ބަންޑުން ޖަހާލި "ސްޕީޑް" ލޯންޗު--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
02 ސެޕްޓެމްބަރ 2019 - 14:50
މިދިއަ ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދު އަށް 10 މީހުންނާ އެކު ދަތުރު ކުރި "ސްޕީޑް" ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް އެންމެ ފުރަތަމަ ނުކުތް ޑިންގީއަށް އަސްލު ވީ ގޮތް އަދިވެސް އެމްއެންޑީއެފުން ކިޔަައެއް ނުދެ އެވެ.
ހަނިމާދޫގައި ހުންނަ ސިފައިންގެ ޕޯސްޓަށް، ލޯންޗު ފެތިގެން އުޅޭކަން އެންގީ، "ސްޕީޑް"ގެ ކެޕްޓަން ސިރާޖު އަދުނާން ،36، އެ ގަދާގައި ފަތާފައި ރަށަށް އަރައި، އެ ޚަބަރު ދިނުމުންނެވެ. "މިހާރު"އަށް އެނގިފައިވާ ގޮތުގައި އޭރު އެ ޕޯސްޓްގައި ހުރީ އެތަނުގެ އިންޗާޖު އަބްދުލްޣަފޫރު އަބްދުއްސައްތާރެވެ.
ވެގެން އުޅޭ ގޮތް ބޮޑަށް ސާފުވީ، "މިހާރު"އާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި، އެތަނުގައި ސިރާޖަށް އަވަސް ފަރުވާދީ، އޭނާ ހަމަޔަކަށް އެޅުވުމުންނެވެ. އެހާ ހިސާބުން އެ ކުއްލި ހާލަތުގައި ވީހާވެސް އަވަހަކަށް އެތަނަށް ދިއުމަށްޓަކައި ސިފައިންގެ ފުރަތަމަ ގްރޫޕް ދަތުރު ފެށީ 14 ވަރަކަށް ފޫޓުގެ ޑީންގީއެއްގަ އެވެ.
ލޯންޗުގެ ވެރިޔާ އަލީ އަަބްދުﷲ (ކ) މަރުވި ހުސެއިން އަބްދުﷲ ގެ ދަރިފުޅު މުހައްމަދު ގިޔާސް، އޭނާގެ އެހެން ބޮޑުބޭބެއަކާ އެކު، އަދި ކައްޕި ސިރާޖު އަދުނާނު (ވ)
ރާއްޖޭގައި ހިނގާ މިފަދަ ހާދިސާތަކުގައި ސިފައިންގެ އެހީތެރިކަން ވަރަށް ބޮޑެވެ. ކޯސްޓް ގާޑުގެ އުޅަނދުތަކާއި އެހެން ލޯންޗުތައް އަބަދުވެސް އޮންނަނީ ތައްޔާރީ ހާލަތުގަ އެވެ. އެކަމަކު ހަނިމާދޫގެ ބޮޑު ފަޅުގައި، ގަދަ ކޮޅިގަނޑެއްގެ ތެރޭ ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މީހުން ސަލާމަތްކުރަން ބެލިއިރު، އެ ޑިންގީ ނޫން އެހެން އުޅަނދެއް، ސިފައިންގެ އަތުގައި ނެތް ކަމަށްވެ އެވެ. އެހެންކަމުން ފުރަތަމަ ގްރޫޕް، އެ ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި، އެ ސަރަހައްދަށް ދާން ނަައްޓާލީ އޭގަ އެވެ.
ބަންޑުން ޖަހާލައިފައި އޮތް ލޯންޗު ކައިރިއަށް ޑިންގީ ގޮސް އެންމެ ފުރަތަމަ ނެގީ، އޭރު ސަލާމަތުން ތިބި އަބްދުލް ޝުކޫރު ،57، އާއި އައިމިނަތު އާސިމާ، 29، އަދި އައިޝަތު ޝެހެނާޒް، 29، އެވެ. އެ މީހުން ތިބީ ލޯންޗާ އެކު ވާގަނޑެއްގައި ހިފަހައްޓައިގެންނެވެ.
އެ ލޯންޗުގެ ވެރިޔާ އަދި ކައްޕިއެއް ކަމަށްވާ އަލީ އަބްދުﷲ ވަނީ ސިރާޖާ އެކު ފަތާގައި އެއްގަމަށް އަރައިފަ އެވެ. އެކަމަކު ބެލެވޭ ގޮތުގައި އޭނާއަށް ހަނިމާދޫ އަތުވާ ވަރުވީ ސިރާޖަށް ފަހު އެވެ.
ސަލާމަތުން ތިބި ތިން މީހުން ޑިންގީގައި ފުރަތަމަ ގެންދިޔައީ، ލޯންޗު އަޑިއަށް ދިޔަ ސަރަހައްދާ ދިމާލުން އެއްގަމުގައި ހުރި އެމްއެންޑީއެފްގެ ޕޯސްޓަށެވެ. ހަނިމާދޫ ސިއްހީ މަރުކަޒަށް ބަދަލުކުރީ އެތަނުގައި އަވަސް ފަރުވާ ދިނުމަށް ފަހު އެވެ.
އެމްއެންޑީއެފުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައި ނުވަނީ ދެ ވަނަ ފަހަރަށް ލޯންޗު ދޮށަށް ދާން ސިފައިންގެ އެ ގްރޫޕް ޑިންގީގައި ނައްޓާލި ފަހުން ދެން ވީ ގޮތެވެ. މައުލޫމާތު ހުރި ބައެއް މީހުން "މިހާރު"އަށް ކިޔައިދިން ގޮތުގައި، ވަކި ހިސާބަކަށް ދިޔަ ތަނުން ނެގި ބޮޑު ރާޅެއްގައި ޑިންގީ ބަންޑުން ޖަހާލީ އެވެ. އެކަމަކު އޭގައި ތިބި ސިފައިން ފަތާގައި އެއްގަމަށް އެރީ އެވެ.
މި އޮޕަރޭޝަންގައި ޑިންގީއެއް ބޭނުންކުރަން ޖެހުނީ އެވަގުތު ހަނިމާދޫގައި އެމްއެންޑީއެފްގެ ލޯންޗެއް ނެތުމުންނެވެ. ހާދިސާ ހިނގި ސަރަހައްދަށް އެމްއެންޑީއެފްގެ ހާބަ ޕެޓްރޯލް ލޯންޗު ދިޔައީ، ހދ. ކުޅުދުއްފުށިން ކަމަށް، "މިހާރު"އަށް އެނގިފައިވެ އެވެ.
"ސްޕީޑް" ލޯންޗު ހަނިމާދުއަށް އެހެލަން މަސައްކަތް ކުރަނީ: ލޯންޗު ބަންޑުން ޖަހާލީ އައި ވަރުގަދަ ކޮޅިގަނޑެއްގައި
މިދިއަ ހުކުރު ދުވަހު "މިހާރު"ގެ ޓީމު ހަނިމާދުއަށް ގޮސް ލިއުނު އެއް ރިޕޯޓްގައި، ހާދިސާ ހިނގި ތަނަށް ދާން ފުރަތަމަ ދަތުރުކުރި ސިފައިންގެ ޑިންގީ ބަންޑުން ޖަހާލި ވާހަކަ އޮތެވެ. އެކަމަކު އޭރު މައުލޫމާތު ލިބުނީ، ސިފައިންގެ ފުރަތަމަ ގްރޫޕަށް ލޯންޗާ ހަމައަށް ނުދެވޭ ކަމަށެވެ. ފަހުން ބައެއް މީހުންގެ ވާހަކަތަކުން ޔަގީންވީ، ޑިންގީ ބަންޑުން ޖަހާލީ ކަނޑުވެފައި ތިބި ތިން މީހުން ސަލާމަތްކުރުމަށް ފަހު ދެން ދާން އުޅުނު ދަތުރުގައި ކަމެވެ.
ޑިންގީ ބަންޑުން ޖަހާލާފައި އޮތް ތަން ފެންނަ ފޮޓޯއެއް ވެސް ބައެއް މީހުން ގެންގުޅުނެވެ.
ހާދިސާގައި މަރުވި ހަތަރު މީހުންނާއި ކުޑަ ކުއްޖާގެ ހަށިގަނޑު ހޯދައި، އެއްގަމަށް އެރުވީ، "މިހާރު"އަށް އެނގިފައިވާ ގޮތުގައި، ކުޅުދުއްފުށިން އެތަނަށް ދިޔަ ހާބާ ޕެޓްރޯލް ލޯންޗުގެ ސިފައިންނެވެ.
- ހުސެއިން އަބްދުﷲ ،55، އަހިމާގެ، ނޮޅިވަރަންފަރު
- މަރިޔަމް މައުސޫމް، 48، ހުސެއިންގެ އަންހެނުން
- ފާތުމަތު ގުރައިޝާ، 30، ހުސެއިންގެ ދަރިފުޅު
- އީރާ ހަސަން ޝިފާޒް، 3، ގުރައިޝާގެ އަންހެން ދަރިފުޅު
- އައިޝަތު އަލީ، 51، ސަލާމަތްވި ޝުކުރޫގެ އަންހެނުން
ލޯންޗު ބަންޑުން ޖަހާލުމާ އެކު ސިރާޖު ވަނީ މީހުން ސަލާމަތްކުރަން ހިތްވަރު ދޫނުކޮށް މަސައްކަތްކޮށްފަ އެވެ. އޭނާ ހަނިމާދުއާ ދިމާއަށް ފަތައިގަތީ، ސަލާމަތްވި މީހުންނަށް ވެސް އިތުރު އެހީއެއް ލިބެން އޮތީ، އެ ރަށަށް އަރައި، އެކަން އެންގުމުން ކަމަށް ފެނިގެންނެވެ. އެގޮތަށް އޭނާ ކަންތައް ކުރީ ކަނޑުވެފައި ތިބި އެހެން މީހުންގެ ކައިރީގައި އަހާފައި ކަމަށް ވެސް، "މިހާރު"އަށް އެނގިފައިވެ އެވެ.
ލޯންޗު ބަންޑުން ޖަހާލި ސަރަހައްދާއި ހަނިމާދޫ ގޮނޑުދޮށާ ފުދޭވަރެއްގެ ދުރުމިނެއް ހުރެ އެވެ. ހުޅަނގު މޫސުމުގައި އެ ހިސާބުގަނޑު އެހާ ގަދަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ފުއްޓަރު ފަރާތަށް ރާޅު ނަގާ ގޮތަށް، އެ ހިސާބުގައި ވެސް ރާޅު ބޮޑުވެ އެވެ. އެކަމަކު ވަރުގަދަ ކޮޅިގަނޑަކާ އެކު ކެކިގެންފައި އޮތް މޫދުގައި ސިރާޖަށް ފަސޭހަ އިން އެއްގަމަށް އެރުނީ އޮޔާއި ވައި ހުރީ އެއްގަމާ ދިމާލަށް ކަމަށް ވުމުންނެވެ.
10 މީހުންނާ އެކު ބަންޑުން ޖަހާލި "ސްޕީޑް" ލޯންޗުގެ އެތެރެ
ސިފައިންގެ ޑިންގީއަށް ވީ ގޮތާ ބެހޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން ނުދިން ނަމަވެސް، އެއީ ނުހިނގާ ކަމެއް ކަމަކަށް ބުނެފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުލިގަން ރަށުމީހާ
03 September 2019
ގަފޫރު ސަރ,ވަރެއް ނޯންނާނެ. ސިފައިންގެ ހިދުމަތް މިރަށުގައި ދޭން ފެށިފަހުން މިހާތަނަށް އެވަރު ރަތްއިތުންނާ ގުޅޭ ހިންގުންތެރި އެކަކުވެސް ނުދެކެން. ހޯރަފުށީ ރަތްއިތުން ކަހަލަ ގޮތަކަށް ނުކުމެ މަރާލަންވެގެން ޢުޅުމުން ރަށު އޮފީސް ފާހާނާގައި ފުލުހުންނާއި އަތޮޅުވެރިންނާ ރަށުގެ ވެރިން ފޮރުވައިގެން އުޅުނު ސުހެއިލް ވަށާގެން އެތަށް ސަތޭކަ މީހުން ތިއްބަ ބަލަންތިބި މީހުންނަށްވެސް އެނގުމަކާނުލާ ރަށުން ބޭލިދުވަސް ހަނދާން އަދިވެސް އެބަހުރި.އަދިވެސް ހޯރަފުށީ މީހުންއެތިބި އެރޭ ކަން ވީގޮތް ނޭނގިފަ. ދެން ތި ޑިންގީއަށް ވީގޮތް ކިހިނެއް އެނގޭނި.
މުރާދު ޔޫސުފް
03 September 2019
ކޮމެންޓު ލިޔުނު ގިނަ މީހުންނަކީ ސިފައިންނާއި ފުލުހުން. ސިފައިން މިކަމުގައި ބަރީއާ ކުރެވޭކަށެއް ނެތް. މިފަދަ މުސުމެއްގައި އެމީހުން ތިބެން ޖެހޭނބީ ފަޔަރ ފައިޓަރުން ހެން ތައްޔާރީ ހާލަތުގަ.
މުޙައްމަދު ހާން
03 September 2019
ހަނިމާދޫގައި ތިބޭ އެމް އެން ޑީ އެފް މީހުން އެ ގެންގުޅެނީ އެމީހުން އެތަނުގައި މަހަށް ދާން އެމީހުން އަމިއްލައަށް ގެނެގެން އުޅޭ ޑިންގީއެެއް، ސިފައިން މި ފަދަ ތަނެއްގައި ތިބޭނަމަ ކޮންމެވެސް ވަރަކަށް ކަނޑުގައި ހިނގާ ޙާދިސާތަކުގައި ސަލާމަތް ކުރެވޭ ވަރުގެ އުޅަނދެެއް އޮންނަން ޖެހޭނެ، އަހަރަމެންނަކީ ކަނޑު ދަތުރު ފަތުރުގެ މައްޗަށް ބިނާވެފައިވާ ބައެއް، ނަމަވެސް އެމީހުންގެ ބެނުނުްތަކަށް އެއްގަމު އުޅަނދު އޮވޭ. ލަިއފްޖެކެޓް އަޅަން ބާރު އަޅާއިރު މިކަންކަމަށް--
އަންދުބެ
03 September 2019
ސިފައިން އަތުގަ އެއަށް ވުރެ ބޮޑު ޑިންގީއެއް އޮތް ނަމަ އެން މެން ސަލާ މައް ވާނެ ކަން ނޭންގެ.........
ޡަކީލު
03 September 2019
ހަބަރު ރަނގަޅަށް ލިޔާލައްވާ! ވާނުވާގަ ކޮމެންޓް ނުކުރައްވާ
ޤައުމު19
03 September 2019
އެމީހުން ދިޔައީ 11:45 ގައި ޗެކިން ބަންދުވާ ފްލައިޓަށެވެ. އެކަމަކު އޭރު މޫސުން ގޯސްވެ ދަތުރުތައް އޮތީ މަޑުޖެހިފަ އެވެ. އެހާ ގަދައިރު ވެސް އެމީހުން ދަތުރަށް ފުރީ ގަޑިއަށް ޗެކިން ބަންދުވާނެ ކަމަށް އެއާޕޯޓުން ފުރަތަމަ ބުނެގެނެވެ. ސަރުކާރުގެ އިދާރާއަކުން މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުނުކުރަން އަންގާފަ އޮތްވައި ބަޔަކަށް އެކަން ކުރަން މަޖުބޫރުކުރުވުން މީ. މިކަން ސާފުކުރަން ބޭނުމީ ސިފައިންގެ ޑިންގީ ބަންޑުން ޖެހި ގޮތެއް ނޫން....
ހާސް
02 September 2019
ރައްޔިތުން ގާނާލަިގެން އިންތިޚާބް ތަކުގައި މަަަަަަަަަަަަަަސައްްްްްްްްްްްްކަތްކުރުވާ ބޮޑަތި ގޮނޑިތަކުގައި އިންނަނީ ލައްކަ ވައިދު ވެގެން. އެހާ ހިސާބުން ރައްޔިތު މީހާ އަތުން އިންތިހާއަށް ޓެކްސްނަގައި އެއްކުރާ ފައިސާއިން ވެސް ކުޑަ މިނުން އިމަރޖެންސީ ހާލަތުގަ ބޭނުން ކޮށްލެވޭނެ އެމްބިއުލަންސެއް، ލޯންޗެއްގެ މިންވަރު ނެއްތާ ބޭސް މަލަންކޮޅެއް، ޕެނެޑޯލް ގުޅައެއްވެސް ލިބެން ނޯވޭ
@ހާސްނުވެ ހަމަޖެހިލާ!!!
03 September 2019
ރައްޔިތުން ބަރާބަރަށް ޓެކްސް އެބަ ދައްކާ އެކަމަކު އެނަގައިގެން ހެއުގޮތުގަ ބޭނުން ކުރާތީ ނުފެނޭ އިންތިހާގައި އުޅޭ ހުމާ ރޯގާތަކުން ރައްޔިތުން އަރައި ނުގަނެވިގެން އުޅެނީ ނަގަނީ އެހެން ގައުމުތަކުންވެސް ނަގާތީ އޭގެން ކުރާ ބޭނުމެއް ނުއިނގޭ ކަމުގެ ބޮޑު ކުޑަމިން ވަޒަން ނުކުރެވޭ އެކަމަކު އިމަޖެންސީގައި ބޭނުން ކީއްކުރަން އެ ހާލަތުގައި ބޮޑު އުޅަނދެއް ކުޑަ އުޅަނދެއްގެ ތަފާތެއް ނެތް ބޭނުމީ ހާލުގަ ތިބި މީހުންނަށް އެހީތެރިވާން އެކަން އެވަނީ ރަނގަޅަށް ކޮށްފަ
ދޮން ބުޅާ
03 September 2019
ކޮންމެ ރަށެއްގަ އޮންނާނެ ސީ އެމްބިއުލެންސް އެއް. މިދިޔަ ސަރުކާރުން ހަދިޔާ ކުރި. އޭގެ ބޭނުން ކުރިނަމަ.
ކަމަނާ
02 September 2019
ޖަޒްލާން އަކީ ކާކު؟
ރޔޒ ރށދ
02 September 2019
އެ މީހުން ސަލާމަތްކޮށްގެން ގެންދަނިކޮށް އަނެއްކާވެސް ބަންޑުން ޖަހައިލިއްޔޭ؟ ސުއްބޫހުން
އައްޔުބެ
02 September 2019
ސިފައިންގެ ޚިދުމަތަށް ޝުކުރުކުރަން. ނަމަވެސް (ނަމުން) އިންޓަރނޭޝަނަލް އެއަރޕޯޓް އޮތް ހަނިމާދޫގައި ސިފައިންގެ ޑިންގީ ގަނޑެއް އޮތުމަކީ ދެރަކަމެއް.
ބުނެލާނަން
02 September 2019
ބުނެލަން ބޭނުމީ، ސަލާމަތް ކުރެވުނު މީހުންނާއެކު އެޑިންގީ ބަންޑުން ޖެހުމުގެ ރިސްވެސް ހަމަ އޮތް ނޫންހޭ؟ އެއީ އެހާލަތާއި ބަލާފަ ކިހާ ބޮޑު ރިސްކެއް! އެހެންވެ މިވާހަކަ ދައްކަން ޖެހެނީ.. ނޫސްވެރިންނަށް ސާބަސް..