ކުޅިވަރު

އީގަލްސް އޮތީ ގޯސް ހިސާބެއްގައެއް ނޫން: މޯހަން

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މޯހަން ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

24 ސެޕްޓެމްބަރ 2019 - 11:02

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް އީގަލްސް އިން ކުޅުނު ބައެއް މެޗުތަކުގައި ބޭނުންވި ނަތީޖާތަކެއް ނެރެވިފައިނުވި ނަމަވެސް އެ ޓީމު އޮތީ ގޯސް ހިސާބެއްގައި ނޫން ކަމަށް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ލީގުގެ އިއްޔެގެ މެޗުތަކުގެ ނަތީޖާ އަށް ފަހު އީގަލްސް މި ވަގުތު އޮތީ ހަތް މެޗުން 13 ޕޮއިންޓާ އެކު ލީގުގެ ތިން ވަނައިގަ އެވެ. މިރޭ ދަ ގްރާންޑޭ އަތުން މޮޅުވެގެން އީގަލްސް އަށް ދެ ވަނަ އަށް އެރޭނެ އެވެ. މޯހަން ބުނީ ލީގުގެ ރަނގަޅު ހިސާބަކަށް ދާން ބަލާއިރު އަދިވެސް އެ ޓީމު އޮތީ ރަނގަޅު ހިސާބެއްގައި ކަމަށެވެ.

"އަދިވެސް ގޯސް ހިސާބެއްގައެއް ނޫން މި އޮތީ. ކުޅެން ޖެހޭ މެޗުން މޮޅުވެއްޖިއްޔާ އަޅުގަނޑަށް ހީވަނީ ދެ ވަނައިގައި ނިންމާލެވޭނެހެން މި ބުރު. ދެން އަދި ދެ ބުރު އެބައޮތް. (ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ) ހަތަރު ޕޮއިންޓެއް ވަރު މޮޅުވެއްޖިއްޔާ ތަފާތު އިންނާނީ. މި މެޗު ނެގުން މުހިއްމު ކަމަކީ،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުންޏެވެ.

ލީގުގައި އީގަލްސް އެންމެ ފަހުން ކުޅުނު މެޗުގައި ބޮޑު ލީޑެއްގައި އޮއްވައި ޔުނައިޓެޑް ވިކްޓްރީން ވަނީ ފަހަތުން އަރައި 4-4 އިން އެއްވަރުކޮށްފަ އެވެ. މޯހަން ބުނީ އެ މެޗުގައި ހެދުނު ގޯސްތަކާ ބެހޭގޮތުން ކުޅުންތެރިންނާ ވާހަކަ ދައްކާފައިވާނެ ކަމަށާއި މި ސީޒަނުގައި އީގަލްސް އަށް އަދި ކްލީންޝީޓެއް ވެސް ނުލިބި އޮތުމަކީ އޮތް އުނދަގޫކަމެއް ކަމަށެވެ.

"ވަރަށް ރަނގަޅަށް ޓީމު ކުޅޭ އެޓޭކިންގައި ވަރަށް ރަނގަޅު. ރީތި ފުޓްބޯޅައެއް ކުޅެ ވަރަށް ގިނަ ފުރުސަތު ތަނަވަސްކުރޭ. މައްސަލަ އަކަށް ދިމާވަނީ ބައިކޮޅަށް އަންނަ މަދު ބޯޅައެއް ކޮޅަށް ވަންނާތީ. ޖުމްލަކޮށް މި ސީޒަނުގައި މި ދަނީ ވެސް އެހެން. ސްޓައިލް ބަދަލެއް ނުކުރާނަން. މި އަންނަ ބޯޅަތައް ތަންކޮޅެއް ރަނގަޅަށް ޑިފެންސްކުރެވޭތޯ ނޫނީ އަންނަ ބޯޅަތައް މަދުކުރެވޭތޯ އެ މަސައްކަތް ކުރަންވީ. އެހެންވީމަ ޑިފެންސްގައި ބޯޅަ ގެއްލުނީމަ އެ ކުރާ މަސައްކަތް ފުރިހަމަ ކޮށްލެވޭތޯ ބަލާނީ،" މޯހަން ބުންޏެވެ.

އޭނާ ބުނީ މެޗު ތެރެއިން ބޮޑު ލީޑެއް ލިބުމުން ކުޅުންތެރިންނަށް ފަސޭހަކޮށްލެވުމުގައި ބައިވަރު ސަބަބުތަކެއް އެބަހުރި ކަމަށާއި އޭގެތެރެއިން އެއް ކަމަކީ ކުޅުންތެރިންނަށް ބޭނުންވާ ސަޕޯޓަރުންގެ އެހީ މެޗުގެ މާހައުލުން ފެންނަން ނެތުން ކަމަށެވެ.

"ބޮޑު ތަފާތެއް އައީމަ ރިލެކްސް ކުރެވުމުގެ ބައި ވެސް އަންނާނެ. ނުކުރާށޭ ބުންޏަސް އާދޭ ފަސޭހަކޮށްލެވޭ ތަންކޮޅު. މިކަން ދިމާވާ އެންމެ ބޮޑު މައްސަލަ މި އަންނަނީ ކުޅި ބެލުންތެރިން ނެތުމުން އެ އަންނަ ކަންތައް. މާޔޫސްކަމާއި ރިލެކްސް ކޮށްލުމުގެ ބައި. އެކަން ރަނގަޅު ކުރުން މި އަންނަނީ ސަޕޯޓުން،" ކުރިން ނިއު ރޭޑިއަންޓާއި ވެލެންސިއާގެ އިތުރުން މަހިބަދޫ އާއި ކުޑަހުވަދޫ އަށް ވެސް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދިން މޯހަން ބުންޏެވެ.

މޯހަން ބުނީ ދަ ގްރާންޑޭ އަކީ ތަޖުރިބާކާރު ކޯޗަކާ އެކީ އެކުލާވާލާފައިވާ ރަނގަޅު ސްކޮޑެއް އޮތް ޓީމެއް ކަމަށާއި އެހެންކަމުން އެ ޓީމާ ދެކޮޅަށް ކުޅޭއިރު ފަސޭހަވާނެ ކަމަށް ދެކެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

"އެހެން ހާލަކުން ފަހަރަކު މެޗެއްގައި އެހާ ރަނގަޅު ނުވި ކަމުގައި ވިޔަސް ހަގީގަތަށް ދަންނަވަންޏާ އަޅުގަނޑުމެން ލެވެލްގައި އޮތް ވަރުގެ ޓީމެއް އެއީ. ވަރަށް ވިސްނުންތެރިކަމާ އެކީގައި މަސައްކަތް ކޮށްގެން ނޫނީ ކާމިޔާބުކުރުން ފަސޭހަކަމަކަށް ނުވާނެ،" މޯހަން ބުންޏެވެ.

މި ފަހަރުގެ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރަމުން އަންނަ ދަ ގްރާންޑޭ އަށް ވެސް މި މެޗުން މޮޅުވެގެން ދެ ވަނައިގައި ފުރަތަމަ ބުރު ނިންމާލުމުގެ ފުރުސަތު އެބައޮތެވެ. މި ވަގުތު ހަތް މެޗުން 13 ޕޮއިންޓް ހޯދައިގެން ދަ ގްރާންޑޭ ލީގުގެ ފަސް ވަނައިގައި އޮތްއިރު، އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ އީގަލްސް ކައިރީގައި ނަތީޖާއެއް ނެރޭނަމަ ވަރަށް ރަނގަޅު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށާއި ފަހަތުން ހެދޭ ގޯސްތައް ރަނގަޅުކޮށްގެން މޮޅުވެވޭނެ ކަމަށެވެ.

ދަ ގްރާންޑޭ އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454