ލަންކާ ސިފައިންގެ ވެރިޔާގެ މަގާމަށް ހަމަޖެއްސި ސިލްވާ އަކީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާ މީހެއް ކަމަށް އދ. އިން ބުނޭ. --ފޮޓޯ:ރޮއިޓާސް
26 ސެޕްޓެމްބަރ 2019 - 12:09
ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 26) - އދ.ގެ ސުލްހަ ބަލަހައްޓާ ލަޝްކަރުތަކުގައި ސްރީ ލަންކާ ސިފައިން ބައިވެރި ނުކުރަން ނިންމައިފި އެވެ.
އދ. އިން މި ގޮތަށް ނިންމާފައި ވަނީ ސްރީ ލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ޖެނެރަލަކު ސިފައިންގެ އިސްވެރިޔާގެ މަގާމަށް ހަމަޖެއްސުމުންނެވެ. ޝަވެންދުރަ ސިލްވާ، 55، ސިފައިންގެ ވެރިޔާގެ މަގާމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ހަމަޖެއްސެވީ މިދިޔަ އޮގަސްޓް މަހު އެވެ.
"ލެފްޓިނެންޓް ޖެނެރަލް ޝަވެންދުރަ ސިލްވާ ސިފައިންގެ ވެރިޔާގެ މަގާމަށް ހަމަޖެއްސުމުން އެކަމުގެ ކަންބޮޑުވުން ސްރީ ލަންކާ ސަރުކާރަށް ވާނީ ހުށަހަޅާފައި،" އދ.ގެ ތަރުޖަމާން ފަރުހާން ހައްގު ވިދާޅުވި އެވެ. "ޝަވެންދުރަ ސިލްވާ ހަމަޖެއްސުމާ އެކު އދ.ގެ ޑިޕާޓްމަންޓް އޮފް ޕީސް އޮޕަރޭޝަންތަކުން ލަންކާ ސިފައިންނަށް ވަނީ ފުރުސަތު ބަންދުކޮށްފައި."
ޓައިގަރުންނާ ދެކޮޅަށް ކުރި ލަންކާގެ 37 އަހަރުވީ ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް ގެނައިރު ހަނގުރާމައިގައި އެއްލައްކަ މީހުން މަރުވެފައިވާ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭން 40،000 މީހުން މަރުވީ ހަނގުރާމައިގެ އެންމެ ފަހު ދުވަސްތަކުގައި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy