މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ މީހުން ގެފުޅު ވަށާ ބުދަ ދުވަހު ތަވާފް ކުރަނީ. --ފޮޓޯ:އޭއެފްޕީ
09 އޯގަސްޓް 2019 - 11:45
މާދަމާއަކީ، ބަރަކާތްތެރި حجّ ދުވަހެވެ. އޭގެ ފަހުން އަންނަނީ، އުފާވެރި أضحى عيد ދުވަހެވެ. މި ބާއްޖަވެރި ދެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް إخلاص ތެރި ތަހުނިޔާ އާއި މުބާރަކުބާދީ ފޮނުވަމެވެ. أضحى عيد މިއަންނަނީ، حجّ ގެ މަތިވެރި އަޅުކަމާ ވިދިގެންނެވެ. حجّ އަކީ، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ވަރަށް خاصّ ރުކުނެކެވެ. حجّ ގެ އެންމެ މުހިންމު މައްސަރު ކަމުގައިވާ ذوالحجّة މަހުގެ ފުރަތަމަ ދިހަ ދުވަހަކީ، ވަރަށް މާތް ދިހަ ދުވަހެކެވެ. އޭގެތެރެއިން ވެސް އެންމެ މާތް ދުވަހަކީ، عرفات ދުވަހެވެ. ذوالحجّة މަހުގެ ނުވަ ވަނަ ދުވަހެވެ. އެދުވަހަކީ، حجّ ވެރިން حجّ ގެ ރުކުންތަކުގެ ތެރެއިން އެންމެ މުހިންމު ރުކުން حاصل ކުރުމުގެ ގޮތުން عرفات ބިމުގައި ތިބޭ ދުވަހެވެ.
މިފަދަ ބަރަކާތްތެރި ދުވަސްތަކެއް އަޅުގަނޑުމެން ވޭތުކުރަމުންދާއިރު، އަޅުގަނޑުމެންގެ ވާޖިބަކަށް ވާންވާނީ، މާތް اللّه ގެ ގިނަގުނަ نعمة ތަކަށް ޝުކުރު ދެންނެވުމެވެ. އަދި އެކަލާނގެ رحمة އާއި ސަވާބަށް އެދި دعاء ކުރުމެވެ. މާތް اللّه وحى ކުރެއްވިއެވެ. (وَءَاتَٰكُم مِّن كُلِّ مَا سَأَلْتُمُوهُ ؛ وَإِن تَعُدُّواْ نِعْمَتَ اللَّهِ لاَ تُحْصُوهَا ؛ إِنَّ اْلإِنسَٰنَ لَظَلُومٌ كَفَّارٌ .) (ابراهيم: 34) މާނައީ: (އަދި އެކަލާނގެ حضرة އަށް ތިޔަބައި މީހުން ދެންނެވި ކޮންމެ އެއްޗެއް އެކަލާނގެ ތިޔަބައި މީހުންނަށް ދެއްވި އެވެ. اللّه ގެ نعمة ތައް ތިޔަބައި މީހުން ގުނާނަމަ، ތިޔަބައި މީހުންނަކަށް އެ نعمة ތައް ގުނާ عدد ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއީ، އަނިޔާވެރިވުން ބޮޑު، شكرކުރުން ނެތް މީހެކެވެ.)
އެހެންކަމުން، މާތް اللّه އަންގަވާފައިވާ ގޮތުގެމަތިން، މިދުވަސްތަކުގައި ވެސް އަދި އެނޫން ދުވަސްތަކުގައި ވެސް، عمل ކުރެވޭތޯ ބެލުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ. މިގޮތުން، أضحى عيد އަކީ، ތިމާގެ مصلحة އަށްވުރެ އަނެކުންގެ مصلحة ކުރިއަށް ނެރުމުގެ إيثار ގެ މަތިވެރި އުސޫލުގެ މައްޗަށް ބިނާވެފައިވާ ދުވަހަކަށްވާތީ، أضحى عيد ގެ އުފާ ފާޅުކުރަމުންދާއިރު، އަޅުގަނޑުމެން އެންމެ އިސްކަންދޭންވީ ކަމަކީ، އަނެކުންގެ ހާލުބަލައި ހެދުމެވެ. އަދި ތިމާގެ ތަނަވަސްކަންހުރި މިންވަރަކުން އެބައި މީހުންނަށް إحسان ތެރިވެ އެހީތެރިވެދިނުމެވެ. عيد ގެ އުފަލުގައި އެފަދަ އެންމެންވެސް ބައިވެރިކުރުމެވެ.
މާތް اللّه މިފަދަ އުފާވެރި ބަރަކާތްތެރި ދުވަސްތައް ތަކުރާރު ކުރައްވާށި އެވެ! އަދި އަޅުގަނޑުމެންނަށް ފުރިހަމަ صحّة އާއި عافية ދެއްވައި، އެކަލާނގެ ދައްކަވާފައިވާ ތެދުމަގުގައި ސާބިތުވެ ތިބުމުގެ ހެޔޮ توفيق ދެއްވާށި އެވެ! އާމީން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޮޗްޑޯގް
09 August 2019
.ލިޔުންތެރިޔާ މައުމޫން ޢަބްދުލްޤައްޔޫމް