ތިލަފުށީގައި ހުރި ކުންޏާއި މާލޭގެ އެންމެ އުސް އިމާރާތް ދަރުމަވަންތަ ހޮސްޕިޓަލް އަޅާކިޔައި، ވެމްކޯއިން ތައްޔާރު ކޮށްފައިވާ ފޮޓޯއެއް
28 ސެޕްޓެމްބަރ 2019 - 08:43
މާލެ އާއި ކައިރި ރިސޯޓުތަކުން އުކާލާ ކުނީގެ މިންވަރު އަންދާޒާކޮށްލެވޭ ހެއްޔެވެ؟
ވޭސްޓް މެނޭޖްމެންޓް ކޮމްޕެނީ (ވެމްކޯ)އިން މިވަނީ ވަރަށް ފަސޭހައިން އެކަން ވަޒަންކޮށްލެވޭނެ ގޮތް ހަދާފަ އެވެ. ވެމްކޯއިން ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯއަކުން ފެންނަ ގޮތުގައި ތިލަފުއްޓަށް އުކާލަން ގެންގޮސްފައިވާ ކުނިތައް އެއް ފުންޏަކަށް ޖަހައިފި ނަމަ މާލޭގައި ހުރި އެންމެ އުސް އިމާރާތް ކަމަށްވާ، ދަރުމަވަންތަ ހޮސްޕިޓަލަށް ވުރެ ހަތް ގުނަ އުސް ވާނެ އެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަނީ 300 ފޫޓެވެ. ތިލަފުށީގައި ހުރި ކުނިތައް ފުންޏަކަށް ޖަހައިފި ނަމަ، އުސްމިން 2،100 ފޫޓަށް އަރާނެ ކަމަށް ލަފާކުރެ ވެ.
ކޮމްޕިއުޓަރުން ހަދާފައިވާ މި ފޮޓޯއިން ފެންނަ ކުނީގެ ފަރުބަދަ އެހާ ވެސް ބިޔަ އެވެ.
ތިލަފުށީގައި އަންދާ ކުނިން ދުން އަރަނީ
"މިއީ ހަމަ ކުނީގެ ފަރުބަދައެއް. ކޮންމެ ދުވަހަކު ވެސް ނުކަތާ ވަރަށް ކުނި އުފެދެމުން އެބަ ދޭ،" ވެމްކޯގެ މާކެޓިން އަދި ބިޒްނަސް ޑިވެލޮޕްމެންޓްގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އުބައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލާ އަޅާބަލާފައި އެ ފަދަ ފޮޓޯއެއް ތައްޔާރުކުރީ މާލެ ސަރަހައްދުން ތިލަފުއްޓަށް އުކާލަން ގެންދާ ކުނީގެ ނިސްބަތް އަންދާޒާކޮށްލުމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލް އުސްވެގެން ވާހަކަ ދައްކާ ނަމަ، އަހަރުމެން އުކާލާ ކުނީގެ މިންވަރު އަންގައިދިނުމަށެވެ.
ތިލަފުށީގައި ހުރި ކުނީގެ މިންވަރު މިހާރު އަންދާޒާ ކޮށްލެވިއްޖެ އެވެ. ދެން އަމިއްލަ ގެއިން ކޮންމެ ދުވަހަކު ނެރޭ ކުނީގެ މިންވަރު ބަލައިލާށެވެ.
އުބައިދު ވިދާޅުވި ގޮތުގައި މާލޭގައި ކޮންމެ ގެއަކުން، ކޮންމެ ދުވަހަކު ވެސް ދެތިން ކޮތަޅު ކުނި އުކާލަ އެވެ. މާލެ ފަދަ ބޮޑެތި ރަށްރަށުން ބޮލަކަށް 3.2 ކިލޯގެ ކުނި އުކާލާ އިރު ރަށްރަށުގައި އެ ނިސްބަތް އުޅެނީ 1.1 ކިލޯގަ އެވެ. ވެމްކޯ އިން މި ހިސާބު ޖަހާފައިވަނީ ކޮންމެ ދުވަހަކު ގެތަކުން އުކާލާ ކުނީގެ މިންވަރަށް ބަލައިގެންނެވެ.
މިއީ ރާއްޖެ ފަދަ ގައުމަކަށް ބަލާއިރު ވަރަށް ގިނަ މިންވަރެކެވެ.
ވެމްކޯގެ މުވައްޒަފުންތަކެއް މާލޭގެ ގެތަކުން ކުނި ނެރެ އުކާލަނީ
އުބައިދު ވިދާޅުވީ އެހާ ގިނައިން ކުނި އުފެދެނީ، ރާއްޖޭގައި ތަކެތި އިމްޕޯޓް ކުރާ މިންވަރު މަތިވުމުން ކަމަށެވެ. އެކަމަކު އިމްޕޯޓު ކުރާ މިންވަރު ވެސް ވަކި މިންގަނޑެއްގައި ބެހެއްޓިއްޖެ ނަމަ، އެ އަދަދު އެހާ ގިނަ ނުވާނެ ކަމަށް ވިދާޅުވި އެވެ.
ގެތަކުން ބޭރު ކުރާ ކުންޏަށް ބަލާއިރު އެންމެ ގިނައީ އޯގަނިކް ވޭސްޓް ނުވަތަ ކާއެއްޗެއްސެވެ. އެކަމަކު ވޮލިއުމަށް ބަލާ ނަމަ، އެންމެ ގިނައީ ޕްލާސްޓިކެވެ. މިއީ ކުނި ނައްތާލުމުގައި ވަރަށް ބޮޑު ގޮންޖެހުމެއްކަން ވެމްކޯއިން ފާހަގަކުރެ އެވެ. ނަމަވެސް ޕްލާސްޓިކް އެންދުން ހުއްޓާލަން އެ ކުންފުނިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
"މިހާރު"އަށް ކުރިން ދިން އިންޓަވިއުއެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ޕްލާސްޓިކް އެންދުމަކީ ނުރައްކާތެރި ވިހަ ގޭސްތައް ޖައްވަށް ދާ ކަމެއް ކަމަށެވެ. އެކަމަކު މިދިޔަ 20 އަހަރުގެ ތެރޭގައި ވެސް ޕްލާސްޓިކް އެންދުން ރާއްޖޭގައި އޮތް ކަމަށާއި މިހާރު ވެމްކޯގެ އަމާޒަކީ މި އަހަރުގެ ތެރޭގައި، ޕްލާސްޓިކް އެންދުން އެއްކޮށް ހުއްޓާލުން ކަމަށް އޭނާ ވިދާޅުވި އެވެ.
WAMCO is committed to leading the change in attitude towards waste management to reduce the amount of waste generated, and will continue to work for innovative ways to minimize our carbon footprint via our operations in the future.#ClimateActionNow
— WAMCO (@WAMCOmv) September 26, 2019
އާދަމް ވިދާޅުވީ ޕްލާސްޓިކަކީ ރީސައިކަލް ވެސް ކުރެވޭ އެއްޗެކެވެ. އެހެންވެ، ނައްތާލުމުގެ ބަދަލުގައި ޕްލާސްޓިކް ބޭނުން ކުރެވޭނެ ގޮތްތައް ދެނެގަނެ އެކަމަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ހޯދުމަށްޓަކައި ބޭރުގެ ފަރާތްތަކާ އެކު މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ވެމްކޯއިން ބުނިގޮތުގައި ތިލަފުށީގައި ހުރި ކުނީގެ "ފަރުބަދަ" އަންދައިގެން ދެން ތިރިއެއް ނުކުރެވޭނެ އެވެ. އެއީ ވަރަށް ޚަރަދު ވެސް ބޮޑު ކަމެކެވެ. އޭގެ ބަދަލުގައި ދެން އޮތް ގޮތަކީ ތިމާވެއްޓަށް އެއްވެސް ވަރަކަށް އަސަރު ނުކުރާ ގޮތަށް، ކުނިތައް "ކެޕް"ކޮށްލުމެވެ. އެއީ މަތިންނާއި ތިރިންނާއި ވަށައިގެން، ޕްލާސްޓިކް ފިލްމަކުން ކުނިތައް ބަންދުކޮށްލުމެވެ. އޭގެ ސަބަބުން ކުނީގެ ސަބަބުން އެއްވެސް އަސަރެއް ބޭރަށްކޮށް، އަލިފާން ރޯވުން ފަދަ ކަމެއް ނުވާނެ އެވެ.
ތިލަފުށީގައި މެޝިނުގެ އެހީގައި ކުނި އަންދައި އެއިން ކަރަންޓު އުފެއްދޭ އިންސިނެރޭޓާ ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު 2023 ވަނަ އަހަރު އެ މެޝިން ބޭނުން ކުރަން ފެށޭނެ އެވެ. އޭރުން ރައްކާކޮށްފައި ހުރި ކުނިތައް ވެސް އޭގެ އެހީގައި ނައްތާލެވޭނެ އެވެ.
މާލޭގެ ގެތަކުން ނެރޭ ކުނި ވެމްކޯގެ ދެ މުވައްޒަފަކު ޑަސްބިނުގައި ގެންދަނީ-- މިހާރު ފޮޓޯ
މެޝިންތައް ބެހެއްޓުމަށް ތިލަފުށިން 15 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިމިފަ އެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެ އަށް ދިން 168 މިލިއަން ޑޮލަރުގެ އެހީއާ އެކު ކުރިއަށްދާ މަޝްރޫއުގެ ދަށުން ތިލަފުށީގައި ގާއިމްކުރާ އިންސިނެރޭޓާއަކީ ދުވާލަކު 450 ޓަނުގެ ކުނި އެންދޭވަރުގެ ސިސްޓަމެކެވެ.
އިންސިނެރޭޓް ނުކުރެވޭ ކުނި މެނޭޖް ކުރާނެ ރީސައިކަލް ސެންޓަރެއް ވެސް ތިލަފުށީގައި ހެދުމަށް ވަނީ ނިންމާފަ އެވެ.
ވެމްކޯއިން ބުނީ ކުނިން ބަޔޯފިއުލް ވެސް ހެދިދާނެ ކަމަށާއި އެއީ ރާއްޖޭގައި ކުރެވިދާނެ ކަމެއްތޯ ބަލަން މިހާރު ޓެސްޓުތައް ހަދަމުން އަންނަ ކަމަށެވެ. އަދި އެކަން ކުރެވިއްޖެ ނަމަ، ވެމްކޯގެ އޮޕަރޭޝަންތަކަށް ބޭނުން ކުރާ ވެހިކަލްތަކަށް ވާވަރަށް ތެޔޮ އުފެއްދޭނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.
ކުރީގައި މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ ތިލަފުށީގައި އަންދާ ކުނިން އަރާ ދުމެވެ. ނަމަވެސް އެ ރަށުގައި މިހާރު ކުނި އެންދުން ހުއްޓާލާފައިވާއިރު، ދެން އިންތިޒާރު ކުރެވެނީ ފައިދާ ކުރަނިވި ގޮތެއްގައި ކުނި ނައްތާލެވޭނެ ދުވަހަކަށެވެ. އެކަމަކު ވެމްކޯގެ އެދުމަކީ އުކާލާ ކުނީގެ މިންވަރު އަދިވެސް މަދު ކުރުމެވެ. ކުނީގެ "ފަރުބަދަ" ކަނޑާލެވޭނީ ވެސް އޭރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންޓެލިޖެންސް
29 September 2019
މިކަހަލަ މުހިއްމު ރިޕޯޓަކަށް ކޮމެންޓް ލިބެންވާވަރަށްވުރެ މާ މަދު ލިބޭލެއް.މިހުންނަނީ ރިޕޯޓަކީ.
ސނފކލނ
28 September 2019
ވެމްކޯ އިން ޚިދުމަތް ދޭން ފެށި އިރު އޯގަނިކް ވޭސްޓް އެހެން ކުންނާ ވަކީން ބެހެއްޓުމަށް ރައްޔިތުންނަށް އަންގާދީ އަދި މި ކުނިން ގަސްކާނާ ހަދާ ވިއްކަން ހިޔާލު ކުރިނަމަ ވެމްކޯއަށް އާމްދަނީއެއްް ލިބި އަދި ރާއްޖެއިން ބޭރުން އެތެރެ ކުރާ ގަސްކާނާ އެތެރެ ނުކޮށް ވާނެ. ބޭރު ގައުމު ތަކުގަ ވެސް މިހާރު އޯގަނިކް ވޭސްޓް އަކީ ވަކީން ބަހައްޓަން ޖެހޭ އެއްޗެއް. އަދި ވެސް މި ސިސްޓަމް އަށް މުޅި ރާއްޖޭގެ ހުރިހާ ގޭބިސީތައް އަހުލުވެރި ކުރުވާ އެންމެން ވެގެން އަމަލު ކުރަމާ
ނީރާ
28 September 2019
މި ތަފާސް ހިސާބު ރަނގަޅުނޫންކަން ޔަޤީން. އަހަރެން ކުއްޔަށް ހިފައިގެން އުޅޭ އޕާޓްމަންޓުގަ 18 އަހަރުން މަތީގެ 8 މީހުން އުޅޭ. އަހަރެމެންގެ ގެއިން ދުވާލަކު 4 ކިލޯ ކުނި ނުހުންނަކަން ޔަޤީން.
ޏބބނނނ
28 September 2019
އޭގަ އެވަނީ އެވްރެޖްކޮށް. ކުންފުނިތަކާ އިންޑަސްޓްރީސް ލައިގެން.
ބަރުބާދު
28 September 2019
ކުނި ފަރުބަދައިގެ ވާހަކައެކަނިތޯ؟. ކޮބާތޯ ކުނިއުކާލުމައްޓަކާ ތިޔަނަންގަވާ ފައިސާ ފަރުބަދަ. ކޮންމެ ގޭބިސީއަކުން 150 ރުފިޔާ ގުނަކުރަންވީ ކިހާ ވަރަކާތޯ؟. 10 ބުރީގެ ގެއަކުން މަދުވެގެން 16 އަޕާޓްމެންޓް 150 ގުނަކުރަން 16 = 2400 މި ތޮއްޖެހިފައިވާ މަލެއިން ނަގާފައިސާވެސް ތިވަރުގެ ފަރުބަދައެއް ވާނެ.
އަހްމަދު
28 September 2019
ރައީސް ޔާމީނު ސަރުކާރާ ހަވާލުވިއިރު މާލޭގައި ކުނިފަރުބަދަތަކެއްހުރި. ސިޓިކައުންސިލެއްވެސްއޮވެ ހެދުނު ފަރުބަދަތަކެއް. އޭރަކު ތިވާހަކަ ދައްކާކަށް ނޭގުނު. ޔާމީނުގެ ދުރު ވިސްނުމުން ވެމްކޯއެއްހަދާ މުޅި މާލެއިން ކުނިހުސްކޮށް ފަސޭހަކަމާއެކު ކުނި އުކާލުމުގެ ނިޒާމެއް ހަމަޖައްސާފާ ތިއޮތީ. ޔާމީނަށްސާބަސް.
ކޮސްގޮވާއަހުމަދު
28 September 2019
ވެމްކޯއަކީ މާކުރިން ރައީސް ނަޝީދުގެ ސަރުކާރުގެ އުފަންކޮށްފަ އޮތް ހިޔާލެއް. ޔާމިން ހަމައެކަނި އެ އަހަށް އަރާ ދުއްވާލީ. މި ސަރުކާރުން ވެސް ކަންކުރާހެން
ނަން
28 September 2019
ހުރިހާ ދިމާލަކުން ސަރުކާރު ފެއިލް
އިގުތިސާދީ އައްޕަ
28 September 2019
ކުރިންދޯ..
ލަތީފު
28 September 2019
ހަސަން ލަތީފު ބުނި މިސަރުކާރުގައި ކުއްޏަކީ ކުއްޏެއްނޫނޭ ދެންކީއްވެ ކުނިމާގިނަވެގެންތިއުޅެނީ ނޫ އިގުތިސޯދު ވާވާ ބަޖެޓު ދަވާލީ...
މަގުފުޅާޓިނު
29 September 2019
ކުރީސަރުކާރުގަ ރައްޔިތުންގެ ތިޖޫރި ހުރިތާ ހުރީ ވަޅުގަނޑެއް، މިވެރިކަމުގަ އަދި ވަޅުގަނޑެއް ނުހެދެ، ތިޖޫރިވެސް އަދި އެބަހުރި، ފަހުންވާނެ ގޮތެއް ނޭގެ.......
ދެންކޮންތާކަށް
28 September 2019
މިހާރު ދުނިޔޭގަ ނެތް ކުނިއެޅޭނެ ރަގަޅު ތަންތަނެއް. ކަނޑަށް އެޅުމުން އެތަނުގެ ދިރުންތައް ހަލާކުވަނީ. އެއްފަސް ތަނަކަށް އެޅުމުން އެކަން މައްސަލައަކަށްވަނީ. އެންދުމުން ވައި ވިހަވަނީ. ދެން އޮތީ ކުނިކެޕްތައް އެންމެ ބޭރު ޖައްވަށް ފޮނުވުން. މިގައުމާ އެންމެ ކައިރިން ޖައްވީ މަސައްކަތުގަ އެންމެ ކުރީގަ އުޅޭ އިންޑިއާގަ ބުނަންވީނު ޖައްވަށް ކުނިތައް ފޮނުވަން އެހީވެދޭން. ދުނިޔޭގެ ހުރިހާ ފަށަލަތައް ފޫއަޅުވާލައި އެންމެ ބޭރަށް ފޮނުވާލީމަ ފްލޯޓްވަމުން ގޮއްސާނެ.
ދޮންހިޔަލަ
28 September 2019
ރާއްޖޭގަ ޕްލާސްޓިކް ރިސައިކްލިންގ ޕްލާންޓެއް ހުޅުވަންވީ. އޭރަށް ކުނިން އާމްދަނީ ލިބޭނެ ގޮތެއްވާނެ. ދެން ޕްލާސްޓިކް ފެންފުޅި ގަތުމުގެ ބަދަލުގައި ފެން ފިލްޓަރ ކުރާ ފިލްޓަރއެއް ހަރުކުރޭ. ސަރުކާރުން މިކަން މަޖުބޫރުކުރަންޖެހޭ އެބަ. އެހެންނޫނީ މިވެސް ގިނަވެގެންދާނެ.
ދޮންމާމަ
28 September 2019
ސަރުކާރުން އިސްނަގައިގެން ގޭގޭގައި އާރް އޯ ކުދި މެޝިން ތަކެއް ބެހެއްޓޭނެ ގޮތްތަކެއް ހަމަޖެހިއްޖެނަމަ ޢާންމުން އަތުން ބޯފެނަށްދާ ޚަރަދު ސަލާމަތްވެ، ގައުމުން ޕްލާސްޓިކް ފުޅި މަދުވެ، މަގުމަތީ ފެން ޑެލިވަރީ ކުރާ ޕިކަޕްތަށް މަދުވީ.
އަނބިމީހާގެފިރިމީހާގެކާފަ
28 September 2019
މީ މަމެން ކުޑައިރުނަމަ މިހާރު އޮންނަނީ ތިޔަ ޓަވަރުމައްޗަށް އަރާ.