އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް.
21 ސެޕްޓެމްބަރ 2016 - 13:16
ވޮޝިންޓަން (ސެޕްޓެމްބަރު 21) - ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް ވެސް ވޯޓު ދެއްވާނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަން އަށް ކަމަށް ވިދާޅުވި އެވެ.
އަމިއްލަ ޕާޓީގެ ކެންޑިޑޭޓުގެ ބަދަލުގައި އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް އެމެރިކާގެ 41 ވަނަ ރައީސް އިޚްތިޔާރު ކުރެއްވިކަން ހާމަކުރެއްވީ ގާތް ބައެއް ބޭފުޅުން މެދުވެރި ކުރައްވަ އެވެ. ޕޮއިންޓް އޮފް ލައިޓް ފައުންޑޭޝަނުގެ ބޯޑު މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ރޮބާޓް އެފް. ކެނެޑީގެ ދަރިކަނބަލުން ކެތުލީން ހާޓިންޓަން ކެނެޑީ އަރިހު ބުޝް ވަނީ ހިލަރީ އަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަނާ ވަނީ ފޭސްބުކް މެދުވެރި ކުރައްވާ މިކަން އިއުލާން ކުރައްވައިފަ އެވެ.
އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ޖޯޖް ބުޝް (ކ) އާއި ބިލް ކްލިންޓަން (ވ) އަދި ހިލަރީ ކްލިންޓަން. --ފޮޓޯ:އޭއެފްޕީ
ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭން މެނޭޖަރު ވިދާޅުވީ 92 އަހަރުގެ ކުރީގެ ރައީސްގެ ނިންމުމަށް އިހްތިރާމް ކުރައްވާ ކަމަށެވެ.
ބުޝްގެ އޮފީހުން އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.
ޓްރަމްޕަށް ވޯޓު ދިނުމަށް ރިޕަބްލިކަން ޕާޓީގެ ކުރީގެ ކެންޑިޑޭޓުން ކަމަށްވާ މިޓް ރޮމްނީ، ޖޯން މެކް ކޭން ވެސް ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އަދި ޖޯޖް ބުޝްގެ ވަޒީރުންގެ ތެރޭން ގިނަ ބަޔަކު ވެސް ވަނީ ހިލަރީ އަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ބުޝްގެ ދަރިކަލުން އަދި ޕްރައިމަރީގައި ޓްރަމްޕާ ވާދަކުރެއްވި ޖެބް ބުޝް ވަނީ ހިލަރީ ނުވަތަ ޓްރަމްޕަށް ވެސް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާގެ ކުރީގެ ދެ ރައީސުން ކަމަށްވާ ޖޯޖް ބުޝް އަދި ބިލް ކްލިންޓަން.
އެމެރިކާގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރޭން މިހާރު ދުނިޔޭގައި ތިއްބެވި ރައީސުންގެ ތެރޭން ހަތަރު ބޭފުޅުން ވަނީ ހިލަރީ އަށް ތާއީދު ކުރައްވަން ނިންމަވައިފަ އެވެ. ހިލަރީ އަށް ވޯޓު ދެއްވާނެކަން ވިދާޅުވެފައި ނުވަނީ ބުޝްގެ ދަރިކަލުން ޑަބްލިއު. ބުޝް އެވެ.
ހިލަރީގެ ފިރިކަލުން ބިލް ކްލިންޓަން ވެރިކަމަށް ވަޑައިގެންނެވީ 1992 ވަނަ އަހަރުގެ އިންތިޚާބުގައި ބުޝް ބަލި ކުރައްވައިފަ އެވެ. ކްލިންޓަނުގެ ދެ ދައުރުގެ ވެރިކަމަށް ފަހު ދެން ވެރިކަމަށް ވަޑައިގެންނެވީ ބުޝްގެ ދަރިކަލުން ޑަބްލިއު. ބުޝް އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް އާއި އަނބިކަނބަލުން ބާބަރާ.
ވެރިކަމުގެ ދައުރަށް ފަހު ކްލިންޓަނާއި ބުޝްގެ އާއިލާއާ ވަނީ ގުޅުން ބޮޑުވެފަ އެވެ. ޖޯޖް ބުޝް އަދި ޑަބްލިއު. ބުޝްއާ އެކު ކްލިންޓަން ވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރުމުގައި ބައިވެރިވެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވިސްނާލީމާ
21 September 2016
ކަމަނާއަށް ތާއީދު! އެމެރިކާގެ ފުރަތަމަ އަންހެންރައީސާ މިހާރުވެސް ހަމަ ފެންނަފަދަ! އިރާދަކުރެއްވިއްޔާ ކަމަނާއަށް ތިކަންވާނެ! އެކަމަކު ކަމަނާ ވެރިކަމަށް ހޮވުނަސް، މުސްލިމުންނާ ޖައްސާލައިގެން އިޒްރޭލާ މާބޮޑު ގުޅުންތަކެއް ނުބާއްވާތި! ކަމަނާގެ ވިސްނުން އިޒްރޭލްކޮޅަށް ބުރަވާ ދުވަހަކީ ކަމަނާގެ ވެރިކަން ވެއްޓޭތޯ ހެޔޮހިތުން ދުއާކުރަންފަށާނޭ ދުވަސް! -އިބްރާހީމް-
ޝަރަފް
21 September 2016
އެމެރިކާގައި ވެރިކަން "ކުރެއްވި" (ފޯމަރ) ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ ހަތަރު ބޭފުޅުން. ޖިމީ ކާޓަރ، ޖޯޖް އެޗް.ޑަބްލިޔޫ ބުޝް، ބިލް ކްލިންޓަން އަދި ޖޯޖް ޑަބްލިޔޫ ބުޝް. ބަރަކް އޮބާމާ އަދި ފޯމަރ ޕްރެޒިޑެންޓަކަށް ނުވޭ