އިއްޔެގެ މެޗުގެ ތެރެއިން ބަނޑޮސް ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: ބަނޑޮސް ވޮލީ ޓީމު
17 ސެޕްޓެމްބަރ 2019 - 08:52
ކުޅުން ހުއްޓާލުމަށް ފަހު އެނބުރި އައި އިޝާން މުހައްމަދު (ބަޓިސް) ގެ މޮޅު ކުޅުމާ އެކު، ގްރޭންޑްޕާކް ކޮށްދިއްޕަރު ބަލިކޮށް ބަނޑޮސް އައިލެންޑް ރިޒޯޓުން އާލާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ޒޯން އެކެއްގެ ފުރަތަމަ މެޗުގައި ވަން އެންޑް އޮންލީ ރީތި ރަށުން ވަނީ 3-1 ސެޓުން ފޯ ސީޒަން ކުޑަހުރާ ބަލިކޮށްފަ އެވެ. އެ ޒޯނުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ގްރޭންޑް ޕާކް ކޮށްދިއްޕަރު އަތުން ބަނޑޮސް މޮޅުވީ ސީދާ ތިން ސެޓުންނެވެ.
ބަނޑޮހުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-15، 25-14 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ބަޓިސް އެވެ. މިދިޔަ އަހަރު ވޮލީން ރިޓަޔާކުރި ބަޓިސް އަލުން އެނބުރި އައީ މި މުބާރާތުގައި ބަނޑޮހަށް ކުޅެދިނުމަށެވެ.
ގައުމީ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ)ގެ ކޯޗުކަމުގައި ކުޅޭ ބަނޑޮސް ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ދާދި ފަހުން ގައުމީ ޓީމުން ރިޓަޔާކުރި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަދި މުހައްމަދު އަހުސަން އެވެ. މީގެ އިތުރުން ޒުވާން ކުޅުންތެރިޔާ ހުސެން ރަޒާން ވެސް މި ޓީމުގައި ހިމެނެ އެވެ. ގްރޭންޑް ޕާކް މި މުބާރާތުގައި ކުޅެނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝަރަފްގެ އިރުޝާދުގެ ދަށުންނެވެ. އެ ޓީމުގައި ވެސް ގައުމީ ޓީމުގެ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ފަަހަކަަށް އައިސް ގައުމީ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އާދަމް ފައިރޫޒް ހިމެނެ އެވެ.
މިދިޔަ އަހަރު އިންޓަ ރިސޯޓް ޗެމްޕިއަންސް ލީގު ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބަނޑޮހުން ހޯދީ ފައިނަލުގައި ސީދާ ތިން ސެޓުން ގްރޭންޑް ޕާކް ބަލިކުރުމަށް ފަހު އެވެ.
ޒޯން ދޭއްގައި އިއްޔެ ކުޅުނު މެޗުން ޖުމެއިރާ ވިޓަވެލިން ވަނީ 3-1 އިން ހޮލިޑޭ އިން ކަނޑޫމާ ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 25-20، 25-14، 24-26، 25-13 އިންނެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖުމެއިރާގެ އިބްރާހިމް މަފާޒް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy