މިސްރުގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ހަސަން ބަހުގާތު: މިސްރުގެ ކޯޓުން މުދާ ހިފެހެއްޓި މީހުންގެ ތެރޭގައި އޭނާ ވެސް ހިމެނޭ. --ފޮޓޯ:އޭޕީ
18 ސެޕްޓެމްބަރ 2016 - 05:59
ގާހިރާ (ސެޕްޓެމްބަރު 18) - މިސްރުގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މަޝްހޫރު ފަސް މީހަކާއި އަމިއްލަ ތިން ޖަމާއަތެއްގެ އެކައުންޓްތަކާއި މުދާތައް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފި އެވެ.
މި ފަސް މީހުންނާއި ތިން ޖަމާއަތުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ބޭރުގެ އެކި ފަރާތްތަކުން ފައިސާ ހޯދުމެވެ. ކުށްވެރިވެއްޖެ ނަމަ މި ފަސް މީހުންނަށް މަދުވެގެން 25 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ. ފަސް މީހުންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ބޭރުން ފައިސާ ހޯދައިގެން އެ ފައިސާ ބޭނުންކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ކުރުމެވެ.
"ބިރުވެރިކަމުގެ ތެރޭގައި ވެސް ދިރިއުޅެވިދާނެ. އެކަމަކު އިންސާނީ ހައްގުތަކަށް އިހުތިރާމް ނުކުރާ ސަރުކާރަކާ އެއްބަސްވެގެން ނޫޅެވޭނެ،" މުދާތައް ހިފެހެއްޓި މިސްރުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މަޝްހޫރު އެކްޓިވިސްޓެއް ކަމަށްވާ ޖަމާލް އީދު ބުންޏެވެ.
އިނގިރޭސި ވިލާތުގައި ހިންގާ އެމްނެސްޓީ އިންޓަނޭޝަނަލުން ބުނީ މިސްރުގެ ކޯޓުގެ ނިންމާފައި ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުން ހުއްޓުވުމަށް "ވަރަށް ލަދުކުޑަ ހީލަތްތެރި" ނިންމުމެއް ކަމަށެވެ. މިސްރުގެ ކޯޓުގެ ނިންމުން ވަނީ ހިއުމަން ރައިޓްސް ވޮޗް އަދި ޔޫރަޕިއަން ޔޫނިއަން އިން ވެސް ކުށްވެރިކޮށްފަ އެވެ.
ބޭރުން މިސްރުގެ އެކި ޖަމާއަތްތަކަށް ލިބޭ އެހީތައް ހުއްޓުވާން ފެށީ 2011 ވަނަ އަހަރު މިސްރު ސަރުކާރާ ދެކޮޅަށް ރައްޔިތުން ނުކުމެ ކުރަން ފެށި އިހުތިޖާޖްތަކާ ގުޅިގެންނެވެ. އޭގެ ފަހުން މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ސަރުކާރު ސިފައިން ނުކުމެ 2013 ވަނަ އަހަރު ވައްޓާލި ފަހުން މިސްރުގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުންގެ މަސައްކަތަށް ވަނީ ގިނަ ހުރަސްތައް ކުރިމަތިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy