ވިޔަފާރި / ޅ. ފެލިވަރު

ފެށީ ވެސް 50 ޓަނުން، އަދިވެސް 50 ޓަނު: ލިބުނު ކުރިއެރުމެއް ނެތް!

ފެލިވަރު މަސް ފެކްޓްރީގައި މަސް ސާފުކުރުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

18 ސެޕްޓެމްބަރ 2019 - 10:36

13 comments

ބަނދަރު ފުރިފައި އޮތީ ކިއޫގައި އަޅާފައި ހުރި ބިޔަ މަސްދޯނިފަހަރުންނެވެ. މަސްވެރިންގެ ހިތްހަމަނުޖެހުންތައް އޭރު ވެސް ދިޔައީ ފާޅުކުރަމުންނެވެ. މަސް ނުކުރި ގިނައިރު އޮންނަން ޖެހުމާއި ބޭނުންވާ ވަރަށް އައިސް ނުލިބުން ފަދަ ޝަކުވާތަކެވެ. އެކަމަކު މިފްކޯ އިން ހިންގަމުން އަންނަ ޒަމާންވީ ފެލިވަރު މަސް ފެކްޓަރީ އޭރު އޮތީ ފުރިފަ އެވެ. މަސް ގަތުން ކޮންޓްރޯލްކޮށްފަ އެވެ.

ރާއްޖޭގެ މަސް އޮޑިވެރިން މަސް ދޯނިތަކަށް ޒަމާނީ ބަދަލުތައް ގެނެސްފި އެވެ. ދޯނިތައް ބޮޑުވެ، މަސް ބާނަން ނުކުންނަ ސަރަހައްދު ފުޅާކޮށްފި އެވެ. ރައްކާކުރެވޭ މަހުގެ އަދަދު ގިނަކޮށްފި އެވެ. އެކަމަކު މަސްވެރިކަން ތިޔާގިވާ ކޮންމެ ދުވަސްވަރެއްގައި ވެސް، ފެކްޓަރީތައް ފުރި، މަސްވެރިންގެ އަތުން މަސް ގަތުމުގައި ކޮންޓްރޯލް ބޯޑު އަޅުވާލަ އެވެ.

މިއީ އެކަހަލަ ދުވަސްވަރެކެވެ. މިފްކޯއާ ހަވާލުވެފައިވާ އެސްޓީއޯ އިން ނޫސްވެރިންގެ ޓީމެއް އިއްޔެ ފެލިވަރަަށް ގެންދިޔައީ، ހާލަތު ދައްކާލުމަށެވެ. ފެނުނީ ތަރައްގީއެއް ނެތް ފެކްޓަރީއެކެވެ.

ފެލިވަރު ފެކްޓަރީގެ އުމުރުން 40 އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު އިމާރާތަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. ދިވެހި ސަރުކާރާއި ޖަޕާނު ކުންފުންޏެއް ކަމަށް ވާ ނިޕޮން ސުއިޒާން ކައިޝާ ލިމިޑެޓް ގުޅިގެން 1978 ގައި އުފެއްދި ފެކްޓަރީން ދައްކައިދެނީ، ނިމިދިޔަ އެއްވެސް ސަރުކާރަކަށް، ރާއްޖޭގެ މަސްވެރިންގެ ކުރިއެރުމާ އެއްވަރުގެ ހައްލެއް އެތަނަށް ހޯދައިދެވިފައި ނުވާ މަންޒަރެވެ.

ފެލިވަރު މަސް ފެކްޓަރީއަށް މަސް ގެންދަނީ: ފުރިހަމަ ކެޕޭސީޓީއެއް ނެތް -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ޖަޕާން ކުންފުނި ފޮނުވާލުމަށް ފަހު ސަރުކާރުން 1982 ގައި ފެލިވަރާ ހަވާލުވެ، ދުވާލަކު 50 ޓަނުގެ މަސް ދަޅުގައި ބަންދުކުރުމުގެ ކެޕޭސިޓީ ހޯދި ގޮތަށް އަދިވެސް ހިންގަމުން އަންނަނީ އެ ފެންވަރުގަ އެވެ.

ފެކްޓަރީގައި ކޮލިޓީ ކޮންޓްރޯލު ކުރުމާއި ފެންވަރު ހިފެހެއްޓުމަށް ހާއްސަ އުސޫލުތަކެއް ހަމަޖައްސާފައި އޮތަސް، މަސައްކަތް ފުޅާކޮށް، ތަނަށް ޒަމާނީ ތަރައްގީއެއް ގެނެވޭ ވަރަށް މިފްކޯއަށް ހިންދެމިލެވިފައެއް ނުވެ އެވެ.

މެއިންޓަނަންސް ހަރަދު ބޮޑު

ފެލިވަރު ފެކްޓްރީގެ މަސައްކަތް މަސް ސާފުކުރާ ބަޔަށް ވަންއިރު ފިލިޕީންސްގެ 100 އެއްހާ އަންހެން މުވައްޒަފުން ތިބީ ބިޒީކޮށް، މަސައްކަތުގަ އެވެ. ދުވާލަކު ގާތްގަނޑަކަށް 50 ޓަނުގެ މަސް އެމީހުން ސާފުކޮށް، ފަޅުގައި ބަންދުކުރަން ޖެހޭ މަސްތައް ވަކިކުރެ އެވެ.

ފެލިވަރުގައި މަސް ދޯންޏަކަށް އައިސް އަރުވަނީ -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިތަނުގެ އެކި ވަޒީފާތަކުގައި އުޅޭ 390 މުވައްޒަފުންގެ ތެރެއިން 70 ޕަސެންޓަކީ ދިވެހިންނެވެ. ޓޮޕް މެނޭޖްމެންޓުގައި ވެސް އިސްކޮށް އުޅެނީ ހުސް ދިވެހިންނެވެ. ބިދޭސީން ގިނައިން ހަރަކާތްތެރިވަނީ މަސް ސާފުކުރުމާއި، އެކަހަލަ ބައެއް ކަންކަމުގަ އެވެ.

މި ހުރިހާ މުވައްޒަފުން، ދިވެހި މަސްވެރިކަމުގެ އެންމެ މަޝްހޫރު ބްރޭންޑް ދަމަހައްޓަން މަސައްކަތްކުރަމުން އަޔަސް އިމާރާތް ބާވުމާއި މެޝިނަރީތަކަށް ގިނަ ދުވަސްވުމުން މެއިންޓެނެންސަށް ކުރަން ޖެހޭ ހޭދަ ބޮޑެވެ. މިހާރު ހުރި ހާލަތުގައި ވެސް ތަނުގެ އުފެއްދުންތެރިކަން އޭގެ އެންމެ މަތީ ކެޕޭސިޓީގައި ކުރިއަށް ގެންދެވެނީ، ނޫސްވެރިންނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މުވައްޒަފުންގެ ހިތްވަރުންނެވެ.

މަސް ފެކްޓްރީގައި މަސް ކެނޑުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ:ހުސައިން ވަހީދު/މިހާރު

ފެލިވަރު މަސް ފެކްޓްރީ ސަރުކާރުން އަލުން ހުޅުވި އިރު ވެސް ދުވާލަކު ބަންދުކުރެވެނީ 50 ޓަނުގެ މަހެވެ. މިހާރު ވެސް ހަމަ އެ ފެންވަރުގަ އެވެ.

ފެކްޓަރީއަށް ބޭނުންވާ މަސް ތާޒާ ކަންމަތީ ބަހައްޓަން ހަދާފައި ހުރި އައިސް ސްޓޯރޭޖް ފުލް ކެޕޭސިޓީގައި ހިންގޭ ގޮތެއް ނުވެ އެވެ. މަސް ރައްކާކުރަން ބޭނުންވާ ގިނަ މެޝިނަރީތަކެއް ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އެހެންކަމުން އެތަނުގެ ކެޕޭސިޓީއަކީ 750 ޓަނު މަސް ކަމަށް ވިޔަސް މިހާރު އެތަނުގައި އެއްފަހަރާ ރައްކާކުރެވެނީ 600 ޓަނުގެ މަހެވެ.

މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ތިޔާގި މަސްވެރިކަމުގައި، ފެކްޓަރީގެ އެ ކެޕޭސިޓީ އެންމެ ދުވަހަކުން ވެސް ފުރެ އެވެ. އެހާ ހިސާބުން ޖެހޭނީ މަސް ގަތުން ކޮންޓްރޯލްކުރާށެވެ.

ނޫސްވެރިންނާ އެކު ފެލިވަރަށް ވަޑައިގެންނެވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މަސް ފެކްޓްރީގެ ހަލާތު ހުރީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށެވެ. އަދި އެއީ ކުއްލިއަކަށް ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ފެލިވަރުގައި މަސް ރައްކާކުރާ ސްޓޯރޭޖް: ތަން ވަނީ ފުރިފައި -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

އޭނާ ގަބޫލުކުރައްވާ ގޮތުގައި ފެލިވަރަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ތަނުގެ ފެންވަރު ރަނގަޅު ކުރުމުގެ މާ ބޮޑު ޕްލޭނެއް ނެތުމެވެ. އެހެންކަމުން ދޭތެރެއަކުން ޖެހޭ މައްސަލަތަކަށް ހޯދާފައި ހުރީ ހަރަދު ކުޑަ ވަގުތީ ހައްލުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަމްރު ސިފަކުރެއްވި ގޮތުގައި މިހާރު ތަނުގެ ހާލަތު ހުރީ ވަގުތީ ހައްލުތަކެއް ވެސް ނުގެނެވޭނެ ފެންވަރުގަ އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި މަސްވެރިކަން ރަނގަޅު މި ދުވަސްވަރު ވެސް މަސްވެރިން ބާނާ މަސް އެއްވެސް ކޯޓާއެއް ނެތި ކިރޭނެ އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުންނެވެ. ނަމަވެސް މަސްވެރިން ބޭނުންވާ އެންމެ އަވަހަށް އެކަން ކުރަން ދަތިތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ.

"ރަނގަޅު މަސްވެރިކަމެއް ދިމާވި މި ދުވަސްވަރު އެއްވެސް ތަނެއްގައި އެވަރުގެ ކެޕޭސިޓީއެއް ވެސް ނެތް. ހުރި ބައެއް ފެސިލިޓީތައް ވެސް ހުރީ ހަލާކުވެފައި. ކޭނަރީ އަކީ ވެސް 1986 ވަނަ އަހަރު ހަދާފައި ހުރި ތަނެއް،" އަމްރު ވިދާޅުވި އެވެ.

މަސްވެރިންޓަކައި ފެލިވަރުގެ މަސައްކަތް މި ދުވަސްވަރު ވަނީ، ލެވެން އޮތް އެންމެ މަތީ ސްޕީޑަށް ލައިފަ އެވެ. އެއް ފަހަރާ އެތަނަށް ކިރެނީ ދުވާލަކު 100 ޓަނު ނަމަވެސް، މިފްކޯގެ އެހެން ބޯޓުފަހަރު ގެނެސް، ދުވާލަކު 200 ޓަނުގެ މަސް ކިރަ އެވެ.

ފެލިވަރުގައި 100 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެއް އޮވެ އެވެ. އެކަމަކު އެ ބޯޓަށް ވެސް ގިނަ ދުވަސް ވެ، ވަރަށް ބޮޑަށް ވަނީ ހަލާކުވެފަ އެވެ. އެހެންކަމުން މިހާރު ބޯޓުގައި ރައްކާކުރެވެނީ 30 ޓަނުގެ މަހެވެ.

އިތުރު މަސް ފެކްޓަރީއެއް ބޭނުން

އަމްރު ވިދާޅުވި ގޮތުގައި މަސްވެރިން ބާނާ މަސް ގަތުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރަން އިތުރު މަސް ފެކްޓްރީއެއް ވަރަށް އަވަހަށް ބޭނުންވެ އެވެ. އޭނާ މިސާލު ދެއްކެވީ 100 ޓަނުގެ މަސް ބޭނޭ ވަރަށް ރާއްޖޭގެ މަސްދޯނިފަހަރު ބޮޑުވި އިރު ފެލިވަރުގެ ކެޕޭސިޓީ އެއަށް ވުރެ ވެސް ދަށަށް ގޮސްފައި ވާތީ، އެ ހަގީގަތުންނެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވެސް ނޫސްވެރިންނާ އެކު ހުންނެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދަން ހާއްސަ އިސްކަމެއް އަންނަނީ ދެމުންނެވެ.

މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ވެސް ރާއްޖޭގެ މަސްވެރިކަން އެންމެ ރަނގަޅުވީ ދުވަސްވަރެވެ. އެހެންކަމުން މަސް ކިރުމުގެ ގާބިލްކަން މިފްކޯގައި ނެތުމުން މަސްވެރިން އަންނަނީ އެމީހުންގެ ޝަކުވާތައް އޮއްސަމުންނެވެ.

"ސަރުކާރާއި އެސްޓީއޯއާ އެކު ވެސް އަޅުގަނޑުމެން ޕްލޭންތަކެއް އެބަ ހަދަން. އިރާދަކުރެއްވިޔާ ކުރިއަށް އޮތް ތަނުގައި މަސްވެރިންނަށް އުފާވެރި ދުވަސްތަކެއް އަންނާނެ،" ފައުޒީ ވިދާޅުވި އެވެ.

"މިކަން ކުރުމަށް ވަގުތު ނަގާނެ. ހައްލު ގެންނަން ފަންޑު ވެސް ބޭނުންވޭ."

މިހާރު އޮތް ވަރުގެ ތިޔާގި މަސްވެރިކަމަކާ ކުރިމަތިލާ ކޮންމެ ފަހަރަކު ހެން، މިހާރުގެ މައްސަލަތައް ކުރިމަތިވެ، ސަރުކާރު ވެސް ޕްރެޝަރަށް ވެއްޓެ އެވެ. އެކަމަކު އެއްވެސް ސަރުކާރަކަށް ދާއިމީ ހައްލެއް ގެނެސްދެވިފައެއް ނުވެ އެވެ. އެކަން ކުރަން މިހާރު ޖެހިފައި މި އޮތީ މިހާރުގެ ސަރުކާރަށެވެ. އަދި ސަރުކާރުގެ ކުންފުނި އެސްޓީއޯއަށެވެ.

13 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 89%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރުޅި

18 September 2019

އިބުރާހީމް ނާޞިރު މިއަދު ދުނިޔޭގާ ހުންނެވިނަމަ މިހާރުބާނާ މަސްތައް ކިރުވޭނެ އިންތިޒާމު ހަމަޖައްސަވާނެ. އެކަކަމު މިހާރު މޮޅެތި ގާނޫނުތައް ހަދައިގެން ހީވަނީ އެހެންކަމެއްހެން. ފަހުގެ ވެރިކަންތަކުން މަސްވެރިކަން ކުރީ ސިޔާސަ. އެހެންނޫންނަމަ މިހާރު ހުރީހީ ކޮންމެއަތޮޅެއްގަ މަސްކިރޭނެ ނިޒާމު ގާއިމުކޮށްފަ. ގައިމު މަސްވެރިންނަށްވެސް ފަސޭހަވާނެދޯ އަތޮޅުން މަސްކޮޅު ކިރުވާލެވުމުން.ގައިމުދައުލަތްވެސް މުއްސަދިވާނެދޯ އޭރުން.

The name is already taken The name is available. Register?

އާދަނުބޭ

18 September 2019

މިފްކޯގެ މަސަލަހަތު ފުށުއަރާ ވިޔަފާރިތަކުގައި އުޅޭ ކުންފުޏިގެ ބޮޑުންވަކިކުރަންވާ. ކުންފުނީގެ ހަރަދުކުޑަކުރަންވީ. ސަރުާޚރުގެ ދަމަހއްޓަން ކަންތައްތައް ނުކުރަންވީ. ސަރުާކރުން މިފްކޯއިން ސަލަމާތްވާންވީޯ. ޕްރައިވަޓައިްޒްކުރީމާ މިފްކޯއަސް ވެސް މަސްވެރިންނަށްވެސް ރައްޔޮތުންނަށް ވެސް ފައިދާވާނެ.

The name is already taken The name is available. Register?

ރާއްޖެތެރެ މީޙާ

18 September 2019

ކަލޯ ޝާހިދު ކައިރީ ބުނޭ އަދިވެސް މާލޭގައި 5 ބްރިޖް އަޅަން އެހީއާ ލޯނާ ހޯދާށޭ އޭރުން އާ އުސްމިންތަކަކަށް ދިވެހިން ދާނޭ! މިކަމަކީ ވިއްކިވަރަކަށް ފައިދާ އިތުުރުވާ ކަމަކަށް ވިޔަސް ރާއްޖެތެރޭ މީހުން އަތުގައި ލާރި ކޮޅު ގިނަވެދާނެތީ އެކަން ވާކަށް ނެތް ދޯ؟ އިތުރަށް އަވަގުރާނައެއް ގޮވިދާނެތީ ދެން ކުރުކޮށްލީ. ބްރިޖަށް ސަލާން. ޝާހިދާށް ސަލާން އަންނި އަށް ސަލާން އިބްރާހިމަށް ވަރަށް ސަލާން.

The name is already taken The name is available. Register?

ޔުނައިޓެޑް އައްޑޫ

18 September 2019

ރައްޔިތުންނަށް ހެޔޮ އެދިގެން ރާއްޖެތެރޭ ރަށެއްގައި މަސްފެކްޓަރީ އެއެއްވެސް، އެއާޕޯޓެއްވެސް ނުހިންގާނެއެވެ. ކުރާކަމެއް ކުރަނީ އާބާދީގެ 75% ރައްޔިތުން ކުލީ އަޅުންނަށް ހެދުމަށް ހިންގާ ގްރޭޓާރ މާލޭ ޕްރޮޖެކްޓް ކުރިއަށް ގެންދާއިރު، ރަށްރަށުގެ ރައްޔިތުން ހުވަފެނެއްގައި ބޭތިއްބުމަށެވެ.

The name is already taken The name is available. Register?

އަމްރު

18 September 2019

މަސްވެރިން ބާނާ މަހައް ހަމަ އަގު ދޭނީ މިސަރުކާރުން، މަހެއް ނުމެކީރާނަން!

The name is already taken The name is available. Register?

ކަންއޮތްގޮތް

18 September 2019

ފެލިވަރުހެދިމީހުން އަގުހޯދައި އިންތިހާއަށް ފައިދާނެެގިއެވެ. ވެފަވާއެއްބަސްވުމުގެ މުއްދަތުހަމަވެ، ސަރުކާރާއި ތަންޙަވާލުވީއްސުރެ، ތިތަންހިންގަންއުޅުނުމީހުންގެ ކަންތައްހުރިގޮތާއި ކަންހިނގައިދިޔަގޮތަކީ އެންމެން ދުއްތަނެކެވެ. ގެއްލުން ހައްތަހާވެސް ބޮލުއަޅަންޖެހިފައިއޮންނަނީ ރައްޔިތުންނަށެވެ. އެކަމަކު ތަރައްޤީއަބަދުވެސް ކުރެއެވެ. އެކަމަކު ދައްކަނީ ގެއްލުމެވެ. ފެށީވެސް 50އިންނެވެ. މިހާރުވެސް 50އެވެ! މިފަހަރުވެސް ހާސަރުތަކެއް ދަމާނެއެވެ. އަހަންތިބޭ!

The name is already taken The name is available. Register?

އަމްރު

18 September 2019

މަސްވެރިން ބާނާ މަހައް ހަމަ އަނގު ދޭނީ މިސަރުކާރުން. މަސްކިރާނީ އިންޑިޔާ ބޯޓު ތަކައް

The name is already taken The name is available. Register?

ރަފްގީ

18 September 2019

ބާނާ މަސްކޮޅު ނުކިރޭތީ ޝަކުވާބޮޑުވުމުން މީޑިއާތަކުން ސުވާލުކުރުމުން އެބުނަނީ މިހާރު ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރަމޯ..މަސްނުކިރޭ ވާހަކައަށް ޖަވާބު ނުދޭ..

The name is already taken The name is available. Register?

ފަލްޚަން

18 September 2019

މިހާރުވެސް ސަރުކާރުގެ މަސްކުންފުންޏެއްގެ ވެރިއަކާއި ގުޅާބަލަ ވަރަށް ރީތި ވާނެ ވާހަކަ..މަސްވެރިން ގޯސްކުރާނީ..

The name is already taken The name is available. Register?

ހުސަންބޭ

18 September 2019

އެއީ ދިވެހިންގެ ޙާލަތު، ތަރައްޤީގެ ވާހަކަ އަބަދުވެސް ދައްކާނެއެވެ. އެކަމަކު މީހުން ތަރައްޤީވެގެންނޫނީ ކުރާކަމެއްވެސް ތަރައްޤީވެ ކުރިއަކަށް ނުދާނެއެވެ.

The name is already taken The name is available. Register?

އާދަނުބޭ

18 September 2019

މިފްކޯއަށްކުރިއެރުމެއް ލިބިފައިނެތީ. ދިވެހިން ހަވާޅުވިފަހުން ކޭނަރީގެވެސް ހާލތު ދިޔައީ ދަށަށް. އޭރަކލު ތިއްބެވިކުންފުނީގެ ބޮޑުން ގެ އަމިއްލަ ވިޔަފާރީގެ މުއާމަލާތުކުރުމަށް ކުންފުނި ބޭނުންކުރަމުން ގެންދިޔުމަކީ އެންމެ ބޮޑު މައްސަލަ. ކުރީގެ ގިނަ ސަރުކާރަކަުންވެސް މިފްކޯ ބޭނުްކުރަމުން ދިޔައީ ވޯޓުހޯދުމަށް . މަސްވރިން ގެ އަތުން މަސްގަނެ ކަނޑަށް އަލަށްވިޔަސް މަސްގަންނަމުން ދިޔައީ. މަސް ހިފައިގެން ބޭންކޮކަށް ދާ ބޯޓުތަކޯ.

The name is already taken The name is available. Register?

އިޙްސާސް

18 September 2019

ޖާޕާނު މީހުން ބޭތިއްބިނަމަ މާތާހިރު ވީހެއްނު.

The name is already taken The name is available. Register?

ޕިކްސް

18 September 2019

އޭރުން ކިޔާނީ ދިވެހިންގެ ފެލިވަރު ދިވެހިންނަށް ހޯދަދޭށޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454