ޖަލަށް ވެއްދުން މަނާ ތަކެތި ހުއްޓުވުމާ ގުޅޭ ގޮތުން މާފުށީ ޖަލުގައި ކުރިއަށްދާ މަސައްކަތު ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން (ކ.2) ބައިވެރިވަޑައިގަންނަނީ -- ފޮޓޯ: ހޯމް މިނިސްޓްރީ
03 އޮކްޓޯބަރ 2019 - 14:23
ޖަލުތަކަށް ވެއްދުން މަނާ ތަކެތި ޖަލަށް ވެއްދުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އޮފިސަރުން ބައިވެރިވާ ނަމަ އެއީ އެކަމަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޖަލަށް ވެއްދުން މަނާ ތަކެތި އެތަނަށް ވެއްދުން ހުއްޓުވުމާ ގުޅޭ ގޮތުން މާފުށީ ޖަލުގައި ކުރިއަށް ދާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ އެފަދަ ތަކެތި ވެއްދުމުގައި ކަރެކްޝަނަލް އޮފިސަރުން ބައިވެރިވުމަކީ ޓޮލަރޭޓް ކުރައްވާނެ ކަމެއް ވެސް ނޫން ކަމަށެވެ. އަދި އެއީ އެމްސީއެސްގައި މަސައްކަތްކުރަން އެކަށީގެންވާ މީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ޖަލަށް މަނާ ތަކެތި ވެއްދުމަކީ އާންމު ކަމެކެވެ. ދޭތެރެދޭތެރެއިން ބައެއް އެއްޗެހި އަތުލިޔަސް، ޖަލުގައި ބޭނުންކުރުން މަނާ ތަކެތި ގައިދީން އަބަދުވެސް ގެންގުޅެ އެވެ. އެކަމުގައި ކޮރެކްޝަނަލް ސާވިސްގެ މުވައްޒަފުން ބައިވެރިވާ ކަމަށް، ކުރިންސުރެ ތުހުމަތުކުރެ އެވެ.
"ޖަލުތަކަށް ގާނޫނީ ގޮތުން ވެއްދުން މަނާ އެއްޗެއް ވެއްދުމުގައި އޮފިސަރަކު ބައިވެރިވެއްޖެ ނަމަ، އެއީ ކަރެކްޝަން ސާވިސްގެ އޮފިސަރެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަނުވަނީ. އެފަދަ ކަމެއް ސާބިތުވެއްޖެ އޮފިސަރަކު މި މުއައްސަސާގައި ހުރުމަކީ އަޅުގަނޑު ގަބޫލުކުރާނެ ކަމެއް ނޫން،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެސް ޖަލަށް ވެއްދުން މަނާ ތަކެތި ވެއްދުމެވެ. އަދި އެކަމުގައި އޮފިސަރުން ބައިވެރިވާކަމަށް ކުރެވޭ ތުހުމަތުތަކަށް އިޝާރަތްކުރައްވާ ވިދާޅުވީ "މުއައްސަސާގެ އަގު ހިފަހައްޓަން ޖެހޭނީ މުއައްސަސާގެ މުއައްޒަފުން" ކަމަށެވެ.
"އަޅުގަނޑުމެން ކަރެކްޝަން ސާވިސްގެ ހައިބަތާއި ރައްޔިތުން ކުރިމަތީގައި އޮންނަން ޖެހޭ އިހުތިރާމާއި ގަދަރާއި، އިއްޒަތް ހިފަހައްޓާނީ އަޅުގަނޑުމެން އަމިއްލައަށް،" އިމްރާން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ މަނާ ތަކެތި ޖަލަށް ވެއްދުން ހުއްޓުވަން ރަނގަޅު ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުހައިލް
03 October 2019
އިމްރާން ޖަލުގައި ފޯނު ބޭނުން ކުރި އިރު އޯކޭ. ދެއަނަގައިން ވާހަކަ ދައްކާ މީހެއް މިއީ
ހުތާ
03 October 2019
އިމްރާންމެން ޖަލުގައި ތިބެ ނަގާފައިވާ ސެލްފީއެއް ނެގި މީހުން އަމިއްލަ އަށް ސޯޝަލް މީޑިޔާއަށް ފަޅާލައިގެން އުޅުނެވެ.
ކުފޫ
03 October 2019
ޝަރުޠު ހަމަވާ ކޮންމެ މީހަކީ ކުފޫ ހަމަވާ މީހުނެއް ނޫން. ޝަރުޠު ހަމަވާތީ ވަޒީފާ ދެނީ... އެކަމކު އެމީހުންނަކީ ތިޔަފަދަ ވަޒީފާއެއްގައި ގެންގުޅެން ހެޔޮވާވަރު ބަޔެއް ނޫން.
ވަޓް
03 October 2019
ދެން ސެއިހު އިމްރާންމެން ޖަލުގަ ސެލްފީ ނެގީ ހަލާލު ޖަހާފަ އިން ފޯނަކުންތަ? ގައިމު މިހާރު ހޯމް މިނިސްޓަރަށް ޝަރުތު ހަމަވެފަ ތިހިރީ
ޖުމާ
03 October 2019
ޖަލުތަށް ފާސްކޮށް މަނާތަކެތި އަތުލަބަލަ ތިހެންނުކިޔާ. މުސާރަދީފަ ތިބެނީ މަނާތަކެތި ވަދޭތޯ ބަލާ ފާސްކޮށް އެތަކެތި އަތުލަން ދޯ. އޮފިސަރުން ކުރިމަތީގަ މޯބައިލް ފޯނުހިފައިގެން ތިބޭއިރުވެސް ހަމަ އަޅާނުލާތިބެބީ.
ކޮލަމާފުށި
03 October 2019
އެމީހުން ބޭރުކުރޭ..