޭނެ ހުރިހާ ކާމިޔާބެއް ހުރީ ލިބިފަ އެވެ. މިހާރު އޭނާ އަމާޒުހިފާފައިހުރީ ރާއްޖެ އަށް ވޮލީން ބޮޑު ކާމިޔާބެއް ހޯދައިދިނުމަށެވެ. އޭނާ އަކީ ވޮލީން ރާއްޖެ އަަށް ރިހި މެޑަލް ހޯދި ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ.
ކުޅިވަރު ކުރިއެރުވުމުގައި ރާއްޖެ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވަސީލަތްތައް މަދުވުމެވެ. އެ ގޮތުގެ މަތިން ބަލާއިރު ގައުމީ ވޮލީ ޓީމުތަކަށް ވެސް ވަކިން ޕްރޮގްރާމްތަކެއް ހިނގޭނެ އަމިއްލަ ކޯޓެއް ނެތެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމުގެ މަސައްކަތުގެ ތެރެއިން ވަސީލަތްތަކުގެ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވެ އެވެ.
ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ކާއްޓޭ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހުޒަންޓެ ބުނީ ބޮޑު ކާމިޔާބީ އަކަށް އުއްމީދުކުރާނަމަ ކުރަންޖެހޭ މަސައްކަތް އިތުރުކުރަން ޖެހޭ ކަމަށެވެ.
"ރާއްޖޭގެ ވޮލީ ޕްރެކްޓިސް ކުރަން ވެސް މި އޮތީ ތިން ހަތަރު ކުޅިވަރު ކުޅޭތަނެއްގައި. ގައުމީ ޓީމެއް ކާމިޔާބެއް ހޯދާ ކަމަށްވަންޏާ ދުވާލަކު ދެ އިރު ތިން އިރު ޕްރެކްޓިސް ކުރަންޖެހޭނެ. ދެ ގަޑިއިރެއްގެ ތެރޭގައި ކުރާ ޕްރެކްޓިހެއްގެ ފައިދާ ހިއެއްނުވޭ ކުރާނެ ހެން،" ހުޒަންޓެ ބުންޏެވެ.
ގައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުޒަންޓެ ކުޅޭ ފުރަތަމަ މެޗަށް ވެގެންދާނީ މާލޭގައި ކުޅެން ރާވާފައި އޮތް ސްރީލަންކާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކެވެ. ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ ދައުވަތަކަށް ލަންކާ ޓީމު މާލޭގައި މެޗު ކުޅޭނީ އަންނަ ހަފްތާގައި ނޭޕާލުގައި ފަށާ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީ ބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނެވެ. ލަންކާއާ އެކު ތިން މެޗެއް ކުޅޭއިރު، އެންމެ ހާއްސަ މެޗަކީ އަންނަ އަންގާރަ ދުވަހު ކުޅޭ މެޗެވެ. އެ މެޗަށް ވ. އަތޮޅުން ސަޕޯޓަރުން ގެނެސްދިނުމުގެ އިންތިޒާމު ހަމަޖައްސައިދޭން ސްޕޯޓްސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
12 August 2019
ސަރުކާރުން ފުޓްބޯޅައަށް އަޅާނުލާ ދޫކޮށްލަނި ކީއްވެ. އެފްއޭއެމްގެ ތިބި ވެރިން ބަދަލު ކުރެވުނި ގޮތަކަށް ބަދަލުކޮށްގެން ވެސް ދިވެހި ފުޓްބޯޅަ ނަގާ ކޮޅަށް ޖެހޭތޯ މަސައްކަތް ކުރާކަށް ނުވޭތަ. ރައީސް ސޯލިހުގެ ފުޓްބޯޅަ ދަނޑްތައް ފުރާލާ ވައުދު ފުންދާކަށް ނުވޭތަ.
ސިޒްނާ
11 August 2019
މަރްހަބާ ހުޒާންޓެ...ކާމިޔާބު ލިބޭނީ ވާހަކަ މަދުކޮށްފަ ދޯ ޒަޔާން..
އަލީ ރާޖާ
11 August 2019
ހުނަރާ އަހްލާގަށް ބަލާއިރު އެއްމެ ބެސްޓް ޗޮއިސް. ގުޑްލަކް ބްރޯ
ްއަހުލާގޭ
11 August 2019
ލޮލް. އަހުލާގުގެ ގޮތުން ކިހާ ފެންވަރެއްކަން ފެނޭ ލަވަންޑާކެފޭ އިން.
ޒިޒޫ
11 August 2019
އަހްލާގް އެއީ ކެފޭ އިން ފެންން ކަމެއް ތަ ލޮލް
އޭނަ
11 August 2019
އަހަންނަކީ ވޮލީ ބޯޅައިގެ ފޭނެއްނޫން. އެކަމަކު ހުޒާމް ކުޑަ ކާއްޓޭޔަށްވުރެ މޮޅުތަ؟ އަހަންނަށް ކުޑަ ކާއްޓޭގެ ކުޅުން ލައިވްކޮށް ބަލާލަން ލިބުނު. އެކަމަކު ހުޒާމްގެ ފެންވަރެއް ނޭނގެ، ހުޒާމްގެ ސްޕައިކިންގް ކިހިނެއްތަ؟ ރާއްޖޭގައި މިވަގުތު އެންމެ މޮޅު ސްޕައިކަރަކީ ހުޒާމްތަ؟ އަދި އެންމެ ބާރަށް ޝޮޓް ޖަހަނީވެސް މީނަތަ؟ މީނަގެ ސާރވިސް އަދި ރިޒީވިންގް ކިހިނެއްތަ؟ ނޭނގޭތީ އަހާލީ.
ަޮސޮއްޓި
14 August 2019
ފުދިއްޖެ