ފެލިވަރު މަސް ފެކްޓްރީގައި މަސް ދަޅުތައް ބަންދުކުރަނީ: ބޭރުގެ ކުންފުނިތަކާ ވާދަކުރަން މިފްކޯއަށް އުނދަގޫ --ފޮޓޯ: ހުސަިއން ވަހީދު/ މިހާރު
18 ސެޕްޓެމްބަރ 2019 - 12:43
މިފްކޯއަށް މިދިޔަ އަހަރުތަކުގައި ބިލިއަނެއްހާ ރުފިޔާގެ ގެއްލުން ވެފައިވާ އިރު ފައިދާ ލިބޭ ކުންފުންޏަކަށް އެތަން ބަދަލުކުރެވޭނީ ބާނާ ހުރިހާ މަހެއް ބޭނުންކުރެވިގެން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މަސްވެރިކަން ތިޔާގިވެ، ބާނާ މަސް އިތުރުވި ދަނޑިވަޅުގައި، މަސްވެރިން ބޭނުންވާ ހަލުވި މިނުގައި ކިރޭނެ ފުރުސަތު ކުޑަވެ، ޝަކުވާ ބޮޑުވެފައި ވަނިކޮށް، ނޫސްވެރިންނާ އެކު ފެލިވަރަށް ކުރެއްވި ދަތުރުގައި އަމްރު ވިދާޅުވީ ހާލަތުގެ ގޮތުން ނުއަގުގައި މިފްކޯ އިން ބޭރަށް މަސް ވިއްކާ ކަމަށެވެ.
އޭގެ ތަފުސީލު ދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި މިފްކޯއިން ދުވާލަކަށް އެވްރެޖްކޮށް 150 ޓަނު މަސް ގަތަސް ފެކްޓަރީގައި ޕްރޮސެސްކުރެވެނީ އެންމެ 50 ޓަނެވެ. ބާކީވާ 100 ޓަނު، ޓަނަކުން 400 ޑޮލަރު ގެއްލުވާ ގޮތަށް ވިއްކަނީ ތައިލެންޑަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި އަޅުގަނޑުމެން ބަންދުކުރާ މަހަށް ދައްކާ އަގު ބޮޑު. ރާއްޖެއިން ތައިލެންޑަށް މަސް ވިއްކާލީމަ، ތައިލެންޑް ފެކްޓްރީތަކުން ދަޅުގައި އެ މަސް ބަންދުކުރަނީ. އަދި ރާއްޖޭގެ މަހުގެ ގޮތުގައި ވިއްކަނީ،" އަމްރު ވިދާޅުވި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ފެލިވަރުގައި ނޫސްވެރިންނާ ވާހަކަ ދަައްކަވަނީ -- ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެ ފެކްޓަރީތަކުން ވެސް ދަޅު މަސް ވިއްކަނީ، އަމްރު ވިދާޅުވި ގޮތުގައި، ޔޫރަޕްގެ ކުންފުނިތަކަށެވެ. އެކަމަކު ރާއްޖެ އަށް ވުރެ ހެޔޮ އަގުގައި މަސް ބަންދުކުރާ ކުންފުނިތަކާ ވާދަކުރަން މިފްކޯއަށް އުނދަގޫ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ މަސްވެރިން ބާނާ ހުރިހާ މަހެއް ކިރުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ. އެކަމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަގީގަތަކީ މަސް ކިރާ ބޯޓެއްގެ ކެޕޭސިޓީއަކީ 30 ޓަނު. މިއަދު [އެންމެ] މަސް ދޯންޏަކުން އެބަ ގެނޭ 30 ޓަނު،" އަމްރު ވިދާޅުވި އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް މިފްކޯ ބަދަލުކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގަ އެވެ. އެކުންފުނި އިނދަޖެހި ބަނގުރޫޓުވުމުގެ ބިރާ އެކު ސަރުކާރުން އޭރު ވަނީ މިފްކޯގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ ވެސް ހަވާލުވެފަ އެވެ.
އޭގެ ފަހުން އެސްޓީއޯގެ ދަށުން ސަރުކާރުގެ މަސް ކުންފުނި ހިންގަމުން އަންނަތާ ތިން އަހަރު ވަނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލުރައްޔިތުމީހާ
19 September 2019
ކޮންމެ ސަރުކާރެއްގައިވެސް ގއ. އަތޮޅުގެ އެއިރެއްގެ ސިޔާސީ ބާރު އޮތް ބަޔަކު މިފްކޯ އަށް ބޮޑެތި ނުފޫޒު ފޯރުވާ. ރައްޔިތު މީހާއިން ފެށިގެން ސަރުކާރުގެ އިސް މަގާމުތަކައި ހަމައިން. މިއީ އަތޮޅު ކުންފުންޏެއްބާ؟ އާބާދީ ބޮޑު ވީމަ ވޯޓު ގިނާވާނެތީ، ގަނެވިއްކުމުގެ ރިޔާސީ އިންތިޚާބަކަށް ކުރިޔަށް އޮތް 5 އަހަރުވެސް ވޯޓު ކަށަވަރު ކުރަން މިބަޔަކު ބޭނުން ގޮތްތައް އެބަ ހަދައިދޭ. މިއީ ސަރުކާރު އިހުމާލުވާ ހިސާބް. ދިވެހިން ހޭލަމާ؟ މި އީ ވަރަށް އާދޭސް.
ޙިނި
18 September 2019
ޢަ މިއްލަ ކުންފުނިތައް މަސްވިއްކައިގެން މުއްސަންދިވަނީ، ސަރުކާރު ސިޔާސީ ކުންފުނިތައް މަސްވިއްކައިގެން ބިކާރީވަނީ، މިވެސް ހަ މަ ލޮޖިކަލްތޯ
ށ.އަތޮޅު މީހާ
18 September 2019
ފުރަތަމަ ކުރަންވީ ކަމަކީ ޠަބީޢީ އަގުގަ މަސް ގަންނަންވީ. ދުނިޔޭގެ ބާޒާރުގަ އެވަގުތަކު އަގު ހުރި މިންވަރަކަށް ބަލާ ފައިދާވާނެ އަގަށް މަސް ގަންނަންވީ. މަސްވެރިން ރުޅިއަޔަސް ހަގީގަތާ ކުރިމަތިލާންވީ. ނޫނީ މިފްކޯގެ ސަބަބުން އެސްޓީއޯ ބަގުރޫޓް ވާތަން އަންނާނީ.
ބޮޑުމީހާ
18 September 2019
ރާއްޖޭގެ ލޭނާރުކަމުގައިވާ މަސްވެރިކަން ކުރިނާރަންވީ ސަބަބެއްނެތް. ބޮޑެތި ލޯނުނަގައިގެން ނަމަވެސް ވަގުތުން ވަގުތަށް ހައްލުކުރަން އޮތް މައްސަލައެއް ތީ.
ދޭސީ
18 September 2019
ގެއްލުން ވިޔަސް ހެޔޮތާ އަމްރުމެންގެ މުސާރަ އުޅޭނީ ލައްކަޔަކައްވުރެ މަތީގަ
ވަހިއްޓޭ
18 September 2019
މީނަ އަތަށް މައިކެއް ދީފިޔާ އަބަދުވެެސް ދައްކާނީ ގެއްލުންވާ ވާހަކަ. ތިކަން ނުވަންޏާ ބަހަނާ ނުދައްކަ ގެޔަށް ދާންވީނުން ދޯ
ނަޖުދާ
18 September 2019
މިފްކޯގެ ހާލަތު ބަދަލުކުރަން ބޭނުންނަމަ އަދިވެސް ތިޔަ ކުންފުނި ކޮޅަށްޖަހަން ގެންގުޅޭ ތަސައްވަރު ރަނގަޅެއްނޫން. އޮޕަރޭޓިން ކޮސްޓު ބޮޑުކޮން އަދިވެސް ޕްލޭން ތި އޮތީ! އުތުރާއި، ދެކުނުގައި މިފްކޯގެ 150 ޓަނު މަސް ދުވާލަކަށް ޕްރޮސެސް ކުރެވޭ ވަރުގެ 2 ޕްލާންޓު ތަރައްގީކުރަންވީ! އަދި 10 ވަރަކަށް ކެރިއޭޖް ބޭނުންކޮށްގެން މުޅި ރާއްޖެއަށް މިފްކޯ ރުކުރުވާލަންވީ! 100 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކުން މިކަން 2 އަހަރު ދުވަހުގެ ތެރޭގައި ކުރެވޭނެ!
ގިވް
18 September 2019
އެއްވެސް މައްސަލައެއްގެ ހައްލެއް އޮންނަހެން ހީނުވޭ ވާހަކަ ހުންނަ ގޮތުން. އެއްވެސް ކަހަލަ އުފެންދުންތެރި އައިޑިއާއެއްވެސް ހުރިހެންނެއް ހިއެއްނުވޭ. ފައިދާނުވެގެން އުޅޭ އެހެން ސަބަބުތަކުގެ ވާހަކަ ނުދައްކަނީހެން ބޮޑަށް ހީވަނީ. ކަމެއް ބަދަލުވާނެހެން ހީނުވޭ. ހުސް ނާއުއްމީދުގެ ބަސްތައް ބޭރުކުރަނީ ކޮންމެ ކަމެއްގަ ދައްކާ ވާހަކައިން.
ގުމްރީ
18 September 2019
ތިތަނަށް ރައްޔިތުންއަތުން ނަގާ ޓެކް ފައިސާ ޚަރަދުކުރުމުގެ ބަދަލު ޕްރައިވެޓައިޒްކޮށް ތިޔަތަން ވިެްކާލަންވީ
ހުވަދޫ ޑޮކް
18 September 2019
ކުރީ ސަރުކާރު ނިމިދިޔަ އިރު ބަނގުރޫޓް ވާހިސާބްގައި އެސްޓީއޯ އޮތްވާހަކަ އަދި، މިފްކޯއަށް ބިލިއަނުން ގެއްލުންވި ވާހަކަ ދެކެވުނު!! މި ސަރުކާރުގައި ފުރަތަމަ ކުއާޓަރގައި އެސްޓީއޯއަށް ރެކޯޑް މިންވަރަކަށް ފައިދާވި ވާހަކަ ތިލަވެ، މިއަދު ބިލިއަނުން ގެއްލުންވި މިފްކޯ ފައިދާވާނެ ކުންފުންޏަކަށް އިސާހިތަކު ވެގެންދާނެ ވާހަކަ ވިދާލުވުމުން، .... ކުރިންދެއްކެވި ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއްތޯ... ނޫނީ މިފަދަ " ވަރުގަދަ ފައިދާ" ވާހަކަ މީ ކިހިނެއްވާ ކަމެއްބާ!