ޒޯން އެކެއްގެ ތަށި ހޯދި ބަނޑޮސް ޓީމު އުފާފާޅުކުރަނީ.-- ފޮޓޯ: ބަނޑޮސް ވޮލީ ޓީމު/ ފޭސްބުކް
24 ސެޕްޓެމްބަރ 2019 - 11:06
އާލާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން އެކެއްގެ ޗެމްޕިއަންކަން މިދިޔަ އަހަރުގެ ވެސް ތަށި އުފުލާލީ ބަނޑޮސް މޯލްޑިވްސް ޓީމުން ހޯދައިފި އެވެ.
އިއްޔެ ބަނޑޮސް ވޮލީ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ވަން އެންޑް އޮންލީ ރީތި ރަށާއި ވާދަކޮށް ބަނޑޮސް ޓީމު މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ބަނޑޮހުން ގެންދިޔައީ 25-22 އާއި 25-23 އިންނެވެ. ތިން ވަނަ ސެޓު 15-25 އިން ގެނެސް ވަން އެންޑް އޮންލީ އިން މެޗުގެ ތެރެއަށް އެނބުރި އައި ނަމަވެސް ހަތަރު ވަނަ ސެޓު 25-20 އިން ގެންގޮސް ބަނޑޮސް ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަނޑޮހަށް ކުޅޭ ގައުމީ ވޮލީ ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ. ހަތަރު ޓީމު ވާދަކުރި މި ޒޯނު އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބަނޑޮހުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) އެވެ. މި ފަހަރުގެ މުބާރާތުގައި ބަނޑޮސް ޓީމު ވަރުގަދަ ކުރިއިރު، މިދިޔަ އަހަރު ވޮލީން ރިޓަޔާކުރި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ސެޓަރު އިޝާން މުހައްމަދު (ބަޓިސް) ވެސް ޓީމުގައި ހިމެނެ އެވެ. މި މުބާރާތުގައި ބަނޑޮހުން ކުޅުނު ގިނަ މެޗުތަކުގައި ބަޓިސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ވޮލީބޯޅަ މުބާރާތަކީ ރިސޯޓް މުބާރާތެވެ. ޒޯންތަކެއްގެ މެދުގައި މުބާރާތް ކުޅުމަށް ފަހު ހުރިހާ ޗެމްޕިއަން ޓީމުތަކެއް ކުޅޭނީ ޒޯން ޗެމްޕިއަންސް ލީގުގަ އެވެ. މި ފަހަރުގެ އިންޓަ ރިސޯޓްގެ ކަންތައްތައް ބެލެހެއްޓުމުގެ ގޮތުން ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ ފަރާތުން ވަނީ ފަސް މެމްބަރުންގެ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ވީއޭއެމްގެ ކުރީގެ ސީނިއާ ނައިބު ރައީސް އަދި ކުޅުންތެރިޔާ މުހައްމަދު ރަނޭޝް (ރަނޭ)، ފަތުހުﷲ ވަހީދު (ފައްލޯ)، އަބްދުﷲ ރަޝީދު، އަހުމަދު ނަޝީދު އަދި އަބްދުލް ސަލާމް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުުﷲ ނަޝީސް
25 September 2019
އެނަމެ ދެމަގާމުތަ ހޮވީ ތިއޮށްބިޔަބޮޑު މުބާރާތުގަ؟؟؟