12 އޮކްޓޯބަރ 2019 - 11:22
ޕްރާގް (އޮކްޓޯބަރު 12) – ޔޫރޯ ކޮލިފައިންގައި ރޭ ޗެޕް ރިޕަބްލިކް އަތުން 2-1 އިން ބަލިވެ އިންގްލެންޑް 10 އަހަރު ތެރޭ ކޮލިފައިން މެޗަކުން ފުރަތަމަ ފަހަރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މި ނަތީޖާއާ އެކު އިންގްލެންޑް ވަނީ އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ. އެކަމަކު އަންނަ ހޯމަ ދުވަހުގެރޭ ބަލްގޭރިއާ އަތުން މޮޅުވެ މޮންޓެނީގްރޯ އަތުން ކޮސޯވޯ އަށް މޮޅުނުވެވިއްޖެ ނަމަ އިންގްލެންޑް ކޮލިފައިވާނެ އެވެ.
ބާކީ ތިން މެޗު އޮތްއިރު އިންގްލެންޑް އެއް ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. ޗެޕް ރިޕަބްލިކުން ވެސް އެ އަދަދަށް ޕޮއިންޓް ހޯދައިފައިވީ ނަމަވެސް ލަނޑުގެ ތަފާތުން އެ ޓީމަށް ލިބެނީ ދެ ވަނަ އެވެ. ގްރޫޕުގެ ތިން ވަނައިގައި އޮތީ އަށް ޕޮއިންޓާ އެކު ކޮސޯވޯ އެވެ. ފައިނަލް މުބާރާތަށް ކޮލިފައިވާނީ ކޮންމެ ގްރޫޕަކުން ދެ ޓީމެވެ.
ރޭގެ މެޗުގެ ކުރިން ކޮލިފިކޭޝަނެއްގައި އިންގްލެންޑް އެންމެ ފަހުން ބަލިވީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ މެޗެއްގައި 2009 ވަނަ އަހަރު ޔޫކްރޭން އަތުން 1-0 އިންނެވެ.
ކެޕްޓަން ހެރީ ކޭން ޕެނަލްޓީއަކުން ފަސް ވަނަ މިނެޓުގައި ވައްދާލި ގޯލާ އެކު އިންގްލެންޑް ނެގި ލީޑު ގެއްލުނީ ނުވަ ވަނަ މިނެޓުގައި ޔާކޫބް ބްރަބެޗް ގޯލް ޖަހައި ޗެކަށް އެއްވަރުކޮށްދިނުމުންވެ. އެ ޓީމު މޮޅުވީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އޮންޑްރައެޗް ޖެހި ގޯލުންނެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ހަތަރު ވަނަ ހޯދި އިންގްލެންޑުން ގެރެތު ސައުތުގޭޓާ އެކު ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން އަންނަ އަހަރުގެ ޔޫރޯއާ މެދު ވަނީ އުއްމީދު އާވެފަ އެވެ. އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި ރޭގެ މެޗަކީ ސައުތުގޭޓް ހަވާލުވި ފަހުން އެންމެ ދަށް ކުޅުމެއް ފެނުނު އެއް މެޗު ކަމަށެވެ.
ސައުތުގޭޓް ވެސް މެޗަށް ފަހު ބުނީ އެންމެ މަތީ ފެންވަރުގެ ޓީމަކަށް ވުމަށްޓަކައި އިންގްލެންޑަށް އަދިވެސް ދިގު ދަތުރެއް އެބައޮތް ކަމަށެވެ.
"އަހަރެމެންނަށް ރަނގަޅަށް ނުކުޅެވުނު. އެހާ ވެސް ފަސޭހަ ޖަވާބެއް މިއީ. މަތީ ފަންތީގެ ޓީމަކަށް ވުމަށްޓަކައި ވަރަށް ގިނަ މަސައްކަތް އަދިވެސް ކުރަން ޖެހޭ ކަމަށް އަބަދުވެސް ބުނަމުން މި އަންނަނީ. މިރޭ މިއީ އެކަމުގެ ހެއްކެއް،" ސައުތުގޭޓް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy